Advertisement

ޗައިނާއިން ހަދިޔާކުރި ކޮވިޑް ވެކްސިން އުތުރު ކޮރެއާއިން ބޭނުމެއް ނުވި

3 ސެޕްޓެންބަރު 2021 - 05:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ސިނޮފާމް ވެކްސިން.


ޗައިނާއިން ހަދިޔާކުރި ކޮވިޑް ވެކްސިން އުތުރު ކޮރެއާއިން ބޭނުމެއް ނުވި

3 ސެޕްޓެންބަރު 2021 - 05:28 0

ސޯލް، ދެކުނު ކޮރެއާ (ސެޕްޓެމްބަރު 2) - ޗައިނާއިން އުތުރު ކޮރެއާއަށް ހަދިޔާކުރި ކޮވިޑް ވެކްސިންގެ ތިން މިލިއަން ޑޯޒް ބޭނުމެއް ނޫން ކަމަށް އެ ގައުމުން ބުނެފި އެވެ.

އުތުރު ކޮރެއާއިން ބުނީ ވެކްސިންގެ ބޭނުން ބޮޑަށް ޖެހިފައިވާ ގައުމުތަކަށް އެ ޑޯޒްތައް ހަދިޔާ ކުރުމަށް އެދޭ ކަމަށެވެ. އެގޮތަށް ބުނީ ޔުނިސެފުން ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރުމުންނެވެ.

ކޮވިޑުގެ ބަލިމަޑުކަން އައުމާއެކު އެންމެ ފުރަތަމަ ހަރުކަށި ލޮކްޑައުނަކަށް ދިޔަ އެއް ގައުމަކީ އުތުރު ކޮރެއާ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ގައުމުގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.

ކޮވިޑް ވައިރަސް އެންމެ ފުރަތަމަ ފެނުނީ އުތުރު ކޮރެއާއާ ޖެހިގެން އޮންނަ ޗައިނާ އިންނެވެ. އެހެންކަމުން މިއަދާ ހަމައަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުތުރު ކޮރެއާގެ ބޯޑަރު ހުޅުވާފައެއް ނުވެ އެވެ.

އުތުރު ކޮރެއާއިން ބުނެފައިވާ ގޮތުގައި ކޮވިޑް ވައިރަހުގެ އެންމެ ކޭހެއް ވެސް އަދި އެ ގައުމުން ނުފެނެ އެވެ. ނަމަވެސް އެ ވާހަކައާ މެދު އެނެލިސްޓުން ޝައްކު އުފައްދަ އެވެ.

ބޯޑަރު ބަންދުކޮށްގެން ދެ އަހަރު ވާން ކައިރިވެފައި ވާއިރު، އުތުރު ކޮރެއާއަށް ވަނީ އިގްތިސާދީ ކާރިސާއަކާ ކުރިމަތިވެފަ އެވެ. ގައުމަށް ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާ ކަމަށް މިދިޔަ ޖޫން މަހު ލީޑަރު ކިމް ޖޮންގް އުން ވިދާޅުވި އެވެ.

ޔުނިސެފުން އުތުރު ކޮރެއާއަށް ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރީ ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިން ލިބޭނެ މަގުފަހިކުރުމަށް ހަދާފައިވާ ކޮވިޑް-19 ވެކްސިން ގްލޯބަލް އެކްސެސް (ކޯވެކްސް) ޕްރޮގްރާމުގެ ދަށުންނެވެ.

އެ ޕްރޮގްރާމުގެ ދަށުން ޗައިނާއިން ހަދިޔާކުރި ވެކްސިން ބޭނުން ނޫން ކަމަށް ބުނެ، އުތުރު ކޮރެއާއިން އެދުނީ އޭގެ ބޭނުން ބޮޑަށް ޖެހިފައިވާ ގައުމުތަކަށް ފޯރުކޮށްދިނުމަށެވެ.

"ކޯވެކްސްގެ ދަށުން އުތުރު ކޮރެއާއަށް ފޯރުކޮށްދޭން ހުށަހެޅި 2.97 މިލިއަން ސިނޮވެކް ޑޯޒް، ބޮޑަށް އަސަރުކޮށްފައިވާ އެހެން ގައުމުތަކަށް ދިނުމަށް އުތުރު ކޮރެއާގެ ޕަބްލިކް ހެލްތު މިނިސްޓްރީން ވަނީ އެދިފައި،" ޔުނިސެފުގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި އުތުރު ކޮރެއާއިން ކޯވެކްސް އާއެކު މަޝްވަރާ ކުރަމުން ދާނެ ކަމަށާއި ފަހުގެ ތާރީހެއްގައި ވެކްސިން ޝިޕްމަންޓެއް ބަލައިގަންނާނެ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.

މިދިޔަ ޖުލައި މަހު ދެކުނު ކޮރެއާގެ ތިންކު ޓޭންކަކުން ބުނީ އެސްޓްރަޒެނެކާ ވެކްސިންގެ ޝިޕްމަންޓެއް ވެސް ބޭނުން ނޫން ކަމަށް އުތުރު ކޮރެއާއިން އެންގި ކަމަށެވެ. އެއީ އެ ވެކްސިނުގެ ސައިޑް އިފެކްޓާ މެދު ކަންބޮޑުވާތީ ކަމަށް އޭރު ކޯވެކްސް އަށް އުތުރު ކޮރެއާއިން އެންގި އެވެ.