Advertisement

100 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި 2 މީހަކު ދޫކޮށްލައިފި، އިސްތިއުނާފް ކުރަން އެދިއްޖެ

15 އޮކްޓޯބަރު 2021 - 14:17 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފުލުހުން އަތުލައިގަތް 100 ކިލޯގެ ހެރޮއިން - ފޮޓޯ: ފުލުހުން


100 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި 2 މީހަކު ދޫކޮށްލައިފި، އިސްތިއުނާފް ކުރަން އެދިއްޖެ

15 އޮކްޓޯބަރު 2021 - 14:17 0

ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލުމުން، އެ ނިންމުން އިސްތިއުނާފުކޮށް ދިނުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި އެދިއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވި ގޮތުގައި, މިދިޔަ 24 ގަޑިއިރު ތެރޭ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކްސް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގި އެވެ.

އެ އޮޕަރޭޝަނުގައި 10 ތަނެއް ބަލާފާސްކޮށް 100 ކިލޯއާ ގާތްކުރާ އަދަދަކަށް ހެރޮއިން އަތުލައިގަނެފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔުމުން، އޭގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލާފައިވާކަމަށް ފުލުހުންގެ ތަރުޖަމާނު މިއަދު "އަދަދު"އަށް ވިދާޅުވި އެވެ.

"އެ ދެ މީހުން ދޫކޮށްލި ނިންމުން އިސްތިއުނާފުކޮށް ދިނުމަށް ޕީޖީގައި ވާނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ބާކީ ތިބި އަށް މީހުންގެ ތެރެއިން ހަތަރު މީހަކަށް 15 ދުވަސް ކޯޓުން ދީފައިވާއިރު، ތިން މީހަކު 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ދެން ހުރި މީހާގެ ބަންދަށް ދިނީ ފަސް ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި އެވެ.