Advertisement

ޕީސީއާރު ނުހަދައި ދަތުރުކުރެވޭނީ ކުޑަކުދިންނަށް ވެކްސިން ފުރިހަމަވުމުން

7 އޮގަސްޓު 2021 - 14:35 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފުރަން ފޮށި ހިފައިގެންދާ މީހެއް: އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ މީހުން ކަރަންޓީން ރިލީޒް ސާމްޕަލަށް ލާރި ދައްކަން ޖެހޭނެ ކަމަށް އެޗްޕީއޭން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


ޕީސީއާރު ނުހަދައި ދަތުރުކުރެވޭނީ ކުޑަކުދިންނަށް ވެކްސިން ފުރިހަމަވުމުން

7 އޮގަސްޓު 2021 - 14:35 0

ޕީސީއާރު ޓެސްޓު ނުހަދައި ރަށްރަށަށް ދަތުރުކުރެވޭނީ އެކި އަތޮޅުތަކުގައި ވެސް ކުޑަކުދިންނަށް ކޮވިޑުގެ ވެކްސިންދީ މުޅި އާބާދީގެ 90 ޕަސެންޓަށް ކަވަރޭޖް ހަމަވުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެން ދަށް ރަށްތަކުން ދަތުރުކުރާއިރު ހަދަން ޖެހޭ ޕީސީއާރަށް ލުއި ދޭން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ. އަންނަ މަހުގެ އެކަކުން ފެށިގެން އެ ނިންމުމަށް އަމަލުކުރާނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި އެ ލުއި ބޭނުންވާ ރަށްތަކުން ވެކްސިން ޖަހާ އުމުރު ފުރައިގެ 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން 90 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަ ކުރަން ޖެހެ އެވެ. އެ ރަށެއްގައި ގެސްޓް ހައުސް ހިންގާ ނަމަ އެ ދާއިރާގެ 95 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހެ އެވެ.

މި ލުއި ލިބޭވަރަށް ރާއްޖޭގެ އެއްވެސް ރަށެއްގައި އަދި ވެކްސިން ފުރިހަމައެއް ނުވެ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ޕީސީއާރާ ނުލައި ރަށްރަށަށް ދަތުރު ކުރަން ހުއްދަ ދޭނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖަހަން ފެށުމުން ކަމަށެވެ. ކުޑަކުދިންނަށް މި މަހު ވެކްސިން ދޭން ފަށަން ވަނީ ނިންމައިފަ އެވެ.

ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގައި ވެކްސިން ޖެހޭ ތިބީ ޖުމްލަ 77 ޕަސެންޓު މީހުންނެވެ. އޭގެ ތެރެއިންވެސް 27 ޕަސެންޓު މީހުން ތިބީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކޮށެވެ. އެހެން ކަމުން އާބާދީގެ 90 ޕަސެންޓު ވެކްސިން ފުރިހަމަ ކުރުމަށް ކުޑަކުދިންނަށް ވެސް ވެކްސިން ޖަހަން ޖެހެ އެވެ.

ވެކްސިން ފުރިހަމަ ނުކޮށް ދަތުރުކުރާ ނަމަ އެ ދާ ރަށެއްގައި 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެ އެވެ. އަދި މިހާރު ހަމަޖައްސާފައިވާ ގޮތުން އެ މުއްދަތަށް ފަހު ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހޭނީ އެ މީހަކު އަމިއްލައަށެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 327،579 މީހުންނެވެ. އޭގެތެރެއިން 280،353 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.