Advertisement

އޮލިމްޕިކްސް: 10 ވަނަ މެޑަލާ އެކު އެލިސަން އަށް ރެކޯޑެއް

7 އޮގަސްޓު 2021 - 10:54 0

އެލިސަން: މި ފަހަރުގެ އޮލިމްޕިކްސް އިން ހޯދި މެޑަލް ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ


އޮލިމްޕިކްސް: 10 ވަނަ މެޑަލާ އެކު އެލިސަން އަށް ރެކޯޑެއް

7 އޮގަސްޓު 2021 - 10:54 0

ޓޯކިޔޯ (އޮގަސްޓް 7) - މި ފަހަރުގެ އޮލިމްޕިކްސްގެ 400 މީޓަރު އިވެންޓުން ލޯ މެޑަލް ހޯދައި އެމެރިކާގެ ހުނަރުވެރި އެތުލީޓް، އެލިސަން ފެލިކްސް އޮލިމްޕިކްސްގެ ތާރީހުގައި 10 މެޑަލް ހަމަކޮށް، އެންމެ ކާމިޔާބު އަންހެން ޓްރެކް އެންޑް ފީލްޑް އެތުލީޓްގެ ޝަރަފް ހޯދައިފި އެވެ.

އުމުރުން 35 އަހަރުގެ އެލިސަން 10 މެޑަލް ހަމަކޮށް ރެކޯޑް މުގުރާލިއިރު، މީގެ ކުރިން އޮލިމްޕިކްސްގެ އެންމެ ކާމިޔާބު އަންހެން ޓްރެކް އެންޑް ފީލްޑް އެތުލީޓްގެ ޝަރަފް އޮތީ ޖެެމެއިކާގެ މާލީން އޯޓޭ އަތުގަ އެވެ. އޭނާ ވަނީ އޮލިމްޕިކްސްތަކުގައި ޖުމްލަ ނުވަ މެޑަލް ހޯދައިފަ އެވެ.

އެލިސަން ވަނީ އޮލިމްޕިކްސްގެ ފަސް މުބާރާުުތުގައި ވާދަކޮށް މިހާތަނަށް ޖުމްލަ ހަ ރަން މެޑަލާއި ތިން ރިހި މެޑަލް އަދި އެއް ލޯ މެޑަލް ހޯދައިފަ އެވެ.

އެންމެ ފުރަތަމަ އޮލިމްޕިކްސް އަކުން އެލިސަން ހޯދި މެޑަލަކީ 2004 ވަނަ އަހަރު އެތަންސްގައި ބޭއްވި އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުން ހޯދި ރިހި މެޑަލެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގެ 200 މީޓަރު ރޭހުން ވެސް ރިހި މެޑަލް ހޯދުމުގެ އިތުރުން ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދި އެވެ.

އެލިސަން އިވެންޓެއްގައި ދުވަނީ: އޭނާ އަކީ އޮލިމްޕިކްސްގެ އެންމެ ކާމިޔާބު އަންހެން ޓްރެކް އެންޑް ފީލްޑް އެތުލީޓް.


އެލިސަންގެ އެންމެ ކާމިޔާބު އޮލިމްޕިކްސް އަކީ 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި ގޭމްސް އެވެ. އެ ފަަހަރު އޭނާ ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ 200 މީޓަރު ރޭހާއި ހަތަރެއް ގުނަ 100 އާއި ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން ހޯދި ދެ ރަން މެޑަލް އެވެ.

އޭގެ ހަތަރު އަހަރު ފަހުން ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގައި އެލިސަން ވަނީ 400 މީޓަރުގެ ރޭހުން ރިހި މެޑަލް އަދި ހަތަރެއް ގުނަ 100 އާއި ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ފަހުން މި ފަހަރު 400 މީޓަރު ރޭހުން ލޯ މެޑަލް ހޯދީ އެވެ. އަދި މިއަދު ހަތަރެއް ގުނަ 400 މީޓަރުގެ ރިލޭ އިން މެޑަލެއް ލިބިއްޖެނަމަ އެލިސަންގެ ރެކޯޑް އިތުރަށް ފުރިހަމަވާނެ އެވެ.

އަލުން ޓްރެކަށް އަންނަން އެލިސަން އުނދަގޫ ދަތުރެއް ކުރި

އެލިސަން އަށް ޕްރޮފެޝަނަލްކޮށް ދުވުން ހުއްޓާލަން ޖެހިދާނެ ފަދަ ހާލަތެއް ކުރިމަތިވި އެވެ. އެއީ 2018 ވަނަ އަހަރު އޭނާ ވިހެއުމަށް ކުރަން ޖެހުނު އޮޕަރޭޝަނަކާ ގުޅިގެންނެވެ. އެ ފަހަރު އެލިސަން އަށް ޖެހުނީ އިމަޖެންސީކޮށް ސިޒޭރިއަން އެއް ހަދާށެވެ.

އެލިސަން އޭނާގެ ދަރިފުޅު ކެމީއާ އެކު ޓްރެކުގައި.-- ފޮޓޯ: އޭއެފްޕީ


އެލިސަން ބުނީ އެ ހަނދާންތަކާ އެކު ކުރިއަށް ދިއުން ވެގެންދިޔައީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށާއި ހަގީގަތުގައި މި ފަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވެލުމަކީ ވެސް ނަފްސާނީ ދުޅަހެޔޮކަމަށް ބަލާއިރު އޭނާ އަށް ކާމިޔާބެއް ކަމަށެވެ.

"އަހަންނަށް އެންމެ ބޮޑު ކަމަކީ މި ފަހަރުގެ އޮލިމްޕިކްސްގައި ދުވެލެވުން. އަހަރެން މި ފަހަރުގެ އޮލިމްޕިކްސްގައި ހުރެ ވެސް ހޮސްޕިޓަލްގައި އަހަރެން ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާ ކުރަން ރެކޯޑް ކޮށްފައި ހުރި ވީޑިއޯތައް ބެލިން. އެ ހުރިހާ ހަނދާނަކާ އެކު އަހަރެން މި ތަނުގައި ޕޯޑިއަމްގައި މި ހުރީ،" އެލިސަން ބުންޏެވެ.

"އުމުރުން 35 އަހަރުގައި އަހަރެން މި ހުރީ އޮލިމްޕިކްސްގައި. އަހަންނަކީ އޮލިމްޕިކްސްގެ ޗެމްޕިއަނެއް. އެނބުރި އާދެވުމަކީ ހަގީގަތުގައި މެޑަލަކަށް ވުރެ މުހިއްމު ކަމެއް،"

އެލިސަން ބުނީ ކެރިއަރުގައި ކުރިއަށްދިއުމުގެ އުއްމީދު އަދިވެސް ދޫކޮށްނުލާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް އެކި މުބާރާތްތަކުގައި ވާދަކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެލިސަން ބުންޏެވެ.