Advertisement

ސްޕޭސް އެކްސްގެ ސްޓާޝިޕްއާއެކު ޖައްވަށް!

13 ސެޕްޓެންބަރު 2021 - 09:57 0

އިބްރާހީމް އަންޒަރު އަބޫބަކުރު

އިބްރާހީމް އަންޒަރު އަބޫބަކުރު


ސްޕޭސް އެކްސްގެ ސްޓާޝިޕްއާއެކު ޖައްވަށް!

13 ސެޕްޓެންބަރު 2021 - 09:57 0

އެމެރިކާގެ ބިލިއަނަރު އީލާން މަސްކްގެ ރޮކެޓް ކުންފުނި ސްޕޭސް އެކްސްއިން ޑިޒައިންކޮށް ޓެސްޓު ކުރަމުންދާ ސްޓާޝިޕް ރޮކެޓަކީ ހާއްސަ އެތައް ސިފަތަކެއް ހިމެނޭ، ޖައްވީ ދަތުރުފަތުރަށް ބޮޑު އިންގިލާބެއް ގެންނާނެ ރޮކެޓެކެވެ. އެ ރޮކެޓު ވެގެންދާނީ މިހާތަނަށް އުފެއްދޭ އެންމެ ބިޔަ އެންމެ ބާރުގަދަ ރޮކެޓަށެވެ. އެ ރޮކެޓްގެ އުސްމިނުގައި 390 ފޫޓޫ ހުންނަ އިރު ފުޅާ މިނުގައި 30 ފޫޓު ހުންނާނެ އެވެ. މިއީ ގާތްގަނޑަކަށް ސާޅީހަކަށް ބުރީގެ އިމާރާތެއްގެ އުސްމިނެވެ. ސްޓާޝިޕް ރޮކެޓުގެ އެންމެ ހާއްސަ އަދި އެންމެ މޮޅުކަމަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ރޮކެޓަކަށް ވުމެވެ. ޖައްވީ ދަތުރުތައް އަގުބޮޑުވާ މައިގަނޑު ސަބަބަކީ ކޮންމެ ޖައްވީ ދަތުރަކާއެކު އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ރޮކެޓް ހާޑުވެއާ ކުނީގެ ގޮތުގައި ކަނޑަށް ވެއްޓެން ދޫކޮށްލަން ޖެހުމެވެ. އެއްފަހަރަށް ވުރެ ގިނަފަހަރު ބޭނުން ކުރެވޭ ރޮކެޓް އަލުން އެނބުރި ދުނިޔެއަށް އައިސް ރައްކާތެރިކަމާ އެކު ބިމަށް ޖައްސާނެ އެވެ.

އިންޓަނޭޝަނަލް އެސްޓްރޮނޯޓިކަލް ކޮންގްރެސްގައި 2016 ވަނަ އަހަރު ސްޕޭސް އެކްސްގެ ފައުންޑާ އަދި ސީއީއޯ އީލާން މަސްކް ވާހަކަ ދައްކަވަމުން ވިދާޅުވީ މަތިންދާ ބޯޓަކީ ކޮންމެ ދަތުރަކަށް ފަހު އެއްލާލަން ޖެހޭ އެއްޗެއް ނަމަ މަތިންދާ ބޯޓު ދަތުރުތައް ވަރަށް އަގުބޮޑުވެފައި ވަރަށް މަދު މީހަކަށް ނޫނީ ނުކުރެވުނީހެވެ. މަސްކް ދެކޭ ގޮތުގައި ރޮކެޓަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ބޭނުން ކުރެވޭ އެއްޗަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސްކް ބުނާ ގޮތުގައި ސްޓާޝިޕް ދަތުރެއްގެ މައިގަނޑު ހަރަދަކަށް ވާނީ ހަމައެކަނި ރޮކެޓް ފިއުލްގެ ހަރަދެވެ.

ނާސާއިން އެސްޓްރޮނޯޓުން ހަނދަށް ފޮނުވި ސެޓާން 5 ރޮކެޓަކީ ސްޓާޝިޕް ރޮކެޓާ އަޅައި ކިޔާލެވޭވަރު ބިޔަ ރޮކެޓެކެވެ. ސެޓާން 5 ރޮކެޓެއް އުދުއްސާލުމުގެ އަގަކީ 1.2 ބިލިއަން ޑޮލަރެވެ. އެ މިންވަރު ހަރަދުކޮށްގެން އުދުއްސާލާ ރޮކެޓަކުން ކުރެވޭނީ އެންމެ ދަތުރެކެވެ. އިލާން މަސްކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އުންމީދަކީ ކޮންމެ ސްޓާޝިޕެއް 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެތައް ފަހަރަކު ބޭނުން ކުރުމެވެ. ސްޕޭސް އެކްސް އިން އުންމީދުކުރަނީ ސްޓާޝިޕްގެ ކޮންމެ ދަތުރެއްގެ އަގު 2 މިލިއަން ޑޮލަރަށް ތިރި ކުރެވޭނެ ކަމަށެވެ.

ސްޕޭސް އެކްސްގެ ރޮކެޓްތަކުގެ ބޫސްޓާ ސްޓޭޖް އެނބުރި ބިމަށް ޖެއްސުމަކީ މިހާރުވެސް އާކަމެއް ނޫނެވެ. ސްޕޭސް އެކްސްގެ ފަލްކަން 9 ރޮކެޓްތަކުގެ ބޫސްޓާ ސްޓޭޖް މިހާތަނަށް 89 ފަހަރު އެނބުރި ބިމަށް ޖައްސާފައި ވެ އެވެ. މިގޮތަށް ބިމަށް ޖައްސާފައިވާ ބައެއް ރޮކެޓް ބޫސްޓަރު ތަކުރާރުކޮށް 10 ފަހަރުވެސް ބޭނުން ކޮށްފައި ވެ އެވެ. އެއްފަހަރު ބޭނުންކޮށްފައިވާ ރޮކެޓް ބޫސްޓަރާ މެދު އިތުބާރު އުފެދި ޖައްވީ ސްޓޭޝަނަށް ނާސާ އެސްޓްރޮނޯޓުން އުފުލުމަށް ވެސް ކުރިން ބޭނުން ކޮށްފައިވާ ރޮކެޓް ބޫސްޓަރު ސްޕޭސް އެކްސްއިން ވަނީ ބޭނުންކޮށްފަ އެވެ. ނަމަވެސް ފަލްކަން 9 ރޮކެޓްގެ ދެވަނަ ސްޓޭޖް އެއް ފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވިފައެއް ނުވެ އެވެ. ސްޓާޝިޕްގެ އެންމެ ހާއްސަ ސިފައަކީ ރޮކެޓްގެ ދެވަނަ ސްޓޭޖް ވެސް ބޫސްޓަރު ސްޓޭޖް އެކޭ އެއްގޮތަށް އެތައް ފަހަރަކު ބޭނުން ކުރެވޭ ކަމެވެ. މިއީ މުޅި ރޮކެޓް އެއްކޮށް ތަކުރާރުކޮށް ބޭނުން ކުރެވުމެވެ. މި ގޮތަށް އެތައް ފަހަރަކު ބޭނުން ކުރެވޭ ރޮކެޓަށް ކިޔަނީ "ރީޔޫޒަބަލް ރޮކެޓް" އެވެ.

ސްޓާޝިޕް ރޮކެޓުގައިވެސް ދެބައި ހިމެނެ އެވެ. ރޮކެޓްގެ ފުރަތަމަ ސްޓޭޖް ނުވަތަ ރޮކެޓް ބޫސްޓާ ސްޓޭޖަށް ދެވިފައިވާ ނަމަކީ "ސުޕާ ހެވީ" އެވެ. އުސްމިނުގައި 230 ފޫޓު ހުންނަ ބޫސްޓާ ސްޓޭޖުގެ މަސައްކަތަކީ ރޮކެޓްގެ ދެވަނަ ސްޓޭޖް ގާތްގަނޑަކަށް ޖައްވާ ހަމައަށް ގެންދިއުމެވެ. އެއަށް ފަހު އެނބުރި ދުނިޔެއަށް އައިސް ސަލާމަތުން ބިމަށް ޖެއްސުމެވެ. ސުޕާ ހެވީ ބޫސްޓާ ސްޓޭޖުގައި 31 ރެޕްޓާ ރޮކެޓް އިންޖީނު ހުންނާނެ އެވެ.

ރޮކެޓުގެ ދެވަނަ ސްޓޭޖަށް ދެވިފައިވާ ނަމަކީ "ސްޓާޝިޕް" އެވެ. އެ ރޮކެޓްގެ ދެ ސްޓޭޖް ހިމެނޭ ގޮތަށް މުޅި ރޮކެޓަށް ނިސްބަތްކޮށް ސްޓާޝިޕް ރޮކެޓޭ ކިޔެ އެވެ. އެ ރޮކެޓްގެ ދެވަނަ ސްޓޭޖް އުސްމިނަކީ 160 ފޫޓެވެ. ފުޅާ މިނުގައި ހުންނަނީ 30 ފޫޓެވެ. މީހުންނާއި ކާގޯ އުފުލަން ބޭނުން ކުރެވޭ ހުސް ޖާގަ ނުވަތަ ޕޭލޯޑު ކޮމްޕާޓްމެންޓް އުސްމިނުގައި 72 ފޫޓު ހުންނާނެ އެވެ. މަސްކް ސިފަކުރާ ގޮތުގައި މިއީ 8 ބުރީގެ އިމާރާތަކާ އެއްވަރު ޖާގަ އެކެވެ. ރޮކެޓްގެ ދެވަނަ ސްޓޭޖްގައި ހިމެނެނީ 6 ރެޕްޓާ އިންޖީނެވެ. އެ އުޅަނދަކީ 100 އާއި 150 ޓަނާ ދެމެދުގެ ބަރުދަން އުފުލުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މިއީ އެއްފަހަރަށް ވުރެ ގިނަފަހަރު ސްޓާޝިޕް ބޭނުން ކުރެވޭ ގޮތަށް ޖައްވަށް ގެންދެވޭ ބަރުދަނެވެ. އެހެން ނޫންނަމަ 250 ޓަނު އުފުލޭނެ އެވެ.

ސްޓާޝިޕްގެ ދެވަނަ ސްޓޭޖްގެ ގިނަ ޓެސްޓް ފްލައިޓްތަކެއް ސްޕޭސް އެކްސްއިން ވަނީ މިހާރު ތަޖުރިބާކޮށްފަ އެވެ. މީގެ ތެރެއިން އެއް އުޅަނދު ވަނީ ކާމިޔާބު ކަމާއެކު ސްޕޭސް އެކްސްގެ ލޭންޑިން ޕެޑްގައި ޖައްސާފަ އެވެ. މި އުޅަނދު ބިމަށް ޖައްސަނީ އޭގައި ހިމެނޭ ކުޑަ ހަތަރު ފިޔަގަނޑު ހުންގާނެއްގެ ގޮތުގައި ބޭނުންކޮށްގެން ބޭނުންވާ މަންޒިލަށް ގްލައިޑް ކުރުމަށްފަހު އެންމެ ފަހު ވަގުތު ރޮކެޓް އިންޖީން ބޭނުން ކޮށްގެންނެވެ. މިހާރު ސްޕޭސް އެކްސް އިން ތައްޔާރުވަމުން ދަނީ ސުޕަ ހެވީ ބޫސްޓާ ސްޓޭޖާއި ދެވަނަ ސްޓޭޖް އެކީ ޓެސްޓް ކުރާށެވެ. ސީއީއޯ އީލާން މަސްކް ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މިހާރު މަދުވަނީ ސަރުކާރުން ލިބެން ޖެހޭ ހުއްދަ އެކަންޏެވެ. މަދު ހަފްތާ ތަކެއް ތެރޭގައި 390 ފޫޓު އުސް އަދި ދެ ސްޓޭޖް ހިމެނޭ ސްޓާޝިޕް އުދުއްސާލާނެ ކަމަށް ވެސް މަސްކް ބުނެފައި ވެ އެވެ.

ސްޓާޝިޕްގައި ބޭނުންކުރާ "ރެޕްޓާ އިންޖިން" ގެ ނަމުން ނަންދެވިފައިވާ ރޮކެޓް އިންޖީނަކީ ރޮކެޓް ފިއުލްގެ ގޮތުގައި މެތެއިން ބޭނުންކުރާ ފުރަތަމަ ރޮކެޓް އިންޖީނެވެ. އެ އުޅަނދުގައި ރޮކެޓް ފިއުލްގެ ގޮތުގައި ބޭނުންކުރަނީ އޮކްސިޖަން އާއި މީތެއިން އެވެ. މިއީ ގޭހުގެ ދެ ބާވަތެކެވެ. ނަމަވެސް އިނގިރޭސި ބަހުގައި ވެސް ރޮކެޓްގައި ބޭނުން ކުރާ ގޭހާއި ތެލާއި ހިކި ބަޑިބޭހުގެ ބާވަތްތަކަށް ވެސް "ފިއުލް" ނުވަތަ "ޕުރޮޕެލެންޓް" ބޭނުންކުރެ އެވެ. މިލިއުމުގައި ރޮކެޓް ފިއުލްގެ ބަދަލުގައި ބޭނުން ކުރާނީ "ތެޔޮ" އެވެ.

ސްޕޭސް އެކްސް.


އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވުމުގެ އިތުރުން ސްޓާޝިޕްގައި ދެން ހިމެނޭ އެންމެ ހާއްސަ ސިފައަކީ ޖައްވުގައި އަލުން ރޮކެޓަށް ތެޔޮ އެޅޭ ކަމެވެ. މާސްއަށް ނޫނީ ހަނދަށް 100 ނުވަތަ 150 ޓަނު ގެންދިއުމަށް ސްޓާޝިޕަށް ޖައްވުގައި ތެޔޮ އަޅަން ޖެހޭނެ އެވެ. ތެޔޮ އަޅަން ޖައްވަށް ތެޔޮ އުފުލުމަށް ސްޓާޝިޕްގެ ތެޔޮ ޓޭންކަރު ވޭރިއެންޓް ބޭނުން ކުރެވޭނެ އެވެ. ސްޓާޝިޕްގެ ތެޔޮ ޓޭންކްތައް އެއްކޮށް ފުރާލަން 1200 ޓަނުގެ ތެޔޮ ބޭނުން ވާނެ އެވެ. މިކަން ކުރެވޭނީ ސްޓާޝިޕްގެ ތެޔޮ ޓޭންކަރު ވޭރިއެންޓް އެތައް ފަހަރަކު ޖައްވަށް އުދުއްސައިގެންނެވެ.

ސްޕޭސް އެކްސް ގެ އަމާޒަކީ މިގޮތަށް އުފެލޭ ތެޔޮ ސްޓާޝިޕް ފިއުލް ޑީޕޯ ވޭރިއެންޓްގައި ރައްކާކުރުމެވެ. ފިއުލް ޑީޕޯ ވޭރިއެންޓަކީ ސްޓާޝިޕް ބޭނުންކޮށްގެން ޖައްވަށް އުފުލޭ ތެޔޮ ރައްކާ ކުރާ އުޅަނދެވެ. ސްޓާޝިޕްގެ ފިއުލް ޑީޕޯ ވޭރިއެންޓްގެ ރޮކެޓް އިންޖީނުތަކަށް ބޭނުންވާ ތެޔޮ ހުންނަ މައި ތެޔޮ ޓޭންކްގައިވެސް ތެޔޮ ރައްކާ ކުރެވޭނެ އެވެ. ހަނދަށް ނުވަތަ މާސްއަށް އިންސާނުން އުފުލާ ސްޓާޝިޕްއަށް ޖައްވުގައި ތެޔޮ އަޅާނީ އެއް ފަހަރުންނެވެ. ސްޓާޝިޕްއަށް ތެޔޮއެޅުމަށްޓަކައި އިންސާނުންނާ ނުލައި އުދުއްސޭ ގޮތަށް، ސްޓާޝިޕް ޑީޕޯވޭރިއެންޓް ގެ ގޮތުގައި ވަކި އުޅަނދެއް ހާއްސަ ކުރުމުގެ ބޭނުމަކީ އެތައް ފަހަރަކު ޖައްވުގައި ތެޔޮ އަޅާއިރު ދިމާވެދާނެ ނުރައްކާތެރި ހާލަތަކުން އެސްޓުރޮނޯޓުން ރައްކާތެރިކުރުމެވެ.

މާސްއަށް ކުރާ ދަތުރުން އެނބުރި ދުނިޔެއަށް އައުމަށް މާސްގައި އަލުން ސްޓާޝިޕަށް ތެޔޮ އަޅަން ޖެހޭނެ އެވެ. ސްޓާޝިޕްއަށް ތެލުގެ ގޮތުގައި ބޭނުންވާ އޮކްސިޖަން އަދި މީތެއިން މާސްގައި އުފެއްދޭނެ އެވެ. މާސްގައި ގަނޑުފެން ހުންނަކަން ސައިންސްވެރިންނަށް ވަނީ ދެނެގަނެވިފަ އެވެ. އެ ޕްލެނެޓްގައިވާ ފެނުން އޮކްސިޖަން އަދި ހައިޑްރޮޖެން ވަކިކުރުމަށް ފަހު މާސްގައި ވައިގެ ގޮތުގައި ހުންނަ ކާބަންޑާ އޮކްސައިޑާއި، ފެނުން ވަކިކުރި ހައިޑްރޮޖެން ބޭނުންކޮށްގެން މީތެއިން އުފެއްދޭނެ އެވެ.

ސްޓާޝިޕް މާސްއިން ފުރައިގެން އެނބުރި ދުނިޔެއަށް އައިސް ޖައްވުގައި މަޑުނުކޮށް ދުނިޔޭގެ ބިމަށް ޖެއްސޭނެ އެވެ. އަދި ހަނދަށް ދަތުރުކުރާ ސްޓާޝިޕް ހަނދުގައި ޖެއްސުމަށް ފަހު ހަނދުގައި އަލުން ތެޔޮ އެޅުމަކާ ނުލައި އެނބުރި ދުނިޔެއަށް އާދެވޭނެކަމަށް ވެސް މަސްކް ބުނެފައި ވެ އެވެ.

ސްޓާޝިޕްގައި މާރސްއަށް ދަތުރު ކުރުމަށް އެތައް މަހެއް ހޭދަވެގެން ދާއިރު އެ ދަތުރުގައި ކޮންމެ ސްޓާޝިޕަކަށް 100 މީހުންނާއި ކާގޯ އުފުލޭނެ ކަމަށް ސްޕޭސް އެކްސް ސީއީއޯ މަސްކް ބުނެފައި ވެ އެވެ. ކޮންމެ އުޅަނދެއްގައި 40 ކެބިން އަދި އެންމެން އެއްތަން ވެލާނެ "ސިޓިންގް ރޫމް" އަކާއި ކާއެއްޗެހި ތައްޔާރު ކުރާ ޖާގައެއްގެ އިތުރުން ރޭޑިއޭޝަން ޝެލްޓާއެއް ހުންނާނެ ކަމަށް މަސްކް ބުނެފައި ވެ އެވެ. ރޭޑިއޭޝަން ޝެލްޓާގެ ބޭނުމަކީ އިރުން އަންނަ ސޯލާ ފްލެއާ ރޭޑިއޭޝަންއިން ރައްކާތެރި ވުމެވެ. ޖައްވުގައި ހޭދަ ކުރާ ހުރިހާ ވަގުތެއްގައި ވެސް ރޭޑިއޭޝަންގެ ނުރައްކާ ކުޑަކޮށް ނަމަވެސް އޮންނާނެ އެވެ. ނަމަވެސް ސޯލާ ފުލެއާ އާއިއެކު އެ ނުރައްކާ އިތުރުވާނެ އެވެ.

ސްޓާޝިޕްއިން ކުރެވިދާނެ ބޭނުންތައް ވަރަށް ގިނަ އެވެ. ނާސާގެ އާޓެމިސް ޕްރޮގުރާމްގެ ދަށުން ހަނދުގެ ބިމަށް އިންސާނުންނާއެކު ޖައްވީ އުޅަނދެއް ތިރިކުރުމުގެ ކޮންޓްރެކްޓް ނާސާއިން ވަނީ ސްޕޭސް އެކްސްއާ ހަވާލުކޮށްފަ އެވެ. ސްޕޭސް އެކްސްގެ ސްޓާޝިޕް ބޭނުންކޮށްގެން ޖަޕާނުގެ ބިލިއަނަރު ޔުސާކޫ މައެޒަވާ ޖައްވަށް ގޮސް ހަނދު ވަށައި ބުރެއް ޖެހުމަށް ސްޕޭސް އެކްސްއަށް ވަނީ ފައިސާ ދައްކާފަ އެވެ. މަސްކްގެ އެންމެ ބޮޑު އަމާޒަކީ ސްޓާޝިޕް ބޭނުންކޮށްގެން މާސްގައި އިންސާނުން އާބާދު ކުރުމެވެ.

ސްޓާޝިޕް ފަދަ ބާރުގަދަ އަދި ބޮޑު ރޮކެޓެއް ސްޕޭސް އެކްސް އިން އުންމީދު ކުރާ ގޮތަށް 2 މިލިއަން ޑޮލަރުގެ އަގަކަށް ޖައްވަށް ދަތުރު ކުރާނަމަ ޖައްވުގައި މިހާރުވެސް ކުރަމުން އަންނަ ހުރިހާ ކަމެއްވެސް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެތައް ގުނައެއް އަގުހެޔޮކޮށް ކުރެވޭނެ އެވެ. ސައިންޓިފިކް ރިސާޗް ބޭނުމަށް ދުނިޔޭގެ މުއްސަނދި ގައުމުތަކުން ފަންޑުކޮށްގެން ހަދާފައިވާ ޖައްވީ ސްޓޭޝަންގެ ބައިތައް އުފައްދާ ޖައްވަށް ގެންދިއުމަށް 150 ބިލިއަން ޑޮލަރު ހަރަދުވި އެވެ. ޖައްވީ ސްޓޭޝަން އޮޕަރޭޓުކުރުމަށް ކޮންމެ އަހަރަކު 4 ބިލިއަން ޑޮލަރު ނާސާއިން ހަރަދު ކުރެ އެވެ. ސްޕޭސް އެކްސްއިން މިވަގުތު ޖައްވީ ސްޓޭޝަނަށް އެސްޓުރޮނޯޓުން ގެންގޮސް ދޭ އަގަކީ ބޮލަކަށް 55 މިލިއަން ޑޮލަރެވެ. ޖައްވީ ސްޓޭޝަންގައި އެއްވަގުތެއްގައި ދިރިއުޅެވެނީ 6 މީހުންނަށެވެ.

ޖައްވީ ސްޓޭޝަން ބޭނުން ކުރެވޭނީ ހަމައެކަނި ސައިންޓިފިކް ދިރާސާތައް ކުރުމަކަށް ނޫނެވެ. އެ ސްޓޭޝަންގައި ދުނިޔޭގެ ދަމާބާރު ނުވަތަ ގްރެވިޓީ ނެތުމުގެ ސަބަބުން ޖައްވީ ސްޓޭޝަންގައި ދިރިއުޅޭ އެސްޓުރޮނޯޓުންނާއި އެ ސްޓޭޝަންގައި ގެންގުޅޭ ހިފާގެންގުޅޭ ތަކެތީގެ ބަރުދަނެއް ނުހުރެ އެވެ. ޖައްވީ ސްޓޭޝަން ތެރޭގައި އެސްޓުރޮނޯޓުން އެއްތަނުން އަނެއްތަނަށް ދަނީވެސް އުދުހިލާފައި ކަހަލަ ގޮތަކަށެވެ. މި ބަރުދަނެއް ނެތުމުގެ އިހުސާސްކޮށްލުމާއި ޖައްވުގައި ހުރެ ދުނިޔެ ލޮލުން ދެކެލުމަކީ ވަރަށް ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. މި ހުވަފެން ހަގީގަތަކަށް ވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖައްވީ ދަތުރުތައް އަގު ބޮޑުވުމެވެ. ސްޓާޝިޕް ބޭނުންކޮއްގެން މިހާރަށް ވުރެ މާ ފުރިހަމަ އަދި ޖާގަ ތަނަވަސް ޖައްވީ ސްޓޭޝަނެއް، އެތައް ގުނައެއް އަގުހެޔޮކޮށް ޖައްވަށް ފޮނުވުމަކީ ކުރެވިދާނެ ކަމެކެވެ. ސްޓާޝިޕް ފަދަ ބޮޑު އުޅަނދެއްގައި އެއްފަހަރާ އެތައް ސަތޭކަ ބަޔަކު ޖައްވަށް އުފުލާނަމަ ޖައްވީ ޓިކެޓެއްގެ އަގު އާންމު މީހަކު އަތް ފޯރާވަރަށް ތިރިވުމަކީވެސް ވެދާނެ ކަމެކެވެ.