Advertisement

ރާއްޖޭން ބަންގްލާދޭޝް އާއި ނޭޕާލަށް 4 ލައްކަ ޑޯޒް ކޮވިޑް ވެކްސިން ހަދިޔާކުރަނީ

7 އޮކްޓޯބަރު 2021 - 11:20 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރާއްޖެއިން ބަންގްލަދޭޝަށް ހަދިޔާކުރި އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒްތައް ފްލައިޓަށް އެރުވުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ: ބަންގްލަދޭޝް ހައިކޮމިޝަން


ރާއްޖޭން ބަންގްލާދޭޝް އާއި ނޭޕާލަށް 4 ލައްކަ ޑޯޒް ކޮވިޑް ވެކްސިން ހަދިޔާކުރަނީ

7 އޮކްޓޯބަރު 2021 - 11:20 0

ރާއްޖޭން ގަތް ކޮވިޑް ވެކްސިނުން ބަންގްލާދޭޝް އާއި ނޭޕާލަށް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެގޮތުން ދެ ގައުމަށް ދޭން ނިންމާފައި ވަނީ ހަތަރު ލައްކަ ޑޯޒްގެ އެސްޓްރާޒެނިކާ ވެކްސިނެވެ. އެއީ ކޮންމެ ގައުމަކަށް ދެ ލައްކަ ޑޯޒެވެ. އިއްޔެ ވަނީ މި ވެކްސިން ބަންގްލާދޭޝްއަށް ހަދިޔާކޮށްފަ އެވެ.

ރާއްޖޭން 700،000 ޑޯޒް ވެކްސިން ގަންނަން މަސައްކަތްކުރި އިރު އެހެން ގައުމުތަކާއި ޖަމިއްޔާތަކުގެ އެހީ ވެސް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "އަދަދު" އަށް ވިދާޅުވީ ވެކްސިންގެ ބޭނުން ޖެހިފައިވާ ގައުމުތަކުގެ ތެރެއިން ބަންގްލާދޭޝް އާއި ނޭޕާލަށް ހަދިޔާ ކުރަން ނިންނި މައިގަނޑު ސަބަބަކީ ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ވެކްސިން ލިބުމުން ކަމަށެވެ.

"ރާއްޖޭން ދެ ގައުމަކަށް ވެކްސިން ހަދިޔާކުރަން ނިންމީ ކޮވިޑުން އަރައިގަތުމުގައި އެހެން ގައުމުތަކަށް އެހީވުމަށް،" މަބްރޫކް ވިދާޅުވި އެވެ.

ބަންގްލަދޭޝަށް ވެކްސިން ހަދިޔާ ކުރުމަށް އިއްޔެ ސޮއި ކޮށްފައި ވަނީ 201،600 ޑޯޒެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން ކަމަށް އެ ގައުމުގެ ހައިކޮމިޝަނުން ބުންޏެވެ.

ރާއްޖެއިން ހަދިޔާކުރި ވެކްސިން މާދަމާގެ ވަގުތެއްގައި ދަކާސްތާ ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް ފޯރާނެ ކަމަށް ބަންގްލާދޭޝް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން މިހާރު ވަނީ ދީފަ އެވެ. މިހާތަނަށް 392،773 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 343،149 މީހަކު ވަނީ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ހައި ރިސްކް މީހުންނަށް މިހާރު އަންނަނީ ބޫސްޓާ ޑޯޒް ވެސް ޖަހައިދެމުންނެވެ.