Advertisement

ބަދަލު ހޯދަން ނާޒިމް ހުށަހެޅި މައްސަލަ ބޭރުކުރީ ރަނގަޅަށް: ހައި ކޯޓު

25 އޮގަސްޓު 2021 - 11:08 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ނާޒިމް: ބަދަލު ހޯދުމުގެ މައްސަލާގައި ހައިކޯޓުން ވެސް ކާމިޔާބެއް ނުލިބުން


ބަދަލު ހޯދަން ނާޒިމް ހުށަހެޅި މައްސަލަ ބޭރުކުރީ ރަނގަޅަށް: ހައި ކޯޓު

25 އޮގަސްޓު 2021 - 11:08 0

ސުޕްރީމް ކޯޓުގެ ހުކުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ވެސް ކާމިޔާބެއް ނުވި އެވެ.

ނާޒިމްގެ ގޮނޑި ގެއްލުނީ މަކަރާއި ހީލަތުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ އުމުރު ދުވަހުގެ (25 އަހަރު) ޖަލު ހުކުމެއް އިއްވުމުންނެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު 2018 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އެ ހުކުމް, ހަމަ އެ ކޯޓުން ރިވިއުކޮށް ބާތިލްކުރި އެވެ.

އޭނާގެ މައްޗަށް އޮތް ޖަލު ހުކުމް ބާތިލުކުރުމުން މެންބަރުގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި ޕެޝަން އަދި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އެއީ، ޝަރުއީ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިހްތިސޯސް އެ ކޯޓަށް ނެތް ކަމަށް ބުނެ އެވެ.

ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީއަށް ހުށަހެޅި އެވެ. ނަމަވެސް، އިސްގާޒީ ވެސް ތާއިދު ކުރެއްވީ ރަޖިސްޓްރާއަށެވެ. އިސްގާޒީ އެގޮތަށް ނިންމެވީ، ޝަރީއަތަކުން ކުރާ ހުކުމެއް އެ ނޫން ގޮތަކަށް ކަނޑަނާޅާ ދެމި އޮއްވައި އެ ހުކުމެއް ތަންފީޒުކުރާ ކަމެއްގައި ތަހައްމަލު ކުރި ކަމެއް، އެ ހުކުމެއް ބާތިލްވުމުން އޭގެ ބަދަލެއް ހޯދުމަށް ދައުވާ ކުރެވޭނެ ގޮތަށް ގާނޫނު އަސާސީގައި ނެތް ކަމަށް ވިދާޅުވެ އެވެ.

ސިވިލް ކޯޓުގެ އިސްގާޒީގެ އެ ނިންމުން ނާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. މައްސަލައިގައި އިއްޔެ ރައުޔު ތަފާތު ހުކުމެއް ހައިކޯޓުން ވަނީ ނެރުއްވައިފަ އެވެ. ނަމަވެސް، އަޣުލަބިއްޔަތު ރައުޔު ބުރަވީ އެ މައްސަލައަކީ ހައިކޯޓުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

އެގޮތުން ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރު އިއްތިފާގުވެފައިވާ ރައުޔުގައި ބުނީ ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލަ ބިނާކުރި އަސާސްގައި ބަޔާންކުރާ ކަން ހިނގާފައިވާ ގޮތް ގާނޫނީ ގޮތުން ވެސް އަދި މަންތިގީ ގޮތުން ވެސް ސާފެއް ނޫން ކަމަށެވެ.

ހައިކޯޓު ހުކުމްގައި ބުނި ގޮތުގައި، ނާޒިމްގެ މައްޗަށް ކުށް ސާބިތުވި ހުކުމްގައި އޭނާއަށް އުގޫބާތް ހައްގުވާ ކަމަށް ބަޔާންކޮށްފައި އޮތެވެ. އެ ހުކުމް އެގޮތަށް ކުރީ އޭރުގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗަކުންނެވެ.

"މިއާ ހިލާފަށް ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމް މުރާޖައާ ކުރި ކުރުމުގައި އުގޫބާތް ހައްގުވާކަން ނުވަތަ ނުވާކަން ބަލައި ކަނޑައަޅާފައެއް ނެތް،" ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމް އެ ކޯޓުގެ ފަހުގެ ހުކުމަކުން ބާތިލްކޮށް ނިންމީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ހުއްދަ ދިން އިޖުރާއަތް ގޯސްވެގެން ކަމަށާއި އެ ހުކުމް ނެރުނީ ފުލް ބެންޗަކުން ނޫންކަން ވެސް ފާހަގަކުރި އެވެ. އަދި، ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުން ނާޒިމަށް އުގޫބާތް ހައްގުވާ ކަމަށް ނިންމި ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރުން ފަހުން އެ ހުކުމް ބާތިލް ކުރުމުގެ ބެންޗުގައި ހިމެނޭ ކަމަށެވެ.

"ވީމާ، ބަދަލުދިނުމުގެ މައްސަލައެއް ބަލައިގަތުމުގެ ބޭނުމަކަށްޓަކައި ނާޒިމްގެ މައްޗަށް އުގޫބާތް ހައްގުވެގެން ސުޕްރީމް ކޯޓުން އުގޫބާތް ކަނޑައެޅި ކަނޑައެޅުން އެ ކޯޓުން ފަހުން ބާތިލްކޮށްފައިވަނީ އެ އުގޫބާތް ހައްގު ނުވާތީ ނުވަތަ ބަރީއަ މީހެއް ކަމަށް ވާތީތޯ ކުޑަމިނުން ސާފުވާން ޖެހޭ،" އަގުލަބިއްޔަތު ލިބުނު ރައުޔުގައިވެ އެވެ.

"ހަމައެކަނި އިޖުރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ހުކުމް ބާތިލް ކުރުމަކީ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެ ސަބަބެއް ކަމަށް ނުދެކެން، އެހެންކަމުން ނާޒިމްގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށެހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ބުރެވެވޭ،"

ހައިކޯޓުގެ ދެ ފަނޑިޔާރުން އެގޮތަށް ނިންމެވުމުން ނާޒިމްގެ މައްސަލަ ހައިކޯޓުން ވެސް ވަނީ ބޭރުކޮށްފަ އެވެ. ނަމަވެސް، ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ކުރިއަށް ގެންދެވޭނެ މައްސަލައެކެވެ.

ފަނޑިޔާރު ރައޫފް ވިދާޅުވެފައިވާ ގޮތުގައި ސިވިލް ކޯޓުގެ ކުރީގެ ބައެއް ގަޒިއްޔާތަކަށް ބަލާއިރު ގާނޫނީ ބާރެއް ނެތި ނުވަތަ ގާނޫނާ ހިލާފަށް ހައްޔަރުކޮށް ނުވަތަ ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިސޯސް ސިވިލް ކޯޓަށް ލިބެ އެވެ.

އެހެންކަމުން ނާޒިމްގެ މައްސަަލައަކީ އޭނާ ބަންދުކޮށްފައި ހުރި ހުރުމަކީ ގާނޫނާ ހިލާފަށް ބަންދުކޮށްފައި ހުރި ހުރުމެއް ކަމަށް ދެކިގެން އެކަމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ދައިވާއަކަށްވާތީ، ޝަރީއަތުން ގޮތެއް ނިންމަން އެ މައްސަލާގައި ޖެހޭ ކަމަށް ފަނޑިޔާރު ރައޫފްގެ ރައުޔުގައިވެ އެވެ.

ނާޒިމަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އުމުރުދުވަހުގެ ޖަލު ހުކުމާ އެކު ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ އެވެ.

އޭނާގެ މަގާމު ގެއްލުމާއެކު ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވައި، ޕީޕީއެމްގެ ޓިކެޓްގައި އެ ގޮނޑިއަށް ހޮވިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް އެވެ. ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތީ، ޔާމީންގެ ވެރިކަން ނިމުމުންނެވެ.

އެންމެފަހުން ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ދިއްގަރު ދާއިރާގެ މެންބަރު ކަމަށް ނާޒިމް ކުރިމަތިލެއްވި އެވެ. ނަމަވެސް، އޭނާއަށް ގޮނޑި ކާމިޔާބެއް ނުވި އެވެ. އޭގެފަހުން ސިޔާސީ މައިދާނުން ނާޒިމް ނުފެނެ އެވެ.