Advertisement

އިންމަގެ މެސެޖް: "ދިވެހި ކޯޗުންނަށް ނުވާންވީ ސަބަބެއް ނެތް"

29 އޮގަސްޓު 2021 - 10:33 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ).-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)


އިންމަގެ މެސެޖް: "ދިވެހި ކޯޗުންނަށް ނުވާންވީ ސަބަބެއް ނެތް"

29 އޮގަސްޓު 2021 - 10:33 0

ގައުމީ ޓީމުގެ ކޯޗަކަށް 2015 ވަނަ އަހަރު ހަމަޖެއްސި ބަލްގޭރިއާގެ ކޯޗު ވެލީޒާ ޕޮޕޯފް މަގާމުން ވަކިކުރުމަށް ފަހު ގައުމީ ޓީމުގެ ވަގުތީ ކޯޗެއްގެ ޒިންމާ ހަވާލުކުރީ އޭރު އެސިސްޓަންޓް ކޯޗަކަށް ހުރި އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. އެ ފަހަރު އިންމަ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ އަށް އިރުޝާދުދީފަ އެވެ. އޭގެ އެއް އަހަރު ފަހުން ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރި ނިއު ޒީލެންޑްގެ ރިކީ ހާބަޓް ވަކިކުރުމުން ވެސް ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލަން ޖެހުނީ އިންމައާ އެވެ. އެ ފަހަރު ކުޅުނީ އޭޝިއަން ކަޕް ކޮލިފައިންގައި ޔަަމަނާ ދެކޮޅަށެވެ.

ވަގުތީ ގޮތުން ހަވާލުވި އިންމަގެ ބެލުމުގެ ދަށުން ރާއްޖެ ވަނީ ރަށުންބޭރުގައި ކުޅުނު ދެ މެޗުން ޗައިނާ އަތުން 3-0 އިން އަދި ޔަމަަން އަތުން 2-0 އިން ބަލިވެފަ އެވެ. އެ ދެ މެޗުގައި ވެސް އިންމަ ވަނީ ވަގުތީ ހާލަތެއްގައި ގައުމީ ޓީމުގެ ބެންޗުގައި ހެޑް ކޯޗެއްގެ ގޮތުގައި ހުރެ ދިވެއްސަކަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެކަން ސާބިތުކޮށްދީފަ އެވެ.

މިދިޔަ ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ގައުމީ ޓީމަށް އިރުޝާދުދިން ނެދަލެންޑްސްގެ މާޓިން ކޫޕްމަން މަގާމުން ވަކިކޮށް ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ހަވާލުކުރީ އަލީ ސުޒޭންއާ އެވެ. ސުޒޭން ހުރީ ކޫޕްމަންގެ އެސިސްޓަންޓް ކޯޗަކަށެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އިންމަ: މިއީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އިންމަ ފެންނަ ދެ ވަނަ ފަހަރު.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ކޯޗިން ޓީމު ވެސް ދިވެހި ކުރަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމެވީ މި ވަގުތު އާ ކޯޗެއް ގެނެސްގެން ކަންތައްތަަކެއް ކުރުމުގެ ބަދަލުގައި އަމިއްލަ ފަސްގަނޑުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ކޯޗަކާ އެކު ކުރިއަށްދާށެެވެ.

އެފްއޭއެމުން ގައުމީ ޓީމުގެ ޒިންމާ ސުޒޭނާ ހަވާލުކުރުމުން އޭނާގެ އެސިސްޓަންޓަކަށް ހަމަޖެއްސީ އިންމަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓެއްގެ ޒިންމާ މިދިޔަ އަހަރުތަކުގައި އިންމަ ވަނީ ވަރަށް ރަނގަޅަށް ނަގައިފަ އެެވެ. ކޯޗިން ކެރިއަރަށް ބަލާއިރު ވެސް އިންމަގެ މަސައްކަތް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ. އަދި ސަރަހައްދުގެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ނުކުންނައިރު، ކޯޗިން ޓީމުގައި އިންމަ ހުރުމަކީ ހިތްހަމަ ޖެހުމެއް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުނީ ބޭރު ކޯޗުންނާ އެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު މި ފަދަ މުބާރާތަކަށް ދިވެހި ކޯޗިން ޓީމަކާ އެކު ދިޔުން އެއީ ރަނގަޅު ކަމެއް ކަމަށެެވެ.

"މިކަން ދިވެހިންނަށް ނުކުރެވޭނެ ސަބަބެއް ނެތް. ސުޒޭން އެ ބުނިހެން އަޅުގަނޑުމެން ދިވެހި ރާއްޖެ އަށް ކާމިޔާބު ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން، އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް މި ކޯޗިން ޓީމަށް. އަޅުގަނޑުމެން ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން (މިކަން) ކުރެވޭނެ ކަމަށް ގަބޫލުކުރާނީ،" އިންމަ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ރާއްޖޭން މުޅިން ދިވެހި ކޯޗިން ޓީމަކާ އެކު ނުކުންނައިރު، މީގެ ކުރިން ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ވަނީ މި ގޮތަށް އެ ގައުމަކަށް ނިސްބަތްވާ ކޯޗުންނަށް ފުރުސަތު ދީފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ ޒިންމާ ދިވެއްސެއްގެ އަތަށް ދިނުމަކީ ފަހުރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ކަމުގައި ވިޔަސް ގައުމީ ޓީމާ ހަވާލުވެ، ހުރި ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭންގެ ނަޒަރުގައި މީގެ ޒިންމާ ވެސް ވަރަށް ބޮޑެވެ. އެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރަން ދިވެހި ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ އެންމެނާއި ސަޕޯޓަރުންގެ އެހީތެރިކަން ބޭނުން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

އޮކްޓޫބަރު 1-16 އަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން މިހާރު ވަނީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާ އެކު ޕްރެކްޓިސް ފަށައިފަ އެވެ. ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އަންނަ މަހުގެ 10 ވަނަ ދުވަހު ގަތަރަށް ޓްރެއިނިން ކޭމްޕެއް ދާނެ އެވެ.

ރާއްޖެ އަކީ އެންމެ ފަހުން 2018 ވަނަ އަަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވީ ފަސް ޓީމެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ފުރަތަމަ މެޗުގައި އޮކްޓޫބަރު އެއް ވަނަ ދުވަހު ހަވީރު ކުޅޭނީ ނޭޕާލާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުގެރޭ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އޭގެ ތިން ދުވަސް ފަހުން އޮކްޓޫބަރު 10 ވަނަ ދުވަހު ހަވީރު ސްރީލަންކާއާ ކުޅުމަށް ފަހު 13 ވަނަ ދުވަހުގެރޭ ލީގު ބުރުގެ ފަހު މެޗުގައި ބައްދަލުކުރާނީ އިންޑިއާއާ އެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޫބަރު މަހު 16 ވަނަ ދުވަހުގެރޭގަ އެވެ.