Advertisement

ދައްޕަރު، ފިއްލަދޫ އިހުތިސާސްގެ ތެރޭގައި އަލުން ހިމަނައިފި

13 އޮކްޓޯބަރު 2021 - 14:18 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދައްޕަރު: އެއް ބިމެއް، އެއް ފަޅެއްގައި އޮތް ނަމަވެސް ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކި ކުރީ 2010 ވަނަ އަހަރު.


ދައްޕަރު، ފިއްލަދޫ އިހުތިސާސްގެ ތެރޭގައި އަލުން ހިމަނައިފި

13 އޮކްޓޯބަރު 2021 - 14:18 0

ހއ. ފިއްލަދޫއާ އެއް ބިމެއްގައި އޮތް ދައްޕަރު އެ ރަށުގެ އިހުތިސާސުން ވަކިކުރުމުން ކުރިމަތިވި ޕްރެޝަރުތަކަށް ދޫ ދެއްވައި، ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ދައްޕަރު އަލުން ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވައިފި އެވެ.

ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ދައްޕަރު ވަކި ކުރީ ރައީސް ސޯލިހު ނެރުއްވި ގަރާރަކުން އޯގަސްޓު 29، ގަ އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކި ކުރިއިރު ސަރުކާރުގެ ވިސްނުމަކީ އެ ރަށުގައި ޓުއަރިޒަމް ތަރައްގީ ކުރުން ކަމަށްވެ އެވެ. ނަމަވެސް ފިއްލަދޫ ރަށު ކައުންސިލުގެ އެދުމަކީ އެ އޮފީހުގެ އިހްތިސާސްގެ ތެރޭގައި ބަހައްޓައިގެން ޕްރޮޖެކްޓެއް ހިންގާނަމަ އެކަން ކުރުމެވެ.

ނަމަވެސް ދައްޕަރުގެ މައްސަލައިގަ ފިއްލަދޫ ރައްޔިތުންތަކެއް އިސްނަގައި، ވަނީ ޕެޓިޝަން ހުށަހަޅާފަ އެވެ. އެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދައްޕަރު އަނބުރާ ދިނުމަށް ނިންމާފައި ވަނީ މި މަހުގެ 4 ގަ އެވެ.

ދައްޕަރު ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި މިހާރު ވަނީ ރަސްމީކޮށް ހިމަނާފަ އެވެ.

އެކަމާ ގުޅިގެން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުއްﷲ ހަސަން "އަދަދު" އަށް ވިދާޅުވީ ދައްޕަރު ލިބޭނެ ކަމުގެ އިންތިޒާރުގައު ތިބޭތާ ވަރަށް ދުވަސް ވެފައިވާ ކަމަށެވެ. އެ ތަނުގައި ކުރާނެ މަސައްކަތާ ދެން ކުރިއަށް ގެންދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ފަށާނެ ކަމަށް ވެސް ފަތުހުއްﷲ ވިދާޅުވި އެވެ.

"އުންމީދު ކުރި ގޮތަށް މިވީ. ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްމީ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން ވަނީ އަޅުގަނޑުމެންގެ އަޑު އަހާ އަޅުގަނޑުމެން ބޭނުންވާ ގޮތަށް އެކަން ކޮށްދިނީމަ، ރައީސަށް،"

ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅީ 2010 ވަނަ އަހަރެވެ. އެއިރު ސަރުކާރުގެ ވިސްނުމުގައި ހުރީ ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭ ބަޔަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ދިނުމެވެ.

އެ މަސައްކަތް ނުފެށި އުޅެނިކޮށް މި ސަރުކާރުން ޖުލައި، 2020 ގައި އިއުލާން ކުރީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށްފަހު އެ ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމުގެ ވިސްނުމެކެވެ. ނަމަވެސް އެ ޕްލޭން ވެސް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ސެކަންޑް ހޯމް ރެޒިޑެންޑްޓް ޕައިލެޓް ޕްރޮޖެކްޓު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖުލައި މަހު އިއުލާން ކުރިއިރު ރައީސް ސޯލިހުގެ ގަރާރަކުން ދައްޕަރު އޮތީ މާޗް، 2020 ގައި ފިއްލަދޫގެ އިހްތިސާސުގައި ރަސްމީކޮށް ހިމަނައިފަ އެވެ.