6 އޮގަސްޓު 2021 - 14:15 0
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ކްރިސްޓީނާ.
6 އޮގަސްޓު 2021 - 14:15 0
ޓޯކިޔޯ (އޮގަސްޓް 6) - ބެލަރޫސްގެ އޮލިމްޕިކްސް ޓީމުން ގަދަބާރުން ވަކިކޮށް އެނބުރި ގައުމަށް ފޮނުވާލަން މަސައްކަތްކުރި ސްޕްރިންޓަރު ކްރިސްޓީނާ ޓިމަނޯވްސްކާޔާ އަށް ނުފޫޒު ފޯރުވި ކަމަށް ތަހުގީގަށް ސާބިތުވުމުން ބެލަރޫސް ޓީމުގެ ދެ ކޯޗަކު މި ފަހަރުގެ އޮލިމްޕިކްސްގެ އިވެންޓްތަކުން ބޭރުކޮށްފި އެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މިހާރު ކުރިއަށްގެންދާ ތަހުގީގަށް ލިބުނު ހެކިތަކަށް ބަލައި ބެލަރޫސްގެ ދެ ކޯޗުން ކަމަށްވާ އާތޫރް ޝިމަކް އާއި ޔޫރީ މައިސެވިޗްގެ ފާސް ކެންސަލްކޮށް އައިއޯސީން ވަނީ އެ ދެ ކޯޗުން އޮލިމްޕިކް ވިލެޖުން ނެރުމަށް ފަހު އެނބުރި ގައުމަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.
ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީން މި ފަހަރުގެ އޮލިމްޕިކްސް ޓީމުން ކްރިސްޓީނާ، 24، ވަކިކޮށް އެނބުރި ގައުމަށް ގެންދަން ނިންމީ އޭނާ ޓީމުގެ ކޯޗުންނަށް ފާޑުކިޔުމުންނެވެ. ކޯޗުންނަށް ފާޑުކިޔަން ކްރިސްޓީނާ ނިންމީ އޭނާ ފަރިތަނުކުރާ އިވެންޓެއްގައި ވާދަކުރަން މަޖުބޫރުކުރާތީ އެވެ. ކްރިސްޓީނާ ދެކޭގޮތުގައި އޭނާ ފަރިނުކުރާ އިވެންޓެއްގައި ވާދަކުރުވުމުގެ ފަހަތުގައި ފޮރުވިފައި އޮތް މަގުސަދަކީ އޭނާ ފެއިލްކޮށްލުމެވެ.
މިދިޔަ ހަފްތާގައި ބެލަރޫސް އޮފިޝަލުން ބޭނުންވެގެން ކްރިސްޓީނާ ފުރުވާލަން އެއާޕޯޓަށް ގެންގޮސް ހުއްޓައި އޭނާ ވަނީ ޖަޕާން ފުލުހުންގެ ހިމާޔަތަށް އެދިފަ އެވެ. އެއާ އެކު ޖަޕާން ފޮރިން މިނިސްޓްރި އާއި ޓޯކިޔޯ އޮލިމްޕިކްސްގެ އޮގަނައިޒިން ކޮމިޓީ އަދި ޖަޕާންގެ އޮލިމްޕިކް ކޮމިޓީން އިސްވެ، ކްރިސްޓީނާ އަށް ހިމާޔަތްދީ ޓޯކިޔޯގައި ހުންނަ ޕޮލެންޑްގެ އެމްބަސީ އަށް އޭނާ ގެންދިޔަ އެވެ.
ޕޮލެންޑުން ކްރިސްޓީނާ އަށް ހާއްސަ ވިސާއެއް ހަމަޖައްސައި ދިނުމުން އޭނާ މިހާރު ވަނީ ޕޮލެންޑަށް ގޮސްފަ އެވެ.
ކްރިސްޓީނާ އަލުން ބެލަރޫސް އަށް ދާން ބޭނުންނުވި ސަބަބަކީ އޭނާ އެ ގައުމުގެ އޮލިމްޕިކް ކޮމިޓީ އަށް އެހާ ހާމަކަން ބޮޑު ގޮތަކަށް ފާޑުކިޔުމަށް ފަހު އެ ގައުމަށް ގޮސްފިނަމަ ރައްކާތެރިކަން ކަށަވަރުނުވާތީ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަަނަލް އިން ރިޕޯޓްކުރާގޮތުގައި ބެލަރޫސް އަށް އެނބުރި ނުދާން ކްރިސްޓީނާ ނިންމީ ރަނގަޅަށެވެ. އެއީ ބެލަރޫސް ސަރުކާރުން ވެސް އެ ގައުމުގެ އެތުލީޓުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ނުކުޅެދިފައިވާ ކަމަށް އެމްނެސްޓީ އަށް ގަބޫލުކުރެވޭތީ އެވެ.
އައިއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ކޮމިޓީގެ ރައީސް ތޯމަސް ބަަކް ވިދާޅުވީ ކްރިސްޓީނާ އަށް ރައްކާތެރިކަން ދިނުމުގައި އައިއޯސީ އަށް ކުރެވޭނެ ހުރިހާ ކަމެއް ވީ އެންމެ ފުރިހަމަ އަށް ކޮށްފައިވާނެ ކަމަށެވެ. އަދި މިކަމުގައި ޕޮލެންޑުން ކްރިސްޓީނާ އަށް ހިމާޔަތް ދިނުމަކީ ކުޅިވަރު އެތުލީޓަކު ހާލުގައި ޖެހުނަނުދޭނެ ކަމުގެ ހެއްކެއް ލިބިގެންދިޔަ ކަމެއްކަން ބަކް ފާހަގަކުރެއްވި އެވެ.
ކްރިސްޓިނާ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކޮށް މި ފަދަ ކަމެއް އިތުރު އެތުލީޓަކަށް ތަކުރާރުނުވާނެ ފަދަ ގޮތަަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އައިއޯސީން ވަނީ ދީފަ އެވެ.
Comment