Advertisement

ނިޔުކްލިއާ މަޝްވަރާ ވަރަށް އަވަހަށް އަލުން ފަށާނެ: އިރާން

26 ސެޕްޓެންބަރު 2021 - 15:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އދ. ގެ އާއްމު މަޖިލީހުގައި އިރާނުގެ ރައީސް އިބްރާހިމް ރައިސީ ވާޗުއަލްކޮށް ތަގުރީރު ކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ


ނިޔުކްލިއާ މަޝްވަރާ ވަރަށް އަވަހަށް އަލުން ފަށާނެ: އިރާން

26 ސެޕްޓެންބަރު 2021 - 15:21 0

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާތައް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ ބައެއް ހަރަކާތްތައް މަޑު ޖައްސާލުމުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދޭން އެއްބަސްވީ 2015 ވަނަ އަހަރު އެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ގައި އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލެއްވުމާއެކު އިރާނުން ވެސް ނިޔުކްލިއާ މަސައްކަތް އަލުން ފެށި އެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ބޭނުންވެވަޑައިގަންނަވަނީ އެއްބަސްވުން އަލުން ތަންފީޒު ކުރުމަށެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތައް ވަކި ހިސާބަކުން ވަނީ ހުއްޓިފަ އެވެ.

"ކުރިން ބޭއްވި ބައްދަލުވުންތަކާ ގުޅޭ ކަރުދާސްތައް ބަލަމުން މި ދަނީ. މަޝްވަރާތައް ވަރަށް އަވަހަށް އަލުން ފަށާނެ،" އިރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އާމިރު ނިއު ޔޯކުގައި ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ލަފާކުރަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވޭނެ ކަމަށް،" އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ދެއްވި ޕްރެސް ކޮންފެރެންސްގައި އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އިރާނުގެ "މެސެޖު" އަޑު އިވިއްޖެ ކަމަށާއި "ވަރަށް އަވަހަކީ" ކޮން އިރެއްކަން މިހާތަނަށް އިރާނުން ސާފުކޮށްދީފައި ނުވާ ކަމަށެވެ.

މަޝްވަރާގެ ފުރުސަތު އަބަދަކު ނޯންނާނެ

ނިޔުކްލިއާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ މަޝްވަރާ އިތުރަށް ކުރިއަށް ގެންދަން ބޭނުންވާކަމުގެ އެއްވެސް ނިޝާނެއް އިރާނުން ނުފެންނަ ކަމަށް އެމެރިކާއިން ބުނީ މިދިޔަ ހަފުތާގަ އެވެ.

"މި ވަގުތު އެއްވެސް ނިޝާނެއް ނުފެނޭ. އެއްބަސްވުމަކަށް ނާދެވި ހުރި ކަންކަން ހައްލުކުރަން މި ވަގުތު އިރާނުން މަޝްވަރާ ކުރާކަށް ނޫޅޭ،" އެމެރިކާ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އިރާނާ ދެމެދު ސީދާ މުއާމަލާތެއް ނުކުރެވޭ. އެކަމަކު އިރާނުން އިތުރަށް މަޝްވަރާ ކުރަން ބޭނުންވާ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައެއް ނެތް،" އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ.

"އަދިވެސް މަޝްވަރާގެ ފުރުސަތު އެބަ އޮތް. އެކަމަކު އެއީ އަބަދު އޮންނާނެ ފުރުސަތެއް ނޫން."

އެމެރިކާ އާއި އިރާނާއެކު 2015 ވަނަ އަހަރު ހެދި ނިޔުކްލިއާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި އެހެން ގައުމުތަކަކީ ޗައިނާ، ރަޝިއާ، ޖަރުމަނު، ފްރާންސް އަދި އިނގިރޭސި ވިލާތެވެ.