1 އޮކްޓޯބަރު 2021 - 09:36 0
1 އޮކްޓޯބަރު 2021 - 09:36 0
ބާސެލޯނާ (އޮކްޓޫބަރު 1) - ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން މި ވަގުތު ލިބޭ ފުރުސަތެއްގެ ބޭނުން އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ނުހިފާނެ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.
ސުއަރޭޒް ވަނީ ޒަވީއާ އެކު ބާސެލޯނާ އަށް ކުރިން ކުޅެފަ އެވެ.
ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ބާސެލޯނާގެ ކޯޗަކަށް ހުރި ރޮނާލްޑް ކޫމަން އަށް ވަޒީފާ ގެއްލުމުގެ ބިރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ދެން ބާސެލޯނާއާ ހަވާލުވާނެ ކޯޗެއްގެ ވާހަކަ ވެސް އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒާއި ޒަވީގެ ނަމަކީ އެންމެ ގަދަޔަށް ބާސެލޯނާއާ ގުޅުވައިގެން ދެކެވޭ ވާހަކަ އެވެ.
"ކުޅުންތެރިއެއްގެ ގޮތުގައި ޒަވީ ބާސެލޯނާ އަށް އަގުނުކުރެވޭހާ ގިނަ ކަންތައްތަކެއް ކޮށްދީފި. ކޯޗެއްގެ ގޮތުގައި ވެސް ޒަވީ އަންނަނީ (ގަތަރުގެ އަލް ސާދުގައި) ރަނގަޅު މަސައްކަތްތަކެއް ކުރަމުން. އެކަމަކު، މި ވަގުތު ބާސެލޯނާ އެ އޮތް ހާލަތަށް އަލިމަގެއް ފެންނާނެ ކަމުގެ އުއްމީދެއް ނެތި. ޒަވީ އެ ޓީމަށް ދާނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން،" ސުއަރޭޒް ބުންޏެވެ.
ޒަވީ ބާސެލޯނާގެ އެކަޑަމީއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 11 އަހަރުގަ އެވެ. ބާސެލޯނާގެ ސީނިއާ ޓީމުން 1998 ވަނަ އަހަރު ޖާގަ ހޯދުމަށް ފަހު ޒަވީ ވަނީ 2015 ވަނަ އަހަރާ ހަމައަށް އެޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ޒަވީ ކުޅުން ހުއްޓާލުމަށް ފަހު 2019 ވަނަ އަހަރު މެއި މަހު އަލް ސާދުގެ ކޯޗުކަމާ ހަވާލުވެ އޭނާ އަންނަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އަލް ސާދުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޒަވީ ވަނީ އެ ޓީމަށް ކުޅެފަ އެވެ.
ޒަވީ ވަނީ އަލް ސާދާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2023 އަށް އާ ކޮށްފަ އެވެ. ޒަވީގެ ކޯޗުކަމުގައި އަލް ސާދުން ވަނީ ގަތަރުގެ ސްޓާސް ލީގު ޗެމްޕިއަންކަން މެޗަކުން ބަލިނުވެ ހޯދައިފަ އެވެ.
ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަލް ސާދާއެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓްގައި ޒަވީ ބޭނުންނަމަ ސީޒަނެއް ނިމުމަށް ފަހު އެކަށީގެންވާ ވަގުތު ދީފައި އޭނާ އިހުތިޔާރުކުރާ ކްލަބަކަށް ދެވިދާނެ އެވެ. އެކަމަކު، ސީޒަނެއްގެ މެދުތެރެއިން ދާނަމަ އަލް ސާދަށް ޓްރާންސްފާ ފީއެއް ދައްކަން ޖެހޭނެ އެވެ.
Comment