Advertisement

މެމްބަރު ރިޒާގެ މައްޗަށް އިންސާނީ ވަގުފާރި ކުރިކަމުގެ ދައުވާ

6 އޮގަސްޓު 2021 - 14:46 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މެމްބަރު ރިޒާ: ދައުވާ ސާބިތުވެއްޖަ ނަމަ 10 އަހަރު ދުވަހުގެ ހުކުމެއް އަތުވެދާނެ -- ފޮޓޯ: މަޖިލިސް


މެމްބަރު ރިޒާގެ މައްޗަށް އިންސާނީ ވަގުފާރި ކުރިކަމުގެ ދައުވާ

6 އޮގަސްޓު 2021 - 14:46 2

ރިސޯޓެއް ތަރައްގީ ކުރިއިރު އެތަނުގެ މަސައްކަތް ކުރިވި ބިދޭސީން ލައްވައި މުސާރަ ނުދީ ގަދަކަމުން މަސައްކަތްކޮށްފައިވާތީ ރިޒް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ މައްޗަށް އިންސާނީ ވަގުފާރި ކުރުމުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންސާނީ ވަގުފާރި ކުރުމުގެ ދައުވާގެ އިތުރުން އަދުލް އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ވެސް ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކަމަށެވެ.

އިންސާނީ ވަގުފާރި ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ރިޒާގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ އެވެ. މިފަދަ ހުކުމެއް އަތުވެއްޖަ ނަމަ މެމްބަރުކަމުން އޭނާ ވަކިވާނެ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިޒް ކުންފުނިން ބިދޭސީ މަސައްކަތްތެރިން ލައްވައި މަސައްކަތް ކުރުވާފައި ވަނީ ގަދަކަމުން މުސާރަ ނުދީ ކަމަށެވެ.

"މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ގާނޫނާ ހިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައިފަ،" އެ ބަޔާނުގައިވެ އެވެ.

އަދި މަސައްކަތްތެރިންނަށް ބިރު ދެއްކުމުގެ ގޮތުން ވެސް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކެއް ވަނީ ހިންގައިފަ،" އެ ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ބުނާ ގޮތުގައި ރިޒާގެ މައްޗަށް އަދުލް އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ކުރަނީ ކޯޓު އަމުރެއްގެ ދަށުން ކުންފުނި އޮފީސް ބަލައި ފާސް ކުރަން އުޅުމުން އެ މަސައްކަތަށް ހުރަސް އެޅުމުންނެވެ.