Advertisement

ޖިންސީ ގޯނާގެ ތުހުމަތުވާ މީހުން ތިބެން ޖެހޭނީ އެކަހެރިކޮށްފައި: ހައިކޯޓު

23 ސެޕްޓެންބަރު 2021 - 13:25 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ހައިކޯޓު: ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން އެކަހެރިކުރަން ޖެހޭ ކަމަށް ބުނި - ފޮޓޯ: އަދަދު


ޖިންސީ ގޯނާގެ ތުހުމަތުވާ މީހުން ތިބެން ޖެހޭނީ އެކަހެރިކޮށްފައި: ހައިކޯޓު

23 ސެޕްޓެންބަރު 2021 - 13:25 0

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމަށް ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އެމީހުންގެ ނުރައްކާ މުޖުތަމައަށް ނުފޯރާ ގޮތަށް ބަންދުކޮށްފައި ތިބެން ޖެހޭ ބައެއް ކަމަށް ހައިކޯޓުން ބުނެފި އެވެ.

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު، މެޖިސްޓްރޭޓް ކޯޓަކުން ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރި އެވެ.

އެ ހައިކޯޓުން ބެލުމަށްފަހު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ ނިންމާފަ އެވެ.

އެ ހުކުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު އަމަލުކުރަން ޖެހޭ ހާއްސަ ގާނޫނުގެ މަގްސަދުތަކަށް ފާހަގަކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމި ސަބަބުތައް ބަޔާން ކުރައްވާފަ އެވެ.

އެގޮތުން, އެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުދިންނަށް ގޯނާކުރާ މީހުން ތަހްގީގުގެ މަރުހަލާގައާއި، ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބޭނެ ކަމަށް ހައިކޯޓުން ފާހަގަކުރެ އެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ފާރަވެރިވެ، އެމީހުން ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތަށް ކޮންޓްރޯލްކުރެވޭނެ ކަމަށް ވެސް އެ ކޯޓުން ހުކުމުގައި ބުންޏެވެ.

މި މައްސަލައަށް ރިޔާއަތްކޮށް މައްސަލަ ބެއްލެވި ފަނޑިޔާރުން އިތުރަށް ވިދާޅުވެފައި ވަނީ އެ އުސޫލުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި، އެކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަމާޒުވާ މީހާއަށް ގާނޫނުން ލިބިދޭ ބައެއް ހައްގުތައް ވެސް ވަކި މިންވަރަކަށް ހިފެހެއްޓިގެން ދާނެ ކަމަށެވެ.

ހައިކޯޓުން ބުނީ ޝަރީއަތުން ހުކުމެއްކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެކަމަށް ބަލައި، އަދި ހެކިފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބަލައި، ތަހްގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށެވެ.

އެފަދަ ކުށެއްގެ ތުހުމަތުވާ މީހެއް މުޖްތަމައުއަށް ދޫވުމަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކަމަށާއި އަދި އެފަދަ ނުރައްކާތެރި މީހެއް ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން ނުރައްކާތެރިކަން ނުފޯރުވޭނެ ފަދަ ތަނެއްގައި ކަމަށް ހައިކޯޓުން ބުންޏެވެ. އަދި, އެމީހާ އެކަހެރިކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ހައިކޯޓުގެ ހުކުމް


ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކަކީ ޖިނާއީ ބޮޑުކުށެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) އިން ކަނޑައަޅާފައިވެ އެވެ. މިފަދަ ކުށްތަކުގެ ސަބަބުން މުޖުތަމުއަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމަށް ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އެމީހުންގެ ނުރައްކާ މުޖުތަމައަށް ނުފޯރާގޮތަށް ބަންދުކޮށްފައި ބައިތިއްބަންޖެހޭ ބައެއްކަމުގައި އަހުރެން ގަބޫލުކުރަމެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތުގައި އިންނަވައިގެން ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ހަސަން ޝަފީއު އެވެ.