Advertisement

ސުޕްރީމް ކޯޓުން ވެސް ކަނޑައެޅީ 160 މިލިއަން ރުފިޔާގެ ޖޫރިމަނާ އެމްޕީއެލުން ދޭން ނުޖެހޭނެ ކަމަށް

4 ނޮވެންބަރު 2021 - 19:25 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އެމްޕީއެލްގެ މައި އޮފީސް: ސުޕްރީމް ކޯޓުން ބުނީ ޖޫރިމަނާ ކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް -- ފޮޓޯ: އަދަދު ފައިލް


ސުޕްރީމް ކޯޓުން ވެސް ކަނޑައެޅީ 160 މިލިއަން ރުފިޔާގެ ޖޫރިމަނާ އެމްޕީއެލުން ދޭން ނުޖެހޭނެ ކަމަށް

4 ނޮވެންބަރު 2021 - 19:25 1

ޓަގު ބޯޓެއް ބަނުމަށް ހަވާލު ކުރި ކުންފުންޏަކުން ފޮނުވި އިންވޮއިސްއަކަށް ފައިސާ ދެއްކުން ލަސްވެގެން 160 މިލިއަން ރުފިޔާއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޖޫރިމަނާ ކުރި މައްސަލައިގައި އެއީ ދައްކަންޖެހޭނެ ފައިސާއެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސެންޓާ އެންޓާޕްރައިސާސް ކިޔާ ކުންފުންޏަކުން އެމްޕީއެލް ޖޫރިމަނާ ކުރީ 39.9 މިލިއަން ރުފިޔާގެ ޓަގު ބޯޓެއް ބަނެ، އެއަށް ފައިސާ ދެއްކުން ލަސްވެގެނެވެ. ބައިބަޔަށް ބަހާލައިގެން ފައިސާ ދައްކަންޖެހޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓުގެ ފަހު އިންވޮއިސްގެ ފައިސާ އެމްޕީއެލުން ދެއްކީ ލަހުންނެވެ.

އެކަމަކު ޕޭމަންޓު ދެއްކުން ހަތް ދުވަހަށްވުރެ ލަސްވާ ނަމަ، ލަސްވާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ދެ ޕަސެންޓު ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް ސެންޓާ އެންޓަޕްރައިސާސްގެ ފަރާތުން ފޮނުވި އިންްވޮއިސްގައިވެ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމްކޮށްފައި ވަނީ، އިންވޮއިސްއާމެދު އެ ހަވާލު ކުރި ވަގުތު އެމްޕީއެލް އިއުތިރާޒުކޮށްފައިނުވާތީ އެއީ ދައްކަންޖެހޭނެ ފައިސާއެއް ކަމަށެވެ. އަދި ދެ ސެންޓާ އެންޓާޕްރައިސާސްގެ ފަރާތުން ދައުވާ ކުރި ދެ ގަޒިއްޔާއަކުން 1092 ދުވަހަށްވާ ޖޫރިމަނާ ފައިސާ ކަމަށްވާ 160 މިލިއަން ރުފިޔާ ދެއްކުމަށް ދަށު ކޯޓުން ހުކުމް ކުރި އެވެ.

އެ ދެ މައްސަލަ ވެސް ހައި ކޯޓުން ކާމިޔާބުކޮށްފައި ވަނީ އެމްޕީއެލް އެވެ.

އެ ދެ މައްސަލަ އެއްކޮށްލައިގެން ބެލުމަށްފަހު މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފައިސާ ދެއްކުން ލަސްވެއްޖެ ނަމަ އެފަދަ ޖޫރިމަނާއެއް އެމްޕީއެލުން ދައްކަންޖެހޭނެ ކަމަށް ޓަގު ބޯޓު ބަނުމުގެ އެގްރީމެންޓުގައި ބުނެފައިނުވާ ކަމަށެވެ. އަދި، ބޯޓު ބަނުން ލަސްވެގެން ހަތަރު ފަހަރަކަށް އެގްރިމެންޓު އިސްލާހު ކުރިއިރު ވެސް އެފަދަ މާއްދާއެއް ހިމަނާފައިވާނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން އިންވޮއިސްގައިވާ ޖޫރިމަނާ ޝަރުތުތަކެއް ސެންޓާ އެންޓާޕްރައިސާސް އަމިއްލައަށް ހިމަނާފައިވަނީ ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމާ ހިލާފަށް،" ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ރިޔާސަތު ބެލެހެއްޓި ޝަރީއަތުގެ ހުކުމުގައި ލިޔުއްވާފައިވެ އެވެ.