މައުރަޒުގައި ހުރި ބާވަތްތައް ރައީސް ބައްލަވަނީ: ދިވެހި އެތައް އުފެއްދުމެއް އެ ތަނުގައި ހުރި --
ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތ. ކަނޑޫށޫއަށް ވަޑައިގެންނެވިއިރު, އެ ރަށް އޮތީ ފުރިހަމައަށް ތައްޔާރަށެވެ;
އެމަނިކުފާނު މިއަދު ހަވީރު ކަނޑޫދޫއަށް ފައިބައިވަޑައިގެންނެވި ވަގުތު މަރުހަބާ ދެންނެވުމަށް ރަށުގެ ރައްޔިތުން ނުކުމެ ތިއްބެވެ. އެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު, ރަށުގެ ސްކޫލް ދަރިވަރުންގެ ފަރި ހަރަކާތެއް ރައީސް ބައްލަވާލެއްވި އެވެ.
އެއަށްފަހު ރައީސް ދެން މިސްރާބު ޖެއްސެވީ ކަނޑޫދޫގެ ދަނޑުތަކަށެވެ. ކުޅިކަން ގަދަ އެ މިރުސްތައް ހައްދާފައިވާ ބޮޑެތި ދަނޑުތަކަށެވެ. މިރުސް ގަސްތަކުގައި މިރުސް ބަރާވެފައި އޮތެވެ.
މަޝްހޫރު ކަނޑޫދޫ މިރުހަށްފަހު ދެން ރަށުގެ ރައްޔިތުން ރައީސްއަށް ދައްކާލީ އަދި މާބޮޑު ހުނަރުވެރިކަމެކެވެ. ކާބޯތަކެތީގެ މައުރަޒެވެ.
ރައީސް ކަނޑޫދޫ މިރުސް ދަނޑުގައި --
މިއަދު ފާހަގަކުރާ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ކަނޑޫދޫގައި ހުޅުވި މައުރަޒަށް ކަނޑޫދޫއާ ކައިރި އެހެން ރަށްރަށުގެ އުއްފެއްދުންތައް ވެސް ގެނަ އެވެ. މުޅީން ވެސް ދިވެހި އެކި ބާވަތްތަކުގެ ލުއި ކާނަ އާއި އަސާރަ ފަދަ އެތައް އެއްޗެކެވެ.
ކުނބުސް, ހަނޑުލު ރޮށި, ބިލިމަގު ސޯސް, މެޓާގަނޑު, ބިސްފަތަފޮޅި, ކުހުރު (ބޮނޑީގެ ބާވަތެއް) ފަދަ އެތައް ނަމެކެވެ.
މި މައުރަޒު ރައީސް ސޯލިހަށް ވެސް ވެގެންދިޔައީ ވަރަށް ޝައުގުވެރި ތަނަކަށެވެ. ކޮންމެ މޭޒެއް ދޮށުން ވެސް ރައީސަށް އެންމެ ކަމުދިޔަ ބާވަތް ބައްލަވައިގަތެވެ.
އެގޮތުން, ކިނބިދޫ މޭޒުން ރައީސް ހިލިބޭސް ބައްލަވައިގަތެވެ. މިއީ ވަރަށް ބުރަ މަސައްކަތުން ތައްޔާރުކުރާ، ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އާންމުކޮށް ވިހެއުމަށްފަހު އަންހެނުންނަށް ހިލިބޭސް ކާންދީ އުޅެ އެވެ.
މައުރަޒުން ރައީސް ނެންގެވި ތަކެތި
ވަންދޫ މޭޒުން ރައީސްއަށް އެންމެ ކަމުދިޔައީ ގަބުޅި މެޓާ އެވެ. ހިތެއްގެ ސިފައިގައި "މަރުހަބާ ވަންދޫ" ޖަހާފައިވާ އެ މެޓާގަނޑު ރައީސް ބައްލަވައިގެންނެވިއިރު, އެ ނޫނަސް ގިނަ ބާވަތްތަކެއް މެޓާ މައުރަޒުގައި ހުއްޓެވެ. އޭގެތެރެއިން ވެސް ކާށިކެޔޮ މެޓާ ގިނަ ބައެއްގެ ސަމާލުކަމަށް އައެވެ.
ވޭމަންޑޫ މޭޒުން ރައީސް ނެންގެވީ ފުޅިއެކެވެ. އެއީ, "މަދު ހަކުރު" ފުޅިއެކެވެ. އެ ތައްޔާރުކޮށްފައިވަނީ ކަނަމަދާއި ދިޔާހަކުރު ބޭނުންކޮށްގެންނެވެ.
މައުރަޒުން ރައީސް ތަކެތި ބައްލަވައިގަންނަނީ
"މަދު ހަކުރު" ފުޅީގެ އިތުރުން ހުނި ހަކުރު ފުޅިއަކާއި އުޅާލި އަދި އުއުރުސް ނަމަކަށްކިޔާ ބާވަތެއް ވެސް މާލެ ގެންދަވަން ރައީސް ސޯލިހު ނެންގެވި އެވެ.
ރައީސް އެންމެ ގަޔާވި ބާވަތްތައް އެއީ ކަމުގައިވީ ނަމަވެސް, މައުރަޒުގައި އެންމެ ގިނަ ބައެއްގެ ސަމާލު ކަމަށް އައީ ކިނބިދޫ މަރިޔަމް އަބްދުالله ތައްޔާރުކޮށްފައިވާ ބިލަމަގު ސޯސް ފުޅި އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު, ބިލިމަފު ސޯސް ފުޅި ނަންގަވައިގެން
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ވެސް ބިލަމަގު ސޯސް ފުޅި ވީ ޝައުގުވެރި އުފެއްދުމަކަށެވެ. މަރިޔަމް އެ ސޯސް ތައްޔާރުކޮށްފައިވަނީ ބިލިމަގާއި ލޮނު އަދި ވިނެގާ ބޭނުންކޮށްގެންނެވެ. މިއީ ދިވެހިވަންތަ ތަފާތު ރަހައެއްދޭ ސޯސްއަކަށްވާނެ ކަމުގެ ޔަގީންކަން ކިނބިދޫ މޭޒުން ދެ އެވެ.
ކަނޑޫދޫގެ މި މައުރަޒުން އެންމެ ބޮޑަށް ފާހަގަވީ ގަބުޅި އާއި ބަނބުކޭލުގެ ބާވަތްތަކެވެ. އެގޮތުން ބަނބުކޭލުގެ ބާވަތެއްގެ ގޮތުން އެންމެ ބޮޑު ސަމާލު ކަމެއް ހޯދީ ކިނބިދޫގެ އާރުސް އެވެ.
އެ ރަށު މީހުން ބުނާ ގޮތުން މިއީ އަނގަފޮނިކޮށްލަން އެންމެ ކަމުދާނެ އެއްޗެކެވެ. ބަނބުކޭލާއި ދިޔާ ހަކުރު ބޭނުންކޮށްގެން ހަދާ އާރުހަކީ ކިނބިދޫގައި ވަރަށް މަޝްހޫރު އެއްޗެއް ނަމަވެސް, އާރުސް ހަދަން އެނގޭ ތިބީ މަދު ބައެކެވެ.
މައުރަޒުގައި މިނިސްޓަރު ފައްޔާޒު --
ގަބުޅީގެ ބާވަތްތަކުގެ ތެރެއިން ވަންދޫގެ ކުހުރު ލޮލުގައި އަޅައިގަތެވެ. މިއީ ގަބުޅި އާއި ހަކުރާއި ފުއް އަދި ރާނބާފަތް އެއްކޮށްގެން ހަދާފައިވާ އެއްޗެކެވެ. މި ބަންދުކޮށްފައި ހުރީ ވެސް ފަނުގަ އެވެ. އަނގަށް ވިރިގެންދާ ފަދަ ހެޔޮވަރުގެ ފޮނިކަމެެއް ހުރި، ރަނގަޅު ދިވެހި އުފެއްދުމެކެވެ.
މި މައުރަޒުގެ ކޮންމެ ދިމާއަކުން ވެސް ފެނުނީ ދިވެހި އަންހެނުންގެ މުރާލި އަތްތަކުން ތައްޔާރުކޮށްފައިވާ މައް ދިވެހި އުފެއްދުން ތަކެވެ.
Comment