9 އޮކްޓޯބަރު 2023 - 09:36 1
އައްޒާމް އަލިފުޅު
ޖޫން/ޖުލައި ގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
9 އޮކްޓޯބަރު 2023 - 09:36 1
ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބަންގްލަދޭޝް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޮޑު ބޯނަހެއް ދޭން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ނިންމައިފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ ދެ މެޗު އޮންނާނީ މި މަހު އެވެ. އެ ގޮތުން، އަންނަ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައި މާލޭގައި ފުރަތަމަ ލެގު ކުޅޭނެ އެވެ. ދެ ވަނަ ލެގު އޮންނާނީ މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގަ އެވެ.
މި މެޗުތަކަށް ބަންގްލަދޭޝް އިން ރަސްމީ ތައްޔާރީތައް ފެށުމުގެ ކުރިން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ކާޒީ ސަލާހުއްދީން ވަނީ ގައުމީ ސްކޮޑުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކާޒީ ވަނީ ރާއްޖެ އަތުން މޮޅުވެއްޖެނަމަ ބޯނަހެއް ދޭން ވައުދުވެވަޑައިގެންފަ އެވެ.
"ރާއްޖެ އަތުން ޕްލޭއޮފް މެޗުތަކުން މޮޅުވެއްޖެނަމަ މުޅި ޓީމަށް ބޮޑު ބޯނަހެއް ދޭނަން. މިއީ ކުރިން ދީފައި ނުވާ ވަރުގެ އަދަދެއް ދޭނެ ފަހަރެއް،" ހޮނިހިރު ދުވަހު ޓީމާ ބައްދަލުކުރިއިރު، ކާޒީ ވިދާޅުވި އެވެ.
ބަންގްލަދޭޝް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކޮންމެ ކުޅުންތެރިއެއް/އޮފިޝަލަކަށް ގާތްގަނޑަކަށް 1000-1500 ޑޮލަރުގެ ބޯނަހެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން 2021 ވަނަ އަހަރުގެ އޮކްޓޫބަރުގައި ޅ. ކުރެންދޫގައި ކުޅުނު އެކުވެރިކަމުގެ އަގުބޮޑު އެކްސިބިޝަން މެޗުން ލިބުނު ފައިސާ، އެފްއޭއެމް އިން ހުރިހާ ކުޅުންތެރިންނަށް ދީފައެއް ނުވެ އެވެ. މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އަގުބޮޑު އެކްސިބިޝަން މެޗުން ލިބުނު ފައިސާ އޭރު އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން ބައެއް ކަންކަމަށް ބޭނުންކުރި ކަމަށް ވިދާޅުވެފަ އެވެ.
ފަހަކަށް އައިސް ބަންގްލަދޭޝް އިން ވަނީ ރާއްޖެ އަތުން ބައެއް މެޗުތަކުގައި މޮޅުވެފަ އެވެ. އެ ގޮތުން، މިދިޔަ ޖޫން މަހު އިންޑިއާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އިން ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. އެއީ، 20 އަހަރު ތެރޭ ސިނިއާ ފުޓްބޯޅައިގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި ދެ ވަނަ ފަހަރެވެ. އޭގެ ކުރިން، 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވެސް ބަންގްލަދޭޝް އިން ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. އެ ފަހަރު އެ ޓީމު މޮޅުވީ 2-1 އިންނެވެ.
ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވާން ބަންގްލަދޭޝް އިން ވަނީ މިދިޔަ މަހުގެ ފީފާ ދުވަސްތަކުގެ ތެރޭގައި އަފްގާނިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ބޭނުންކުރެވޭނެ ބައެއް ކުޅުންތެރިން އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓަށް ވެސް ބަންގްލަދޭޝް އިން ފޮނުވި އެވެ. ރާއްޖޭން އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ނުކުޅެ އެވެ.
ބަންގްލަދޭޝް އިން ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ނުކުންނައިރު ކަންބޮޑުވުމެއް އެބައޮތެވެ. އެއީ މުހިންމު ތިން ކުޅުންތެރިއެއް އަހުލާގީ މައްސަލައެއްގައި ސަސްޕެންޝަނެއްގައި ތިބުމެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި މާލޭގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަނާ ދެކޮޅަށް ބަޝުންދުރާ ކިންގްސް ކުޅުނު މެޗަށް ފަހު އެނބުރި ބަންގްލަދޭޝަށް ދިޔައިރު، އެ ގައުމަށް ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ސަސްޕެންޑްކުރި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ، ގައުމީ ޓީމުގެ ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބަރްމަން އަދި ޝެއިހް މޮރްސަލީން އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ނިސްބަތްވާ، މާޒިޔާ އިން ވަނީ 3-1 އިން ބަޝުންދަރާ ކިންގްސް ބަލިކޮށްފަ އެވެ.
މާލޭގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ރާއްޖޭން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ 2-0 އިން މޮޅުވެފަ އެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ މޮޅުވީ ވެސް 2-0 އިންނެވެ. އޭގެ ކުރިން، 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ވަނީ ބަންގްލަދޭޝް 5-0 އިން ބަލިކޮށްފަ އެވެ.
Comment