Advertisement

ނިޔުކްލިއާ މަޝްވަރާ ކުރިއަށް ގެންދަން އިރާނުން ބޭނުމެއް ނުވޭ: އެމެރިކާ

24 ސެޕްޓެންބަރު 2021 - 05:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ނިޔުކްލިއާ ފެސިލިޓީއެއް.


ނިޔުކްލިއާ މަޝްވަރާ ކުރިއަށް ގެންދަން އިރާނުން ބޭނުމެއް ނުވޭ: އެމެރިކާ

24 ސެޕްޓެންބަރު 2021 - 05:47 0

އދ.، އެމެރިކާ (ސެޕްޓެމްބަރު 23) - ނިޔުކްލިއާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ މަޝްވަރާ އިތުރަށް ކުރިއަށް ގެންދަން ބޭނުންވާކަމުގެ އެއްވެސް ނިޝާނެއް އިރާނުން ނުފެންނަ ކަމަށް އެމެރިކާއިން ބުނެފި އެވެ.

"މި ވަގުތު އެއްވެސް ނިޝާނެއް ނުފެނޭ. އެއްބަސްވުމަކަށް ނާދެވި ހުރި ކަންކަން ހައްލުކުރަން މި ވަގުތު އިރާނުން މަޝްވަރާ ކުރާކަށް ނޫޅޭ،" އެމެރިކާ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަނީ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާއްމު މަޖިލީހުގެ ތެރެއިން އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ މަސައްކަތް ހަލުވިކުރެވޭތޯ އެވެ.

ހުޅަނގުގެ ގައުމުތަކުން 2015 ވަނަ އަހަރު އިރާނާއެކު އެއްބަސްވީ ނިޔުކްލިއާ މަޝްރޫއުގެ ބައެއް ހަރަކާތްތައް ހުއްޓާލުމުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ގައި އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލެއްވުމާއެކު އިރާނުން ވެސް ނިޔުކްލިއާ މަސައްކަތް އަލުން ފެށި އެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ބޭނުންވެވަޑައިގަންނަވަނީ އެއްބަސްވުން އަލުން ތަންފީޒު ކުރުމަށެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތައް ވަކި ހިސާބަކުން ވަނީ ހުއްޓިފަ އެވެ.

"އަޅުގަނޑުމެންނާ އިރާނާ ދެމެދު ސީދާ މުއާމަލާތެއް ނުކުރެވޭ. އެކަމަކު އިރާނުން އިތުރަށް މަޝްވަރާ ކުރަން ބޭނުންވާ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައެއް ނެތް،" އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ.

"އަދިވެސް މަޝްވަރާގެ ފުރުސަތު އެބަ އޮތް. އެކަމަކު އެއީ އަބަދު އޮންނާނެ ފުރުސަތެއް ނޫން."

އެމެރިކާ އާއި އިރާނާއެކު 2015 ވަނަ އަހަރު ހެދި ނިޔުކްލިއާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި އެހެން ގައުމުތަކަކީ ޗައިނާ، ރަޝިއާ، ޖަރުމަނު، ފްރާންސް އަދި އިނގިރޭސިވިލާތެވެ.

މި ހަފުތާގެ ކުރީކޮޅު އދ. ގެ އާއްމު މަޖިލީހުގެ ހައި ލެވެލް ބައްދަލުވުމެއްގައި ފްރާންސުން ވެސް ބުނީ އެއްބަސްވުމާ ގުޅޭ މަޝްވަރާ ކުރިއަށް ނުގޮސްގެން އުޅެނީ އިރާނުން ވަކި އެއްޗެއް ނާންގާތީ ކަމަށެވެ.