Advertisement

ބްލެކްމެއިލްކޮށްފާނެ، ސަމާލުވޭ!


ބްލެކްމެއިލްކޮށްފާނެ، ސަމާލުވޭ!

ބްލެކްމެއިލް ކުރުމަކީ މީހަކު ކުރި ކުށެއް ނުވަތަ މީހަކު ފަލީހަތްވާ ކަހަލަ ކަމެއް ފަޅާއަރުވާލާނެކަމުގެ ބިރުދައްކައިގެން މީހެއްގެ އަތުން ފައިސާ ނުވަތަ އެނޫންވެސް މަންފާއެއް ހޯދުމަށް ނުވަތަ ކަމެއް ކުރުވުމަށް ޑިމާންޑް ކުރުމެވެ. ބްލެކްމެއިލް ކުރުމުގެ ހާދިސާތައް ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަނީ މަދަކުން ނޫނެވެ. ކުޑަކުދިން ބްލެކްމެއިލްކުރުމާއި ބްލެކްމެއިލްކޮށްގެން ރޭޕުކުރުން ފަދަ އެންމެ ބޮޑެތި ސީރިއަސް ކުށްތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

އަމިއްލަ ބަރަހަނާ ފޮޓޯ އެހެން މީހުންނަށް ފޮނުވުމުގެ ސަބަބުން ފެށިފައި ހުންނަ ބްލެކްމެއިލް ކޭސްތައް ފާހަގަކޮށްލެވޭހާ ގިނަ އެވެ. މިފަދަ ފޮޓޯތައް ގިނަފަހަރަށް ފޮނުވެނީ ލޯބީގެ ގުޅުމެއްގެ ތެރެއިންނެވެ. ނުވަތަ ލޯބިވާކަމަށް ހެދިގެން އުޅޭ މީހަކަށެވެ. އަމިއްލަ ބަރަހަނާ ފޮޓޯ ނަގާފައި އިހަކަށް ދުވަހު ދިމާވި މީހަކަށް ފޮނުވާއިރު އެ ފޮޓޯތައް ލީކުކޮށްލަފާނެޔޭ ނުވަތަ އެ ފޮޓޯތައް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ އެއް ހޯދަން މަސައްކަތް ނުކުރާނެ ބާވައޭ އެ ފޮނުވާ މީހަކު އެންމެ ފަހަރަކުވެސް ހިތަށް ނާރާނެ ކަމަށް ގަބޫލުކުރާކަށް ވެސް ފަސޭހައެއް ނޫނެވެ.

އަމިއްލަ ބަރަހަނާ ފޮޓޯ ފޮނުވައިގެން ބްލެކްމެއިލްގެ ޝިކާރައަކަށް މީހުންވަނީ އެފަދަ ކަންކަން ހިނގާކަން ނޭނގޭތީއެއް ނޫނެވެ. އެފަދަ ފޮޓޯ ނުވަތަ ވީޑިއޯ އެހެން މީހަކަށް ފޮނުވާ ކޮންމެ މީހަކުވެސް ވިސްނަނީ އެ ފޮޓޯ ލީކުވުން ފަދަ ކަމެއް އެމީހަކަށް ދިމާ ނުވާނެ ކަމަށެވެ. ގަބޫލުކުރަނީ ތިމަންނާ މި ފޮޓޯ ފޮނުވަނީ އިތުބާރުކުރެވޭ މީހަކަށް ކަމަށެވެ.

ލޯބީގެ ގުޅުންތައް ވަރަށް ގިނަފަހަރަށް ފެށިގެން އަންނަނީ ސޯޝަލް މީޑިއާއާއި މެސެޖިން އެޕްތަކުގެ ތެރެއިންނެވެ. ގުޅުމުގެ ކުރީކޮޅު ހުރިހާ ވާހަކައެއް ދެކެވެނީ ކޮންމެވެސް އެޕެއް މެދުވެރިކޮށެވެ. މިފަދަ ގުޅުމެއްގެ ތެރެއިން ފޮޓޯ ހިއްސާކުރުމުގައި ހިއްސާކޮށްގެން ނުވާނެ ފޮޓޯ ހިއްސާކުރުމަކީ މިހާރު ހަރު އުމުރަށް އަޅާފައި ތިބި މީހުން ހީކުރާ ވަރަށް ވުރެ ފަސޭހައިން ހިނގާފާނެ ކަމެކެވެ. މިއީ ފުރާވަރަށް އަޅަމުން އަންނަ ދަރިއެއް ހުރި ނަމަ ނަސޭހަތްދީ ވާހަކަ ދައްކާލަންޖެހޭ ކަމެކެވެ. މިގޮތަށް ފޮނުވޭ ފޮޓޯ ލީކްކޮށްލަފާނެ ކަމާއި އަދި ފޮޓޯ ފޮނުވޭ މީހާގެ ގާތް މީހެއްގެ އަތަށް އެރުމަކީ ވެދާނެ ކަމެއްކަން ބުނެދޭން ޖެހެ އެވެ. ފޯނުގައި ޕާސްވޯޑު ޖަހާފައި ހުރި ނަމަވެސް ބޭނުން ކުރުމަށް ފަހު ސްކްރީން ލޮކްނުވެ އޮއްވައި އެހެން މީހަކު ފޯނު ބަލާ ހޭވުން ނުވަތަ މެސެޖިން އެޕެއްގެ އެކައުންޓް ހެކްކުރުން ފަދަ ކަމެއް ދިމާވުމަކީ ވެދާނެ ކަމެއްކަން ބުނެދޭން ޖެހެ އެވެ. މިކަމަކީ ދީނީ ގޮތުންވެސް ހުއްދަ ނޫން ކަމެއް ކަން ބުނެދީ ނަސޭހަތް ދޭން ޖެހެ އެވެ.

ބްލެކްމެއިލް ކުރެވިދާނެ ފަދަ ފޮޓޯ އެހެން މީހަކަށް ފޮނުވުމާ މެދު ނަސޭހަތްދީ ހޭލުންތެރި ކުރުވުމުގައި އެންމެ މުހިންމު އެއްކަމަކީ މަކަރުވެރި ދެފުށްދެގޮތް މީހުން އުޅޭނެކަމާއި އެފަދަ މީހުންގެ އަމަލުތައް ހުންނާނެ ގޮތާމެދު ދަރިން ހޭލުންތެރި ކުރުވުމެވެ. ބްލެކްމެއިލް ކުރެވިދާނެ ފަދަ ފޮޓޯ ހޯދުމަށް އިމޯޝަނަލް ބްލެކްމެއިލް ކުރުމަކީ މިފަދަ މީހަކު ކޮއްފާނެ ފަދަ ކަމެކެވެ. މިސާލަކަށް މިފަދަ މީހަކު ލޯބިވެރިޔާ ގާތު ބަރަހަނާ ނޫނީ ނިވާކަން ކުޑަ ފޮޓޯއެއް ފޮނުވަން ބުނުމުން އެކަމަށް ނޫނެކޭ ބުނާ ހިސާބުން އޭގެ އަދަބު ދިނުމަކީ މިފަދަ މީހަކު ކޮށްފާނެ ކަމެކެވެ. މިސާލަކަށް ކުރިން ދެމުންދިޔަ އަޅާލުމާއި ސަމާލުކަން ދިނުން ހުއްޓާލާ ރުޅިމޫނު ދައްކަފާނެއެވެ. ނޫނީ ވާހަކަ ދެއްކުން ހުއްޓާލަފާނެ އެވެ. އިތުބާރު ނުކުރަނީތޯ ސުވާލުކޮށް ލޯބި ނުވާކަމަށް ބުނެ ޝަކުވާކޮށްފާނެ އެވެ. ރުޅިވާނެކަމަށް ބުނެ ބިރުދައްކަފާނެ އެވެ. އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށް ވެސް ބުނެދާނެ އެވެ. މިގޮތްގޮތަށް ވާހަދައްކައި ބޮލަށް ސަވާރުވެގެން ކަންކަން ހާސިލް ކުރުމަށް އިނގިރޭސި ބަހުގައި އިމޯޝަނަލް ބްލެކްމެއިލް އޭ ކިޔެ އެވެ.

އަމިއްލަ ބަރަހަނާ ފޮޓޯ ނެގުމާއި މީހުންނަށް ފޮނުވުމަކީ އެއްވެސް ހާލެއްގައި ބުއްދިވެރި ކަމެއް ނޫނެވެ. އަދި އަމުދުން އިމޯޝަނަލް ބްލެކްމެއިލްކުރާ މީހަކަށް މިފަދަ ފޮޓޯއެއް ފޮނުވުމަކީ ވަރަށް މޮޔަކަމެކެވެ. އިމޯޝަނަލް ބްލެކްމެއިލްކޮށްގެން ކަމެއް ހާސިލް ކުރަން އުޅޭނަމަ ވިސްނަން ވީ އެކަމެއް ކޮށްދޭންވީތޯ ނުވަތަ ނޫންތޯ އެއް ނޫނެވެ. ވިސްނަންވީ އެފަދަ މީހަކާ ގުޅުން ބާއްވަން ވާނެތޯ ނުވަތަ ނޫންތޯ އެވެ.

ބްލެކްމެއިލް ފަދަ ކަންކަން ދަރިންނަށް ދިމާވުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި އެކުދިންނަކީ ހޭލުންތެރި އަދި އަމިއްލައަށް ކަންކަމާ މެދު ވިސްނާ އަދި އެހެން މީހަކަށް ފަސޭހައިން ބޮލަށް ސަވާރުވެ ހައްލާ ނުލެވޭނެ ކުދިންނަށް ހެދޭތޯ މައިންބަފައިން މަސައްކަތް ކުރަން ޖެހެ އެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އަމިއްލަ ނަފްސަށް އިހުތިރާމްކުރާ ބަޔެއްގެ ގޮތުގައި ކުދިން ބޮޑުވާން އެދޭ ނަމަ އެކުދިންނާއި ވާހަކަ ދައްކާއިރު އިހުތިރާމާއި ލޯތްބާ އެކު ވާހަކަ ދައްކާށެވެ. ކުޑަ ކުދިންނަކީ ދުނިޔަވީ ތަޖުރިބާ މަދު އަދި ވިސްނުން ތަރައްގީވަމުން އަންނަ ބަޔެކެވެ. ނަމަވެސް އެ ކުދިންނަށް ރީތި ގޮތުގައި ވިސްނައި ދޭށެވެ. ކުދިންނާއި ރީތިކޮށް ވާހަކަ ދައްކާ އޯގާތެރިވާއިރު ސަބަބެއް މަތިނުކޮށް އެކަން ކުރާށެވެ. އެއްވެސް މީހަކު އެދޭ ހުރިހާ ކަމެއް ކޮށްދިނުމަކީ މީހުންނަށް ރަނގަޅުވުން ނޫންކަން ވިސްނައި ދޭށެވެ. އެއީ ލޯބިވުން ނޫންކަން ވެސް ބުނެދޭށެވެ. ގަބޫލުކުރާ ރަނގަޅު އުސޫލުތަކުގައި ހިފަހައްޓާ ހަރުދަނާ މީހަކަށް ވުމަކީ އަމިއްލަ ރައްކާތެރިކަމާއި މީހާގެ ކުރިއެރުމަށްޓަކައި މުހިންމު ކަމެއްކަން ހަނދާންކޮށްދޭށެވެ.

ބްލެކްމެއިލްގެ ޝިކާރައަކަށް ވެއްޖެ ނަމަ ބްލެކްމެއިލް ކުރާ މީހާގެ އެއްވެސް ޑިމާންޑަކަށް އިޖާބަނުދީ އިތުބާރުކުރެވޭ ގާތް މީހަކާ އެކަން ހިއްސާކުރުން ރަނގަޅެވެ. ބްލެކްމެއިލްވުމަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ. އެކަނި އެފަދަ ކަމަކާ ކުރިމަތިލުމަށްވުރެ ގާތް މީހެއްގެ އެހީ އާއި ހިތްވަރު ހޯދައިގެން އެކަމާއި ކުރިމަތިލުން ރަނގަޅެވެ. ބްލެކްމެއިލް ކުރާ މީހަކު މިވެނި ކަމެއް ނުކުރިއްޔާ އެވެނި ކަމެއް ކުރާނަމޭ ބުނުމަކީ އެއްވެސް އަގެއް ނެތް ވާހަކަ އެކެވެ. ބްލެކްމެއިލް ކުރާ މީހަކު ބުނާ އެއްވެސް ވާހަކަ އަކަށް އިތުބާރުކުރުމަކީ ކޮއްގެންވާނެ ކަމެއް ނޫނެވެ.

ބްލެކްމެއިލް ކުރާމީހާ ބުނާ ގޮތް ހަދައިގެން ވަގުތީ ގޮތުން ކަމެއް ހުއްޓުވުނަސް އެއީ ހަގީގަތުގައި އެއްވެސް ވަރެއްގެ ކޮންޓްރޯލްއެއް ލިބުމެއް ނޫނެވެ. އެމީހާ ދެން ޑިމާންޑުކުރާނީ ކޮންކަމަކަށް ކަމެއް، އެކަން އެމީހާ ހުއްޓާނީ ކޮންދުވަހަކުން ކަމެއް ބްލެކްމެއިލް ކުރެވޭ މީހާއަކަށް ނޭނގޭނެ އެވެ. އެހެންވީމާ އެމީހާ ބުނާ ގޮތް ހަދައިގެން އުޅުމަކީ ހައްލެއް ނޫނެވެ. ޕޮލިހަށް ރިޕޯޓުކުރާށެވެ. މީހެއްގެ މައްޗަށް ބްލެކްމެއިލް ކުރުމުގެ ކުއްސާބިތުވެ ބޭޒާރުވެ ފަލީހަތްވުމަކީ އޭނާއަށް ވެސް ވަކި ފަސޭހަކަމަކަށް ނުވާނެއެވެ.

ގާތްމީހަކު ބްލެކްމެއިލްގެ ޝިކާރައަކަށް ވެއްޖެނަމަ މާޒީގައި ވީ ކަމެއް ބަދަލު ނުކުރެވޭނެކަން ހަނދާނުގައި ބެހެއްޓުން ރަނގަޅެވެ. ބްލެކްމެއިލް ވެއްޖެނަމަ ކުރެވުނު ކަންތަކާ މެދު އެންމެ ބޮޑަށް ހިތާމަކުރާނީ ބްލެކްމެއިލްގެ ޝިކާރައަކަށްވި މީހާކަން ހަނދާން ބަހައްޓާށެވެ. ބްލެކްމެއިލްވި މީހާ ކުށްވެރިކޮށް ވާހަކަ ދައްކާ އެމީހާގެ ރިހޭ ފައިމައްޗަށް ފޮއިވައްޓައި ނުލާށެވެ. މައްސަލަ ހައްލުކުރުމަށާއި އޭނާއަށް ލިބިފައިވާ ނަފްސާނީ ގެއްލުމުން އަރައިގަތުމަށް އެހީތެރިވެދޭށެވެ.