Advertisement

ދައުލަތުގެ ރައްދު ޔާމީނަށް: "ސިޔާސީ ފައިސާއެއް ފަރުދީ ގޮތުން ނުހޯދޭނެ"

23 ސެޕްޓެންބަރު 2021 - 13:30 0

ނާޒިމް ހަސަން

ނާޒިމް ހަސަން

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން: ޔާމީންގެ ނުކުތާތަކަށް ވަނީ ރައްދު ދެއްވާފައި


ދައުލަތުގެ ރައްދު ޔާމީނަށް: "ސިޔާސީ ފައިސާއެއް ފަރުދީ ގޮތުން ނުހޯދޭނެ"

23 ސެޕްޓެންބަރު 2021 - 13:30 0

ކުށެއް ކުރުމުގެ ނިޔަތެއް ނެތްކަން ސާބިތުކުރަން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ދައްކަވާ އެއް ވާހަަކައަކީ, އެމަނިކުފާނަށް އެސްއޯއެފްއިން ޖަމާވި ފައިސާއަކީ ސިޔާސީ ގޮތުން ލިބިފައިވާ ފައިސާގެ ތެރެއިން އަހުމަދު އަދީބަށް ދީފައިހުރި ފައިސާ ކަމެވެ. އެއީ, އެމްއެމްޕީއާރްސީގެ ފައިސާ ނޫން ކަމެވެ.

ނަމަވެސް, މިކަމަށް ދައުލަތުން ރައްދު ދޭން ދެއްކީ, ސިޔާސީ ގޮތުން ވިޔަސް ޔާމީން ފައިސާ ހޯދާފައިވާ ގޮތް ގޯސް ކަމުގެ ގާނޫނީ ނުކުތާތަކެވެެ. އެ ފައިސާގައި ޔާމީން އަތްލުމުން އެއީ ރިޝްވަތާއި ކޮރަޕްޝަންގެ ގޮތުގައި ވެސް މާނަ ކުރެވޭނެ ކަމެެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެފައިވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރްސީއަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރާ ގުޅިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ކަރަންޓު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެސްއޯއެފްއިން ޖަމާވި އެވެ. އެސްއޯއެފްއަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިކޮށްފައިވާ ކުންފުންޏެވެ.

އަދީބާ ގާތް ގުޅުމެއް އޮންނަ ބަޔަކު ހިންގާ އެ ކުންފުނީގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ, ޔާމީން އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި, އަދީބާއި ޔާމީންގެ ދެމެދު ރުޅިވެރިކަން އުފެދުނު ފަހުންނެވެ. އަދި, އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދަނިކޮށެވެ.

އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ވަތް އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ބުނެ އެވެ. އަދި, އެ ފައިސާގެ އަސްލު އޮޅުވާލައި, އޭގެން ޔާމީން މަންފާ ހޯދި ކަމަށް ވަނީ ބުނެފަ އެވެ.

އެއް މިލިއަން ޑޮލަރު, ޔާމީން ވަނީ އިސްލާމިކް ބޭންކްގައި އޮތް އެމަނިކުފާނުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފަ އެވެ. އެ ފައިސާއިން އެމަނިކުފާނަށް ދިޔައީ މަންފާ ލިބެމުންނެވެ. އަދި, އޭގެފަހުން އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ޔާމީން ހުޅުވައި, އެ އެކައުންޓަށް އެއް މިލިއަން ޑޮލަރުލި އެވެ. އެ އެއް މިލިއަން ޑޮލަރަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މެދުވެރި ކުރައްވައި ޔާމީން ހޯއްދެވި އެއް މިލިއަން ޑޮލަރެވެ.

ޔާމީން އެދޭ ގޮތަށް މާނަކޮށްފިނަމަ, ޓްރާންސްޕޭރެންޓް ނިޒާމް ފުނޑޭނެ

ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް ޔާމީންގެ ފަރާތުން ހުށަހެޅި 22 ނުކުތާއަށް މިއަދު ދައުލަތް ތަމްސީލުކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ރައްދުތައް ދީފަ އެވެ. އެގޮތުން, އެންމެ ހޫނުކޮށް ރައްދު ދީފައިވަނީ ޔާމީނަށް ލިބުނު ފައިސާއަކީ ސިޔާސީ ގޮތުން ލިބުނު އެއްޗެއް ކަމަށް ބުނެ ނަގާ ދިފާއުއަށެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި, ސިޔާސީ ހަރަކާތްތައް ހިންގޭނީ ސިޔާސީ ޕާޓީތަކަށެވެ. އެއީ ވަކި ފަރުދަކަށް ހިންގޭ ގޮތަށް ގާނޫނު ބައްޓަންވެފައި އޮންނަ ކަމެއް ނޫނެވެ. އަދި, ސިޔާސީ ގޮތުން ފައިސާ ހޯދުމާއި ލިބިގަތުމަށް ވެސް ގާނޫނުގައި ގޮތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން, ސިޔާސީ ހަރަކާތްތައް ހިންގުމަށް ޕާޓީއަށް ފައިސާ ހޯދާނެ ގޮތާއި ފައިސާ ބަލައިގަނެ, އިލެކްޝަން ކޮމިޝަނަށް އަންގާނެ ގޮތުގެ އިޖުރާއަތްތައް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވެ އެވެ. އަދި, އިންތިހާބާ ބެހޭ ގާނޫނުގައި, އިންތިހާބަކަށް ފައިސާ ހޯދޭނެ ގޮތާއި ހޯދޭނެ މިންވަރު ވެސް ކަނޑައަޅާފައިވާކަން ފާހަގަ ކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން: ޔާމީންގެ ނުކުތާތަކަށް ވަނީ ރައްދު ދެއްވާފައި


ހެޔޮ އެދޭ ފަރާތަކުން ނަން ހާމަނުކޮށް ހަދިޔާ ކުރާ ފައިސާއަކީ ވެސް އިލެކްޝަން ކޮމިޝަންގެ ހުއްދައެއް ނެތި ގަބޫލު ކުރެވޭނެ ފައިސާއެއް ނޫންކަން ނައުފަލް ފާހަގަ ކުރެއްވި އެވެ. އެހެންވެ, ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގަން ގާއިމްކޮށްފައިވަނީ ވަރަށް ޓްރާންސްޕޭރެންޓް ނިޒާމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއަށް ވަކި އުސޫލަކުން ފައިސާ ހޯދޭނެ ގޮތްތައް ގާނޫނުގައި ކަނޑައަޅާފައިވާއިރު, އޭގެ ބޭރުން ޕާޓީގެ މަގާމުތަކުގައި ތިބޭ މީހުންނަށް ސިޔާސީ ގޮތުން ފައިސާ ހޯދޭނެ މަގު ފަހިވެފައި އޮންނަނަމަ, ގާނޫނުގައިވާ އުސޫލުތައް އެހެން އޮތުމުގެ މަގުސަދު ގެއްލިގެންދާނެ ކަމަށް ނައުފަލް ވިދާޅުވި އެވެ.

ނަމަވެސް, ޔާމީންގެ ފަރާތުން އެދެނީ ގާނޫނު އެގޮތަށް މާނަކުރުމަށެވެ.

އެކަމަކު, ނައުފަލް ވިދާޅުވީ ނިޒާމް ފުނޑޭ ގޮތަށް ގާނޫނުތައް މާނަކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން, ޔާމީނަށް ލިބޭ ފައިސާއަކީ އެމަނިކުފާނުގެ މަގާމުގެ ގޮތުން ސިޔާސީ ގޮތުން ލިބޭ ފައިސާ ކަމާއި, އެއީ ގާނޫނުގައި މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް މާނަކޮށްގެން ނުވާނެ ކަމަށެވެ.

ސަބަބަކީ, ނައުފަލް ކުރިން ވެސް ފާހަގަ ކުރެއްވި ގޮތަށް ފަރުދީ ގޮތުން ސިޔާސީ ހަރަކާތް ހިންގުމުގެ ނިޒާމެއް ރާއްޖޭގައި ނެތީމަ އެވެ.

އޭގެއިތުރުން ޔާމީނާއި އަދީބު ވެސް އޭރު ތިއްބެވީ އިންތިހާބީ މަގާމެއްގައި ކަމުން އެ މަގާމުތަކުގައި ތިއްބަވައިގެން ވިޔަފާރި ކުރުމަކީ ވެސް މަނާ ކަމެއްކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އެހެންވެ, އެ ދެ ބޭފުޅުންގެ މެދުގައި ފައިސާ ބަދަލުކޮށް ގެންގުޅުމަކީ އޮތް ފުރުސަތެއް ނޫން ކަމަށެވެ.

އެސްއޯއެފްއަކީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ދިޔަ ކުންފުންޏެއް ކަމާއި ބޮޑެތި ވިޔަފާރިތަކެއް ކުރަމުން ދިޔަ ކުންފުންޏެއްކަން ޔާމީން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ އަޑުއެހުމެއްގައި ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ދައުލަތުގެ ކަންބޮޑުވުން މިއަދު ފާހަގަކުރި އެވެ.

ވަކީލް ނައުފަލް ވިދާޅުވި ގޮތުގައި, ސަރުކާރުގެ މަޝްރޫއުތަކެއް ހިންގާ ކުންފުންޏަކުން ފޮނުވާ ފައިސާ ރައީސް ކަމުގެ މަގާމުގައި ހުންނަވައި ބޭފުޅަކު ބަލައިގަތުމަކީ ގޯހެއް ކަމަށެވެ. އޭނާ ސިފަ ކުރެއްވީ އެއީ ރިޝްވަތު ނުވަތަ ކޮރަޕްޝަންގެ ގޮތުގަ އެވެ.

އެކަން ފާހަގަކުރުމުން ޔާމީންގެ ވަކީލުން އިއުތިރާޒު ވެސް ކުރެއްވި އެވެ. މަނީލޯންޑްރިން ނޫން އެހެން ކުށްތަކެއްގެ ތުހުމަތުތައް ޔާމީންގެ މައްޗަށް ދައުލަތުން ކުރަމުންދާ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ. އެ އިއުތިރާޒު ވަކީލުން ނެންގެވިއިރު, ޔާމީން އިންނެވީ ހިނިފުޅުވަޑުވައިގެންނެވެ.

ނަމަވެސް, ދައުލަތުގެ ވަކީލް ވިދާޅުވީ, އެ ވާހަކަތައް ދައްކަން މުހިންމު ކަމާއި, ޔާމީންގެ ފަރާތުން އެދޭ ގޮތަށް ގާނޫނު މާނަ ކުރެވެން ނެތްކަން ބަޔާންކުރަން ޖެހޭ ކަމަށެވެ.

ޔާމީން އަދި އެމަނިކުފާނުގެ ވަކީލުން


ކުށްކޮށްގެން ހޯދި ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ

މަނީލޯންޑްރިންގެ ކުށުން ސަލާމަތްވުމަށް ޔާމީން ނަންގަވައި އަނެއް ދިފާއުއަކީ ކުށްކޮށްގެން ހޯދި ފައިސާއެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވުމެވެ.

ނަމަވެސް, ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި މަނީލޯންޑްރިންގެ ކުށް ސާބިތުކުރުމަށް އެ ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާއެއްކަން ސާބިތުކޮށްދޭން ނުޖެހޭ ކަަމަށެވެ. އެއީ ކުށުގެ އުންސަރެއް ނޫން ކަމަށެވެ.

އޭގެބަދަލުގައި އެ ފައިސާއާމެދު ތުހުމަތެއް ނުވަތަ ޝައްކެއް އޮތުމުން ފުދޭ ކަމަށް ވިދާޅުވި އެވެ. މި މައްސަލާގައި އެސްއޯއެފްއިން ޖަމާކުރި ފައިސާއަކީ ތުހުމަތެއް އޮތް ފައިސާއެއްކަން ޔާމީނަށް ވެސް އެނގޭ ކަމާއި އެކަން ދައުލަތަށް ސާބިތު ވެސް ކޮށްދެވިފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މަނީލޯންޑްރިންގެ ތުހުމަތުކޮށް އެކަމާ ގުޅޭ ގޮތުން ޔާމީނާ ތަހުގީގުގައި ސުވާލުކޮށްފައި ނުވާ ކަމަށް ބުނާ ނުކުތާއަށް ވެސް ދައުލަތުން ރައްދު ދިނެވެ. ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވި ގޮތުގައި, މަނީލޯންޑްރިންގެ ތުހުމަތުކޮށް އެކަމުގެ ގާނޫނީ އިންޒާރުދިންކަން ތަހުގީގު އިންޓަވިއުތަކުން ވެސް އެނގެ އެވެ. އަދި, ތަހުގީގުގައި ޔާމީން ދެއްވާފައިވާ ޖަވާބުތަކުން އެކަން އެމަނިކުފާނަށް ވެސް އެނގޭ ކަމާއި ޖަވާބުދާރީވާން ފުރުސަތު ލިބުނު ކަން ވެސް އެނގޭ ކަމަށެވެ.

އައިޝަތު މުހައްމަދު ވިދާޅުވި ގޮތުގައި, ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރާއިރު ހުށަހަޅަން ޖެހެނީ ހައިކޯޓުގެ ނިންމުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ނުވަތަ ގަވައިދަކާ ހިލާފަށް އޮވެއްޖެނަމަ, އެކަމެއް ސާބިތުކުރުމަށެވެ. ނަމަވެސް, ޔާމީންގެ ފަރާތުން ހުށަހެޅި ގިނަ ނުކުތާތަކީ އެފަދަ ކަމެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެހެންވެ, އެ ނުކުތާތަކާ ގުޅޭ ގޮތުން ދައުލަތުން ދޭނެ ގާނޫނީ ރައްދުތަކެއް ނެތްކަން ވެސް ފާހަގަ ކުރެއްވި އެވެ. ބައެއް ނުކުތާތަކާ ގުޅޭ ގޮތުން ދައުލަތުން ރައްދުދީ, އެކަމަށް ޝަރީއަތުން ރިއާޔަތް ކުރަން ބޭނުން ނުވާކަން ވެސް ހާމަކުރެއްވި އެވެ.

ޔާމީންގެ ފަރާތުން ފާހަގަކުރި ޝަރީއަތް ހިންގުމުގައި އިޖުރާއަތާ ހިލާފުވެފައިވާ ކަމަށް ބުނާ ނުކުތާތަކަށް ރައްދު ދިނެވެ. އަދި, އެކަންކަން ހިނގާފައިވަނީ އެގޮތުގެ މަތިން ނޫންކަން ބަޔާންކޮށް ދިނުމާއެކު, އިޖުރާއަތާ އެއްގޮތަށް ކަމެއް ނުހިނގާ ކޮންމެ ފަހަރަކީ އޭގެ ޒާތުގައި އިންސާނީ ހައްގެއް ގެއްލިގެން ދާނެ ކަމެއް ނޫން ކަމަށް ވަކީލް ނައުފަލް ފާހަގަ ކުރެއްވި އެވެ.

އެފަދަ ހައްގެއް ގެއްލިގެން ގޮސްފައިވާނަމަ, ބަޔާން ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް, ޔާމީން އެކަން ފާހަގަ ކުރައްވާފައިނުވާ ކަމަށް ނައުފަލް ވިދާޅުވި އެވެ.

ދައުލަތުން ރައްދުދީ މިއަދު ނިންމާލާފައިވާއިރު, ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ރައްދަށް ޔާމީންގެ ފަރާތުން ޖަވާބުދާރީވުމާއި ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ (ރިޔާސަތު) އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.