Advertisement

އޮޅުވާލައިގެން ހޯދި އިންކަމް ސަޕޯޓް އެލަވަންސްގެ އަދަދު 5 މިލިއަން ރުފިޔާއަށް

29 ސެޕްޓެންބަރު 2021 - 08:20 0

އަމަން ހަލީމް

އަމަން ހަލީމް

ލޯކަލް މާރުކޭޓުގައި ދެ މީހަކު ފައިސާ ބަދަލުކުރަނީ: އޮޅުވާލައިގެން ހޯދި ފައިސާގެ ތެރެއިން މިހާތަނަށް ހޯދުނީ އެންމެ ހަތަރު ޕަސެންޓު. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އޮޅުވާލައިގެން ހޯދި އިންކަމް ސަޕޯޓް އެލަވަންސްގެ އަދަދު 5 މިލިއަން ރުފިޔާއަށް

29 ސެޕްޓެންބަރު 2021 - 08:20 0

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށާއި އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމަށް ދޮގު މައުލޫމާތު ހުށަހަޅައިގެން ހޯދި ފައިސާގެ އަދަދު ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާއަށް އަރާކަމަށް އޮޑިޓު ރިޕޯޓަކުން ދައްކައިފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި "ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް އެލަވަންސް ޕްރޮޖެކްޓް" އޮޑިޓް ރިޕޯޓުގައި ބުނީ، އެ އޮފީހުން ހެދި އޮޑިޓު ދައްކާ ގޮތުގައި އޮޅުވާލައިގެން 4،974،477ރ. ހޯދާފައިވާ ކަމަށެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ހިންގި އެ ޕްރޮގްރާމުގެ އޮޑިޓުގެ މުއްދަތާ ހަމައަށް އެ ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ 213،884ރ. އެވެ. އެއީ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް ހަތަރު ޕަސެންޓެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާތައް ގެއްލުމާއި އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ސަރުކާރުން މާލީ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ފެށި މި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، 421 މިލިއަން ރުފިޔާއަށް ދޫކޮށްފައި ވެ އެވެ.

މީގެ ކުރިން އޮޑިޓް އޮފީހުން ހެދި އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ޕާފޯމަންސް އޮޑިޓުގައި، އޮޅުވާލައިގެން ހޯދި ކަމަށް ފާހަގަކުރެވުނީ ހަތަރު ލައްކައެއްހާ ރުފިޔާ އެވެ. ނަމަވެސް އެ ފަހަރު އޮޑިޓާ ޖެނެރަލް އޮފީހުން އެ އަދަދު ބިނާކުރީ، އެހާތަނަށް އިކޮނޮމިކް މިނިސްޓްރީން ހެދި ރިވިއުއަކުން ފާހަގަކުރެވުނު އަދަދުތަކަށެވެ.

އޮޅުވާލައިގެން ހޯދި ފައިސާގެ މައްސަލައިގައި އެފަހަރުވެސް އޮޑިޓް އޮފީހުން ވަނީ، އެ ފައިސާ ހޯދުން އަވަސް ކުރަން އިކޮނޮމިކް މިނިސްޓްރީއަށް އަންގާފަ އެވެ.

އެ އެންގުމާ ގުޅިގެން މިނިސްޓްރީން އޭރު ބުނީ އެ ފައިސާ ހޯދަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން އޮޅުވާލި ކަމަށް ފާހަގަކުރެވުނު މީހުންނަށް، އެ ފައިސާ އަނބުރާ ރައްދުކޮށްދޭން އަންގާ، އެއްބާރުލުން ނުލިބޭ މީހުންނަށް ދައުވާ ކުރާނެ ކަމަށް ބުންޏެވެ.

މިހާތަނަށް އެއްވެސް އިދާރާއަކުން މި އޮޅުވާލުންތަކުގައި ޝާމިލުވީ މީހުންގެ ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.

ކުރިން އިކޮނޮމިކް މިނިސްޓްރީން އާންމުކުރި އަންދާޒާގައި ބުނީ އެޕްރޫވް ކުރި 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަނުގެ ތެރެއިން 217 އެޕްލިކޭޝަނެއްގައި ނުބައި މައުލޫމާތު ހުރިކަމަށް ފާހަގަކުރެވުނު ކަމަށެވެ.

އެކަމަކު މިހާރު ބުނާ އަދަދަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާނަމަ، މި އަދަދު މާ ބޮޑަށް ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.