20 ސެޕްޓެންބަރު 2021 - 09:28 1
އަހުމަދު ސާއިލް އަލީ
މުސާރަ ކުޑަވެގެން ސިވިލް ސާވެންޓެއް އިހުތިޖާޖު ކުރަނީ: ސަރުކާރުން ބުނަނީ އާ ފްރޭމް ވޯކަށް އަންނަ އަހަރު އަމަލު ކުރަން ފަށާނެ ކަމަށް--
20 ސެޕްޓެންބަރު 2021 - 09:28 1
ސިވިލް ސާވެންޓުންގެ މުސާރައިގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އެކުލަވާލަމުން އަންނަ މުސާރައާ ބެހޭ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލު ކުރަން ފެށޭނެ ކަމަށް، ނެޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސިވިލް ސާވެންޓުން އިއްޔެއިން ފެށިގެން ވަނީ މުސާރަ މައްސަލައިގައި އިހުތިޖާޖެއް ފަށައިފަ އެވެ. ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެ ހަރަކާތަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފަށާފައިވާ ހިމޭން އިހުތިޖާޖެކެވެ. ކަޅުހެދުމުގައި އިއްޔެ އޮފީސްތަކަށް ނުކުތްއިރު މިއަދު މަސައްކަތް ނުކުރަން އެ މުވައްޒަފުން ވަނީ ނިންމައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މީޑިއާތަކާ ހިއްސާކުރި ޕޭ ކޮމިޝަންގެ ބަޔާނެއްގައި ބުނެފައިވަނީ މުސާރައިގެ އާ އޮނިގަނޑާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ބުނެ އެވެ.
"މި އާ ޕޭ ފްރޭމްވޯކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި އިނާއަތްތައް ކަނޑައެޅިގެން ދާނެ. މި ޕޭ ފްރޭމްވޯކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށް ވެސް އެކަށޭނަ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅިގެން ދާނެ،" ބްރީފިންގައި ބުނެފައިވެ އެވެ.
އޭރަށް މުސާރަ ކަނޑައަޅާއިރު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އިލްމާއި ގާބިލްކަމާއި މަސައްކަތުގެ ބުރަކަމުގެ އިތުރުން މަސައްކަތު މާހައުލުގައި ކުރިމަތިލާން ޖެހޭނެ ބުރަތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.
މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރު އިއުލާން ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ. އޭރަށް ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.
އިހުތިޖާޖު ކުރަމުން އަންނަ ސިވިލް ސާވިސް މުވައްޒަފުން އަންނަނީ ގިނަ ކަންތައްތަކަކަށް ޑިމާންޑް ކުރަމުންނެވެ.
Comment