Advertisement

ދެ ބައްރުގެ ޗެމްޕިއަން: އިޓަލީ އާއި އާޖެންޓީނާ މެޗު އަންނަ އަހަރު

29 ސެޕްޓެންބަރު 2021 - 08:15 0


ދެ ބައްރުގެ ޗެމްޕިއަން: އިޓަލީ އާއި އާޖެންޓީނާ މެޗު އަންނަ އަހަރު

29 ސެޕްޓެންބަރު 2021 - 08:15 0

ލުޒޭން، ސްވިޒަލެންޑް (ސެޕްޓެމްބަރު 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނާއި ކޮޕަ އެމެރިކާގެ ޗެމްޕިއަނުން ވާދަކުރާ މެޗު އަންނަ އަހަރުގެ ޖޫން މަހު ކުޅެން ދެ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާ އާއި ކޮންމެބޯލް އިން ނިންމައިފި އެވެ.

ކޮޕަ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރޯގެ ޗެމްޕިއަން އިޓަލީ ބައްދަލުކުރާ މެޗު އަންނަ އަހަރުގެ ޖޫން މަހުގައި ކުޅެން ނިންމިއިރު، މެޗު ކުޅޭނެ ސްޓޭޑިއަމަކާއި ތާރީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މެޗު ކުޅެން ޔޫރަޕްގެ ހުށަހެޅުމަކީ ނަޕޯލީގެ ސްޓޭޑިއަމްގަ އެވެ. އެއީ މިދިޔަ އަހަރު މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި އެ މެޗު ކުޅޭށެވެ.

މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ޔޫރޯ އާއި ކޮޕަ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ކަޕް މެޗު ކުޅެފަ އެވެ. އެއީ 1985 އާއި 1993 ވަނަ އަހަރު އެވެ. ކާރު އެކްސިޑެންޓެއްގައި މަރުވި ޔުއެފާގެ ކުރީގެ ރައީސް އިޓަލީގެ އާޓެމިއޯ ފްރާންޗީގެ ނަމުން ނަން ދީގެން އޭރު ކުޅުނު މި މެޗުގައި ފުރަތަމަ ފަހަރަށް 1983 ގައި ވާދަކުރީ އުރުގުއޭ އާއި ފްރާންސް އެވެ. އެ މެޗުން ފްރާންސް މޮޅުވިއިރު، ދެ ވަނަ ފަހަރަށް 1993 ވަނަ އަހަރު ކުޅުނު މެޗުގައި އާޖެންޓީނާ ވަނީ ޑެންމާކް ބަލިކޮށްފަ އެވެ.

ބޮޑުު މެދުކެނޑުމަކަށް ފަހު ޔުއެފާ އާއި ކޮންމެބޯލްގެ ޗެމްޕިއަނުންގެ މެޗު އިއުލާނު މި ކުރީ ދެ ބައްރުގެ މެދުގައި ރޭވިފައި އޮތް އެކްސްޗޭންޖް ޕްރޮގްރާމްތަކެއްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގެ ތެރެއިން ޔޫރޯގައި ދެކުނު އެމެރިކާގެ ރެފްރީންގެ ޓީމެއް އަދި ކޮޕަ އެމެރިކާގައި ޔޫރަޕްގެ ރެފްރީންގެ ޓީމެއް ވަނީ ފުރަތަމަ ފަހަރަށް މި އަހަރު އިންސާފުކޮށްފަ އެވެ. މީގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް އޮތީ ރޭވިފަ އެެވެ.

ޔުއެފާ އާއި ކޮންމެބޯލް އިން މި މެޗު އިއުލާނުކޮށްފައި މި ވަނީ އެ ބައްރު ގުޅިގެން ފީފާއާ ދެކޮޅަށް އެހެން މަސައްކަތެއް ވެސް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ފީފާގެ ތާއީދު ލިބިގެން ގިނަ ގައުމުތަކަކުން ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވާ ގޮތަށް ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ރުހުން ހޯދަން އަންނަނީ ކެމްޕެއިން ކުރަމުންނެވެ.

އެ ޕްރޮޕޯސަލާ އެންމެ ދެކޮޅީ ޔުއެފާ އާއި ކޮންމެބޯލް އެވެ. އެ ދެ ފެޑެރޭޝަނުން ބުނާގޮތުގައި ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވައިފިނަމަ އެއީ ކްލަބް ފުޓްބޯޅަ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.