Advertisement

ގިނަ ގައުމުތަކުން ބަލައިގަންނާނެ ވެކްސިން ޕާސްޕޯޓެއްގެ މަސައްކަތް އެބަދޭ: މިނިސްޓަރު

21 އޮގަސްޓު 2021 - 11:46 1

އަމަން ހަލީމް

އަމަން ހަލީމް

ރާއްޖޭގައި އާ ވެކްސިން ޕާސްޕޯޓް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށް ދިޔައަސް ތާރީހެއް އަދި ދަންނަވަން ދަތި ކަމަށް މިނިސްޓަރު ވިދާޅުވި. --


ގިނަ ގައުމުތަކުން ބަލައިގަންނާނެ ވެކްސިން ޕާސްޕޯޓެއްގެ މަސައްކަތް އެބަދޭ: މިނިސްޓަރު

21 އޮގަސްޓު 2021 - 11:46 1

ގިނަ ގައުމުތަކުން ބަލައިގަންނަ މިންގަނޑަކަށް ފެތޭ ކޮވިޑް ވެކްސިންގެ އާ ޕާސްޕޯޓެއް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން މިހާރު ވެކްސިން ޕާސްޕޯޓެއްގެ ގޮތުގައި ބޭނުން ކުރަމުން ދަނީ އެޗްޕީއޭއިން ދޫކުރާ ކޮވިޑް-19 ވެކްސިނޭޝަން ކާޑާއި، ކޮވިޑް ސޭފް ޕޯޓަލް އެވެ.

މި ވެކްސިން ޕާސްޕޯޓް އެތެރޭގެ ބޭނުންތަކުގެ އިތުރަށް، ބޭރަށް ދަތުރުކުރާ މީހުންނަށް ވެސް ބޭނުން ކުރެވެ އެވެ. އެކަމަކު އެއީ އެ ގައުމަކުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ހިނގާ ކަމަކަށް ވާތީ، ބޭނުން ވެއްޖެ ހިނދެއްގައި ލިޔެކިޔުން ފޯރުކޮށްދޭން ޖެހެ އެވެ.

ރާއްޖެއިން ދޫކުރާ މި ވެކްސިން ޕާސްޕޯޓު ބައެއް ގައުމުތަކުން ބަލައިނުގަންނަ ކަމުގެ ޝަކުވާތަކެއް ވަނީ އާންމުވެފަ އެވެ. އެގޮތުން ރާއްޖެއިން ދޫކުރާ ވެކްސިން ކާޑުގައި ބައެއް ކަހަލަ މައުލޫމާތުތައް ނެތުމުން ވެކްސިން ޖަހާފައިވާ މީހުންނަށް ލިބޭ ލުއިތައް ނުލިބޭ ކަމަށް ސޯޝަލް މީޑިއާގައި މިކަމުގެ ކަންބޮޑުވުން ފާޅުކުރި މީހުން ބުންޏެވެ.

ހެލްތު މިނިސްޓަރު ނަސީމް: އޭނާ ވިދާޅުވަނީ ވެކްސިން ޕާސްޕޯޓުގައި ދިމާވާ މައްސަލަ ހައްލުކުރަމުން އަންނަ ކަމަށް. -- ފޮޓޯ/އަދަދު


ވެކްސިން ޕާސްޕޯޓް ބަލައިނުގަތުމުގެ ކަންބޮޑުވުންތަކާ ގުޅިގެން ހެލްތް މިނިސްޓަރު ނަސީމް "އަދަދު"އަށް ވިދާޅުވީ، އެއީ އެކި ގައުމުތަކުގެ އުސޫލު ތަފާތުވުމުން ދިމާވާ މައްސަލައެއް ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގައުމުތަކާ މަޝްވަރާކޮށްގެން، އެ ގައުމުތަކުން ބޭނުންވާ ކަންކަން ހިމެނޭ ވެކްސިން ޕާސްޕޯޓެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ވެކްސިން ޕާސްޕޯޓެއް ފަރުމާކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މި ޕާސްޕޯޓުގެ މަސައްކަތެއް ނިމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ނަސީމް ވިދާޅުވި އެވެ.

މިއީ ގިނަ ގައުމުތަކާ މަޝްވަރާކުރަން ޖެހޭ ކަމަކަށް ވެފައި، އެކަމަށް ދުވަސް ހިނގާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މިވަގުތު ސަރުކާރުން އިސްކަންދެނީ އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖަހަން ކުރަމުން ގެންދާ މަސައްކަތަށް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ވެކްސިނޭޝަން ކާޑުގައި ވެކްސިން ޖަހާ ސެންޓަރުން ޖަހާ ތަތްގަނޑުގެ އިތުރަށް، އެއީ ރަސްމީ ލިޔެކިޔުމެއް ކަން އިނގޭނެ އިތުރު ނިޝާނެއް ނުހުރެ އެވެ. އެކަމަކު ކޮވިޑް ސޭފް ޕޯޓަލްގައި "ޑިސްކްލެއިމާ"އެއްގެ ގޮތުގައި، އޭގައި ހިމެނޭ މައުލޫމާތަކީ ހެލްތް މިނިސްޓްރީގެ ވެރިފައިޑް ޑޭޓާ ކަމުގައި ލިޔެފައި ވެއެވެ.

މިހާރު ބޭނުންކުރަމުން އަންނަ ޑިޖިޓަލް ޕާސްޕޯޓް ތައާރަފުކުރީ ވެކްސިން ނުޖަހާ މީހުންނަށް ބައެއް ކަހަލަ ހިދުމަތްތައް ހޯދަން އުނދަގޫ ވާނެ ގޮތަށް އުސޫލުތައް އެކުލަވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި މީހުން އެއްވެ އުޅޭ ބައެއް ތަންތަނަށް ދިޔުން މަނާކުރުން ފަދަ ކަންކަން ހިމެނެ އެވެ. އެހެންކަމުން މި ވެކްސިން ޕާސްޕޯޓްގެ ސަބަބުން މިކަންކަން ތަންފީޒުކުރަން އިތުރު ލުއިތަކެއް ލިބިގެން ދާނެ އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވެސް ވަނީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ތައާރަފުކޮށްފަ އެވެ. އަދި އީޔޫ އާއި އެމެރިކާއިން ވެސް އަންނަނީ އެ ގައުމުތަކުގައި ބޭނުން ކުރެވޭނެ ޕާސްޕޯޓެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.