Advertisement

ޖުމްހޫރިއްޔަތާއި ރާއްޖޭގެ ޖުމްހޫރިއްޔާ އަށް ބަލައިލުމެއް

11 ނޮވެންބަރު 2021 - 10:03 1

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


ޖުމްހޫރިއްޔަތާއި ރާއްޖޭގެ ޖުމްހޫރިއްޔާ އަށް ބަލައިލުމެއް

11 ނޮވެންބަރު 2021 - 10:03 1

ކޮންމެ ގައުމެއްގެ ޝަޚުސަކީ ވެސް މިނިވަން އެއްޗެކެވެ. ގައުމެއްގެ ޝަޚުސަކީ އެ ގައުމެއް ތަޙައްމަލު ކުރި އަދި ކުރަމުންދާ ކަންކަމުގެ މައްޗަށް ބިނާވެ އޮންނަ އެއްޗެކެވެ. ތާރީޚު ކިޔައިދެމުން އަންނަނީ މިފަދަ ވާހަކަ އެވެ. މިހެންކަމުން ބަޔެއްގެ ވެރިކަމާއި ގުޅޭ ދުވަހު އެދެއްކެނީވެސް އެބަޔެއްގެ ގައުމީ ޝަޚުސާ ގުޅުންހުރި ވާހަކައެކެވެ. މިއަދަކީ މިފަދައިން ދިވެހި ގައުމުގެ ޝަޚުސާ ގުޅުންހުރި ދުވަހެކެވެ. މިއަދަކީ ނޮވެމްބަރު މަހެއްގެ 11 ވަނަ ދުވަހެވެ. ދިވެހި ކޮންމެ ރައްޔިތަކާއި ގުޅުން ހުރި ދުވަހެކެވެ. ދިވެހީންގެ ވެރިކަމުގެ ދުވަހެވެ. ޖުމްހޫރިއްޔަތުގެ ދުވަހެވެ. ޚާއްސުންގެ ވެރިކަމުގެ ނިޒާމަކުން އާއްމުންގެ ވެރިކަމުގެ ނިޒާމަކަށް ދައުލަތް ދެވަނަ ފަހަރަށް ހިންގާން ފެށުނު ދުވަހެވެ.

ޢީސާގެފާނު އުފަންވެވަޑައިގެންނެވުމުގެ އެތަކެއް ސަތޭކަ އަހަރު ކުރީންވެސް އިންސާނުން އައިސްފައިވަނީ ވެރިކަން ހިންގުމުގެ ނިޒާމުތަކާއި މެދު ވިސްނާ ފިކުރު ހިންގަމުންނެވެ. އަދި އެވިސްނުމުގެ ތެރެއިން ތަފާތު ނިޒާމުތައް އީޖާދުކޮށް ތަޖުރިބާވެސް ކުރަމުންނެވެ. ވެރިކަން ހިންގާނެ އެންމެ މޮޅު ގޮތަކީ ކޮބައިކަމާއި އެފަދަ ނިޒާމެއް އެކުލެވިފައި އޮންނާންވާނެ ގޮތްތަކާއިމެދު އެކި ޒަމާންތަކުގައި އުޅުއްވި ފަލްސަފާވެރީން ދައްކަވާފައިވާ ވާހަކަތަކަކީ ގިނަ އެއްޗެކެވެ. އަފުލާޠޫނުގެ ނަމޫނާ "ޖުމްހޫރިއްޔާ" އަކީ މިފަދައިން ގަދީމީ ޔޫނާނީ ފަލްސަފާގެ ތެރެއިން ފެންނަ، އަދި މިއަދުގެ ގިނަ ބަޔަކުވެސް ދަންނަ މަޝްހޫރު ބަޙުސެކެވެ.

އިސްލާމީ ފަލްސަފާވެރިންކުރެ އިބްނު ފައްރާބީ ލިޔުއްވި "މަބާދިއު އާރާއި އަހްލިލް މަދީނަތިލް ފާޟިލާ" އާއި މާވަރުދީ ލިޔުއްވި "އަޙުކާމުއް ސުލްޠާނިޔަ" ފަދަ ލިޔުންތަކަކީވެސް މިފަދައިން ފާހަގަކޮށްލެވޭ ލިޔުންތަކެކެވެ. މީގެ އިތުރަށް ޔޫރަޕުގެ މެދުތެރޭ ތާރީޚުން ފާހަގަވާ އިނގިރޭސީންގެ ޖޯން ލޮކް އާއި ޖޭމްސް ހެރިންގޓަން އަދި ފަރަންސޭސީންގެ ވޮލްޓެޔަރ އާއި ރޮބެސްޕިޔަރ ފަދަ ބޭބޭފުޅުން ވެރިކަން ހިންގާނެ ގޮތްތަކާއި މެދު ދައްކަވާފައިވާ ފަލްސަފީ ގައުލުތަކަކީވެސް މަޝްހޫރު ވާހަކަތަކެކެވެ. މިނޫނަސް މިފަދަ ކިތަންމެ ބޭކަލުންނެއް ވެ އެވެ.

ޖުމްހޫރީ ފިކުރުވެސް އައީ މިފަދަ ފަލްސަފީ ވާހަކަތަކުގެ ތެރޭގައި އުފަންވެ ބޮޑުވަމުންނެވެ. ފަލްސަފާވެރީންގެ ލިޔުއްވުންތަކާއި ސިޔާސީ މުފައްކިރުންގެ ބަސްތަކުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އައީ އިތުރުވަމުންނެވެ. އަދި ނަތީޖާއެއްގެ ގޮތުން ވެރިކަމަކީ ޚާއްސުންގެ ބަޔަކަށް ނޫނީ ވެވޭނެކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވާން ފެށި އެވެ. މި ފިކުރީ ބަދަލަކީ މި ޒަމާނުގައި ދެކެމުން މިދާ ޖުމްހޫރީ ފިކުރުގެ މުގައްދިމާކަމުގައިވި އެވެ. މި މަގުން ކަން ހިނގަމުން އައިސް މީލާދުން 1500 ގެ އަހަރުތަކަށް ދުނިޔެ ފަރިކުރިއިރު، ޖުމްހޫރީ ފިކުރުން އުފަންވެފައިވާ ސަރުކާރުތައް ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ގާއިމުވެފައި އޮތެވެ.

ރާއްޖެ އަށް ދެ ވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ގެނައުމުގެ ކުރިން އެންމެ ފަހުން ރަސްކަމުގައި ހުންނެވި މުހައްމަދު ފަރީދު (މ) އަދި އޭރުގެ ބޮޑުވަޒީރު އަދި ފަހުން ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަން ކުރެއްވި އިބްރާހިމް ނާސިރު (ފަހަތުގައި).


ޖުމްހޫރަކީ ކޮބައިތޯ އެވެ؟ އެއްޗެއްގެ ގިނަ ގޮތަށް ނުވަތަ ބަޔެއްގެ ތެރެއިންވާ ގިނަ ބަޔަށް، ރިޢާޔަތްކުރުމުގެ ގޮތުން ބޭނުންކުރެވޭ ބަހެއް ނޫންތޯ އެވެ. މިގޮތުން ވެރިކަމެއް ހިންގުމުގެ ފުރިހަމަ އިޚުތިޔާރު، އާއްމު ގިނަބަޔެއްގެ އަތްމަތީގައި އޮންނަ ބާވަތުގެ ނިޒާމުތަކަށް ޖުމްހޫރީ ނިޒާމޭ ކިޔަތެވެ. ޖުމުހޫރިއްޔަތެއްގެ މައިގަނޑު ފިކުރަކީ ވެރިކަމެއް ހިންގުމުގައި އެންމެހައި ޚުދުމުޚުތާރު ސިފަތަކުން އެއްކިބާވުމެވެ. އަދި އެވެރިކަމެއްގައި ޢާއްމުންގެ ތެރެއިން ގިނަބަޔެއް ޝާމިލުވެ ތިބުމެވެ. މިހެންކަމުން މިފަދަ ނިޒާމެއްގެ ތަރަހަޔަކީ ޢާއްމު ރައްޔިތުންކަމުގައި ވެދެއެވެ. އަދި މުޅި ވެރިކަން ރަމްޒުކޮށްދޭ ބާރަކީވެސް އެއީކަމުގައި ވެދެ އެވެ.

މުސްކުޅި ޒަމާނުގެ ޖުމްހޫރީ ސަރުކާރުތަކަށް ބަލާއިރު ގަދީމީ ޒަމާނުގެ ރޫމީންގެ ޖުމްހޫރިއްޔާ އާއި މަޝްހޫރު 80 އަހަރުގެ ހަނގުރާމަޔަށްފަހު ގާއިމުވި ލަންދޭސީ ޖުމްހޫރިއްޔާ އާއި 1600 ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުން ފެނުނު އޮލިވަރ ކްރޮމްވެލްގެ ސަރުކާރު ފާހަގަކޮށްލެވެ އެވެ. އަދި ރޫމީންގެ މުގައްދަސް އަންބަރާޠޫރިއްޔާ އޭ ކިޔުނު ދައުލަތުގެ ދަށުގައިވެސް ޒާތްޒާތުގެ މުސްކުޅި ޖުމްހޫރީ ފިކުރުގެ ސަރުކާރުތައް އެކުލެވިފައި ހުއްޓަތީ ފެނެ އެވެ. މިއިން ކޮންމެ ސަރުކާރަކާއި އެ ސަރުކާރެއްގެ ފާޑުގެ މައްޗަށް ތަފްސީލުކޮށް އަލިއަޅުވާލުމަކީ މިފަދަ ޚުލާސާ މަގާލަތެއްގައި ދަތިކަމެކެވެ.

މުސްކުޅި ޒަމާނުގެ ޖުމްހޫރީ ފިކުރު، ފިރުކެމުން ވެއްޓެމުން އައިސް މީލާދުން 1700 ގެ އަހަރުތަކުގެ ފަހުކޮޅުގައި އައު އަޑަކާއި އެކު ތެދުވި އެވެ. އެ ފިކުރަށް އަޑެއް ލިބުނީ އެދުވަސްވަރު ހިނގި ވަރަށް މުހިންމު ދެ ހާދިސާއެއްގެ ތެރެއިންނެވެ. އެއީ އެމެރިކާނުން ކުޅަ މިނިވަންކަމުގެ ހަނގުރާމަޔާއި މުޅި ދުނިޔެ ސިއްސުވާލި ފަރަންސޭސިންގެ އިންގިލާބީ ހާދިސާގެ ތެރެއިންނެވެ. މި ދެ ހާދިސާއަކީ ދުނިޔޭގެ އުރުސްޠުގުރާތީ ވެރީންނަށް ބިރުވެރިކަމާ ސިހުން ގެނުވި ދެ ހާދިސާއެވެ. އެމެރިކާނުން ގާއިމު ކުރި ޖުމްހޫރީ ބޮޑު ދައުލަތާއި ފަރަންސޭސިން ދެއްކި ހަރުކަށި އިންގިލާބުގެ ސަބަބުން ދުނިޔޭގެ ގައުމުތައް މަޑުމަޑުން ޖުމްހޫރިއްޔަތާ ދިމާއަށް ފިރުކޭން ފެށި އެވެ. ހަމަ އެހެންމެ ގިނަ ޚާއްސުންތަކެއްވެސް އެބައިމީހުންގެ އުރުސްތުގުރާތީ ވެރިކަންތަކުގައި އެފާޑުގެ ކުލަވަރުތައް ޖައްސާންވެސް އަވަސްވެގަތެވެ.

މި ގޮތުގައި ޒަމާންތައް ފާއިތުވަމުން އައިސް މީލާދުން 20 ވަނަ ޤަރުނާއި ހަމަޔަށް ދުނިޔެ ފަރިކުރިއިރު، ޖުމްހޫރީ ފިކުރުވެސް ވަނީ އިތުރަށް ފުޅާވެ ތަނަވަސްވެފަ އެވެ. އެ ފިކުރުން އިތުރު ކުރިތައް ފަޅާ ހެދެން ފަށައިފަ އެވެ. އަދި މީލާދުން 20 ވަނަ ގަރުނު ފާހަގަވެގެން ގޮސްފައިވަނީ ތަފާތު ނަންނަމުގައި ޖުމްހޫރީ ސަރުކާރުތައް އެކުލެވެންފެށި ދުވަސްވަރެއްގެ ގޮތުގަ އެވެ. މިގޮތުން މީލާދުން 1917 ވަނަ އަހަރު ގެނެވުނު ލޭ އޮހޮރުވުން ބޮޑު އިންގިލާބަކުން ރޫސީންގެ ރޯމަނޯވް ރަސްކަން ނިމުމަކަށް ގެނެވުނެވެ. އަދި މުޅި ޝާހީ އާއިލާ އަނިޔާވެރިގޮތަކަށް ގަތުލުވެސް ކޮށްލެވުނެވެ. ހަމަމިހެންމެ 1918 ވަނަ އަހަރު ޖަރުމަނުންގެ ކައިސަރު ވެއްޓި ޖަރުމަން ޖުމްހޫރިއްޔާ އިއުލާންކުރެވުނެވެ. ހަމަ އެ އަހަރުމެ އޮސްޓްރިޔާ ހަންގޭރީގެ ރަސްކަން ވެއްޓި، ހެޕްސްބާރގު އަންބަރާޠޫރު ޗާލްސްއަށް މުޅި ވިލާޔަތު ގެއްލި ދިޔަ އެވެ. އަދި ހަމަމިފަދައިން 1922 ވަނަ އަހަރު ޢުޘްމާނީ ޚިލާފަތުގެ ރަސްކަންވެސް ނިމުމަކަށް ގެނެވި ތުރުކީންގެ ޖުމްހޫރިއްޔާ އިއުލާނުކުރެވިގެންދިޔަތަން ފެނުނެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރި ދަރުބާރު.


މީގެ ކުޑަކުޑަ ދުވަސްކޮޅެއްފަހުން ދެވަނަ ބޮޑު ހަނގުރާމަ ބޯމަތިވެގެންދިޔަ އެވެ. މި ހަނގުރާމައިގެ ނިމުންވެސް ފާހަގަކުރެވުނީ ފަތިފައްޗަށް ގިނަ ވެރިކަންތަކެއް ފުރޮޅާލި ދުވަސްވަރެއްގެ ގޮތުގަ އެވެ. މި ގޮތުން އިޓަލީ ވިލާތާއި ރޯމޭނިޔާ އާއި އަލްބޭނިޔާ ފަދަ ގައުމުތަކުން ރަސްކަންތައް ވެއްޓިގެން ދިޔަ އެވެ. މީލާދުން 1951 ވަނަ އަހަރު ލީބިޔާގެ ސަނޫސީ ރަސްކަން ވައްޓާލެވި މުޢައްމަރުލް ގައްޛާފީގެ ޖުމްހޫރިއްޔާ ގާއިމުކުރި އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން މީލާދުން 1952 ވަނަ އަހަރު މިސްރުގެ ރަސްކަން ވެއްޓި ޖުމްހޫރިއްޔަތެއް އިއުލާންކުރި އެވެ. މީގެ ކުޑަދުވަސްކޮޅެއް ފަހުން މީލާދުން 1953 ވަނަ އަހަރު ދިވެހީންގެ ތެރެއިންވެސް ޖުމްހޫރީ ވެރިކަމެއް އުފަންވެގެން ދިޔަ އެވެ. މިއީ ދިވެހި ބިމުން ޖުމްހޫރިއްޔަތެއްގެ އަޑު އެންމެ ފުރަތަމަ އިއްވާލެވުނު ދުވަސްވަރެވެ. 2000 ހަކަށް އަހަރުގެ ޒަމާންވީ ރަސްކަން ނިމުމަކަށް އައިސް، މުހައްމަދު އަމީންދީދީގެ ޖުމްހޫރިއްޔާ ދިވެހި ތާރީޚުން ޖާގަ ހޯދީ އެވެ.

ދިވެހި ވެރިކަމެއްގެ ޚަބަރު އެންމެ ދުރު ޒަމާނަކަށް ފެންނާން އޮތީ މީގެ އެއްހާސް ހަތްސަތޭކަ ވަރަކަށް އަހަރު ކުރިޔަށެވެ. އެއީ މީލާދުން 321 ވަނަ އަހަރު ރޯމަނުންގެ އަންބަރާޠޫރުގެ އަރިހަށް ދިވެހިރާއްޖެއިން ސަފީރުން ފޮނުއްވި ހާދިސާއެވެ. މީގެ ފަހަށް މީލާދުން 600 ގެ އަހަރުތަކުގައި ސްރީ ބަލާދީއްތިޔަ އޭ ކިޔުނު ދިވެހި ރަސްކަލަކު، ސީނުކަރައިގެ އަންބަރާޠޫރުގެ އަރިހަށް ސަފީރުން ފޮނުއްވިކަން ތާރީޚުން ފެންނާން އޮވެ އެވެ. އަދި މީލާދުން 700 އާއި 800 އާއި އަދި 900 ގެ އަހަރުތަކުގައިވެސް ދިވެހިރާއްޖޭގައި ހަރުދަނާ ވެރިކަމެއް ހިނގަމުން އައިސްފައިވާކަން ތާރީޚުން އެނގި ސާބިތުވެ އެވެ. މި ދިގު ޒަމާނުންފެށިގެން މިއަދާއި ހަމަޔަށް ހިނގަމުން އައިސްފައިވާ ދިވެހި ވެރިކަމަށް ބަލާއިރު، މީލާދުން 1953 ވަނަ އަހަރާއި ހަމަޔަށް ފެންނާން އޮތީ ރަސްކަމުގެ ނިޒާމަކަށް ދިވެހި ވެރިކަން ހިނގަމުން އައިސްފައިވާ ތަނެވެ.

ދިވެހީންގެ ތެރެޔަށް ޖުމްހޫރީ ފިކުރު ތަޢާރަފުވެފައިވަނީ އެފިކުރަށްޓަކައި ހިންގުނު އެއްވެސް ކަހަލަ އިންގިލާބީ ރޫޙެއްގެ ތެރެޔަކުން ނޫނެވެ. އަދި ކިއެއްތަ އެއީ އެކަމަށްޓަކައި އާއްމު ގިނަ ބަޔަކު ކުޅަ ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެއްވެސް ނޫނެވެ. ޖުމްހޫރީ ވެރިކަމެއްގެ ހުވާ އެންމެ ފުރަތަމަ ކުރެއްވި ފަރާތަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ޚުދު އެ ކިލެގެފާނު އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް ވަކާލާތު ކުރެއްވީ ދިވެހި ވެރިކަން ރަސްކަމެއްގެ ގޮތުގައި ބޭއްވެވުމަށެވެ. އެއިރު ހުސްވެފައި ހުރި ދިވެހި ތަޚުތަށް އިސްކުރާނެ ބޭފުޅަކާ މެދު ނާދީ ތަމައްދުނުގައި ވެވެމުން ދިޔަ ބަޙުސުގައި، އެ ތަޚުތަށް އަމީންދީދީ އިސްކުރުމަށް ވާހަކަ ދެއްކެމުން ދިޔަ އެވެ. އެކަމަކީ އެކިލެގެފާނު އެއްގޮތަކަށްވެސް ރުހިވަޑައިގެންނެވި ކަމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން.


ތަޚުތަށް އިސްވުމަށް ގަދަޔަށް އިންކާރު ކުރައްވަމުން ދެއްކެވި ޢުޛުރަކީ، ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ކަންކަން އޮތް ދެރަ ޙާލަތެވެ. ގައުމުގެ ކަންކަން ހަމަ މަގަށް އެޅުއްވުމުގައި އަދާކުރައްވަން ޖެހިވަޑައިގެންފައިވާ ބުރަ މަސްޢޫލިއްޔަތު ރަސްކަލެއްގެ ގޮތުގައި ހުންނަވައިގެން އަދާނުކުރެއްވޭނެކަމެވެ. ހަމައެހެންމެ އެއިރު ވެރިކަމުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުން ވަކާލާތު ކުރަމުން ދިޔައީ ދިވެހި ވެރިކަން ހިންގުމަށް މުޙައްމަދު އަމީންދީދީ ނޫން އެހެން ބޭފުޅަކު ނެތްކަމަށެވެ. ދިމާވެފައިވާ ދަތިތަކުން އަރައިގަތުމުގައި އެނޫން ބޭފުޅަކު ނެތްކަމެވެ. ވީމާ ދެން ހޯއްދެވީ މުޙައްމަދު އަމީނަށް ވެރިކަން ކުރެއްވޭނެ ނިޒާމެކެވެ. ޖުމްހޫރިއްޔަތެއް އަންނަނީ މިހިސާބުންނެވެ. އެފަދަ ނިޒާމެއް ހޯދަން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވެގެން ދިޔައީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވެގެން ދިޔުމެވެ.

އާދެ! ދުނިޔޭގެ ގިނަ ގައުމުތަކުގެ ޖުމްހޫރީ ތާރީޚަށް ބަލާނަމަ ފެންނަނީ ޚާއްސުންނާއި އާއްމުންނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކެވެ. އެ ހަމަނުޖެހުން ނުރުހުމަށްވެ އިންގިލާބީ ރޫޙަކަށް ބަދަލުވިގޮތެވެ. މުޅި އުރުސްޠުގުރާތީ (aristocratic) ގިންތިޔާއި ދެކޮޅަށް އާއްމުން ތެދުވެ ވެރިކަން ފުރޮޅާލި މަގެވެ. އެހެނަސް އަޅުގަނޑުމެންގެ ޖުމްހޫރީ ތާރީޚުގެ މަންޒަރު ކުޑައިކޮށް ތަފާތެވެ. ދިވެހި ތާރީޚުން ފެންނަނީ މުޅީން އެފަދަ މަންޒަރުތަކެއް ނޫނެވެ. ބުނެދެނީ ޖުމްހޫރީ ވެރިކަމެއްގެ އަސްލު ފެށިގެން އައިސްފައިވަނީ އާއްމު ދިވެހީންގެ ތެރެއިން ނޫންކަމެވެ. އެއީ ޚާއްސުންގެ ވަކި ބަޔަކަށް ފެނިގެން ގެނެވިފައިވާ ވެރިކަމުގެ ނިޒާމެއްކަމެވެ.

މީލާދުން 1700 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ދިވެހި ވެރިކަމުގެ އެންމެ މަތީ ފަޑީގައި ފިޔަޖަހަމުން އައިސްފައިވަނީ ހުރަވީ ޚާންދާނުގެ ގޮފިތަކެވެ. ރަސްކަން މިލްކުވެ އޮތީ އެ ޚާންދާނުން ދޮން ބަންޑާރައިންގެ ގޮތްޕަށެވެ. ބޮޑުންގެ ގޮތުގައި ތިއްބެވި މައި ދެ "ޕާޓީ" އަކީ އެ ޚާންދާނުން ކަކާގެ އާއި އަތިރީގެ އެވެ. މީލާދުން 1800 ގެ ފަހުކޮޅަށް އައިއިރު މި ދެ އާއިލާއަކީ ކޯޅުންތައް ބޮޑު ދެ އާއިލާއަށް ވަނީ ވެފަ އެވެ. ސިޔާސީ ހަތުރުންނެވެ. މީލާދުން 1900 ގެ ކުރީކޮޅަށް އެޅިއިރު މި ކޯޅުމުގެ ތެރެއިން އަތިރީގެ ކާމިޔާބު ހޯދި އެވެ. ހިސާބަކަށް އިނގިރޭސީންގެ މަދަދާއި އެހީވެސް ލިބިގެންނެވެ.

ޖުމްހޫރީ ވެރިކަމާއި ދިމާއަށް ދިވެހީން ކުޅަ ދަތުރުގެ ވާހަކަ ފެށެނީ މިހިސާބުންނެވެ. އެހެނަސް ކުރީންވެސް ދަންނަވާލެވުނު ފަދައިން އެއީ އާއްމުންގެ ވާހަކައެއް ނޫނެވެ. އެއީ ބޮޑުންނާ ބޮޑުންގެ ވާހަކައެކެވެ. ވާހަކަ ފެށެނީ ހުރަވީ ޚާންދާނުގެ ރަސްކަމުގެ ގޮތްޕާއި ވަޒީރުކަން ކުރި ގޮތްޕަކާއި ދެމެދު ޖެހުނު މައްސަލައަކާއި ހިސާބުންނެވެ. ވާހަކައިގެ މައިގަނޑަކީ މުޅި ރަސްކަން އެބަޔެއްގެ އަތްދަށުވެ ދިޔަގޮތެވެ. އާއްމުން އަންނަނީ ދެނެވެ. އެކަމާ ދެކޮޅަށް އާއްމު ރައްޔިތުން ނުރުހުން ފާޅުކުރި ހިސާބެވެ. ޖުމްހޫރީ ދަތުރުގެ ވާހަކަ ފެށެނީ އަޅުގަނޑު ދެކޭ ގޮތުގައި 33 އަހަރުގެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވި ޝަމްސުއްދީނު ރަދުންގެ ރަސްކަމުގެ އެންމެ ފަހު ދުވަސްކޮޅުން ފެށިގެންނެވެ. އެއީ ލިޔެވިފައި އޮތް ގާނޫނެއްގެ އަލިކަން ރާއްޖެޔަށް ލިބުނު ހާދިސާގެވެސް ފެށުމެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުއް ޘާލިސްގެ ރަސްކަމުގެ ވަރަށް ފަހުކޮޅު، އެރަދުންނާއި އަތިރީގޭ ޚާންދާނާއި ވަރަށް ބޮޑަށް ޖެހުނެވެ. މައްސަލައިގެ އަސްލަކީ ޝަމްސުއްދީނު ރަދުންނަށްފަހު ރަދުންގެ ދަރިކަލުންނަށް އެރަސްކަން ވާރުތަވުމަށް، ބޮޑުވަޒީރު އަތިރީގޭ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރުހިވަޑައިނުގަތުމެވެ. މީލާދުން 1932 ވަނަ އަހަރު ލިޔެވިފައި އޮތް ގާނޫނެއްގެ އަލިކަން ދިވެހީންނަށް ލިބިގެން ދިޔައީ މި މައްސަލައިގެ ތެރެއިންނެވެ. ގާނޫނެއް އުފަންވިތާ އަހަރު ދުވަސްވެސް ނުވަނީސް އެ ގާނޫނު ވީދާލެވިގެން ދިޔަ އެވެ. ބޮޑެތި ގަޑުބަޑުތައް ދިވެހި ސިޔާސީ މަސްރަޙުގައި ހިނގަންފެށި އެވެ. އަދި އާޚިރު ނަތީޖާއެއްގެ ގޮތުން ރަދުން ބަލިވެ އަތިރީގެޔަށް ކާމިޔާބު ލިބިގެން ދިޔައެވެ. ހެންވޭރު ގަނޑުވަރު ގަޑުބަޑާއިއެކު ޝަމްސުއްދީން ރަދުން ދިވެހި ތަޚުތުން ޢަޒުލުކޮށް، ފުވައްމުލަކަށް އަރުވާލެވުނެވެ.

އެ ރަދުންގެ ރަސްކަމުގެ ނިމުމާއިއެކު ދިވެހި ސިޔާސީ މައިދާނުގެ މުޅި ކޮންޓުރޯލު އަނެއްކާވެސް އަތިރީގެޔަށް ލިބިގެން ދިޔައެވެ. ޚާންދާނުގެ ހަމައެހެންމެ ޝަމްސުއްދީނަށް މަތިމަތިފުށުން ވާރުތަކުރަމުން އައި ދިވެހި ރަސްކަންވެސް ނިމުނީ އެވެ. ދިވެހި ރަސްކަމުގެ ތަޚުތަށް ދެން ރަސްކަލަކު އިންތިޚާބު ކުރީ އެވެ. ދިވެހި ރަސްކަން އިންތިޚާބިއްޔަ ވިރާޘިއްޔަ ރަސްކަމެއްގެ ގޮތުގައި ހިންގާން ފެށުނީ އެވެ. މިގޮތުން ދިވެހި ތަޚުތައް އިންތިޚާބުކުރެވުނު ފުރަތަމަ ރަސްކަލަކަށް އައްސުލްޠާން ޙަސަން ނޫރައްދީނުއްޘާނީ ވެގެންދިޔަ އެވެ. މިއީ ޖުމްހޫރިއްޔަތާ ދިމާއަށް އެޅިގެން ދިޔަ ފުރަތަމަ ފިޔަވަޅުކަމުގައި އަޅުގަނޑު ދެކެމެވެ. ޖުމްހޫރިއްޔަތެއްގެ ގަސްތުގައި އެޅި ފިޔަވަޅެއް ނޫނެވެ. ނޭނގުމެއްގެ ތެރެއިން އެދިމާއަށް ދަތުރުކުރަން ފެށުނީ އެވެ.

އައްސުލްޠާން ޙަސަން ނޫރައްދީނުއްޘާނީގެ ރަސްކަމަކީ ވަރަށް ބޮޑަށް ރަމްޒީ ރަސްކަމެކެވެ. މުޅި ވެރިކަމަކީ އަތިރީގޭގެ ވެރިކަމެކެވެ. ނޫރައްދީނު ރަސްކަމަށް އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ދެވަނަ ބޮޑު ހަނގުރާމަ ދުނިޔޭގައި ފެށިއްޖެ އެވެ. މި ހަނގުރާމަޔާ ގުޅިގެން ރާއްޖޭގެ "އަޙްކާމު ޢާއްމާ" އުވާލާ ޚުދުމުޚުތާރު ބާރުތަކެއް އެއިރު ދައުލަތް ހިންގެވުމަށް އިސްވެ ހުންނެވި ޙަސަން ފަރީދަށް އެރުވުނެވެ. ދެން ދިވެހި ރަސްކަން ހިނގަމުން އައިސްފައިވާ ނިޒާމާއި ގުޅޭ ގޮތުން ސިޔާސީ މުޙައްލިލަކަށް ނޫނީ އެއްޗެއް ނުދެންނެވޭނެ އެވެ. އެހެނީ ދެން ފެނިގެން ދިޔައީ ރަދުންނާއި ވަޒީރުއްދާޚިލިއްޔާ އަކީ "އެއްވަރުގެ ދެމަގާމުގޮތުގައި" އޮތް މަންޒަރެވެ. ރަސްކަލަކީ ޙަސަން ނުރައްދީނުކަމުގައި ވިޔަސް މުޅި ވެރިކަމުގެ ޚުދުމުޚުތާރު ބާރު އޮތީ އަތިރީގޭ ހަސަން ފަރީދު ދީދީ އަތްޕުޅުގަ އެވެ. ރަސްކަމުގެ ޢިއްޒަތްވެސް އެއިރު ވަނީ އުނިކުރެވިފަ އެވެ. މިއީ ނޭނގުމެއްގެ ތެރޭގައި ޖުމްހޫރިއްޔަތާއި ދިމާއަށް އެޅި ދެވަނަ ފިޔަވަޅުކަމުގައި ބެލެވިދާނެ އެވެ.

އާދެ ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުކަމުން މުޅި ރާއްޖެ އޮތީ ވަރަށް ބޮޑު ތަދުމަޑުކަމެއްގަ އެވެ. މި ދުވަސްވަރު ރާއްޖޭގައި އާއްމުވެ އޮތް ތަދުމަޑުކަމުގެ އިތުރުން ހަސަން ފަރީދުދީދީގެ ޚުދުމުޚުތާރު ސިޔާސަތުތަކުގެ ނުކުސާންތައް އިންތިހާ ދަރަޖަޔަށް އޮތީ ބޮޑުވެފަ އެވެ. އެދީދީގެ ވެރިކަމަކީ ފަހުގެ ދިވެހި ތާރީޚު ދުށް އެންމެ ޚުދުމުޚުތާރު ވެރިކަން ގޮތުގައި އަޅުގަނޑު ދެކެމެވެ. މިކަންކަމުގެ ސަބަބުން ވެރިކަން ހިންގަވަން ތިއްބެވި ބޮޑޫންގެ މައްޗަށް ރައްޔިތުންގެ ހިތުގައި ދިޔައީ ނަފުރަތާ ރުޅިވެރިކަން އިތުރުވަމުންނެވެ. ރާއްޖޭގެ ދެކުނާއި އުތުރުގައި އެދުވަސްވަރު އުފެދުނު ބޮޑު ދެ ގަޑުބަޑަކީވެސް އެ ރުޅިވެރިކަމުގެ ނަތީޖާ އެވެ. ކުރިމަތިވަމުން ދިޔަ އުނދަގޫތަކާއި ފެތުރެންފެށި ތަދުމަޑުކަން އިތުރުވަމުން ގޮސް އަތިރީގޭ ވެރިކަމާ ދެކޮޅަށް ހުޅުފަޅައިގެންދިޔަ އެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އެވެރިކަމާ ދެކޮޅަށް އަޑު އުފުލާ ތެދުވި އެވެ. މުޅި އުތުރުގެ ރައްޔިތުންއެކީ އެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ބޮޑުތިލަދުންމަތި މާލެ އެރި ހާދިސާ އެވެ. މިކަމެއް ހިނގީ އައްސުލްޠާން ހަސަން ނޫރައްދީނުގެ ރަސްކަމުގައި މީލާދުން 1943 ވަނަ އަހަރުގަ އެވެ.

އުޅޭން ޖެހިފައިވާ ދަތި ހާލާއި ބަނޑުހައި ހޫނުކަމަކީ ތަނެއްގެ ތެރޭގައި އިންގިލާބީ ރޫޙެއް އުފެދުމެއް ބޭނުންވާނެ މައިގަނޑު ދެ ކަމެވެ. މިސާލަކަށް ފަރަންސޭސި އިންގިލާބަށް ބަލާލަމާތޯއެވެ. ސަރުކާރުގެ ކަތި ފިޔަވަޅުތަކާއެކު ފަރަންސޭސީންގެ އިގުތިސޯދު ވެއްޓުނީ އެވެ. އެ ދަތިހާލުގައިވެސް އާއްމުންގެ އަތުން ނެގޭ ޓެކުހަށް މަޢާފެއް ނެތުނީ އެވެ. އަދި ބަނޑުހައި ހޫނުކަން އާއްމުވެ މުޖުތަމަޢުގެ ތެރޭގައި ހުޅުފަޅައިގެން ދިޔައީ އެވެ. މުޅި ހުޅުގަނޑު އަމާޒުވީ ފަރަންސޭސި އުރުސްޠުގުރާތީ ގިންތީގެ މައްޗަށެވެ. ވަކީން ޚާއްސަކޮށް ޝާހީ އާއިލާގެ މައްޗަށެވެ. ނަތީޖާއަކަށްވީ ރަސްގެފާނު ލުއީ އާއި އޭނާގެ އަނބިކަނބަލުންގެ އިސްތަށިފުޅު ކަނޑާލެވުމެވެ. އަދި ރަސްކަމުގެ ނިޒާމު ފުރޮޅާލާ ފަރަންސޭސި ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރުމެވެ.

ރޫސީންގެ ތެރޭގައިވެސް ހަމަ ދިމާވީ މިފަދަ ޙާލަތެކެވެ. ޒަމާނުއްސުރެ ރޫސީންގެ ސަރުކާރުން ގެންގުޅެމުންދިޔަ ޚުދުމުޚުތާރު ސިފަތަކާ މެދު އުފެދިފައި އޮތް ނަފުރަތާ އެއްވީ އެއްވަނަ ބޮޑު ހަނގުރާމައިން ޖެހުނު ތަދުމަޑުކަމެވެ. ބަނޑުހައި ހޫނުކަން އާއްމުވުމެވެ. އަދި އޭގެ ސަބަބުން ހިނގައިދިޔަ އެތައް ކަމަކާހުރެ އާއްމުންގެ ރުޅިވެރިކަމުގައި ހުޅުފަޅައިގެން ގޮސް ރޫސީންގެ ރަސްގެފާނު ޒާ ނިކޮލަސް އަށް ތަޚުތުން ޢަޒުލުވާން މަޖުބޫރިވި އެވެ. އަދި އޭގެ ފަހަށް އަނިޔާވެރި ގޮތަކަށް މުޅި ޝާހީ އާއިލާ ގަތުލުކޮށް ރޫސީންގެ ކޮމިއުނިސްޓު ވެރިކަން ގާއިމުކުރި އެވެ. ދުނިޔޭގެ އެތަން މިތަނުން މިފަދަ ކިތަންމެ ހާދިސާއެއްގެ މަންޒަރު ފެންނާން ހުރެ އެވެ. އަދި އެފަދަ ގިނަ ހާދިސާތަކެއްގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ އެތަންތަނުގެ ވެރިކަންތައް ފުރޮޅިގެން ދިޔުމެވެ. ބައެއް ޙާލަތްތަކުގައި އާއްމުންގެ ޖުމްހޫރީ ނިޒާމަކަށް ނޫނީ އަނެއްބައި ޙާލަތުގައި އެނަމުގައި ހިންގޭ ޚުދުމުޚުތާރު އެހެން ނިޒާމަކަށް ފުރޮޅިގެން ގޮސްފައިވާތީ ފެނެ އެވެ.

ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު (މ).


އުތުރު ގަޑުބަޑުގެ އަސްލަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި އާއްމުވެފައި އޮތް ބަނޑުހައި ހޫނުކަމެވެ. އާއްމުންނަށް ފެންނަމުންދިޔަ ހަސަން ފަރީދުދީދީގެ ޚުދުމުޚުތާރު ސިޔާސަތުތަކެވެ. އަދި އެކަމަށް ހިތްވަރު ލިބުނީ "އިދިކޮޅު ކަކާގެ" އިން އުތުރުގެ ރައްޔިތުންގެ އަތުގައި ހިފީމަ އެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑުއުފުލާ 570 ގަނޑެތީގައި މުޅި އުތުރުގެ ރައްޔިތުން މާލެ އަ އެވެ. ވެރިރަށް ޒާތަކަށް ހިސާރުކުރި އެވެ. އެރައްޔިތުން ގޮވާލަމުން ދިޔަ ކަންތައްތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އެއިރު ރާއްޖޭގެ ރަސްކަމުގައި އިންނެވި "ހަސަން ނޫރައްދީނު ރަދުންގެ ޢިއްޒަތާއި ތާނިޔާ ނެތި ދިޔަގޮތެއް" އެންގެވުމެވެ. ހަމަ މީގެ އިތުރަށް އަތިރީގޭ ބޭފުޅުން އިސްވެ ތިބެ ރަސްކަމުން ވަކިކޮށްފައިވާ ޝަމްސުއްދީނު ރަދުން އަލުން ރަސްކަމަށް އިސްކުޅައުމަށްވެސް ދިޔައީ ގަދަޔަށް ގޮވަމުންނެވެ.

"ބޮޑު ތިލަދުންމަތި މާލެ އެރި" ހާދިސާއަކީ ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރުމުގެ 10 އަހަރު ކުރީން ހިނގައިދިޔަ ހާދިސާއެކެވެ. އެއީ ރާއްޖޭގައި ހިނގި ވަރުގަދަ އިންގިލާބީ ޙަރަކާތެކެވެ. އުރުސްޠުގުރާތީ ބަޔަކާ ދެކޮޅަށް ތެދުވެ ހިންގުނު ޙަރަކާތެއްވެސްމެ އެވެ. އެހެނަސް ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ އެ ޙަރަކާތަކީ ރަސްކަމާ ދެކޮޅަށް ރައްޔިތުން ނިކުމެގަތް ޙަރަކާތަކަށް ނުވާކަމެވެ. ރަސްކަމުގެ ނިޒާމަށް ނުރުހުން ފާޅުކުރި ހަކަރާތެއްވެސް ނުމެނޫންކަމެވެ. އެ އިންގިލާބީ ޙަރަކާތަކީ ރަސްކަމުގެ ނިޒާމާ އެއްކޮޅަށް އާއްމު ގިނަބަޔަކު ތެދުވި ޙަރަކާތެކޭވެސް ދެންނެވިދާނެ އެވެ. އެހެނީ އިންގިލާބުގެ ބައިވެރީން އެއިރުގެ ބޮޑުންނަށް ގޮވާލި އެއް ގޮވާލުމަކީ ރުޅިވެރިކަން "ރަސްކަމުގެ ޢިއްޒަތް" ނެތި ދިޔަގޮތެއް އެންގެވުން ކަމުގައި ވާތީ އެވެ. ދެކޮޅުވެރިކަން ފާޅުކުރަމުން ދިޔައީ ދައުލަތް ހިންގާން ތިއްބެވި ޚާއްސުންގެ ވަކި ބަޔަކާ ދެކޮޅަށެވެ.

ނާކާމިޔާބުވެ ދިޔަ ބޮޑު ތިލަދުންމަތީގެ ހާދިސާއަށްފަހު މާގިނަ ދުވަސްތަކެއް ނުވަނީސް އައްސުލްޠާން ޙަސަން ނޫރައްދީނު އަމިއްލަފުޅަށް ރަސްކަމުން ފައިބާވަޑައިގެންފިއެވެ. ރަދުންގެ އިސްތިޢުފާއަށްފަހު ދުވަސްގަނޑެއް ވާންދެން ތަޚުތު ހުރީ ހުހަށެވެ. އަދި އެޔަށްފަހު ދެން އެތަޚުތަށް އިންތިޚާބުކުޅައީ އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ހަގީގީ ރަސްކަމުގެ ވާރިސުން ތިއްބަވަނިކޮށެވެ. އެހެނަސް ކިލެގެފާނު ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައެއް ނުގެންނެވި އެވެ. އަލްމުންތަޚަބް ލި ޢަރްޝި ދައުލަތިލް މަޙަލްދީބިއްޔާ (ރާއްޖޭގެ ތަޚުތައް އިންތިޚާބު ކުރެވިފައިވާ ފަރާތު) ގެ ނަންފުޅުގައި ހުންނަވާ ސިލޯނުގައި އަވަހާރަވެ ދިޔައީ އެވެ. މުޙައްމަދު އަމީނަށް ދިވެހި ރަސްކަމުގެ ތަޚުތު ހުށައެޅުނީ ދެނެވެ. ކުރީން ވެސް ދަންނަވާލެވުނު ފަދައިން އެ ހުށައެޅުއްވުން ގަބޫލުފުޅު ނުކުރެއްވުމުގެ ނަތީޖާއަކަށްވީ ޖުމްހޫރީ ނިޒާމަކަށް ދިވެހި ވެރިކަން އެނބުރިގެން ދިޔުމެވެ.

1932 ވަނަ އަހަރު ލިޔެވިފައި އޮތް ގާނޫނެއް ފާސްކުރުމަށް މަޖުބޫރު ކުރުވި ހިސާބުން ފެށިގެން 1953 ގައި ގާއިމުކުރެވުނު ޖުމްހޫރިއްޔަތާއި ހަމަޔަށް، ދިވެހި ސިޔާސީ މަސްރަޙުގައި ހިނގައިދިޔަ ކަންކަމަކީ ޖުމްހޫރިއްޔަތަކާއި ދިމާއަށް ރާއްޖެ ކުރި ދަތުރެވެ. އެހެނަސް އެ ދަތުރަކީ އާއްމު ގިނަ ރައްޔިތުންގެ އެދުމަކަށް ކުރި ދަތުރެކޭ ތާރީޚަށް ތެދުވެރިވެ ހުރެ ނުދެންނެވޭނެ އެވެ. ހަމަމިހެންމެ 1953 ގެ ޖުމްހޫރިއްޔަތަކީ އެ ފިކުރުގެ އަސާސްތަކުން ހެދިބޮޑުވެގެން އައި ވެރިކަމެއްކަމުގައިވެސް ދެންނެވޭކަށްނެތެވެ. މިސާލަކަށް ދެވަނަ ފަހަރަށް ވެރިކަން ހޯއްދެވުމަށް އަމީންދީދީ މާލެ އެރުއްވި ހާދިސާއަށް ބައްލަވާށެވެ. ވަޑައިގެންނެވީ ޖުމްހޫރިއްޔަތުގެ ދިފާޢުގައިތޯ އެވެ؟ ނޫނެކެވެ. އިބްރާހިމް ޙިލްމީދީދީ ރަސްކަލަކަށް ބަހައްޓަވައިގެން ވަޒީރުލްއަޢުޒަމެއްގެ ގޮތުގައި ވެރިކަން ކުރައްވާށެވެ. ވީމާ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުވި ޖުމްހޫރިއްޔަތަކީވެސް އެފިކުރުގެ މޮޅުކަމަށްޓަކައި ގާއިމުކުރެވުނު ވެރިކަމެއްކަމުގައި ދެންނެވޭކަށްނެތެވެ. އެއީ އެއިރު ދައުލަތް ހިންގަވަން ތިއްބެވި މަދު ބޭފުޅުންކޮޅެއްގެ އަމިއްލަ ވިސްނުންފުޅާ އެއްގޮތަށް އެވަގުތަށް ވިސްނުނު އެންމެ މޮޅު ގޮތްކަމުގައި ވީތީ ގެނެވުނު ބަދަލެކެވެ.

ވެލާނާގޭ އިބްރާހިމް ދީދީ އިސްވެ ހުންނަވާ ގެންނެވި އިންގިލާބަކުން 1953 ވަނަ އަހަރުގެ ޖުމްހޫރިއްޔާ އުވާލެވުނެވެ. އެކަމުގައި އާއްމު ގިނަ އަދަދެއްގެ ރައްޔިތުން ޝާމިލުވެސްވި އެވެ. ޖުމްހޫރިއްޔަތެއް ރާއްޖޭގައި ގާއިމުކުރެވުނުތާ 7 މަހާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޖުމްހޫރީ ނިޒާމު އުވިގެން ދިޔައީ ވަރަށް ވެސް ގިނަ ސަބަބުތަކެއް އޭގައި އެކުލެވިފައި ހުރީމަ އެވެ. އެ ހުރިހާ ސަބަބެއް ވަކިވަކީން ނުދެންނެވުނެއްކަމަކު މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ޖުމްހޫރީ ފިކުރަކީ ކޮބައިކަމާ އެއީ ކޮން އެއްޗެއްކަންވެސް އާއްމުންގެ ގިނަ ބަޔަކަށް އެނގިފައި ނެތުން އަޅުގަނޑު ފާހަގަކޮށްލަމެވެ. "ދެނެއް މިރާއްޖެއަކު ޖުމެއް ނުހޫރޭނޭ" ބަޔަކު ގޮވާ އުފާފާޅު ކުރީވެސް މިހެންވީމަ އެވެ. ހަމައެހެންމެ އެ ވެރިކަމުގެ ޚުދުމުޚުތާރުކަމަކީވެސް އުވެން މެދުވެރިވި އެއް ސަބަބެވެ. ކޮންމެއަކަސް ދެން އަނެއްކާވެސް ފެނިގެން ދިޔައީ ރަސްކަމުގެ ނިޒާމަކަށް ރާއްޖޭގެ ވެރިކަން އަނބުރާލެވުނުތަނެވެ.

އާދެ! ކުޑަ ދުވަސްކޮޅަކަށް އިންގިލާބީ ކޮމެޓީއަކުން ވެރިކަން ހިންގުމަށްފަހު މީލާދުން 1954 ވަނަ އަހަރު މުޙައްމަދު ފަރިދު މަނިއްޕުޅު ދިވެހި ރަސްކަމުގެ ތަޚުތަށް އިސްކުރެވުނެވެ. މި ރަދުންގެ ރަސްކަން ދެމިއޮތީ 14 ވަރަކަށް އަހަރުއެވެ. މި 14 އަހަރަކީ އޭގެ ކުރިން ފެނުނު ދުވަސްވަރާއި އަޅާ ބަލާއިރު ތިޔާގި ދުވަސްވަރެކެވެ. ތަދުމަޑުކަމުގެ ބޮޑު ދަތިކަމެއް ނެތް ދުވަސްވަރެކެވެ. ވެރިކަމެއްގެ މައްޗަށް އާއްމު ގިނަބަޔަކު ނަފުރަތު ކުރާނޭ އެއްވެސް ސަބަބުތަކެއް ފެނުނު ދުވަސްވަރެއްވެސް ނޫނެވެ. މީލާދުން 1968 ވަނަ އަހަރުގެ ނިވެމްބަރު މަހެއްގެ 11 ވަނަ ދުވަހު ދެވަނަ ފަހަރަށް ދިވެހިރާއްޖޭގައި ޖުމްހޫރިއްޔަތެއް އަލުން ގާއިމުކުރެވިގެން ދިޔަ އެވެ. އެރަސްކަމާ މެދު އާއްމުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަމެއް އުފެދިގެނެއް ނޫނެވެ. އެފަދަ އެއްވެސް ޙަރަކާތެއް ހިނގާފައެއްވެސް ނުވެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި ރަދުން މުހައްމަދު ފަރީދު.


ފުރަތަމަ ފަހަރަށް ގާއިމު ކުރެވުނު ޖުމްހޫރީ ވެރިކަން އުވާލާ އަލުން ރަސްކަމެއް ގާއިމުކޮށް ހިނގައިގަތް ދުވަސްވަރާއި މެދު އަލްއުސްތާޛުލް މަރުޙޫމު އިބްރާހިމް ޝިހާބު ލިޔުއްވާފައިވަނީ

"......އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލު ކުރެއްވި ރަސްކަމުގެ މައްޗަށް އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ އެރަސްކަމުގެ ކުރީބައި ހިނގަމުން ދިޔައީ ދިވެހި ސަރުކާރު ވަރަށް މަދުފަހަރަކު ނޫނީ ނުދެކޭ ފަދަ ޑިމޮކުރަސީ އުސޫލަކުންނެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ފުރަތަމަ ގާނޫނީ ސަރުކާރުގައި ނޫނީ އެފަދަ "އެކުވެގެންވާ މަސްއޫލިއްޔަތެއް އެޅިފައި އޮތް ކެބިނެޓެއް" ދިވެހިރާއްޖެއަކު އުފެދިފައެއް ނުވެއެވެ. މިކަން މިގޮތަށް ހިނގުމުގައި ރަދުންގެ މިޒާޖުފުޅު ވަރަށް ޚާއްސަ ބަޔެއް ކުޅުނެވެ. އެޔާއެކުގައި އެއިރުގެ ވަޒީރުލް އަޢުޒަމް އިބްރާޙިމް ފާމުލަދޭރި ކިލެގެފާނު ގެންގުޅުންވި ސިޔާސަތުވެސް އަޅުގަނޑު ހިތަކުން ކެހިގެނެއް ނުދެއެވެ.

މިގޮތުގެ މަތީން ކަން ހިނގިއިރު އެއިރުގެ ރައްޔިތުންގެ މަޖިލީހަށް ލިބިއޮތް މިނިވަންކަމާ އެމިނިވަންކަމުގެ ބޭނުން މަޖިލިސްގެ މެމްބަރުން ކުރައްވަމުން ގެންދެވި ގޮތަކީ ތާރީޚު ގަބޫލުކުރަންޖެހޭ ހަގީގަތެވެ. އަދި މީގެ އިތުރަށް މުޅި ރާއްޖޭގެ ރައްޔިތުންނާ ބެހޭ އެކި ކަންކަމުގައި ރާއްޖެތެރޭގެ ރައްޔިތުން ބައިވެރި ކުރައްވައިގެން ދައުލަތުން އެއިރު ކަން ހިންގަމުން ގެންދެވި ރީތި އުސޫލަކީވެސް ފުރިހަމަ ނަމޫނާއެކެވެ...."

އާދެ! އެވިދާޅުވެފައިވާ މަގުން ހިނގަހިނގާ އޮތް ދުސްތޫރީ ރަސްކަމުގެ ނިޒާމު އުވާލާ ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ގާއިމުކުރެވިގެން ދިޔަ ގޮތާއިމެދު ޝިހާބު ލިޔުއްވަނީ

"....ނަމަވެސް ސިޔާސީ ގޮތުން މޫސުން ބަދަލުވެއްޖެއެވެ. ވަޒީރުލްއައުޒަމްގެ މަގާމަ ބަދަލުވެއްޖެއެވެ. "އަތްނުލާ އައްދޮކިޔުއްވާ ގޮތުގައި" އެންމެ ފުރަތަމަ ކުޅެން ފެށުނީ މަތިގެޔާއިއެވެ....އެއްދުވަހުން އަނެއްދުވަހަށް ރަދުންނަކީ ހަމައެކަނި ގާނޫނު ތަސްދީގުކުރެއްވުމުގެ ސޮއިކުރެއްވުމަށާއި ޢިއްޒަތުގައި ހުކުރަށް ވަޑައިގަތުމަށް ހުންނެވި ބޭފުޅަކަށް ހެދިއްޖެއެވެ. އެންމެފަހުން އެގޮތްވެސް ކަމު ނުގޮސްގެން ރާއްޖޭގެ އެންމެމަތީ ވެރިކަމުގެ ވަލީ އެކަމަށް ދަހިވެތިވެފައިވާ ފަރާތަކުން އަތުލައިގެންފިއެވެ. މިދެންނެވި ގޮތުގައި ކަން ހިނގަމުން ދިޔަ ދުވަސްވަރުވެސް މުހައްމަދު ފަރީދު ސާބިތު ކުރައްވަމުން ގެންދެވީ އޭނާގެ މާތްކަމުގެ ތަފާތު ސިފަތަކެވެ...."

ޝައްކެއްވެސް ނެތެވެ! ފުރަތަމަ ފަހަރެކޭވެސް އެއްފަދައިން ދެވަނަ ފަހަރަށްވެސް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ގާއިމު ކުރެވިގެން ގޮސްފައިވަނީ އެކަމުގައި އާއްމުންގެ މާބޮޑު ބައިވެރިވުމެއް އޮވެގެންކަމުގައި އަޅުގަނޑު ނުދަންނަވާނަމެވެ. އަދި އެއީ ޖުމްހޫރީ ފިކުރަކީ ކޮބައިކަމާއި އެފަދަ ނިޒާމެއްގެ ފާއިދާއަކީ ކޮބައިކަން އާއްމުންގެ މެދުގައި ފެތުރި އުފެދެމުން ދިޔަ ޖުމްހުރީ ރޫޙެއްގެ ނަތީޖާކަމުގައިވެސް ނުދަންނަވާނަމެވެ. އެހެނީ އަމީންދީދީގެ ޖުމްހޫރިއްޔަތު ކަމުނުގޮސްގެން "ދެނެއް ޖުމެއްނުހޫރޭނޭ" ބުނެ އެވެރިކަން ނަގާ އެއްލާލިތާ 14 ވަރަކަށް އަހަރުގެ ތެރޭގައި އަނެއްކާ އަލުން ޖުމްހޫރިއްޔަތެއްގެ މޮޅުކަން ވިސްނުނީކަމަށް ބެލެވެން ނެތީމަ އެވެ. ވީމާ ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ރާއްޖޭގައި ގާއިމު ކުރެވިގެން ދިޔައީވެސް އެއިރު އަށަގަންނަމުން ދިޔަ ޚުދުމުޚުތާރު ސިފަތަކެއްގެ ތަރަހަތަކެއްގެ ތެރެއިންނެވެ. އެއިރު ދައުލަތް ހިންގަވާން ހުންނެވި ވެރިއެއްގެ ނުވަތަ މަދު ބައެއްގެ އަމިއްލަ ވިސްނުންފުޅެއްގެ ސަބަބުންނެވެ.

މާޒީ ބަލަނީ އެ މާޒީގައި ހުއްޓޭކަށް ނޫނެވެ. އެ ބަލައިގެން ކުރިޔަށް ހިނގާށެވެ. މާޒީ ދަސްކޮށް މިއަދު ޢިބްރަތް ލިބިގަނެ މާދަމާ ހޯދާށެވެ. އިސްވެ ދިގުކޮށް ދެއްކިފައި އެވަނީ މާޒީގެ ވާހަކަތަކެކެވެ. އުވިގޮސްފައިވާ ހާދިސާތަކެކެވެ. ވަރަށް ޚުލާސާ ގޮތެއްގައި ދެންނެވިފައި އެވަނީ ޖުމްހޫރިއްޔަތަކަށް ދިވެހީން ކުޅަ ދަތުރުގެ ވާހަކައެވެ. އެ ދަތުރުކޮށްފައިވަނީ އެއިރުގެ ގިނަ ރައްޔިތުންގެ ގަބޫލާ ނުލައިކަމުގައި ވިޔަސް ނޫނީ ގަބޫލާއެކުގައި ކަމަށްވިޔަސް، މިއަދު މިއީ އެންމެންވެސް އެދޭ ވެރިކަމުގެ އުސޫލެވެ. މާދަމާ އަންނާނެ ބަޔެއްގެ ރުހުމުގައި އެއިރު ތިއްބެވި ބޭފުޅުންކޮޅެއް ހޯދައިދެއްވި މޮޅެކެވެ.

މަސްދަރު


ފަތްތޫރަ 22 ،ޞ 10،11 ، އިބްރާހިމް ޝިހާބު، 1981 ހިސްޓްރީ އޮފް ޕޮލިޓިކަލް ތޯޓް ވޮލިއުމް 25 ކްލެސިކަލް ރިޕަބްލިކަނިޒަމް