Advertisement

އަސަދުﷲގެ ދެކޭގޮތުގައި މި ފަހަރު ތަފާތަކަށްވާނީ ތަޖުރިބާ

17 ސެޕްޓެންބަރު 2021 - 11:13 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


އަސަދުﷲގެ ދެކޭގޮތުގައި މި ފަހަރު ތަފާތަކަށްވާނީ ތަޖުރިބާ

17 ސެޕްޓެންބަރު 2021 - 11:13 0

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. އެ ފަހަރު ޓީމުގައި ތިބި ތަޖުރިބާކާރު މަދު ކުޅުންތެރިންގެ ތެރޭގައި ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޮ) ހިމެނެ އެވެ. މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދާއިރު، ޔަގީނުން ވެސް މުބާރާތަށް ދާ ޓީމު ކުރިއަށް ވުރެ ތަޖުރިބާގެ ގޮތުން ރަނގަޅުވާނެ އެވެ. އަސަދުﷲގެ ނަޒަރުގައި އެ ތަފާތު ފެންނާނެ އެވެ.

ގަތަރުގައި މި ވަގުތު ގައުމީ ޓީމުން ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުން އަންނަނީ 29 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. މުބާރާތަށް ފައިނަލް ކުރާނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

ޓްރެއިނިން ކޭމްޕްގެ ތެރެއިން މީޑިއާ އަށް ދިން އިންޓަވިއުގައި އަސަދުﷲ ބުނީ ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ތަޖުރިބާ ހުރި ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ގުޅިގެން ކުރާ މަސައްކަތުގައި ޓީމު އެކުގައި ކުރިއަށް ދާން ކަންކަން ދަސްކުރަން ފަސޭހަވާނެ ކަމަށް އަސަދުﷲ ވަނީ ބުނެފަ އެވެ.

"މިދިޔަ ފަހަރާ ތަފާތުވާ ކަމަކީ. މިދިޔަ ފަހަރަށް ވުރެ އެކްސްޕީރިއަންސްގެ (ތަޖުރިބާގެ) ގޮތުން މާ ބޮޑަށް ވެސް ޓީމު ރަނގަޅަށް މި އޮތީ. ދެ ބައި އެއްކޮށް ބެލެންސް ކޮށްގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިއްޔާ ހަމަ. ކުރިން ފަހަރަށް ވުރެ ރަނގަޅުވާނެ،" އަސަދުﷲ, 30, ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން އަސަދުﷲ (ވ) އާއި އައިޝަމް (ކ).-- ފޮޓޯ: އަދަދު


އެންމެ ފަހުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާން ޖެހުނުއިރު، އަސަދުﷲ އައީ ބޮޑު އަނިޔާ އަކުން ރިކަވާވެގެން މެޗު ފިޓްނަސް ރަނގަޅުކޮށް ފޯމުގައި ކުޅެން މަސައްކަތް ކުރަމުންނެވެ. އެ ފަހަރު ވެސް މުބާރާތަށް ދިޔައީ ގަަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.

އަސަދުﷲ، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސެމީ ފައިނަލުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ނޭޕާލާ ދެކޮޅަށެެވެ. ރާއްޖެ އެ މެޗުން 3-0 އިން މޮޅުވިއިރު، ޕްރެޝަރު ވަގުުތުގައި ފަހު ދެ ގޯލު ޖެހީ އަސަދުﷲގެ މަސައްކަތާ އެކު އެވެ.

"ހަމަ ކުރިން އަހަރު 2018 އެކޭ އެއްގޮތަށް ހަމަ ވަގުތު ލިބިގެން ވަރަށް ރަނގަޅު ޓްރެއިނިން ކޭމްޕެއް މި ކުރިއަށްދަނީ. ހަމަ މުބާރާތް ރާވާލެވިފައި އިން ގޮތަށް ކޯޗިން ސްޓާފުން ހަމަ އެ އިންޓެންސިޓީ ހައިކޮށް ރިކަވަރީ އަށް ބެލެންސް ކޮށްގެން (ޓްރެއިނިން ކޭމްޕް މިދަނީ). ޖިމް ސެޝަންތައް ވެސް ވަރަށް ރަނގަޅަށް ވަގުތު ލިބިގެން މި ދަނީ،" އަސަދުﷲ ބުންޏެވެ.

އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލް ވެސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޓްރެއިނިން ކޭމްޕް ފުރިހަމަަ ކުރަނީ ގަތަރުގަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަަންޝިޕް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގަ އެވެ. އެންމެ ފުރަތަމަ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. މި ފަހަރުގެ މުބާރާތުގައި ބައިވެރިވަނީ ރާއްޖެ އާއި ނޭޕާލްގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. ބޫޓާނަށް ބައިވެރިނުވެވުނީ ދަތުރުކުރަން ހުއްދަ ނެތުމުންނެވެ. އަދި ޕާކިސްތާން ނުކުޅެނީ ފީފާ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.