Advertisement

އަނިޔާގެ ސަބަބުން ހަމްޕު ދެ ހަފްތާ އަށް ކުޅުމާ ދުރަށް

21 އޮކްޓޯބަރު 2021 - 18:51 0

ގައުމީ ޓީމުގެ ވޯމްއަޕްގެ ތެރެއިން ހަމްޕު.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


އަނިޔާގެ ސަބަބުން ހަމްޕު ދެ ހަފްތާ އަށް ކުޅުމާ ދުރަށް

21 އޮކްޓޯބަރު 2021 - 18:51 0

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ހަމްޒާ މުހައްމަދު (ހަމްޕު) އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ހަމްޕު އަށް އަނިޔާވީ ސާފް ޗެމްޕިއަންޝިޕްގައި މި މަހު 13 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗަށް ފަހު ހަމްޕުގެ ކަކުލަށް ތަދުވާތީ މީގެ ދެ ދުވަސް ކުރިން ހެދި ޓެސްޓްތަކުން އެނގުނީ ސީރިއަސް އަނިޔާއެއް ނެތް ނަމަވެސް ކަކޫ ކައިރީ މަސްގަނޑަށް ލިބިފައި އިން އަނިޔާއިން ރަނގަަޅުވާން މުއްދަތެއް ނަގާނެ ކަމެވެ.

ގައުމީ ޓީމުގެ ޑޮކްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، "އަދަދު" އަށް ބުނީ ޓެސްޓަކުން އެނގުނު ގޮތުގައި ހަމްޕުގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވުން ފަދަ ސީރިއަސް އެއްވެސް އިންޖަރީއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ކަކޫ ކައިރި މަސްގަނޑަށް ކޮންމެވެސް ވަރަަކަށް ތަދުވެފައި އިން ކަމަށާއި އެ ފަދަ އަނިޔާއިން ރިކަވަވާން އެންމެ މުހިއްމު ކަމަކީ ރަނގަޅަށް އަރާމްކުރުން ކަން ރާއްޕެ ވަނީ ފާހަގަކޮށްފަ އެެވެ.

"ރެސްޓް ކޮށްލީމަ ރަނގަޅުވާނެ ކަހަލަ އިންޖަރީއެއް މިއީ. ދެ ހަފްތާއެއްހާ ދުވަސްތެރޭ ރިކަވާވާނެ،" ރާއްޕެ ބުންޏެވެ.

ގައުމީ ޓީމުން ދެން އެންމެ އަަވަހަށް ކުޅެން އޮތީ އަންނަ މަހު 8-17 އަށް ސްރީ ލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތުގަ އެވެ. ހަތަރު ގައުމުގެ މެދުގައި ކުޅޭ އެ މުބާރާތް ފެށެންވާއިރަށް ހަމްޕު އަށް އެެއްކޮށް ފިޓްވެގެން އާދެވޭނެ އެވެ.

އެކަމަކު، އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ގައުމީ ޓީމުން ކުޅޭ ހާއްސަ މެޗުގައި ހަމްޕު އަށް ނުކުޅެވޭނެ އެވެ. ހަމްޕުގެ އިތުރުން މި ވަގުތު ޒުވާން ގައުމީ ޓީމާ އެކު ދާން ޖެހޭތީ ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އާއި އަލީ ނާޖިހު (ނާޖީ) އަށް މި މެޗުގައި ނުކުޅެވޭނެ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ ގޯލު ޖެހީ ބަންގްލަދޭޝް ކޮޅަށް އޯވަހެޑް ކިކަކުން ހަމްޕު އެވެ. މުޅި މުބާރާތުގައި ޖެހި އެންމެ މޮޅު ލަނޑަކީ އެ ގޯލެވެ. މީގެ އިތުރުން ހަމްޕު ވަނީ އިންޑިއާއާ ދެކޮޅަށް ރާއްޖޭން ޖެހި ގޯލުގައި ޕެނަލްޓީ ހޯދައިދީފަ އެވެ. އިންޑިއާ ދެ ކުޅުންތެރިން ކައިރިން ދެމި ގަތުމަށް ފަހު ހަމްޕު އޭރިއާ ތެރެއަށް ވަން ވަގުތު އޭނާ އަށް ފައުލުކުރީ އިންޑިއާގެ ކަނާތު ބެކް ޕްރީތަމް ކޯޓާލް އެވެ.

ގައުމީ ޓީމަށް 44 މެޗު ކުޅެފައިވާ ހަމްޕު، 26، އަކީ 2018 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ބ.އޭދަފުށްޓައް އުފަން ހަމްޕު ގައުމީ ޓީމުން އެންމެ ފުރަތަމަ ފުރުސަތު ހޯދީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ގައުމީ ސްކޮޑުން ހަމްޕުގެ ޖާގަ ނުގެއްލެ އެވެ.