21 ސެޕްޓެންބަރު 2021 - 18:14 0
ޗެލްސީގެ ފުލްބެކް އަލޮންސޯ.-- ފޮޓޯ: އޭއެފްޕީ
21 ސެޕްޓެންބަރު 2021 - 18:14 0
ލަންޑަން (ސެޕްޓެމްބަރު 21) - ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކަކޫ މައްޗަށް ތިރިވުމުގެ ބަދަލުގައި ޗެލްސީގެ ފުލްބެކް މާކޯސް އަލޮންސޯ ތަފާތު ގޮތަކަށް ކަންތައް ކުރަން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ކުޅުންތެރިން އަންނަނީ މެޗުތައް ފެށުމުގެ ކުރިން ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކަކޫ މައްޗަށް ތިރިވެ އިށީނަމުންނެވެ. މިއީ މިދިޔަ އަހަރުގައި އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު މީހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލުމުން ކުޅިވަރު ތަރިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށާއި ކުޅިވަރު ތެރެއިން ނަސްލީ ތަފާތުކުުރުމަށް ޖާގަ ނުދޭނެކަން ދައްކައިދޭން ކުރަން ފެށި ކަމެކެވެ.
އަލޮންސޯ މިހާރު ނިންމާފައިވަނީ ކަކޫ މައްޗަށް ތިރިވެ، އިށީނުމުގެ ބަދަލުގައި ޕްރިމިއާ ލީގު ޓީމުތަކުގެ ޖޯޒީގެ އެއް ފަރާތުގައި "ނޯ ރޫމް ފޯ ރޭސިޒަމް" ޖަހާފައި ހަރުކޮށްފައި ހުންނަ ބެޖަށް އިޝާރާތް ކުރަން ނިންމައިފަ އެވެ.
"އަހަރެން މި ގޮތަށް އަމަލުކުރަން ނިންމީ ކަކޫ މައްޗަށް ތިރިވެ މި ގޮތަށް އަމަލު ކޮށްގެން ވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބި އިތުރު މައްސަލަތައް ފެންނަމުންދާތީ. އެހެން ގައުމުތަކުގައި އެކި ކުޅިވަރުތަކާއި ފުޓްބޯޅައިގައި ވެސް ކުރާ ކަމެއް އެއީ ރޭސިޒަމާ ދެކޮޅު މެސެޖާ ދެކޮޅަށް އިޝާރާތް ކުރުމަކީ. ދެން އަހަރެން ވެސް އަމަލުކުރާނީ އެ ގޮތަށް،" އަލޮންސޯ ބުންޏެވެ.
ކުރިން ބޯލްޓަން އާއި ސަންޑަލެންޑަށް ވެސް ކުޅުނު އަލޮންސޯ ބުނީ އޭނާ މި ގޮތަށް އަމަލުކުރަން ނިންމީ ތަފާތު މައްސަލައެއް މިކަމުގެ ތެރެއިން ކުރިމަތި ކުރުވަން ނޫން ކަމަށާއި މިއީ އަމިއްލަ ނިންމުމެއް ކަމަށެވެ.
އުމުރުން 30 އަހަރުގެ އަލޮންސޯ ބުނީ އޭނާ މި ގޮތަށް ކަންތައްތައް ކުރަން ފެށުމުން އެހެން ކުޅުންތެރިން ވެސް އެ ގޮތަށް އަމަލުކުރުމަކީ އެ ކުޅުންތެރިއެއްގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.
ކަކޫ މައްޗަށް ތިރިވެ އިށީނުން ހުއްޓާލި ޕްރިމިއާ ލީގުގެ ފުރަތަމަ ކުޅުންތެރިއަކީ ކްރިސްޓަލް ޕެލަސްގެ ވިންގް ވިލްފްރެޑް ޒަހާ އެވެ. ޕްރިމިއާ ލީގުގެ ގިނަ ކުޅުންތެރިންނަށް ނަސްލީ ތަފާތު ކުރުމުގެ ކަންކަން ތަކުރާރުކޮށް ކުރިމަތިވަމުން އަންނައިރު، މިދިޔަ ސީޒަނުގައި އެންމެ ގިނައިން އެ ފަދަ ކަންކަން ކުރިމަތިވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނެވެ.
Comment