Advertisement

ބަންދުގައި ތިބި މީހުންގެ ބޭސްފަރުވާއަށް ސަމާލުވުމަށް ކޯޓުގެ ވަރުގަދަ އިލްތިމާސެއް

17 އޮކްޓޯބަރު 2021 - 18:03 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ބަންދުގައި ތިބި މީހުންގެ ބޭސްފަރުވާއަށް ސަމާލުވުމަށް ކޯޓުގެ ވަރުގަދަ އިލްތިމާސެއް

17 އޮކްޓޯބަރު 2021 - 18:03 0

މާފުށީ ޖަލުގައި ތިބި ގައިދީންނަށް ބޭސްފަރުވާ ނުލިބޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ޝަރީއަތުގެ މަޖިލިސްތަކުގައި ތަކުރާރުކޮށް ފާހަގަކުރާ ކަމަށް ވިދާޅުވެ، އެފަދަ މައްސަލަތަކަށް ދައުލަތުން ބޮޑަށް ސަމާލުކަން ދިނުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮއްފަތު ހަބީބު އިލްތިމާސް ކުރައްވައިފި އެވެ.

ގާޒީ ސޮއްފަތު މިހެން ވިދާޅުވީ، ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި މާޗް 22، 2020 ގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން ޓެރެރިޒަމްގެ އަމަލެއް ހިންގު ކަމުގެ ދައުވާ އުފުލާފައިވާ މޫސާ އިނާޒްގެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފަހުން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

މޫސާ އިނާޒަކީ ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮން ގޮއްވި މީހާ އެވެ. އެ މައްސަލައިގައި އޭނާ ޖަލަށްލާފައި ވަނިކޮށް ތިން ފަހަރެއްގެ މަތިން ވަނީ ކުރިން ފިލައިފަ އެވެ.

އެކަށީގެންވާ ބޭސްފަރުވާއަކީ އަސާސީ ހައްގެއް ކަމަށާއި މީހަކު ބަންދުކޮށްގެން ގެންގުޅޭ ނަމަ އެކަންކަން ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގާޒީ ވިދާޅުވި އެވެ. ބޭސްފަރުވާ ދިނުމުގައި ދައުލަތުން އިހުމާލުވާ ނަމަ އަސާސީ ހައްގު ކަށަވަރުކޮށްދިނުމަށް ގައިދީ ބަންދުން ދޫކޮށްލުމަށް ވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ބޭސްފަރުވާއާ ގުޅިގެން ހުރި މައްސަލަތައް ހައްލުކުރެވޭނީ މާފުށީ ޖަލުގައި ހޮސްޕިޓަލެއް އެޅިގެން ކަމުގައި ވިޔަސް އެކަންވެސް ކުރެއްވުމަށް މަސައްކަތް ކުރެއްވަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދު އަޑުއެހުމުގައި އިނާޒް ބުނީ ޖަލުތަކުގައި ގައިދީން އަޑުގަދަކޮށް، ފެންސުތަކުގައި ތަޅާ، ހަޅުތާޅަކުރަނީ ބޭސްފަރުވާ ނުލިބުމުން ކަމަށެވެ. އަދި ދައުލަތުން އެކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން އޭނާ ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ.

އެ އަޑުއެހުމުގައި ވާހަކަ ދައްކަމުން އިނާސް ބުނީ، ޖަލުގައި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށާއި، ދަތުގެ ފަރުވާ ވެސް މާފުށީ ސިއްހީ މަރުކަޒުން ފަރުވާކުޑަ ގޮތެއްގައި ކަމަށެވެ. އެކަމުގެ ސަބަބުން ކެއިން ބުއިމަށް ވެސް ދަތިވެފައިވާ ކަމަށް އިނާސް ބުންޏެވެ.

އެވާހަކަތަކަށްފަހު ގާޒީ ސޮފްއަތު ވިދާޅުވީ، މޫސާ އިނާސްއަށް ވީތީ މި މައްސަލައިގައި ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށާއި އިނާސްގެ ފަރާތުން ފާހަގަކުރި ކަންކަން ނޯޓު ކޮށްފައިވާ ކަމަށެވެ.

އަދި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުލިބޭނަމަ، އަދި އެކަންކަމުގައި ދައުލަތުން އިހުމާލުވާ ނަމަ، ކިތަންމެ ބޮޑު މައްސަލައަކަށް ވިޔަސް ފަސްޖެހިވަޑައިގަތުމެއް ނެތި ދައުވާ ރައްދުވާ ފަރާތް ދޫކޮށްލައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންނަމަވެސް ގާޒީ އެދިވަޑައިގަތީ ބޭސްފަރުވާއާ ގުޅޭ މައްސަލަތަކުގެ ވާހަކަދައްކަވާއިރު، ސިއްހީ ލިޔުންތަކާއި އެކު ޝަރީއަތަށް ހެކި ހުށަހަޅައިގެން ވާހަކަ ދެއްކެވުމަށެވެ. އެއީ ޝަރީއަތެއްގައި ހަސްމަކު ދައްކާ ވާހަކަތައް ޝަރީއަތަށް ގަބޫލުކުރެވޭނީ ހެކިތަކާއެކުގައި ވާހަކަ ދެއްކެވުމުން ކަމަށް ވާތީ ކަމަށް ގާޒީ ސޮއްފަތު ވިދާޅުވި އެވެ.

އެ މައްސަލައިގައި އިނާޒުގެ އިތުރުން ދެން ދައުވާ އުފުލާފައި ވަނީ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފުގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.