Advertisement

19 އަހަރުގެ ލޭލާ: ފެޑެރާ އާއި ނަޑާލްގެ ރޫހު ނެރުމުގެ އަމާޒުގައި

28 ސެޕްޓެންބަރު 2021 - 13:13 0

ޔޫއެސް އޯޕަން މެޗެއްގެ ތެރެއިން ލޭލާ.


19 އަހަރުގެ ލޭލާ: ފެޑެރާ އާއި ނަޑާލްގެ ރޫހު ނެރުމުގެ އަމާޒުގައި

28 ސެޕްޓެންބަރު 2021 - 13:13 0

މި ފަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ހާއްސަވާ ސަބަބަކީ މުބާރާތުގެ އަންހެން ސިންގަލް ފައިނަލުގައި ކުޅުނީ އުމުރުން 20 އަހަރުން ދަށުގެ ދެ ކުޅުންތެރިންނަށް ވުމެވެ. މިއީ އަންހެން ޓެނިހަށް އުއްމީދީ މުބާރާތެއްގެ ގޮތުގައި ޓެނިހުގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ފައިނަލުގައި އުމުރުން 18 އަހަރުގެ އިނގިރޭސި ޓެނިސް ކުޅުންތެރިޔާ އެމާ ރަޑުކާނޫ ވަނީ ކެނަޑާގެ ލޭލާ ފެނާންޑޭޒް ގެ މައްޗަށް ކުރިހޯދައިފަ އެވެ. ފައިނަލުން ބަލިވި ނަމަވެސް ލޭލާ ހުރީ ޓެނިސް ކޯޓުގެ ދެ ލެޖެންޑުން ކަމަށްވާ ރަފައެލް ނަޑާލާއި ރޮޖާ ފެޑެރާގެ ކެރިއަރުން ހިތްވަރު ހޯދައި އެ ރޫހާ އެކު ކުރިއަށް ދިއުމުގެ އަމާޒުގަ އެވެ.

ޔޫއެސް އޯޕަންގެ ފައިނަލުން ބަލިވި ނަމަވެސް މުޅި މުބާރާތުގައި ލޭލާ އަށް ލިބުނު ސަޕޯޓަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ. ޗެމްޕިއަންކަން ހޯދި އެމާ ފައިނަލަށް ފަހު ދިން އިންޓަވިއުގައި ވެސް ވަނީ ލޭލާ ދެއްކި ހިތްވަރަށް ތައުރީފުކޮށްފަ އެވެ.

ލޭލާ ބުނީ އޭނާ އަށް ޓެނިހުގައި ސަޕޯޓަރުންގެ މުހިއްމުކަން އިހުސާސް ކުރެވުނީ ކުޑައިރުގައި ނަޑާލާއި ފެޑެރާގެ މެޗުތައް ބަލައިގެން ކަމަށެވެ.

"އަހަރެން ކުޑައިރުގައި ނަޑާލާއި ފެޑެރާގެ މެޗުތައް ވަރަށް ގިނައިން ޓީވީން ބެލިން. އެ ކުޅުންތެރިން ދަނޑުމަތީގައި ދެއްކި ރޫހު ފެނިފައި ސަޕޯޓަރުން ކެކިއަރައިގެން ދާތަން ފެނުމުން އަހަރެން ވަރަށް ގަޔާވި ކަންތައްތަކެއް ފެނުނީ،" ކެނަޑާ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ލޭލާ ބުންޏެވެ.

"އެ ކަހަލަ ޓެނިސް ހަނދާންތަކެއް އަހަރެން ވެސް ރައްކާކުރަން ބޭނުން. އެ ކަހަލަ ކަންކަން އަހަރެން ވެސް ތަޖުރިބާކުރަން ބޭނުން. ނަޑާލާއި ފެޑެރާގެ ކެރިއަރުގެ އެ ރޫހު އަހަރެން ގެންނަން ބޭނުން. އަހަރެންގެ ޓެނިސް މެޗުތައް ފެނިފައި ސަޕޯޓަރުން ހިތްހަމަ ޖައްސައިދޭން ވަރަށް ބޭނުން،"

ޔޫއެސް އޯޕަން މެޗެއްގެ ތެރެއިން ލޭލާ.


ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ނުކުތްއިރު ލޭލާ އޮތީ ދުނިޔޭގެ 73 ވަނައިގަ އެވެ. މިހާރު އޭނާ ރޭންކް ކުރެވިފައިވަނީ 28 ވަނަ އަށެވެ.

މީގެ ދެ އަހަރު ކުރިން ޕްރޮފެޝަނަލް ޓެނިހަށް ނުކުތްއިރު، ލޭލާގެ އުމުރަކީ 17 އަހަރެވެ. އޭނާ ފުރަތަމަ ވާދަކުރި ގްރޭންޑް ސްލޭމް މުބާރާތަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތެވެ. އެ މުބާރާތުގެ ކޮލިފައިން ބުރު ފަހަނައަޅައި ގޮސް ފުރަތަމަ ބުރުގައި ވީ ބައްޔެވެ. އެ ތަޖުރިބާ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށް ވަރުގަދަ އަށް ކުރިއަށްދާން ލޭލާ އަމާޒުކަނޑައެޅި އެވެ. އެކަމަކު، އެހާ ހަލުވި ދުވެއްޔެއްގައި ބައެއް ކަންކަން ކުރިއަށް ނުދިޔަ އެވެ.

ލޭލާ މި އަހަރު ފެށީ ފުރަތަމަ ވާދަކުރި ހަތަރު މުބާރާތުގައި ވެސް ޖެހިޖެހިގެން ދެ މޮޅު ނުލިބި އެވެ. ހުރިހާ ކަމެއް ބަދަލުވީ މި އަހަރު މާޗް މަހު ބޭއްވި މޮންޓަރޭ އޯޕަންގަ އެވެ. ހުރިހާ މެޗަކުން މޮޅުވެ، މުބާރާތުގެ ތަށި އުފުލާލިއިރު، ލޭލާ އަކީ މުބާރާތުގެ މެއިން ޑްރޯގައި ވާދަކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ. އޭނާ މޮންޓަރޭގެ ތަށި އުފުލާލީ އުމުރުން 18 އަހަރުގަ އެވެ. އެއީ މުޅި މުބާރާތުގައި ސެޓެއް ވެސް ނުގެއްލި އެވެ.

ޔޫއެސް އޯޕަންގައި ލޭލާގެ ނަން ގިނަ ބަޔަކަށް ފާހަގަވީ ޖަޕާނުގެ ނައޯމީ އޮސާކާ ކަޓުވާލި ހިސާބުންނެވެ. ކުރިން ދުނިޔޭގެ އެއް ވަނައިގައި އޮތް ނައޯމީ އަތުން ލޭލާ ތިން ސެޓުން މޮޅުވިއިރު، ތަފާތު ރޫހެއް ކޯޓު މަތީގައި ދެއްކި އެވެ.

ނަވާރަ ވަނަ އުފަން ދުވަސް ފާހަގަކުރިތާ އެއް ދުވަސް ފަހުން ޔޫއެސް އޯޕަން ސެމީ ފައިނަލަށް ލޭލާ ދަތުރުކުރިއިރު، ސެމީގައި ވަނީ ބެލަރޫސްގެ އެއް ވަނަ ކުޅުންތެރިޔާ އަރީނާ ސަބަލެންކާ ބަލިކޮށްފަ އެވެ.

ކެރިއަރުގައި މިހާތަނަށް ލިބުނު ތަޖުރިބާތަކުގެ އެހީގައި ލޭލާ އަމާޒުހިފައިގެން ހުރީ ވަރަށް އަވަހަށް ގްރޭންޑް ސްލޭމް ތަށްޓެއް ހޯދުމަށެވެ. އޭނާ އަށް ދެން ވާދަކުރެވޭނެ ގްރޭންޑް ސްލޭމް މުބާރާތަކީ އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ.