Advertisement

ހެލްތު މިނިސްޓްރީން ސޯޝަލް ސެންޓަރު ދޫނުކުރާތީ ކުޅިވަރު އެސޯސިއޭޝަންތަކަށް ބޮޑު ގެއްލުމެއް

7 ސެޕްޓެންބަރު 2021 - 08:16 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

2019 ވަނަ އަހަރު ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން.


ހެލްތު މިނިސްޓްރީން ސޯޝަލް ސެންޓަރު ދޫނުކުރާތީ ކުޅިވަރު އެސޯސިއޭޝަންތަކަށް ބޮޑު ގެއްލުމެއް

7 ސެޕްޓެންބަރު 2021 - 08:16 0

މާފަންނު ސޯޝަލް ސެންޓަރަކީ މި ވަގުތަށް ބަލާއިރު، ކޮވިޑް-19 އަށް ވެކްސިން ޖަހަން ބޭނުންކުރަން ހެލްތު މިނިސްޓްރީ އަށް ދޫކޮށްފައިވާ ތަނެކެވެ. ނިސްބަތުން ގައުމީ ގިނަ ކުޅިވަރު އެސޯސިއޭޝަނެއްގެ ގައުމީ ޓީމުތަކުގެ ފަރިތަކުރުންތަކާއި ހުރިހާ ހަރަކާތެއް ކުރިއަށް ގެންދަން އޮތްތަނަކީ ސޯޝަލްގެ ސެންޓަރުގެ އިންޑޯ ކޯޓެވެ.

ދާދި ފަހުން ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)، ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ނެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އިސްވެ، އެސޯސިއޭޝަންގެ ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޔޫތު މިނިސްޓްރީއާ ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންތަކުން އެދުނީ ގައުމީ ޓީމުގެ ފަރިތަކުރުންތައް އެކަށޭނެ ގޮތަކަށް ގެންދެވެން އޮތީ މިހާތަނަށް ވެސް އެކަން ކުރަމުން އައި ސޯޝަލް ސެންޓަރުގެ އިންޑޯގައި ކަމަށްވާތީ ވީ އެންމެ އަވަހަށް ހައްލެއް ހޯދައިދޭށެވެ. އެކަމަކު މިހާތަނަށް ވެސް އެކަމަށް ހައްލެއް ނުލިބި އޮތީ ހެލްތު މިނިސްޓްރީން އެކަމަށް އިޖާބަ ނުދޭތީ އެވެ.

ހެލްތު މިނިސްޓްރީ އަށް ޔޫތު މިނިސްޓްރީން ފޮނުވި ސިޓީ އަށް ޖަވާބެއް އަދި ނުލިބޭ ކަމަށް ބުނެ، އިއްޔެ ޔޫތު މިނިސްޓްރީން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގެ ކޮޕީއެއް "އަަދަދު" އަށް ވެސް ވަނީ ލިބިފަ އެވެ.

ޔޫތު މިނިސްޓްރީން އެ ސިޓީގައި ބުނެފައިވަނީ ބާސްކެޓް، ވޮލީބޯލް އަދި ނެޓްބޯލް ކުޅެން މާލޭގައި އެހެންތަނެއް ނެތުމާ އެކު އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް މިހާރު ތާވަލުކޮށްފައިވުމުން، އެ މުބާރާތްތަކަށް ތައްޔާރުވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓްރީން ދެކޭ ކަމަށެވެ.

"އެ މުބާރާތްތަކަށް ދިއުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށާއި އެސޯސިއޭޝަންތަކުގެ މުބާރާތްތައް ބޭއްވުމަށް އިންޑޯ ހޯލް ހުސްކޮށް ދެއްވުމަށް އެދި މިނިސްޓްރީ އޮފް ހެލްތުގައި ދަންނަވާފަ އެވެ. ނަމަވެސް އެ ފަރާތުން މިހާތަނަށް މި މިނިސްޓްރީން (ޔޫތު މިނިސްޓްރީން) ފޮނުވާފައިވާ ސިޓީ އަށް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.،" ޔޫތު މިނިސްޓްރީން ސޯޝަލް ސެންޓަރު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައިވާ އެސޯސިއޭޝަންތަކަށް އިއްޔެ ފޮނުވާފައިވާ ސިޓީގައިވެ އެވެ.

ގައުމީ ޓީމުތަކަށް ބޮޑު ގެއްލުން!

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ނުލިބޭތީ ވޮލީގެ ހަރަކާތްތައް އޮތީ މުޅިން ކަހަލަ ގޮތަކަށް ހުއްޓިފަ އެވެ. ގައުމީ ޓީމުތަކުން ޕްރެކްޓިސް ފެށޭނެ ގޮތެއް ނެތި، ކުޅުންތެރިންގެ ފިޓްނަސް އަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފަ އެވެ. ސެންޓްރަލް ޒޯން މުބާރާތުން އެންމެ ފަހުން މެޑަލް ހޯދި ގައުމީ އަންހެން ޓީމަށް ޕްރެކްޓިސް ފެށޭނެ ގޮތެއް ނުހޯދި ކުރިއަށް އޮތް މުބާރާތަކަށް ތައްޔާރުވާން ބަލާއިރު، ވަރަށް ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފަ އެވެ.

ބާސްކެޓަށް ބަލާއިރު ސީނިއާ ފިރިހެން ޓީމުން އަންނަނީ ކުރިއަށް އޮތް ސާބާ މެންސް ޗެމްޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތުގައި ވާދަކުރަން ތައްޔާރު ވަމުންނެވެ. ކުރިން އިންޑޯ ހޯލްގައި ކުރަމުން އައި ފަރިތަކުރުންތައް އައުޓް ޑޯ އަށް ބަދަލުކުރަން ޖެހުމުން މީގެ ބާސްކެޓްބޯޅަ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުރިމަތިވާ ލޯޑް ވަރަށް ވެސް ބޮޑުވާނެ އެވެ.

އަމުދުން ކޮވިޑާ ހެދި ގިނަ ދުވަސްތަކެއް ވަންދެން ވާދަވެރި މެޗުތަކާ ދުުރުގައި ހުރެފައި، ރަނގަޅަށް ޕްރެކްޓިސް ފަށައިގެން ކުރިއަށް ނުދެވެނިސް ފިޓްނަސް މައްޗަށް ޖައްސާލަން ޖެހޭ ވަގުތު ޓްރެއިނިން ކުރިއަށްގެންދަން ޖެހެނީ ހަރުތަނެއްގައި ކަމަށްވާތީ އަނިޔާވުމުގެ ބިރު އޮންނާނެ އެވެ.

ކުޅިވަރު އިންފްރާސްޓްރަކްޗާތައް ރަނގަޅު ކުރަން މި ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ގިނަ ކަންތައްތަކެއް ޕްލޭން ކޮށްފައިވާއިރު، އެންމެ ހަރުދަނާ އުސޫލެއްގެ ދަށުން ހައްލެއް ހޯދަން ޖެހިފައިވަނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ފަދަ ކަންކަމަށެވެ.

ޒަމާނުއްސުރެ ހަތަރު ވަރަކަށް އެސޯސިއޭޝަނެއްގެ އަހަރީ ކަލަންޑަރު ފައްތަން ޖެހެނީ ސޯޝަލް ސެންޓަރު ލިބޭ މުއްދަތަކަށް ބަލައިފަ އެވެ. އެހެންވެ، ހަގީގަތުގައި މުބާރާތްތައް ރާވަން ޖެހޭ ގޮތުން ކުޅުންތެރިންނަށް ވަރަށް ބޮޑު އުނދަގުލެއް ކުރިމަތިވާ ގޮތަށް މެޗުތައް ރާވަން ޖެހެ އެވެ. ދެ މެޗުގެ މެދުގައި އެކަށީގެންވާ ރިކަވަރީއެއް ނުލިބެ މެޗުތައް ކުޅެން ޖެހުމުގެ ޝަކުވާ ގިނަ ކުޅުންތެރިންނާއި ކޯޗުން ތަކުރާރުކޮށް ކޮށްފައި އެބަހުއްޓެވެ.

އަނެއްކޮޅުން ފަަހަކަށް އައިސް ސޯޝަލްގެ އިންޑޯ ހޯލްގެ އޭސީތައް ތަކުރާރުކޮށް މަރާމާތު ކުރަން ޖެހެ އެވެ. އެއީ ހޫނުގަދަވުމުގެ ސަބަބުން ގައުމީ ޓީމުތަކުގެ ޓްރެއިނިން ކުރިއަށް ގެންދަން ހުންނަ ދަތިތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭތީ އެވެ. މީގެ ދެން އެންމެ ކަންބޮޑުވާން ޖެހޭ އަނެއް ސަބަބަކީ ތަފާތު އެކި ބޭނުންތަކަށް ސޯޝަލް ސެންޓަރު ބޭނުންކުރުމަށް ފަހު އަލުން އެތައް ކުޅެވޭ ހާލަތަށް ގެންނަން ޖެހޭ މަސައްކަތް ވެސް ގިނަވުމެވެ. އެ ގޮތުން މިހާރު ވެކްސިން ސެންޓަރެއްގެ ގޮތުގައި އެތައް ބޭނުންކުރަމުން އަންނައިރު، އޮތީ ފްލޯރިން މެޓެއް އަޅައިފަ އެވެ.