Advertisement

ދޮންހިޔަލަ އާއި އަލިފުޅު: ހަމައެކަނި ލޯބީގެ ވާހަކައެއް ނޫން

5 ނޮވެންބަރު 2021 - 07:59 4

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ދޮންހިޔަލަ އާއި އަލިފުޅުގެ ކެރެކްޓާތައް ސިފަކޮށްދޭ ހިޔާލީ ފޮޓޯއެއް.


ދޮންހިޔަލަ އާއި އަލިފުޅު: ހަމައެކަނި ލޯބީގެ ވާހަކައެއް ނޫން

5 ނޮވެންބަރު 2021 - 07:59 4

"ދޮންހިޔަލަ އާއި އަލިފުޅު" މި ވާހަކަ ނުކީ ކަމުގައިވިޔަސް ނުވަތަ "ބުރުނީ ކަމަނާ ރައިވަރު" ނުދަތަސް، އެ ދެމީހުން ނުދަންނަ ދިވެހިން މަދުވާނެ އެވެ. ޚާއްޞަކޮށް މި ދުވަސްވަރު، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އުފައްދާފައިވާ ވީޑިއޯއެއްގެ ސަބަބުން، ދިވެހި އަދަބިއްޔާތުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ މި ދެ ލޯބިވެރިންގެ ވާހަކަ އަނެއްކާވެސް މި ވަނީ ވައިގައި ހިފާފަ އެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް، ދިވެހިންގެ ރޯމިއޯ އާއި ޖޫލިއެޓޭ މިކިޔާ ދެ މީހުންގެ ވާހަކަ އެނގޭބާވަ އެވެ؟

ތުންތުންމަތިން ކިޔެމުންދިޔަ ބުރުނީ ކަމަނާ ރައިވަރު، ޅެން ބަހުރުވައިން ވާހަކަދައްކާ ބަހުރުވައަށް ބަދަލުކުރެއްވުމުގެ ބިޔަ، ބުރަ މަސައްކަތް ފުރިހަމަ ކުރެއްވުމަށްފަހު، ޢަބްދުﷲ ޞާދިޤު (ސޯދުބެ) އެ ވާހަކަ ފޮތެއްގެ ސިފައިގައި ފުރަތަމަ ޝާއިޢުކުރައްވާފައިވަނީ 1976 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން، މަތީ ސާނަވީ ޢުމުރުފުރާގެ ސްކޫލް ދަރިވަރުންނަށް ދިވެހި އަދަބިއްޔާތު ދަސްކޮށްދިނުމަށް މި ފޮތް ބޭނުންކުރަން ފެށި އެވެ.

އަޅުގަނޑަށް މި ވާހަކަ ތަޢާރަފުވެފައިވަނީ، ސްކޫލް ދައުރުގައި އިނގިރޭސި އަދަބިއްޔާތުގައި "ރޯމިއޯ އެންޑް ޖޫލިއެޓް" ކިޔަވަމުންދިޔައިރު، މި ފަދަ ދިވެހި ވާހަކައެއް އޮވޭތޯ މީހެއް ގާތު ކުރި ސުވާލަކާ ގުޅިގެންނެވެ. އެހެންނަމަވެސް ދެ ވާހަކައަށް ފާޑުކިޔުމުގެ ނަޒަރުން ބަލަމުންދިޔަ ވަރަކަށް މި ދެވާހަކައިގެ ތަފާތުތައް ގިނަވަމުންދިޔަ އެވެ. އަޅުގަނޑުގެ ނަޒަރުގައި ރޯމިއޯ އެންޑް ޖޫލިއެޓްއަކީ "ޝޭކްސްޕިއަރިއަން ޓްރެޖަޑީ" އެކެވެ. ދެމީހުން ދިމާވާ ދުވަހުއްސުރެ ލޯބި ކާމިޔާބު ނުވެދާނެކަމުގެ މާޔޫސީގައި ޣަރަގުވަމުންދިޔަ ގޮތްހުސްވެފައިވާ ދެ މީހުންނެވެ. ހިތްވަރެއް ނެތް، ފިނޑި ދެ ލޯބިވެރިންނެވެ. ވާހަކަ ފެއްޓެނީވެސް އެ ދެމީހުންގެ ދައުރުގަ އެވެ.

އެހެންނަމަވެސް "ދޮންހިޔަލަ އާއި އަލިފުޅަކީ" އެޕިކެއްގެ ހުރިހާ ސިފައެއް ފެންނަ މޮޅު ވާހަކައެކެވެ. އަދަބީ މަސައްކަތެއް އެޕިކެއްގެ (epic) ގޮތުގައި ގިންތިކުރެވެނީ އޭގައި ޚާއްޞަ ސިފަތަކެއް އެކުލެވިފައިވާނަމަ އެވެ. އެ ސިފަތައް ފެނޭތޯ ބަލަމާތޯ އެވެ.

ވާހަކައިގެ ބަޠަލަކީ ވަރަށް ޚާއްޞަ ސިފަތަކެއް ލިބިފައިވާ، މުހިއްމު މީހެކެވެ. މި ވާހަކައިގެ ބަޠަލަކީ ހުޅުދެލީ އަލިފުޅެވެ. މުއްސަނދި، ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ، ޒަމާނާ މުނާސަބު ހުރިހާ ފަންނެއް ދަންނަ، މީހުންގެ ލޯތްބާއި އިޙުތިރާމް ހޯދާފައިވާ މީހެކެވެ. މައިގަނޑު މަސައްކަތަކީ ތިލޭރުކަން ކަމުގައިވާނަމަވެސް، ފަންޑިތަ ޢިލްމު މޮޅަށް ދަންނަ، އަތުންފައިން ކުރަން ނޭނގޭ ކަމެއް ނެތް، ޢިލްމީ މީހެކެވެ. ޢަޒުމު ވަރުގަދަ، ހިތްވަރުގަދަ، ކެރޭ މީހެކެވެ.

އެޕިކެއްގެ ހާދިސާ ހިނގާނީ އެންމެ ތަނެއްގައެއް ނޫނެވެ. ދޮންހިޔަލަ އާއި އަލިފުޅު ވާހަކައިގައިވެސް މުޅި ރާއްޖޭގެ އުތުރުން ފެށިގެން މެދުރާއްޖެތެރެ ފަހަނައަޅައި ދެކުނުގެ ބައެއް އަތޮޅުތައްވެސް ހިމެނޭނޭހެން އެކި ރަށްރަށުގައި ހިނގާ ހާދިސާތައް ކިޔައިދެ އެވެ. ށ. މަރޮށްޓާއި، ށ. ކޮމަންޑޫއާއި، ށ. ޅައިމަގާއި، ދ. ހުޅުދެއްޔާއި، ތ. ބުރުނީ އާއި، މާލޭގައި ހިނގާ ހާދިސާތައް މި ވާހަކައިން ފެނެ އެވެ.

އެޕިކް ވާހަކަތަކުގައި ހިނގާ ހާދިސާތަކުގައި އިންސާނުންނަށް ޢާއްމުކޮށް ނުކުރެވޭ ފަދަ ކަންތައްތައް ކުރެވޭ ޝަޚުޞިއްޔަތުތަކެއް ފެންނާނެ އެވެ. ޚާއްޞަކޮށް، ވާހަކައިގެ ބަޠަލުގެ ކިބައިން، މި ސިފަތައް އިންތިހާއަށް ފެންނާނެ އެވެ. އޭނާއަކީ އާދަޔާ ޚިލާފަށް ހިތްވަރުގަދަ މީހަކަށް ވާނެ އެވެ. މިކަމުގެ މިސާލަކަށް އަލިފުޅު އެންދެރި އޮޑި ބަނުމަށް ކުރި މަސައްކަތްތައް އެކަނިވެސް ފުދެ އެވެ. އަލިފުޅު އެކަންޏެއް ނޫނެވެ. ހިޔަލަގެ ބަފައި ފުށު ޢާއިލާގެ މީހުން މުއްސަނދިކަން ހޯދަމުންދިޔަ ގޮތަކީވެސް، އާދައިގެ ކަމެއް ނޫނެވެ. މަރޮށީ ރައިވެރި އަލީގެ އާދަޔާ ޚިލާފު ރުއްއެރުމާއި، އޭނާގެ ދެ އަނބިން، 20 އަންހެނުންކުރާ މަސައްކަތް އެކަނި ކުރަމުންދިޔަ ދިއުމަކީވެސް އާދައިގެ ކަންކަމެއް ނޫނެވެ.

އެޕިކެއްގެ އެންމެ މުހިއްމު އެއް ސިފައަކީ، އެ ވާހަކައިގައި މުހިއްމު ދައުރުތައް އަދާކުރާ ރޫޙާނީ ބާރުތަކެއް ވާކަމެވެ. މިސާލަކަށް، އަލިފުޅު އެންދެރި އޮޑި ބަނުމަށް، ކަނޑު ރަސްގެފާނުގެ އަތުން ތަކެތި ހޯދާ ހޯދުމާއި، އަލިފުޅުގެ ދަތުރަށް ހުރަސްއެޅުމަށް ހައްވާފުޅު ހަދާ ސިހުރުގެ ސަބަބުން އެންދެރި އޮޑިއާ ދިމާކުރާ އާދަޔާ ޚިލާފު "ކަނޑު ފުރޭތަ"ތަކާއި، ހިޔަލަގެ އެކުވެރި ހުދުކާޅާއި، އެކާޅާ ވާހަކަދައްކަން ހިޔަލަ "ކާޅު ބަހުރުވަ" ބޭނުންކުރާ ކަމީ ހައްތަހާވެސް މި ފަދަ ރޫޙާނީ ބާރުތަކުން ވާހަކަ ނިއުޅެމުންދާ ގޮތް ބަދަލުކޮށްލަމުންދާ ޙާލަތްތަކެވެ. ބުރުނީގައި ފަތްމިންޏެއް އުފަންވުމުން، އެކަން އެކި ޤައުމުތަކުގެ ރަސްމަތިފުށު މީހުންނަށް އެނގުނު އެނގުމާއި، އެކަމާ ގުޅިގެން ހިނގި ހާދިސާތަކާއި، ވާހަކައިގެ އެކި ޝަޚުޞިއްޔަތުތަކަށް ފެންނަ ހުވަފެންތަކާއި އެ ހުވަފެންތައް ސީދާކުރުމަށް ކުރާ މަސައްކަތްތަކަކީވެސް މި ފަދަ އާދަޔާ ޚިލާފު ކަންކަމެވެ.

ޢާއްމުކޮށް މި ފަދަ ވާހަކަތައް އެއް ޖީލުން އަނެއް ޖީލަށް "ވާރުތަވަމުން" އައިސްފައި އޮންނާނީ ޅެންބަހުރުވައިންނެވެ. އަދި އަނގަބަހުންނެވެ. "ދޮންހިޔަލަ އާއި އަލިފުޅު" ވާހަކައިގެ އަސްލަކީ މަޝްހޫރު "ބުރުނީ ކަމަނާ ރައިވަރެވެ." މިއީ ރާއްޖޭގައި މުނިފޫހިފިލުވުމަށް ފުޅާދާއިރާއެއްގައި ކިޔައިއުޅުނު ރައިވަރުތަކެއްކަން ހެކިދޭ ލިޔެކިޔުންތަކުގެ ތެރޭގައި، ވުޒާރަތުއް ދާޚިލިއްޔާއިން ހުއްދަ ދީގެން ކުޅޭ ކުޅިވަރުތަކުގެ ލިސްޓުގައި ބުރުނީ ރައިވަރު ކިޔުން ހިމެނިފައިވާކަންވެސް ފުދެ އެވެ. މިއަދުވެސް އެ ރައިވަރުބައި ކިޔައި އުޅޭ މީހުން ދިރި ދުނިޔޭގައި އެބަތިއްބެވެ.

އެޕިކް ޅެންވެރިކަމުގެ އެންމެ މުހިއްމު އެއް ސިފައަކީ، އެ ވާހަކައިގެ ހާދިސާއަކީ ޙަޤީޤަތުގައިވެސް ހިނގި ހާދިސާއެއްކަމަށް ބަޔަކު ޤަބޫލުކުރާކަމެވެ. ދޮންހިޔަލަ އާއި އަލިފުޅުގެ ހާދިސާއަކީ ޙަޤީޤަތެއްކަން ޤަބޫލުކުރާ މީހުންނާއި، އެއީ ހިނގިކަމެއްކަމުގެ ހެކިކަމަށް އެމީހުން ދައްކާ ހެކިތައް، ބުރުންޏާއި ޅައިމަގާއި ހުޅުދެލީގައިވެސް އެބަހުރިކަމަށް އެ ރަށްރަށުގެ މީހުން ބުނެ އެވެ. މި ވާހަކަތައް އެންމެ ރީތިކޮށް ދިރާސާކޮށްފައިވާ އެއް މަސައްކަތަކީ ހުޅެވި މީޑިއާގެ ފަރާތުން 2015 ވަނަ އަހަރު އުފައްދައި ޢާއްމުކުރި ޑޮކިއުމެންޓްރީ "ދޮން ހިޔަލަ އެންޑް އަލިފުޅު: އަ ޖަރނީ އޮފް އެކްސްޕްލޮރޭޝަން" އެވެ.

އެޕިކް ވާހަކަތަކުގައި ކިޔައިދޭނީ މައިގަނޑު ޝަޚުޞިއްޔަތުގެ ވާހަކަ އެކަންޏެއް ނޫނެވެ. އޭނާގެ ކާފަ މާމައާ ހިސާބުން ޢާއިލާގެ ވާހަކަތައްވެސް ކިޔައިދީފައި އޮންނާނެ އެވެ. އެގޮތުން މަރޮށީ ރައިވެރި އަލީ އާއި މޫސާ މަލިމަގެ ވާހަކަ ގެނެސްފައިވާއިރު، ހުޅުދެލީ ކަޅު އަހައްމަދުގެ ވާހަކަވެސް މި ވާހަކައިގައި ގެނެސްފައިވެ އެވެ. ތެދުތެދަށް ދަންނަވާނަމަ، ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކައެކޭ އެއްވަރަށް އަހައްމިއްޔަތުކަން ދީގެން ރައިވެރި އަލީ އާއި މޫސާ މަލިމައަށް ދިމާވާ ކަންކަމުގެ ވާހަކަވެސް ގެނެސްދީފައި އޮވެ އެވެ.

އެޕިކެއްގެ ބަސްކޮށާރަކީ މުއްސަނދި ބަސްކޮށާރެކެވެ. ސިފަކުރުންތަކުން އޮޅުމެއް ނެތް މިންވަރަށް އެ ސެޓުކޮށްފައިވާ ޒަމާނެއްގެ ދުވަހީ ދިރިއުޅުމާއި، އާދަކާދަތަކާއި، މުޖުތަމަޢު ލުއި ފަސޭހަކަމާއެކު ލޮލުކުރިމައްޗަށް ސިފަވެގެންދާނެ އެވެ. ރާވެރިކަމާއި، މަސްވެރިކަމާއި ތިލޭރުކަމުގެ އިތުރުން، ވަޑާންކުރުމާއި، ފަންޑިތަވެރިކަމާއި، ދަރިން ތަރުބިއްޔަތު ކުރުމާއި، ކާވެނިމަތީ އާދަކާދަތަކުގެ ތަފްޞީލީ ސިފަކުރުންތައް މި ވާހަކައިން ފެންނާން އެބަހުއްޓެވެ.

ދެންމިއޮތީ އެޕިކްތަކުގައި ހުންނަ، އަޅުގަނޑަށް އެންމެ ކަމުދާ ސިފަ އެވެ. އެއީ އެކި ކަންކަން ސިފަކުރުމުގައި ގެންގުޅޭ ތަކުރާރުކުރުންތަކެވެ. މިސާލަކަށް، ރައިވެރި އަލީ އާއި އޭނާގެ ދެ އަނބީންގެ މުރާލިކަން ސިފަކުރާއިރު ތަކުރާރުވާ ސިފަކުރުންތަކެއްވެ އެވެ. ސަކީނާ އާއި އަލީގެ ކައިވެނީގެ ޅަފަތުގައި ސަކީނާގެ މުރާލިކަން ސިފަކުރުމަށް ބުނެފައިވެ އެވެ.

"ޢަލީ ރުށްއަރާއިރު ތިރީސް ފަސްރުކުން ގެންނަ ރާ، ސަކީނާ މީހަކަށް އެއްޗެއް ނުބުނެ ދަރު ހޯދަމުން ކައްކައި ހަދައެވެ."

އެއަށްފަހު އަލީގެ މަސައްކަތް އިތުރުވީ ވަރަކަށް ސަކީނާގެ މުރާލިކަން އިތުރުވަމުންދާކަންވެސް ސިފަކުރަނީ މި ފަދަ ތަކުރާރުވާ ސިފަކުރުންތަކުގެ އެހީގަ އެވެ.

"ހަތްދިހަ ފަސްރުކުން ގެންނަ ރާ މީހަކަށް ބަދުބަހެއް ނުބުނެ ދަރު ހޯދަމުން މިރާ ކައްކަމުން ގޭދޮށް ކަހަމުން ބޯފެން ގެންނަމުން ބޮނބިތަޅައި ރޯނުވެށުމުގެ މަސައްކަތް ފުދޭވަރަކަށް ކުރަމުން އެ ގެންދަނީ އެވެ."

އަލީގެ ކޮމަންޑޫ އަނބި އައިމިނަގެ މުރާލިކަންވެސް ސިފަކުރަނީ ހަމަ މި ފަދަ އިބާރާތަކުންނެވެ.

"ހަތްދިހަ ފަސްކުރުން ގެންނަ ރާ ޅަދަރިބަލަމުން، ދަރުހޯދަމުން ކައްކާފައި، ކާންދެމުން ގޭދޮށް ތާހިރުކުރަމުން މިރާ ހަކުރަށް ހަދަމުންދެއެވެ."

ވާހަކައިގައި ތަކުރާރުވާ އެހެން ސިފަކުރުމެއްވެސް އަޅުގަނޑުގެ ސަމާލުކަން އަތުލަ އެވެ. އެއީ މޫސާ މަލިމަ މާލެއަރަން ވުމުން އޭނާގެ ހައިބަތު ދައްކާލުމަށް ނަލަވެ ތައްޔާރުވާ ވުމާއި، އަލިފުޅު ދިއްގަރުން ވަޑިން ހޯދަން ދާ ދަތުރުގައި ނަލަވެ ތައްޔާރުވާ ގޮތް ސިފަކުރާ ދެ ޕެރެގްރާފެވެ. ނަކަލު ކޮށްލާނަމެވެ.

"ފަޅަށް ވަދެ އޮޑި ހައްޔަރުކޮށްލުމާއެކު، މޫސާ ފޮށި ހުޅުވާލާފައި، ފަސްމުށު ފޭއްޔެއް ނަންގަވައި ފޭލި އަންނަވައި، ނައިބޮލީގެ ސިފައަށް އަންބޮނޑި ހައްދަވައި، ދެފަށް ނިހާލި ބަންނަވައި، ކަލިޔާކާޓު ފަސްރޮނގު ރުމާލެއް ބޮލުގައި އަޅުއްވައި، ކަނައަތް ފަރާތަށް ރުމާ ކުޑަކޮށް އަރިކޮށްލައްވާފައި މޫސާގެ ޢިއްޒަތުގައި މާލެއަށް ފައިބަންނަވައިފިއެވެ."

ދެން މި ނަކަލުކޮށްލަނީ އަލިފުޅު ދިއްގަރަށް ފޭބުމަށް ތައްޔާރުވާ ގޮތް ސިފަކުރައްވާފައިވާ ޕެރެގްރާފެވެ.

"މިހެން ހިތައި އަލިފުޅު އަތްމަތީ ފޮށި ހުޅުވައިފިއެވެ. ދެން ފޮށީތެރެއިން ގޮށްކާށި ކޮޅުމަތިލާފައި ކަސަބުޖަހާފައިވާ ފަސްމުށު ފޭއްޔެއް ނެގިއެވެ. މި ފޭލި އަނދެފައި ނައިބޮލި ބުރަށް އަންބޮނޑި ހަދާލިއެވެ. ދެން މިސްރީ ރޫލީ ފޮތީގެ ހަރުވާޅެއްލައި ދާގަނޑު އައްސާލައި އެލުވާލިއެވެ. ދެން ގަޔަށްލީ ރީނދޫ މަޚްމަލުގެ ލިބާހެކެވެ. ލިބާސްލުމަށްފަހު، މި ލިބާހުގެ ދެފަށް ނިހާލި ބަނދެލިއެވެ. ދެން ކަލިޔާކާޓް ފަސްރޮނގު ރުމާލެއް ނަގައި ދެ އިނގިލި ފުޅާމިނަށް ފަތިނަގައި ހިމިތީ ބުރަށް ބޮލުގައި އޮޅާލިއެވެ."

މި ފަދަ އަނެއް ސިފަކުރުމަކީ އަލިފުޅު އެގޮތަށް ފެނުމާއެކު އޭނާ ދާ ރަށްރަށުގެ މީހުންނަށް ވާގޮތް ސިފަރައްވާ ސިފަކުރެއްވުމެވެ. މިއީވެސް ތަކުރާރުވާ ސިފަކުރުމެކެވެ.

"މުސްކުޅި އަންހެނުން ބުނެއެވެ. ބަލަ ކޮއިފުޅާއެވެ. ކަލޭ ތިޔަ ނަޞްރުގަދަ ދޫފުޅުން އަހަރެމެންނާ ދިމާއަށް މަންމާއެވެ ނުވަތަ މާމާއެވެ ގޮވާލިއްޔާ ވާނީ ކީއްހޭ؟ ޒުވާން އަންހެނުން ބުނަނީ އަލިފުޅު އެއީ އަހަރެންގެ އަލަތު ފިރިއަކަށް ވީނަމަތާއޭ! ނަމަވެސް ރަށުގެ ފިރިހެނުން ބުނަނީ ހުޅުދެލީ ކޮއި، ބަލާލުމަށް ބަނޑު ބޮޑުވެފައި ސިނގެވެ. މިއަޑު އިވުމުން އެމީހުންގެ އަނބިން ރުޅިއައިސްފައި ބުނަނީ އަލިފުޅަށް އެއްޗެތި ކިޔާކަމަށް ވަނީވިއްޔާ އަހަރެމެންގެ މަތިން ކަލޭމެން ކާއެއްޗެއް އަދި ބޯއެއްޗެއް ހަރާމްކުރާށެވެ."

ކޮންމެއަކަސް އެންމެ ދެތިން ހާސް ލަފުޒުން ދަންނަވަން މި މަސައްކަތްކުރާ ވާހަކައަކީ ދޮންހިޔަލަ އާއި އަލިފުޅު ވާހަކައިގެ ނުވަތަ ބުރުނީ ކަމަނާ ރައިވަރުގެ ހައިބަތު، ދެ މީހަކު އިޝްޤީ ލޯބީގައި އަމިއްލައަށް މަރުވާ ވާހަކައެއްގެ ގޮތުގައި ސިފަކުރުމަކީ އެ މުހިއްމު އަދަބީ މަސައްކަތަށް ވެވޭ ނާއިންސާފެއް ކަމެވެ. މި ވާހަކައަކީ ޒަމާނީ ރޮމޭންސެއް ނޫނެވެ. މިވާހަކައަކީ ދިވެހި ދިރިއުޅުމުގެ ކޮމެންޓްރީއެކެވެ. ދިވެހި ޤަބޫލުކުރުންތަކުގެ ސިފަކުރުމެކެވެ. ދިވެހިންގެ ޚިޔާލުގެ މުއްސަނދިކަމުގެ ދަލީލެކެވެ. 2015 އަހަރު ޢަލީ މުނީޒު ލިޔުއްވާފައިވާ ފޮތެއްގެ ތަޢާރަފުގައި ވިދާޅުވާ ފަދައިން "ދިވެހި އަދަބިއްޔާތުގެ ފަގީރު ފޮތް އަލަމާރީގައި ވާ މުތެއްފަދަ އަގުބޮޑު ޖަވާހިރެކެވެ.