Advertisement

އޮލިމްޕިކްސް: ރަން މެޑަލް ހޯދައި ޔޫގާންޑާގެ ޗެމުތާއީ ތާރީހުގެ ތެރެއަށް

5 އޮގަސްޓު 2021 - 09:30 0

ޗެމުތާއީ ރަން މެޑަލް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ


އޮލިމްޕިކްސް: ރަން މެޑަލް ހޯދައި ޔޫގާންޑާގެ ޗެމުތާއީ ތާރީހުގެ ތެރެއަށް

5 އޮގަސްޓު 2021 - 09:30 0

ޓޯކިޔޯ (އޮގަސްޓް 5) - އޮލިމްޕިކްސްގެ 3000 މީޓަރު ސްޓީޕަލްޗޭސް އިވެންޓުން ރަން މެޑަލް ހޯދައި ޔޫގާންޑާގެ އެތުލީޓް ޕެރޫތު ޗެމުތާއީ ތާރީހުން ޖާގަ ހޯދައިފި އެވެ.

އުމުރުން 22 އަހަރުގެ ޗެމުތާއީ އަކީ ޔޫގާންޑާގެ ތާރީހުގައި އޮލިމްޕިކްސް އިން ރަން މެޑަލެއް ހޯދި އަންހެން ފުރަތަމަ އެތުލީޓެވެ. މީގެ ކުރިން އޮލިމްޕިކްސް އިވެންޓަކުން ޔޫގާންޑާ އަށް ރަން މެޑަލެއް ގެނެސްދިން ދެ އެތުލީޓުންނަކީ ވެސް ފިރިހެނުންނެވެ. އެއީ 1972 ވަނަ އަހަރުގެ އޮލިމްޕިކްސްގެ 400 މީޓަރު ހާޑްލް އިން ރަން މެޑަލް ގެނައި ޖޯން އަކީ-ބުއާ އާއި 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މެރަތަން އިން ރަން މެޑަލް ހޯދި ސްޓެފެން ކިޕްރޮޓިޗް އެވެ.

ޗެމުތާއީ މި ފަހަރުގެ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދީ 3000 މީޓަރުގެ ސްޓީޕަލްޗޭސް އިވެންޓް ނުވަ މިނިޓް 01.45 ސިކުންތުން ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ އެމެރިކާގެ ކޯޓްނީ ފްރެރިޗްސް ރިހި މެޑަލް ހޯދިއިރު، ރޭސް ނިންމީ ނުވަ މިނިޓް 04.79 ސިކުންތުންނެވެ. އަދި ލޯ މެޑަލް ހާސިލްކުރި ކެންޔާގެ ހައިވިން ކިޔެންގެ ޓައިމިން އަކީ ނުވަ މިނިޓް 05.39 ސިކުންތުވެ.

"މިއީ ވަރަށް އާދަޔާހިލާފު އިހުސާސެއް. އަހަންނަކީ އޮލިމްޕިކް ޗެމްޕިއަނެއް. (3000 މީޓަރު ސްޓީޕަލްޗޭސް) މިއީ ވަރަށް އުނދަގޫ އިވެންޓެއް. ވަރަށް ހިތްވަރުން މި ރޭސް މި ނިންމުނީ. ގައުމީ ރެކޯޑަކާ އެކު މި ރޭސް ނިންމުނީތީވެ ވަރަށް އުފާވޭ،" ޗެމުތާއީ ބުންޏެވެ.

ރޭހުގެ ފަހު 500 މީޓަރަށް ދިޔައިރު، ޗެމުތާއީ އަށް އެއް ވަނައިގައި ރޭސް ނިންމިދާނެތޯ ސުވާލު އުފެދުނެވެ. އެއީ އެމެރިކާގެ ކޯޓްނީ ލީޑެއް ނެގުމުންނެވެ. އެކަމަކު، ޗެމުތާއީ ވަނީ 2017 ވަނަ އަހަރުގެ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ކޯޓްނީ ފަހަތަށް ޖައްސާލައި ފަހު ވަގުތު ރޭހުގެ އެއް ވަނަ ހޯދައިފަ އެވެ.

"އެމެރިކާގެ ދުވުންތެރިޔާ (ކޯޓްނީ) ކުރިއަށް ޖެހިލީމަ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮތް. އެކަމަކު ފަހު ވަގުތާ ހަމައަށް އަހަރެން ބެލީ ލެވަލް ހިފެހެއްޓޭތޯ. އެކަން ކޮށްގެން ރަން މެޑަލް މި ލިބުނީ،" ޗެމުތާއީ ބުންޏެވެ.

އިއްޔެ ކުރިއަށްދިޔަ އެތުލެޓިކްސް ފިިރިހެނުންގެ 800 މީޓަރުގެ ދުވުމުގެ ރަން އަދި ރިހި މެޑަލް ހޯދީ ވެސް ކެންޔާގެ ދުވުންތެރިންނެވެ. ރަން މެޑަލް ހޯދީ އެމަނުއަލް ކޮރީ އެވެ. އަދި ރިހި މެޑަލް ހާސިލްކުރީ ފާގަސަން ރޮޓިޗް އެވެ.