29 ސެޕްޓެންބަރު 2021 - 05:45 3
އަހުމަދުﷲ އަބްދުލްހާދީ
29 ސެޕްޓެންބަރު 2021 - 05:45 3
ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓް މިދުއަމް ސައުދު އިއްޔެ ޓްވިޓާއަށް ދޫކޮށްލި ވީޑިއޯކޮޅުގައި ފެންނަ މަންޒަރުން އެތައް ބަޔަކު މާޔޫސްކޮށްލި އެވެ. އެ ވީޑިއޯގައި ފެންނަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓާ ދިމާލަށް އަންހެނަކު، ކުޑަކުއްޖަކު އޭނާގެ ކޮނޑުގައި އުފުލާލައިގެންދާ މަންޒަރެވެ. ބެލެވެނީ ދަރިފުޅު ސްކޫލް ނިންމާފައި ގެޔަށް ގެންދަނީ ކަމަށެވެ. އަތުގައި ކޮތަޅުތަކެއް ހުއްޓެވެ. ފުރަތަމަ ފިޔަވަހިން، ދެ ވަނަ ފިޔަވައްސަށް ގޮސް ފްލެޓާ ދިމާލަށް ދެވޭނީ ދިގު ރާސްތާއެއް ހުރަސްކުރުމަށް ފަހު އެވެ.
މިއީ އެއް ބަޔަކު ބުނާ ގޮތުގައި މިދުވަސްކޮޅު، ކޮންމެ ދުވަހެއްގެ ވެސް ހާލަތެވެ. ހިޔާ ފްލެޓަށް މިހާރު ވެސް އެއްބަޔަކު ދިރިއުޅުން ބަދަލުކޮށްފައިވާއިރު އަދިވެސް އެ ސަރަހައްދުގައި ބަހުގެ ހިދުމަތެއް ނެތެވެ. މާލޭން، ފުރަތަމަ ފިޔަވައްސަށް އައުމަށް ފަހު، އަމިއްލަ ވެހިކަލެއް ނެތް މީހެއް ޖެހޭނީ ހިނގާފައި ދާށެވެ. ނުވަތަ މިދުވަސްކޮޅު ރަނުން އަގު ކިޔާ، ޓެކްސީއެއްގައި ދާށެވެ. ދެ ވަނަ ފިޔަވަހީގައި ފްލެޓްތަކަށް ދާ މަގުގައި ޕޭމަންޓް ވެސް ސާފުކޮށްފައިނުވާތީ، ހިނގަން ޖެހެނީ ތާރުއެޅި "ހައިވޭ" އިންނެވެ. ވުސް ކިޔާފައި ދުއްވާފައިދާ ސައިކަލްތަކާއި ކާރުތަކުން ނިވަލެއް ނެތެވެ. ރޭގަނޑު އެ ސަރަހައްދު އެހާމެ އަނދިރި އެވެ.
"ނިކަމެތިން ތަކެއް ފްލެޓަށް ވެއްދިއިރު ބަސް ސްޓޭޝަނެއްވެސް ހަމަ ނެހެދުނެވެ. 3 އަހަރު ތެރޭގައި ބަސްޓޭޝަން ނެހެދުނީ ކީއްވެބާ؟ ޒިންމާ ނަގަނީ ކާކުބާ؟،" މިދުއަމް އެ ވީޑިއޯކޮޅު ޕޯސްޓްކޮށް ސުވާލެއް އުފެއްދި އެވެ.
އެއާ އެކު މިދުއަމް އަށް މައިގަނޑު ގޮތެއްގައި އަމާޒުވީ ސިޔާސީ ތީރުތަކެވެ. އެއް ބަޔަކު އެކަން ޖެހީ ކުރީ ސަރުކާރު ބޮލަށެވެ. ފްލެޓް ތަރައްގީކުރިއިރު ވަސީލަތް ތަރައްގީކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެ އެވެ. އަނެއް ބަޔަކު މިދުއަމްއާ އެއްބަސްވި އެވެ. ރާއްޖޭގެ ކުޑައަތޮޅެއްގެ އާބާދީއާ އެއްވަރުގެ ބޮޑު އާބާދީއެއް ހިޖުރަކުރަން ތައްޔާރުވެފައިވާ އެ ސަރަހައްދުގައި އަދިވެސް އެކަށީގެންވާ ވަސީލަތްތަކެއް ނެތަތީވެ އެވެ.
މިކަމާ ބެހޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮފިޝަލަކު ބުނީ ދެވަނަ ފިޔަވަހި ސަރަހައްދުގައި ވަގުތީ ގޮތުން ބަހުގެ ހިދުމަތް ފަށައިދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގައި އެދިފައިވާނޭ ކަމަށެވެ.
"ހިޔާ ފްލެޓްތައް ސަރަހައްދުގައި ދަތުރުފަތުރުގެ މައްސަލަ ފާހަގަކުރެވިފައިވަނީ،" އޭނާ ވިދާޅުވި އެވެ.
"ހިޔާ ފްލެޓް ކައިރީގައި ހުރި ދެ ބަސް ސްޓޭޝަން ވެސް ހުރީ ނިމުމަކާ ގާތްވެފައި. އަޅުގަނޑުމެން އެހެންވެ އެދިފައި އޮންނާނެ ބަހުގެ ހިދުމަތް އެތަނުގައި ދޭން އިހަށް ވަގުތީކޮށް."
މިކަމުގައި އެމްޓީސީސީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން މިހާރު ފަށާފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ކޮންމެ ދުވަހަކު ވެސް އަންނަނީ ފުނިޖެހެމުންނެވެ. އެގޮތުން ކުނި ނެގުމުގެ މައްސަލަ އާއި ވިއްސާރައިގައި ފްލެޓްތަކުގެ ތެރެއަށް ފެން ވަނުމުގެ މައްސަލަ އާއި އެ ސަރަހައްދުގައި މިސްކިތް، ފިހާރަ އަދި އެ ނޫން ވެސް ޒަރޫރީ ހިދުމަތްދޭ ތަންތަން ނެތުމުގެ ޝަކުވާތައް އޭގެ ތެރޭގައި ހިމެނެ އެވެ.
25.00%
0.00%
75.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބެއްޔާބެ
over 3 years ago
ސުހައިލް އިސްތިއުފާ ދޭންޖެހޭ. ނޫނީ ވަކިކުރަންޖެހޭ
ފާތުމަ
over 3 years ago
ބަލަ އަހަރުމެންވެސް އުޅުނުހާލޭތީ ހުޅުމާލެއަށް ބަދަލުވެފަ . ހުރިހާކަމެއް ފުރިހަމައެއްނުވާނެ ބަދަލުވާއިރު އިގެންޖެހޭނެ އެކަން. އިގިގެން ދާންޖެހޭނީ ، ދެންކޮން ހައްގެކޭތަ ތިކިޔަނީ
މާޒިން
over 3 years ago
ބަސް ޓޮޕް ތަކާ އެއްޗެހިތައް ހަދާފަ ދިޔަގޮތަށް ބުނާނަމަ ދޯ.
Comment