Advertisement

ސަލާހުއްދީނަށް އަމީން ވެދުން ކުރެއްވި "ހަނދާނުގެ މާފަތި"

5 އޮގަސްޓު 2021 - 07:12 2

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ހުސެއިން ސަލާހުއްދީން (ކ) އަދި މުހައްމަދު އަމީން. --އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ސަލާހުއްދީނަށް އަމީން ވެދުން ކުރެއްވި "ހަނދާނުގެ މާފަތި"

5 އޮގަސްޓު 2021 - 07:12 2

އެ ލިޔުން އެމަނިކުފާނު ފަށްޓަވާފައިވަނީ، ޅެން ބައިތުތަކަކުންނެވެ. ބަގީޗާގައި ފަރިވަމުން އައި މާތަކުން ފަރިކަން ގެއްލި، މިލައި އޭގެ ވަސް ނެތުނު ވާހަކައިން ގެނެސްދެއްވީ، އުފެދުމާއި ނެތުމުގެ ގުދުރަތީ ގާނޫނަށް ކިޔަމަންނުވާ އެއްޗެއް ނެތްކަމުގެ ދަރުސެކެވެ.

ދެން އެމަނިކުފާނުގެ ހިޔާލީ ލޮލުން ދައްކުވައިދެއްވީ ފަޟީލަތުއްޝައިހު ހުސައިން ސަލާހުއްދީނުގެ ހަޔާތްޕުޅުގެ ކުރު ހުލާސާއެކެވެ. މަހްކަމަތުއްޝަރްއިއްޔާގެ ފެންޑާމަތީން ސަލާހުއްދީނުގެ ޝަރީއަތްކުރެއްވުމާއި މާލޭގެ ގެއެއްގެ ފެންޑާމަތީން ސަލާހުއްދީނުގެ ކިޔަވައިދެއްވުމާއި ހުކުރު މިސްކިތުގެ މިންބަރު މަތިން ސަލާހުއްދީނުގެ ހުކުރު ކުރެއްވުމެވެ.

"ދެން، އާދެ! ދެން، ކޮނޅުބުގެ ސެންޓްރަލް ހަސްފަތާލުގެ ކޮޓަރިއެކެވެ. އެންމެ ފަހުން، ސިލޯނުގެ ކުޕިޔަވައްތޭގެ ގަބުރުސްތާނެވެ. ހުރިހާ މަންޒަރެއްމެ އަޅުގަނޑުގެ ހިޔާލީ ލޮލަށް، ފުރިހަމަކަމާއި، ކުލަޔާއިއެކު ގެނެވެ އެވެ،" އެމަނިކުފާނު ލިޔުއްވި އެވެ.

އެއީ ސެޕްޓެމްބަރު 20، 1948 ގައި ސަލާހުއްދީން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި "ސަރުކާރު ހަބަރު" ގައި "ހަނދާނުގެ މާފައްޗެއް" މިނަމުގައި އޭރުގެ ދާހިލީ ވަޒީރު އަދި ފަހުން ރައީސްކަން ކުރެއްވި ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި އޮބިއުޗަރީ އެވެ. ސަލާހުއްދީނުގެ ދަރިކަނބަލުން ފާތިމަތު ސައީދުގެ ފިރިކަލުންގެ އެ ލިޔުއްވުމަކީ، ބުނެވޭ ގޮތުގައި ދިވެހި ބަހުން މިހާތަނަށް ލިޔެވުނު އެންމެ ފަށުވި، އެންމެ އަސަރުގަދަ އެއް ލިޔުއްވުމެވެ.

"އާދޭހެވެ! ފަޟީލަތުއްޝައިހް ހުސައިން ސަލާހުއްދީނުގެ ސަންދޯއްޕުޅު ސިރީ ލަންކާގެ މުށިކުލައިގެ ވެލިތަކެއްގެ ތެރެއަށް ގެއްލިގެން ދިޔައީ އެވެ. ދިވެހިރާއްޖޭގައި، އޭނާގެ މަގާމު ހުސްވީ އެވެ. ދިވެހިންގެ އުލޫމްގެ މާބަގީޗާގެ ގަސްތައް، އަސަރުގެ މިލުމަކުން މިލުވައިލީ އެވެ. މާމެލާމެލީގެ މާގަނޑުތައް، ހިތާމައިން ލެނބިލީ އެވެ. ޝުކުރުވެރި ދިވެހި ހިތްތަކުން ހުރަހަކާއި ނުލައި ލެއިކަރުނަތަކެއް އޮހޮރާން ފެށީ އެވެ،"

އެކަމަކު އަމީން ދެން ލިޔުއްވަނީ އެކަމާ ހިތާމަކުރުމުގެ މާނައެއް، ޝަކުވާކުރުމުގެ އެއްވެސް ހައްގެއް ނެތް ކަމަށެވެ. އެއީ ކީއްވެތޯ އެވެ؟ އެމަނިކުފާނު ލިޔުއްވި ގޮތުގައި ފުރިހަމަ ވެގެން އެދިޔައީ އިލާހީ ހިކްމަތެކެވެ. ތަމްސީލުވެގެން ދިޔައީ ގުދުރަތީ ގާނޫނެކެވެ.

"ހުސައިން ސަލާހުއްދީން އެއަވަހާރަވީ ކަލާނގެ މިންވަރުކުރައްވާފައިވާ ގޮތުގެ މަތީން އޭނާގެ ވާޖިބުތައް އަދާކުރެއްވުމަށް ފަހުގަ އެވެ. ހަޔާތުގެ ރޭހުން އަގުމާތް އިނާމުތަކެއްގެ ފަހްރުވެރި ވެރިޔަކަށް ވެވަޑައިގެންނެވުމަށް ފަހުގަ އެވެ. އޭނާއަށް ލިބިވަޑައިގެންފައިވި ދީނީ އިލްމުތަކުގެ އަސަރު ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފަތުރުއްވާލައްވާފަ އެވެ،"

އަމީން ވަކާލާތުކުރެއްވި ގޮތުގައި އެކަކަށްފަހު އަނެކަކު މަރުނުވަނީނަމަ، އެކެއް ހުސްކުރާ މަގާމު ފުރާން އަނެކަކު ނުލިބެނީނަމަ، ދުނިޔަވީ ހަމަތަކަކަށް ދެމިއެއްނުއޮވެވޭނެ ކަމަށާއި އަދި އިލާހީ ގާނޫނުތައް ވެސް ފުރިހަމައެއް ނުވާނެ އެވެ.

"ނިކަން ވިސްނަވާށެވެ. ފިކުރު ފޯރުއްވަވާށެވެ. މީހެއްގެ ހަގީގީ އަގު ވަޒަންކުރެވެނީ އެމީހަކު ނެތިދިއުމަށް ފަހުގަ އެވެ. އާދޭހެވެ! ހަމަ މުޅީންމެ ޔަގީނެވެ. އަގެއް ނެތް ޖިސްމުތައް، ދާދި އަވަހަށް ނެތިފަނާވެގެން ހިނގައިދެ އެވެ. ދެމިހުންނަ އެއްޗަކީ އެމީހަކު ކުޅަ ހެއު އަމަލުތަކެވެ. އިހްލާސްތެރިކަމާއިއެކު އަދާކުޅަ ހިދުމަތެކެވެ. އާދޭހެވެ! ކަށިތަކާއި، މަސްތައް ވެއްޔަށްވެގެން ހިނގައިދެ އެވެ. ނަމަވެސް "ތާއަބަދު ދެމިހުންނަ ހެޔޮޒިކުރާއަކަށް ނިމުމެއް ނެތެވެ"،" އަމީން ލިޔުއްވާފައިވެ އެވެ.

ސަލާހުއްދީން (މ) މައްކާއަށް ކުރެއްވި ދަތުރުފުޅެއްގައި ވަފްދުގެ މެމްބަރުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން: އަރިހުގައި އެ ހުންނެވި ތުއްޕުޅުބޭފުޅަކީ އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ޝިހާބް އަދި ވާތް ފަރާތުގައި ކޮޅަށް އެ ހުންނެވީ އައްޑޫ މީދޫ ފެންނާ މަނިކުފާނު.


މަޒުމޫނުގައި އަމީން ބަޔާންކުރެއްވި ގޮތުގައި ބޮޑުގަލު މާކޮށާރު ބަނޑޭރި، އަލްމަރްހޫމް މޫސާ ދީދީ އާއި ދަރަވަންދޫގޭ ތުއްތުމަނިކެއާ ދެކަނބަލުންގެ ދަރިކަލުން ސަލާހުއްދީން ވަރަށް ތުއްޕުޅުއިރުއްސުރެ ފެށިގެން ހިތްޕުޅުގައި އިލްމުގެ މައްޗަށް އުފެދިފައިވަނީ ވަރަށް މަތިވެރި ލޯބިފުޅެކެވެ.

"ނަތީޖާއެއްގެގޮތުން، ދިވެހިރާއްޖޭގައި ތައްލީމު ލިބިގަތުމުގެ މަގުތައް ވަރަށް ނުތަނަވަސްކޮށް އޮތް ދުވަސްވަރެއްގައި ވެސް އަމިއްލަ މަސައްކަތްޕުޅުން އޭނާ އިލްމު ހާސިލް ކުރައްވާން ފައްޓަވައިފި އެވެ. އޭނާގެ ފުރަތަމަ އުސްތާޒަކީ، އައްޑޫ ހިތަދޫ ދޮންބެއްޔާ އެވެ. ދެން، ފަޟީލަތުއްޝައިހް މުހައްމަދު ޖަމާލުއްދީން ނާއިބު ތުއްތޫ އެވެ،" އަމީން ތަފްސީލްކޮށްދެއްވި އެވެ.

ސަލާހުއްދީނުގެ އެ އިލްމުވެރިކަމުގެ ނަތީޖާއަކަށްވީ، ވަރަށް ޅަފަތުގައި ދައުލަތުގެ ބޮޑު ޒިންމާއެއް އަދާކުރައްވަން ފުރުސަތު ލިބިވަޑައިގަތުމެވެ. އެގޮތުން އުމުރުފުޅުން އެންމެ 18 އަހަރުގައި ދައުލަތުގެ ބަންޑާރަ ނާއިބުކަން ލިބިވަޑައިގަތެވެ.

"އެއީ، އެއިރުވެސް އޭނާއަށް ހާސިލުވެވަޑައިގެންފައިވާ އިލްމުގެ މައްޗަށް އަދާކުރެވުނު މުބާރަކްބާދީގެ ޖިޒީއެކެވެ،" އަމީން ލިޔުއްވި އެވެ.

އެ ދުވަސްވަރު ރަދުން މުހައްމަދު އިމާދުއްދީން (ހާޖީ އިމާދުއްދީން) ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅެއްގައި ސެކެޓްރީއެއްގެ ގޮތުގައި ސަލާހުއްދީން ގެންދެވި އެވެ. އެ ދަތުރުފުޅު ފަހުން ވެގެންދިޔައީ ސުވޭހު ކައިވެނިފުޅަށް ހާޖީއިމާދުއްދީން މިސްރަށް ކުރެއްވި ދަތުރުފުޅަށެވެ. އެހެންކަމުން ރަދުން ސުވޭހުގައި ހުންނަވަނިކޮށް ރަސްކަމުން އަޒުލުކޮށް ތަހުތަށް މުހައްމަދު ޝަމްސުއްދީން އިސްކުރެވުނުއިރު ސަލާހުއްދީން ހުންނަވަން ޖެހިވަޑައިގަތީ ގައުމުން ބޭރުގަ އެވެ.

އެކަމަކު އަމީނުގެ ކާފާފުޅު ސުމުއްވުލްއަމީރު އަލްހާއްޖު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު، ޒުވާން ސަލާހުއްދީނުގެ އަތްޕުޅުގައި ހިއްޕެވި ކަމަށް އަމީން ލިޔުއްވި އެވެ. މާލެ ވަޑައިގެން ދައުލަތުގެ އަމުރާއެކު މާލޭގައި އަރަބި ކިޔަވާދެއްވާން ފެށްޓެވިއިރު އެމަނިކުފާނުގެ ފުރަތަމަ ދަރިވަރުން ކަމުގައި ހިމެނުނީ ކޮއްކޯފުޅު ދަރަވަންދޫގޭ އަބްދުﷲ ދީދީ އާއި ބޮޑުފެންވަޅުގޭ ސީދީ އެވެ.

"ލަސްތަކެއްނުވެ، ދަރިވަރުންތައް ދިޔައީ ގިނަވަމުންނެވެ. މަލިމް މޫސާ ކަލޭގެފާނު، ކަޅުހުރާގޭ ތުއްތު ސީދީ، މަލިމް މަނިއްޕުޅުގެ މުހައްމަދު ދީދީ، އަހްމަދު ކާމިލް ދީދީ، އިބްރާހީމް ލުތުފީ ފަދަ ބޭބޭފުޅުންނާއި ކުދީންނެވެ،" އަމީން ލިޔުއްވި އެވެ.

އޭގެ ފަހުން ބަންޑާރަ ނާއިބުކަން އަލުން ލިބިވަޑައިގަތެވެ. އެއާއެކު މަހުކަމަތުއްޝަރުއިއްޔާ ހިންގަވަން ފެށްޓެވި އެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެވުނެވެ. އަމީން ލިޔުއްވި ގޮތުގައި މަހުކަމަތުއްޝަރުއިއްޔާ އަށް އެދެވޭގޮތުގެ މަތީން ބަދަލުތަކެއް އައިސްފައިވާކަމުގައި ވާނަމަ، އެ އިސްލާހުތަކުގެ ބިންގާ އެޅުއްވީ އަބްދުލްމަޖީދު ރަންނަބަނދޭރި ކިލެގެފާނުންގެ އިރުޝާދުގެ މަތީން ސަލާހުއްދީން ކަމަށާއި އެއީ ބަހުސެއް އޮތް މަގާމެއް ނޫން ކަމަށެވެ.

މަޒުމޫނުގައި އަމީން ދެން ގަލަންކޮޅު ގެންދެވީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އުފަންކުރަން ކުރެވުނު މަސައްކަތްތަކާ ދިމާއަށެވެ. އޭގެ ތެރެއިން ވެސް އެ ގާނޫނު އަސާސީ ލިޔުނު މަޖިލީހަށެވެ.

"އާދެ! އެ މަޖިލީހުގެ ނުހަނު ހީވާގި ސެކްރެޓަރީއެއް ކަމުގައިވީ، ފަޟީލަތުއްޝައިހް ހުސައިން ސަލާހުއްދީނެވެ. ދެން އައީ، މަޝްވަރާ މަޖިލީހަކުން ދައުލަތް ހިންގި ދައުރެކެވެ. މެންބަރުންގެ ތެރެއިން އެއްބޭފުޅަކީ، ހުސައިން ސަލާހުއްދީނެވެ. އާދެ! މަސްރަހުގެ މަތީން ދެން ފެންނާންފެށީ، 1351 ވަނަ އަހަރުގެ ޝައްބާންމަހެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ފާސްވި އަހަރެވެ. އަލަށް އުފެދުނު ވުޒާރާގައި، ވަޒީރުލްހައްގާނިއްޔާގެ މަތިވެރި މަގާމު ފުރުއްވެވީ އަޅުގަނޑުގެ މިމަޒުމޫނުގެ ބަތަލެވެ،" ސަލާހުއްދީނުގެ ހިދުމަތްތެރި ހަޔާތްޕުޅުގައި ދެން އައި ދުވަސްތައް އަމީން ސިފަކުރެއްވި އެވެ.

މުހައްމަދު އަމީން އާއި އަނބިކަނބަލުން ފާތިމަތު ސައީދު: އެކަމަނާ އަކީ ސަލާހުއްދީނުގެ ދަރިކަނބަލެެއް.


އެއަށް ފަހު ރާއްޖޭގެ ސިޔާސީ މައިދާނުގެ މައްޗަށް ޖަމާވީ ބޯވިލާގަނޑެކެވެ. ގާނޫނު އަސާސީ ވީދާލީ އެވެ. ވަޒީރުން ހަވަރަށް ދޭން ވެސް މަސައްކަތްކުރީ އެވެ. އެއާއެކު ފެނިގެން ދިޔައީ އޭރު ދައުލަތުގެ ބޮޑު ބާރެއް ނަންގަވައިގެން ހުންނެވި ހަސަން ފަރީދުގެ ރޭއްވެވުމުގެ ދަށުން މޮޓަރު ބޯޓުގައި ވަޒީރުންކޮޅު ކޮޅުނބަށް ފޮނުވާލެއްވި މަންޒަރެވެ. އޭގެ ތެރޭގައި ސަލާހުއްދީން ވެސް ހިމެނިވަޑައިގަތެވެ. އަމީން އެ ދުވަސްތައް ސިފަކުރެއްވީ ސަލާހުއްދީން "ޗުއްޓީއަކަށްޓަކައި" ކޮޅުނބުގައި އުޅުއްވި ކުޑަ ދުވަސްކޮޅެކެއްގެ ގޮތުގަ އެވެ.

"އެދުވަސްވަރު، ދިވެހިރާއްޖޭގެ ސިޔާސީ ނަވަށް ވަރަށް މަތިވެރި ދަރަޖައަކަށް އަސަރުކުރުވި ކޮޅިގަނޑު ހަމަ ޖެހުނުއިރު ހުސައިން ސަލާހުއްދީން އިންނެވީ، އަނެއްކާ ވެސް މަހްކަމަތުއްޝަރްއިއްޔާގައެވެ. ފަނޑިޔާރުކަމުގެ މަތިވެރި ގޮނޑީގަ އެވެ. އަޅުގަނޑުގެ ހަނދާން، އަޅުގަނޑާ ކުޅެނީކަމުގައި ނުވާނަމަ އެދުވަސްވަރު ވެސް އެމަނިކުފާނަށް ފަނޑިޔާރުކަމަށް ކޮލިލެވުނެވެ،" އަހަރެއްހާ ދުވަހަށް ފަހު ސަލާހުއްދީން ކޮޅުނބުން އެނބުރި ވަޑައިގަތުމުން ކަން ހިނގި ގޮތް އަމީން ހުލާސާކުރެއްވި އެވެ.

އޭގެ ފަހުން މަހްކަމަތުއްޝަރްއިއްޔާ ހިންގަވަން ދައުލަތުން ގާޒީއެއް ލެއްވެވި އެވެ. އޭގެ ސަބަބަކުން "ހުސައިން ސަލާހުއްދީނުގެ ހިދުމަތްތަކަކުން މަހްކަމަތުއްޝަރްއިއްޔާ މަހްރޫމެއް" ނުވާ ކަމަށާއި އެ މަނިކުފާނު ހުންނެވީ "އެ މަހްކަމާގެ މުސްތަޝާރެއްފަދަ މަގާމެއްގައި" ކަމަށް އަމީން ލިޔުއްވި އެވެ.

"މަހްކަމަތުއްޝަރްއިއްޔާގެ ފުރަތަމަ ގާޒީއެއް ކަމުގައި، އޭނާގެ އެންމެ އަގުހުރި އެއް ދަރިވަރު، ފަޟީލަތުއްޝައިހް އަބްދުﷲ ފަހްމީ ދީދީ އައްޔަން ކުރެވުނުކަން އެއީ، ހުސައިން ސަލާހުއްދީނަށް ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ފަހްރެއްކަން ޔަގީނެވެ،"

އަމީން ވިދާޅުވެދެއްވި ގޮތުގައި މެދުކެނޑުމުން ނަމަވެސް ސަލާހުއްދީން ފަންސާސް އެތައް އަހަރެއް ވަންދެން ދައުލަތަށް ހިދުމަތްކުރެއްވި އިރު އެމަނިކުފާނުގެ ހިދުމަތްތައް އެހެނިހެން ރޮނގު ރޮނގުން ވެސް ދިވެހި ގައުމަށް ލިބެމުން ދިޔައީ ވަރަށް ވެސް މަތިވެރި ދަރަޖައަކަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ދާއިރާއަކީ އަދަބިއްޔާތެވެ. އެއީ ކީރިތި ރަސޫލާގެ ސީރަތު އުފަންކުރުވި ލިޔުންތެރިކަމާއި "އަލް-އަދަބު" އުފަންކުރުވި ޅެންވެރިކަމެވެ.

"ދިވެހި ރައްޔިތުން، އެންމެ ދަހިވެތިކަމާއެކު އިންތިޒާރުކޮށްކޮށް ތިބެނީ، އައްޝައިހް ހުސައިން ސަލާހުއްދީން ހުކުރު ކުރައްވާ ދުވަސް ދުވަހަށެވެ. އޭނާގެ މަތިވެރި ހުތުބާތަކަށެވެ. ދިވެހި އަދީބުންތައް އެންމެ ބޮޑު ޝައުގުވެރިކަމަކާއެކު ބަލަބަލާ ތިބެނީ، ހުސައިން ސަލާހުއްދީންގެ ފޮތެއް ޝާއިއު ވެގެން ނުކުމޭތޯ އެވެ. ޅެމަށް ލޯބިކުރާ ދިވެހީންގެ ހިތްތަކުގައި އެމަނިކުފާނުންގެ ޅެންތަކަށާއި ރައިވަރުތަކަށް ދެވިފައި އޮންނަނީ، ވަރަށް ވެސް މަތިވެރި މަގާމެކެވެ." ސަލާހުއްދީނުގެ އަދަބީ ފެންވަރު އެންމެންނަށް ފަހުމްވާނެ ފަދައަކުން އަމީން ތިލަކޮށްދެއްވި އެވެ.

އަމީން ބަޔާންކުރެއްވި ގޮތުގައި އެ ހުރިހާ ސަބަބަކަށްޓަކައި، ސަލާހުއްދީނަށް ދިވެހި ގައުމު ދަރާފައިވާ ދަރަނި ބޮޑެވެ. އަދި އެމަނިކުފާނަށް އަދާކުރުން ހައްގުވެގެންވާ ޝުކުރު ގިނަ އެވެ.

"އެކަމަކު ޝައްކެއް ނެތް ގޮތެއްގައި ދިވެހި ގައުމަށް ހުސައިން ސަލާހުއްދީނަށް ކުރެއްވުނު އެންމެ މަތިވެރި ހިދުމަތަކީ، ދީނީ ތައުލީމު ފެތުރުއްވުމަށް ކުރެއްވުނު ހިދުމަތްތަކެވެ،" އަމީނުގެ ހަމައެކަނި ދަރިކަނބަލުން އަމީނާ މުހައްމަދު އަމީނުގެ ކާފާފުޅުގެ އަގުހުރި ހިދުމަތްތް އެމަނިކުފާނު ވަޒަންކުރެއްވި އެވެ.

އޭރު އަރަބި އިލްމު އުނގެނިފައިވާ ކަމުގައި އާއި ދީނީ އިލްމުގެ ތެރެއަށް ވަދެވިފައިވާ ކަމުގައި ދައުވާކުރާ ދިވެހި ދަރީންގެ ތެރެއިން ގާތްގަނޑަކަށް، ސަތޭކައަކުން ނުވަދިހަ ނުވަ ތާލިބުންގެ ފުރަތަމަ އުސްތާޒެއްކަމުގައި ހިމެނިގެންވާނީ، ސަލާހުއްދީން ކަމަށް އަމީން ލިޔުއްވި އެވެ.

"އަޅުގަނޑުމެންނަށް، އަބްދުﷲ ފަހްމީ ދީދީއަކާއި ބޮޑުފެންވަޅުގޭ ސީދީއެއް، އިބްރާހީމް ލުތުފީއަކާއި އަހްމަދު ކާމިލެއް، މަލިމް މޫސާ ކަލޭގެފާނަކާއި އަބްދުލްގައްޔޫމެއް، މުހައްމަދު ނަސީރު މަނިކަކާއި މުހައްމަދު ޖަމީލު ދީދީއެއް ލިބުނީ، ހުސައިން ސަލާހުއްދީން އެޅުއްވި ބިންގަލެއްގެ ވަރުގަދަކަމުންނެވެ. އެމަދަރުސާއަކަށްޓަކައި އަޅުގަނޑުމެން މިއަދު ފަހްރުވެރިވާ، މަދަރުސަތުލް މަޖީދިއްޔާގެ ފުރަތަމަ ނާޒިރަކީވެސް ހަމަ އެމަނިކުފާނެވެ،" އަމީން ލިޔުއްވި އެވެ.

ދިވެހި ޖައްވުގައި ސަލާހުއްދީން ފުރުއްވެވީ ވަރަށް ވެސް ހަރުދަނާ މަގާމުތަކެއް ކަމަށާއި އޭނާ ހެލިފެލިވެ އުޅުއްވީ، އިންސާނީ ހޫނުކަމަކާއިގެން ކަމަށާއި އެކަމަކު މިއަދު އެމަނިކުފާނުގެ ވިދުންގަދަ ހިދުމަތް ފެންނަން ނެތްކަން އަމީން ހަނދާންކޮށްދެއްވީ އަސަރުގަދަ ޅެންބައިތަކުންނެވެ.

"އިއްޔެ ފެންނަންހުރި ގޮތެއް ނޫނޭ މިއަދު ފެންނަންހުރީ

އިއްޔެ ދޭހުން ހާމަވީ ގިނަ ކުލަތަކެއް މިއަދަކުނެތޭ

އުދަރެހަށް އަލިކަން ދެމުން، އަރަމުން އެއައި ތަރިތައްއެކީ

އުދަރެހުން އަދުއޮއްސިގެން ގޮސް އޭގެ އަލިކަންވެސްނެތޭ"

އަމީން ދެން ދެއްވީ އަގުހުރި ނަސޭހަތެކެވެ. އެމަނިކުފާނު ލިޔުއްވި ގޮތުގައި މި "ބޭވަފާތެރި ދުނިޔެ" އަޅުގަނޑުމެންނަށް ދޭހަކޮށްދޭ އިބްރަތްތައް ބޭނުން ނުކޮށްވާނޭ ހަމަ އެއްވެސް ގޮތެއްނެތެވެ. މިހުވަފެނެއް ފަދަ ދުނިޔޭގެ ދޯދިޔާކަމާއި އަންނަނިވި ދުވަހުގެ ދާއިމީކަން ދައްކައިދިން ނަމަވެސް، އަޅުގަނޑުމެންނަށް، މިތިބެވެނީ އިންތިހާ ދަރަޖައިގެ ބޭވަފާތެރިކަމެއްގެ ތެރެއަށް ގެއްލިގެން ކަމަށް ލިޔުއްވި އެވެ. ފެންނަ މަންޒަރަކުން، އިވޭ އަޑަކުން، އަޅުގަނޑުމެންނަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި މާދަމާއާއި ދޭތެރޭ ކުޑަވެސް ފަރުވާލެއް ނުކުރާ ކަމަށް ވެސް އަމީން ލިޔުއްވި އެވެ.

"ހިތާމައަކީ، އެއީ އެވެ. ހިތިހިތާމައަކީ އެއީ އެވެ،" ލިޔުއްވި އެވެ.

އެ އިބުރަތް ދަސްކޮށްދިން އެއް ވަކިވެދިއުން ކަމުގައިވި ސަލާހުއްދީނުގެ ވެދުންކުރާނީ، ލިބުނު އެންމެ ރީތި މާތަކަކުން ގަތާފައިވާ ގަދަރުވެރިކަމާއި ޝުކުރުވެރިކަމުގެ ގުލްދަސްތާއަކުން ކަމަށް އަމީން ލިޔުއްވި އެވެ. އެއީ ދިވެހި ދައުލަތުގެ ނަމުގަ އެވެ. ދިވެހި ރައްޔިތުންގެ ފަރާތުންނެވެ. ދިވެހި ޝާއިރުންގެ ހެޔޮއެދުންތަކާ އެކުގަ އެވެ. އަދި ދިވެހި އަދީބުންގެ ހިތުގެ އަޑީން އުފެދިގެން އުތުރިއަރާ ޝުއޫރުތަކެއްގެ އަސަރާއެކުގައި ކަމަށް އަމީން ލިޔުއްވި އެވެ.

އަމީން މަޒުމޫނު ނިންމަވައިލެއްވީ ސަލާހުއްދީނުގެ ޅެމަކުން ނަސޭހަތެއް ދެއްވަމުންނެވެ.

"ކުރާށޭ އަމަލުތައް ސާލިހުވެދާ މީޒާނުގައި ރާޖިޙް

ނުދާށޭ ނުކުމެ ހުސްދެއަތާ، އެދޭނަމަ ވާށަ ނިއުމަތުގައި

ހަވާ ނަފުސުން ދުރުހެލިވެގެން، ފަވާފާ ކަންތަކުން ދިނިގެން

އުޅޭށޭ ހެޔޮގޮތަށް ލެނބިގެން، ހިނގާށޭ ރީތި ތެދުމަގުގައި"