Advertisement

ގަލޮޅު މަދަރުސާގައި ޖިންސީ ގޯނާކުރި މައްސަލަ ކޮމިޓީން ބަލާތީ ތަޅުމަށް ނުގެނެވުނު

1 ނޮވެންބަރު 2021 - 09:27 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ގަލޮޅު ސްކޫލްގައި 4 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ވަރަށް ބޮޑަށް ހޫނުވެފައި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ގަލޮޅު މަދަރުސާގައި ޖިންސީ ގޯނާކުރި މައްސަލަ ކޮމިޓީން ބަލާތީ ތަޅުމަށް ނުގެނެވުނު

1 ނޮވެންބަރު 2021 - 09:27 0

ގަލޮޅު މަދަރުސާގައި ކިޔަވަމުންދާ އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން އިސްވެ ބަލަމުންދާތީ، ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ ތަޅުމަށް ނުގެނެވޭނެ ކަމަށް ރިޔާސަތުން ބުނެފި އެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ، ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ، ޝިޔާމް އިއްޔެ ވަނީ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް، މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މައްސަލައެއް މަޖިލީހަށް ހުށެހެޅޭނެ ޝަރުތުތަކުގެ ތެރޭގައި އެ މައްސަލައަކީ، މަޖިލީހުގެ ކޮމިޓީއެއްގައި ދިރާސާކުރެވެމުންދާ މައްސަލައަކަށް ވެގެންނުވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޝިޔާމް އެ މައްސަލަ ހުށަހެޅުއްވިއިރު، އެ މައްސަލަ ޖެންޑާ ކޮމިޓީން އިސްނަގައިގެން ބަލަމުންދާކަން އީވާ ފާހަގަކުރެއްވި އެވެ.

އެއާއެކު ޝިޔާމް ހުށަހެޅުއްވި މައްސަލަ ތަޅުމަށް ނުގެނެވުނު ނަމަވެސް، އެ މައްސަލައިގައި ހިމަނުއްވާފައިވާ އަސާސްތަކަށް ރިއާއަތްކޮށްގެން އެ މައްސަލަ ބެލޭނެ ކަމަށް ޖެންޑާ ކޮމިޓީއާ ހަވާލާދެއްވައި އީވާ ޔަގީންކަން ދެއްވި އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ބުނީ ކީކޭ؟

ޝިޔާމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ވެސް ސްކޫލުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. އަދި ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިންމާ ސްކޫލުން ފުރިހަމައަށް ނަގަން ޖެހޭ ވަގުތަކަށް ވިޔަސް، އެ ސްކޫލުގައި ދަރިވަރާ ހަވާލުވި ޓީޗަރަށް ވެސް ދަރިވަރު ހަވާލުކުރެވެނީ ކާކާކަން ވެސް ނޭގޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސްކޫލުން ކަން ހިނގާ ދިޔަ ގޮތް ބެލޭނެ ކެމެރާއެއް ވެސް ނެތި، މިކަމުގެ ޒިންމާ އިން ރެކެން މެނޭޖްމަންޓުން މަސައްކަތްކޮށްފައިވާ ކަމަށާއި މިފަދަ މުހިއްމު މައްސަލަތަކުގައި މެޑިކަލް ރިޕޯޓް އަވަހަށް ހެދޭނެ އިންތިޒާމު ހަމަޖެއްސުން މުހިއްމު ނަމަވެސް އެކަން ވެސް ކުރެވުނީ ލަހުން ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވި ގޮތުގައި ރިޕޯޓް ހެދުން ލަސްވުމަކީ އަނިޔާގެ މިންވަރު ދެނެގަތުމަށް އެޅޭ ހުރަހެއް ކަމަށާއި އެޑިއުކޭޝަނާއި ޖެންޑާގެ ނިންމުންތައް އެހާމެ ލަސް ކަމަށާއި، މިކަމަށް ސަމާލުކަން ލިބުނީ މީޑިއާގެ ސަބަބުން ކަމަށާއި އަދި މިކަމުގައި ޝާމިލްވި އެންމެން ވެސް އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.

އެތައް ސަތޭކަ ދަރިވަރުން ކިޔަވާ ސްކޫލަކުން މިފަދަ އަނިޔާއެއް ލިބުމަކީ ސްކޫލް ނިޒާމާ މެދު ބެލެނެވެރިންގެ އޮތް ޔަގީންކަން ކުޑަވެ މުސްތަގުބަލުގެ ޖީލުތަކަށް ގޮންޖެހުން ކުރިމަތިވާނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ބެލެނެވެރިންނާއި ދަރިވަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފާ ކަމަށް ވެސް ސިޓީގައިވެ އެވެ.

އެހެންވެ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާ، މިފަދަ ކަންކަން ތަކުރާރުނުވާނެހެން ސްކޫލް ނިޒާމު ހަރުދަނާކޮށް، ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، މިފަދަ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ މަޖިލީހުގެ ގަވާއިދު ދަށުން މައްސަލަ ހުށަހަޅާ ކަމަށް އޭގައި ވެ އެވެ.

މައްސަލައިގައި އެންމެ ފަހުގެ ހުލާސާ

ސްކޫލު ސާފު ކުރުމާއި ދަރިވަރުން ފާހާނައަށް ދިޔުމަށް އެހީވުމުގެ ޒިންމާ އޮންނަ މަސައްކަތު މީހަކު ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލަ ފެންމަތިވުމާއެކު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި އެ ސްކޫލުގެ ހުރިހާ މަސައްކަތު މުވައްޒަފުން ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި އާންމުންގެ ނުރުހުން ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެފައި އޮއްވާ ގަލޮޅު މަދަރުސާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މީގެ ފަހުން "ފާހާނާ ކުރުމަށްދާ ދަރިވަރުން ފާހާނާއަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން" ކަމަށެވެ.

"ހުކުރު ދުވަހުން ފެށިގެން މި ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން [ދައްތަމެން] ވާނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފަ،" ގަލޮޅު މަދަރުސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑު ކުރި ސަބަބު ގަލޮޅު މަދަރުސާއިން ބުނެދީފައެއް ނުވެ އެވެ.

އޭގެ އިތުރުން، ދަރިވަރުންގެ ސަލާމަތަށްޓަކައި ސްކޫލުގެ 18 ދިމާލެއްގައި ސީސީޓީވީ ކެމެރާ މިހާރު ހަރުކޮށް ނިންމާފައިވާ ކަމަށް ވެސް ގަލޮޅު މަދަރުސާއިން ބުނެ އެވެ.