Advertisement

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ތިން މީހަކަށް ދައުވާކޮށްފި

13 ސެޕްޓެންބަރު 2021 - 15:17 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ހަމަލާއާ ގުޅިގެން މިއަދު ދައުވާ އުފުލި ތިން މީހުން --


ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ތިން މީހަކަށް ދައުވާކޮށްފި

13 ސެޕްޓެންބަރު 2021 - 15:17 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށް, މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން މައުލޫމާތު ދިން ގޮތުގައި ދައުވާ އުފުލާފައިވަނީ, ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ، އިސްހުގެ މައްޗަށެވެ.

ފަހުމީ އަލީގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާއިރު ނާޒިމްގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ.

އިސްހާގަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ, ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މީގެކުރިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެމީހުންގެ މައްޗަށް ޝަރީއަތް ހިންގަން ވެސް މިހާރު ވަނީ ފަށާފަ އެވެ. އެ ހަތަރު މީހުންނަކީ, އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 ގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް، އައިއިޑީ ހަރުކޮށްފައިވާ ސައިކަލު ރިމޯޓަކަށް ފިއްތަލައިގެން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަދުހަމަށް ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން ހިމެނެ އެވެ.

އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ ވެސް އަދުހަމްގެ މައްޗަށް ވަނީ އުފުލި އެވެ.

ނަމަވެސް، އަދުހަމް އިއުތިރާފުވެ އޭނާ ދައުލަތަށް އެއްބާރުލުން ދެމުން ގެންދާތީ، ލުޔެއްގެ ގޮތުގައި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ ވަނީ އަނބުރާ ގެނެސްފައިވެ އެވެ.

އަދުހަމްއާއެކު ދައުލަތުން އެއްބަސްވެފައިވަނީ އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަކަށް ދެ ދައުވާއެއް ކުރުމަށެވެ. އެއީ 20 އަހަރުގެ އަދަބެއް އަންނަ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ތިން އަހަރުގެ އަދަބެއް އަންނަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކުރެވޭ މުޖާޒްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުން ހިމެނެ އެވެ.

ދެން އެ މައްސަލާގައި ހިމެނޭ ތަހުމީނު އަހުމަދުގެ މައްޗަށް ވެސް ހަތަރު ދައުވާއެއް ވަނީ ކޮށްފަ އެވެ.

އެގޮތުން، ތަހުމީނުގެ މައްޗަށް ވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ތަހުމީނުގެ މައްޗަށް ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.

ހުޅުމާލޭގައި އެ ގޮއްވައިލި ސައިކަލުގައި އައިއީޑީ ހަރުކުރުމުގެ އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން ހިމެނެ އެވެ.