Advertisement

ރިޒާ އަށް 14 އަހަރުގެ ޖަލު ހުކުމަކުން ގޮނޑި ގެއްލިދާނެ ކަމުގެ ބިރު

7 އޮގަސްޓު 2021 - 11:41 0

ނާޒިމް ހަސަން

ނާޒިމް ހަސަން

މެންބަރު ރިޒާ: އޭނާގެ މައްޗަށް ދެ ދައުވާ އުފުލާފައިވާއިރު 14 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ


ރިޒާ އަށް 14 އަހަރުގެ ޖަލު ހުކުމަކުން ގޮނޑި ގެއްލިދާނެ ކަމުގެ ބިރު

7 އޮގަސްޓު 2021 - 11:41 0

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ މައްޗަށް އިންސާނީ ވަގު ވިޔަފާރި ކުރުމުގެ ބޮޑު ދައުވާއެއް ވަނީ އުފުލައިފަ އެވެ. ހިއުމަން ޓްރެފިކިންއަކީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުން ވެސް އެންމެ ސީރިއަސް އަދި ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދައުލަތުން އުފުލި ދެ ދައުވާ ރިޒާގެ މައްޗަށް ސާބިތުވެއްޖެ ނަމަ, ދިގު މުއްދަތުގެ ހުކުމެއް އަތުވެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ; އެ ދެ ދައުވާގެ އަދަބަކީ 14 އަހަރުގެ ޖަލު ހުކުމެކެވެ.

ރިޒާގެ މައްޗަށް ދައުވާ އުފުލީ ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި އޭނާގެ ކުންފުނި ކަމަށްވާ އާރްއައިއެކްސް (ރިޒް ކުންފުނިން) ގެންގުޅުނު ބިދޭސީންނާ މެދު އަމަލުކޮށްފައިވާ ގޮތުންނެވެ. އެތައް މަހަކު މުސާރަ ނުދީ އަސާސީ ހިދުމަތްތަކުން ވެސް މަހްރޫމް ކުރުވިކަން ފާޅައެރީ، އެ ބިދޭސީ މުވައްޒަފުން ބޮޑުފިނޮޅުގައި އިޖުތިޖާޖުކޮށް ހަތިޔާރާ އެކު ނުކުތުމުންނެވެ.

އެ ހަމަނުޖެހުން ހުއްޓުވީ، ފުލުހުން ހަތިޔާރާ އެކު އެ ރަށަށް އެރުމަށް ފަހު އެވެ. އޭގެފަހުން ބޮޑުފިނޮޅުގެ ބިދޭސީންގެ ދިފާއުގައި ގިނަ ބަޔަކު އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން އެ ބިދޭސީންގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް މައްސަލަތައް ހުށަހަޅައިދީފައިވެ އެވެ.

ރިޒާގެ މައްޗަށް ދައުވާ އުފުލުމަށްފަހު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިއްޔެ ބުނި ގޮތުގައި ރިޒާގެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފަ އެވެ. އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ގާނޫނާ ހިލާފަށް މަޖުބޫރުކޮށްގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ރިޒާގެ ކުންފުނިން ވަނީ މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި މަސައްކަތްތެރީންގެ ހައްގުތަކާއި ގުޅުން ހުރި އެހެން ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ހައްގުތައް ނިގުޅައިގެންފަ އެވެ.

ރިޒާގެ މައްޗަށް ޕީޖީ އޮފީހުން ދައުވާކުރީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މި ކުށުގެ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ.

މީގެއިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން ވެސް ރިޒާގެ މައްޗަށް ވަނީ ދައުވާއެއް އުފުލައިފަ އެވެ. އެއީ އެ ގާނޫނުގެ 530 ވަނަ މާއްދާގެ ދަށުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. މިއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ.

ކުށުގެ އަސާސީ އަދަބަކީ ހަތަރު އަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. މި އަދަބު ބޮޑުކުރެވޭނެ ހަމަތަކާއި ލުއި ކުރެވިދާނެ ހަމަތައް ގާނޫނުލްއުގޫބާތުގައި ބަޔާންކުރެ އެވެ.

ރިޒާގެ މައްޗަށް ދައުވާ އުފުލާފައިވީ ނަމަވެސް އޭނާގެ ވަކީލުން ގެންދަވަނީ ބޮޑުފިނޮޅު މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ. ވަކީލުން ވިދާޅުވާ ގޮތުގައި, ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރި އެ ރަށުގައި ތިބި ހުރިހާ ބިދޭސީންނަކީ އާރުއައިއެކްސްގެ މުވައްޒަފުންނެއް ނޫނެވެ. އަދި މުސާރަ ދިނުން މަޑުޖެހުނު ނަމަވެސް ބަރާބަރަށް މުސާރަ އާއި އަސާސީ އެހެން ހިދުމަތްތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށް ވަކީލުން ވިދާޅުވެފައިވެ އެވެ.

ރިޒާގެ މައްޗަށް މި ދެ ދައުވާ ރިޒާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެންމެ މަދުވެގެން ވެސް 14 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެ ނަމަ، އޭނާ މެންބަރުކަމުން ވަކިވާނެ އެވެ. ނަމަވެސް، އެ ހާލަތަށް ދާނީ އެ މައްސަލައިގައި ތިން މަރުހަލާގެ ކޯޓު ޝަރީއަތްތައް ނިމި، ނިހާއީ ހުކުމަކަށް ދިޔުމުންނެވެ.

އެ ހާލަތު މެދުވެރިވެގެން އެންމެފަހުން ގޮނޑި ގެއްލުނީ މިދިޔަ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެންބަރު ކަމުގެ މަގާމުގައި ފުރަތަމަ ހުންނެވި އަހުމަދު ނާޒިމެވެ. އޭނާގެ ގޮނޑި ގެއްލުނީ ހިޔާނާތުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވުމުންނެވެ.

ނިމިދިޔަ މަޖިލީހުގެ އެހެން ބައެއް މެންބަރުންގެ މައްޗަށް ވެސް ޖިނާއީ ދައުވާތައް ސާބިތުވި އެވެ. އެގޮތުން، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހިމެނެ އެވެ. ނަމަވެސް، އެ ބޭފުޅުންގެ މައްސަލަތައް ނިހާއީ ހުކުމަކާ ހަމައަށް ނުދިޔުމުން ގޮނޑި ގެއްލިފައެއް ނުވެ އެވެ.