Advertisement

ބޭންކުތަކުން އެދެނީ އިލެކްޓްރޯނިކް މުއާމަލާތުގެ ބިލުން ބޭންކިން މުއާމަލާތްތައް އިސްތިސްނާކޮށްފައި ބާއްވަން

14 އޮކްޓޯބަރު 2021 - 09:46 0

އަމަން ހަލީމް

އަމަން ހަލީމް

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް: ބޭންކުތަކުން ބުނަނީ އެ ތަންތަނުން ހިންގާ މުއާލަމާތްތަކަކީ މިހާރު ވެސް ރަނގަޅަށް ރެގިއުލޭޓް ކުރެވޭ މުއާމަލާތްތަކެއް ކަމަށް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ބޭންކުތަކުން އެދެނީ އިލެކްޓްރޯނިކް މުއާމަލާތުގެ ބިލުން ބޭންކިން މުއާމަލާތްތައް އިސްތިސްނާކޮށްފައި ބާއްވަން

14 އޮކްޓޯބަރު 2021 - 09:46 0

އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލުން ބޭންކިން މުއާމަލާތްތައް އިސްތިސްނާ ކޮށްފައި އޮތް އޮތުން ދަހަމަހައްޓަން ބޭންކުތަކުން އެދިއްޖެ އެވެ.

އިލެކްޓްރޯނިކް މުއާމަލާތުގެ ބިލު ދިރާސާކުރުމަށް ހޯމަ ދުވަހު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭންކެއްގެ މަންދޫބުން ވެސް ތާއީދުކުރީ މިހާރު ބިލުގައި އޮތް އިސްތިސްނާ މާއްދާއަށް އިތުރު ބަދަލެއް ނުގެނައުމަށެވެ.

ބިލުގައި މިހާރު އޮތީ ކީކޭ؟

އިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ބިލުގެ އެއްވަނަ ބާބުގެ ހަތަރު ވަނަ މާއްދާގައި ބުނަނީ ބޭންކުތަކުން ހިންގާ އިލެކްޓްރޯނިކް އަދި ޑިޖިޓަލް މުއާމަލާތްތަކާއި، ބަދަލުކުރާ ލިޔެކިޔުންތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާނެ ކަމަށެވެ.

ބިލުގައި އިސްތިސްނާކުރެވިފައިވާ މުއާމަލާތްތަކުގެ ތެރޭގައި ހިމެނެނީ މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ހިއްސާގެ ބާޒާރު ބަލަހައްޓާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ގަވާއިދުތަކުގެ ތެރެއިން ގާނޫނު ހިނގާ މުއާމަލާތްތަކެވެ.

ބޭންކިންއާ ގުޅޭ ކަންކަން އިސްތިސްނާކޮށްފައި އޮންނަން ބޭނުންވާ ސަބަބު ސާފުކޮށްދެމުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބީއެމްއެލްގެ ބިޒްނަސް ބޭންކިން ޑިރެކްޓާ މޫސާ ނިމާލު ވިދާޅުވި ގޮތުގައި، ގާނޫނަކުން ކަސްޓަމާ ކޮންފިޑެންޝިއާލިޓީ ފަދަ މުހިންމު ކަންކަމަށް އެންމެ އެކަށީގެންވާ ވަރަށް ބިލުން ރައްކާތެރިކަން ނުލިބުމުގެ ފުރުސަތު އެބައޮތެވެ.

އެހެންކަމުން ބީއެމްއެލްއަށް ގަބޫލުކުރެވޭ ރަނގަޅު ގޮތަކީ ބޭންކުތާ ގުޅޭ ގަވާއިދުތައް ހަދަން ބޭންކުތަކުގެ ރެގިއުލޭޓާ (އެމްއެމްއޭ)އަށް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމާލުގެ ވާހަކަތަކަށް ތާއީދުކުރައްވަމުން އެމްއައިބީގެ ސީއޯއޯ އަހުމަދު ރިޒާ ވިދާޅުވީ ބޭންކުތަކުން ހިންގާ މުއާމަލާތްތަކަކީ މިހާރު ވެސް އެމްއެމްއޭއިން ރަނގަޅަށް ރެގިއުލޭޓް ކުރަމުންދާ މުއާމަލާތްތަކެއް ކަމަށެވެ. އެ ނޫން ގޮތަކަށް ބަދަލުކުރަން ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކަށް ބަލާއިރު، ބޮޑަށް އެދެވިގެން ވަނީ އެމްއެމްއޭ އާއި ސީއެމްޑީއޭއިން ގަވާއިދު ހަދަން ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ބިލުގައި ބޭންކިންއާ ގުޅޭ ބައެއް ކަންކަން ހިމަނާފައި، އަނެއް ބައި ކަންކަން ނުހިމެނުމަކީ ވެސް ހައްލެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ބީއެމްއެލް އަދި އެމްއައިބީގެ އިތުރުން ހަތަރު ބޭންކެއްގެ މަންދޫބުން ބައިވެރިވި އެވެ. އެ ހުރިހާ މަންދޫބުން ވެސް ބުނީ ބިލުގައި މިހާރު އޮތް ގޮތަށް ބާއްވާފައި، މިހާރު ވެސް އެމްއެމްއޭ އަދި ސީއެމްޑީއޭއިން ރެގިއުލޭޓްކުރަން ދޫކޮށްލުމުން ފަސޭހަ ވާނެ ކަމަށެވެ.

އަދި ގަވާއިދަށް ބަދަލު ގެނައުމާއި ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ހެދި ދިމާވާނެ އުނދަގޫތަކަށް ބަލާއިރު، އެމްއެމްއޭ އާއި ސީއެމްޑީއޭއާ ހަވާލުކޮށްގެން ގަވާއިދުތައް ހަދަން އެ މީހުން ތާއީދުކުރި އެވެ.

މީގެ އިތުރުން ބޭންކުތަކުން ވަނީ މިހާރު ބިލުގައި ބޭނުންކޮށްފައި ހުރި ބަސްތަކުގެ މާނަ (ޑެފިނީޝަންސް) މިހާރަށް ވުރެ ތަފްސީލުކުރުމަށާއި، ފުށުއެރުންތައް ހުރި މާއްދާތަކާ މެދު ގޮތެއް ނިންމަން ކޮމިޓީގައި އެދިފަ އެވެ.

އަދި މިއީ ހުރިހާ އެންމެނަށް އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ ގާނޫނަކަށް ވާނެތީ، ބައެއް މާއްދާތައް މިހާރަށް ވުރެ ތަފްސީލުކުރަން ވެސް އެދުނެވެ.

އިލެކްޓްރޯނިކް މުއާމަލާތުގެ ބިލުން ބޭންކިން އިސްތިސްނާކޮށްފައި ބާއްވަން އެދުނު ނަމަވެސް، ބޭންކުތަކުން ވަނީ މިއީ މުހިންމު ބިލެއް ކަމަށް ބުނެފަ އެވެ.

އެގޮތުން މި ބިލު ގާނޫނަކަށް ބަދަލުވުމުން ބޭންކުތަކުން ކުރާ މަސައްކަތަށް އިތުރު ފަސޭހައަކާއި ބާރެއް ލިބިގެން ދާނެ ކަމަށް މަންދޫބުން ފާހަގަކުރި އެވެ. އަދި ބުނީ މިއީ ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުންދާއިރު، މިހާރަށް އެންމެ މުހިންމު އެއް ބިލު ކަމަށެވެ.