Advertisement

އެޕަލްގެ 5ޖީ ސެޓިފައިޑް ނެޓްވާކްތަކުގެ ތެރޭގައި ދިރާގާއި އުރީދު

16 ސެޕްޓެންބަރު 2021 - 13:52 0

އަމަން ހަލީމް

އަމަން ހަލީމް

އެޕަލްގެ 5ޖީ ސެޓިފައިޑް ނެޓްވާކްތައް: މި ވަގުތު 5ޖީ ކަވަރޭޖް ލިބެނީ ދުނިޔޭގެ 58 ގައުމަކުން އެކަނި. -- ފޮޓޯ: އެޕަލް/ޔޫޓިއުބް


އެޕަލްގެ 5ޖީ ސެޓިފައިޑް ނެޓްވާކްތަކުގެ ތެރޭގައި ދިރާގާއި އުރީދު

16 ސެޕްޓެންބަރު 2021 - 13:52 0

މަގުބޫލު އައިފޯނު އުފައްދާ އެޕަލްގެ 5ޖީ ސެޓިފައިޑް ނެޓްވާކްތަކުގެ ތެރޭގައި ދިރާގާއި އުރީދޫ ހިމެނިއްޖެ އެވެ.

މި ނެޓްވާކްތަކުގެ ތެރޭގައި ހިމެނުމުން، އައިފޯނާއި އެޕަލްގެ އެހެން ޕްރޮޑަކްޓްތަކުގެ ހުރިހާ 5ޖީ ފީޗާއެއް ރާއްޖޭގައި މި ޕްރޮޑަކްޓުތައް ބޭނުންކުރާ މީހުންނަށް ބޭނުން ކުރެވޭނެ އެވެ.

މިހާރު މި ފީޗާތަކުގެ ބޭނުން ކުރެވެނީ 5ޖީ ނެޓްވާކްތައް ބޭނުންކުރާ 58 ގައުމެއްގަ އެވެ. އެހެންކަމުން ރާއްޖެ ހިމެނެނީ މި ފީޗާތައް ބޭނުންކުރެވޭ މަދު ގައުމުތަކުގެ ތެރޭގަ އެވެ.

5ޖީ ޓެކްނޮލޮޖީއަކީ ކޮބާ؟


5ޖީ ޓެކްނޮލޮޖީއަކީ ވަޔަލެސް މުވާސަލާތުގެ އެންމެ ފަހުގެ އީޖާދެވެ. މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ސްމާޓް ވަސީލަތްތަކަށް އެންމެ ހަލުވި ސްޕީޑުގައި ކަނެކްޓިވިޓީ ލިބެ އެވެ. މިއީ ސްމާޓް އާލާތްތައް އެއް އާލާތް އަނެއް އާލާތާ ގުޅިފައި އޮންނަ، "ކަނެކްޓަޑް" މުސްތަގުބަލަކަށް ވިސްނައިގެން އުފެއްދި ޓެކްނޮލޮޖީއެކެވެ.

މި ވަގުތުު ރާއްޖޭގައި 5ޖީ ހިދުމަތް ލިބެނީ މައިގަނޑު ގޮތެއްގައި މާލެ ސަރަހައްދުންނެވެ. މީގެ ތެރެއިން މާލޭގެ އެންމެ ބޮޑު ކަވަރޭޖެއް ފޯރުކޮށްދެނީ އުރީދޫއިންނެވެ. އެގޮތުން މާލޭގެ 13 ސަރަހައްދަކުން އުރީދޫގެ 5ޖީ މޮބައިލް އަދި 5ޖީ އެއާފައިބާގެ ހިދުމަތް ލިބެ އެވެ.

މާލެއިން ބޭރުން މި ހިދުމަތް ލިބެނީ ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫއަށެވެެ. އެ ރަށްތަކަށް ހިދުމަތް ފޯރުކޮށްދެނީ ދިރާގުންނެވެ.

އެޕަލްގެ ލައިވް އިވެންޓުގައި ދެ ބްރޭންޑުގެ ލޯގޯ، ބޮޑު އެކްސްޕޯޝާއެއް!

އެޕަލްގެ އައިފޯން 13 ލޯންޗުކުރަން ބޭއްވި އިވެންޓުގައި އައިފޯނަށް ސަޕޯޓުކުރާ 5ޖީ ނެޓްވާކްތައް ދައްކާލިއިރު އުރީދޫ އާއި ދިރާގުގެ ލޯގޯ ވަނީ ފެނިގެން ގޮސްފަ އެވެ.

އެޕަލްގެ އައިފޯން 13 ލޯންޗް އިވެންޓްގެ ސްކްރީންގްރޭބްއެއް: ޔޫޓިއުބުން އެކަނިވެސް މި އިވެންޓް 16 މިލިއަން މީހުން ބަލައިފި. -- ފޮޓޯ: ޔޫޓިއުބް


މިއީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ އެއް އިވެންޓަށްވާ އިރު، ރާއްޖޭގެ ދެ ކެރިއަރުންގެ ލޯގޯ ފެނި ބޮޑު އެކްސްޕޯޝާއެއް ލިބިގެން ދާނެ އެވެ.

އެގޮތުން ޔޫޓިއުބުން ދެއްކި ލައިވް ސްޓްރީމް މިހާތަނަށް 16 މިލިއަން މީހުން ވަނީ ބަލާފަ އެވެ. އަދި އެޕަލް ޓީވީ އާއި އިވެންޓްސް އެޕުން ބެލި މީހުންގެ އަދަދުތައް އެއްކޮށްލުމުން އިވެންޓް ބެލި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.