Advertisement

"ހާދަ އަނިޔާއެކޭ.. މަގޭ ދަރިފުޅާ"

15 އޮކްޓޯބަރު 2021 - 21:42 2

އދ. ދަނގެތި

އަމަން ހަލީމް

އަމަން ހަލީމް

މަހުމޫދުގެ މަންމަ ހިނަވާގެއިން ނުކުމެގެން ދިޔަ ވަގުތު. -- ފޮޓޯ: އަމަން ހަލީމް/އަދަދު


"ހާދަ އަނިޔާއެކޭ.. މަގޭ ދަރިފުޅާ"

15 އޮކްޓޯބަރު 2021 - 21:42 2

އދ. ދަނގެތި

"ހާދަ އަނިޔާއެކޭ.. މަގޭ ދަރިފުޅާ"؛

ހިނަވާ ގެއިން އެ ދުވަސްވީ މަންމަ ނުކުމެގެން އައިއިރު ލޮލުން ހިފެހެއްޓުމެއް ނެތި އޮހޮރެމުން ދިޔަ ކަރުނަ އާއި ހިތްދަތިކަމުގެ ތެރެއިން، ބޭއިހުތިޔާރުގައި ދޫވި ބަސްތަކެވެ.

މޫނުމަތިން ސާފުކޮށް ސިފަވީ ދަރިޔަކަށްޓަކައި މަޔަކަށް ނުއުފުލިގެން އުޅޭ ތަދާއި ވޭނެވެ. ކިތަންމެ ދުވަހެއް ވިޔަސް މައިވަންތަކަމުގެ ލޯބި ފިލައިގެން ނުދާނެ ކަމެވެ.

އެ ޖަޒުބާތުގައި ހަށިން ވަރުދޫވެގެން ދިޔައީ، ރަހުމުކުޑަ އަނިޔާވެރިންގެ އަތް ދަށުވެ، އެ މަންމަގެ ލޯބިވާ ދަރިފުޅުގެ ކުއްލި ވަކިވުމުގެ އިހުސާސްތަކެވެ.

ދަނގެތި


މުސްކުޅިވެ، ގައިބާރުދޫވި ދުވަހު އެ މަންމަ އުފުލަން މަޖުބޫރުވެފައިވާ ހިތްދަތިކަމެވެ.

އެ މަންމަ އެކަންޏެއް ނޫނެވެ. ރަހުމް ކުޑަ ގޮތަކަށް މަރާލާއި، ބަނދެ، ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހުމޫދުގެ ހުވަފަތް އަނބިމީހާ އާއި ބައްޕަ ދެކެ ނުހަނު ލޯބިވާ ފަސް ދަރިންނެވެ.

ރަށުގެ އެންމެންގެ ގަދަރު ލިބިފައިވާ އދ. ދަނގެތި، މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ އެކުވެރިންނާއި އަވައްޓެރިންނެވެ.

ޖަނާޒާގެ ވަގުތު މިސްކިތް ދޮށަށް އެއްވެ ތިބި މީހުންގެ އަދަދުން، އެ ރަށުގައި މަހުމޫދަށް އޮތް ގަދަރާއި ލޯބި އިހުސާސްކުރެވުނެވެ. ކުޑަ ބޮޑު ދޭސީ ބިދޭސީން ތިބީ އުމުރުން 57 އަހަރުގެ "މަހުމޫދުބެ"އަށް ހެޔޮ ދުއާ ކޮށްދީ، އާއިލާގެ ހިތާމައިގައި ބައިވެރިވެގެންނެވެ.

ކަށު ނަމާދު ނިމިގެން ސަންދޯއް ޕިކަޕަކަށް އަރުވައިގެން ގެންދިޔައިރު ވެސް ރަށުގެ ގިނަ ބަޔަކު ފައިމަގުގައި އަދި ސައިކަލުގައި ފަހަތުން ދިޔަ އެވެ.


އެންމެ ފަހު ފަސް އެޅުމާ ހަމައަށް އެ ރަށުގެ ގިނަ ފިރިހެނުން ތިބީ ސަހަރާތެރޭގަ އެވެ. މަހުމޫދަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށެވެ.

ޖަނާޒާ ނިމުމުން ސަހަރާއިން މީހުން މަޑުމަޑުން ނުކުމެގެން ދިޔަ އެވެ.

އެންމެ ފަހާ ޖެހެންދެން ތިބީ މަހުމޫދުގެ ދަރިންނާއި އާއިލާ މީހުންނެވެ.


އެ މީހުންގެ ތެރޭގައި ހުރި މަހުމޫދުގެ ދޮށީ ދަރިފުޅަށް ކެތްކުރެވުނީ އެ ހިސާބަށެވެ. ލޮލުން ކަރުނަ އޮހޮރިގެން ދިޔައީ ލޯބިވާ ބައްޕައަށް އަލްވަދާއު ކިޔަން ޖެހުނު ވަގުތެވެ. ދެން ދުވަހަކު ވެސް ބައްޕަ ނުފެންނާނެކަމުގެ ހިތްދަތި ހަގީގަތް އަރާހަމަކުރީ އެވެ.

އެ ދަރިފުޅަށް ހިތްވަރުދޭން ގާތުގައި ހުރި މީހަކު ބުނެލި އަޑުއިވުނެވެ. ހަމަ އަހަރެން ވެސް މަހުމޫދުގެ މަންމަ ގާތު ބުނަން ބޭނުންވާ ވާހަކަ އެވެ.

"ނުރޯށެވެ؛ ހިތްވަރުކުރާށެވެ؛ މަހުމޫދަކީ ޝަހީދެކެވެ."