Advertisement

ގާތުން ދިނުން، މެލްނިއުޓްރިޝަން އަދި ނިޔާފްގެ ނަސޭހަތްކޮޅެއް

5 އޮގަސްޓު 2021 - 10:32 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ދެމަފިރިއަކު އެމީހުންގެ ދަރިފުޅަށް ކާންދެނީ: ރާއްޖޭގައި ކުޑަކުދިންގެ ބޮޑު އާބާދީއަކީ އެކަށީގެންވާ ވަރަށްވުރެ ހިކި ކުދިން. -- ފޮޓޯ: ޔުނިސެފް


ގާތުން ދިނުން، މެލްނިއުޓްރިޝަން އަދި ނިޔާފްގެ ނަސޭހަތްކޮޅެއް

5 އޮގަސްޓު 2021 - 10:32 0

ކޮރޯނާ ވައިރަހުގެ ޕެންޑެމިކުގެ ތެރެއިން އިހްސާނުގެ ދެމަފިރިންނަށް އުފާވެރިކަން ގެނެސްދިނީ ކުޑަކުޑަ ޔޫއާން އެވެ. ކުއްޖާއަށް ހެޔޮކޮށް، މޮޅުކޮށް، ކޮންމެ ކަމެއް ކޮށްދޭން އެ ދެމަފިރިން ބޭނުންވި އެވެ. އެކަމަކު އެ ދެމަފިރިން ބޭނުންވި ގޮތަކަށް ދަރިފުޅުގެ ހުރިހާ ކަމެއް ނުދިޔަ އެވެ.

"އެންމެ ބޮޑު މައްސަލައަކަށްވީ ގާތުން ދަރިފުޅަށް ނުބޮވުން. ފޯމިއުލާ އަދި ވެސް ބޮނީ. ދެން ކާން ދޭން ވަރަށް އުނދަގޫ ހަމަ. ނިދުމުގެ މައްސަލަތައް ވެސް ދިމާވަނީ ރަނގަޅަށް ނުކުވޭތީ ކަމަށް ޑޮކްޓަރުން ބުނެފަ އޮތީ،" މިހާރު އެއް އަހަރު ފުރިފައިވާ އެ ދަރިފުޅުގެ ވާހަކަ ދައްކަމުން އިހްސާން، 29، ބުންޏެވެ.

އިހްސާންގެ އެ ކަންބޮޑުވުމަކީ އޭނާގެ އެކަނި ފިކުރެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ ހުންނަންޖެހޭ ވަރަށްވުރެ ބަރުދަން ލުއި ކުދިންނެވެ. އަދި 22 ކުދިންނަކީ ހުންނަންޖެހޭ ވަރަށްވުރެ ބަރުދަން އިތުރު ކުދިންނެވެ.

"އަހަރެންގެ ޕްރައިވެޓް ޕްރެކްޓިސްގައި ވެސް ވަރަށް ބޮޑަށް ފާހަގަވޭ މެލްނިއުޓްރިޝަންގެ މައްސަލަ. އަންޑާ ނިއުޓްރިޝަން ވެސް އަދި ހަމަ އޯވާ ނިއުޓްރިޝަން ވެސް. އެހެން ނަމަވެސް ކޮމްޕެއާ ކުރާ ނަމަ ގިނައީ އަންޑާ ނިއުޓްރިޝަންގެ މައްސަލަތައް،" މަގްބޫލު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

ރާއްޖޭގައި މެލްނިއުޓްރިޝަން އޮތީ ކިހާވަރަކަށް؟

ޔުނައިޓެޑް ނޭޝަންސް ޗިލްރެންސް އެމަޖެންސީ ފަންޑް (ޔުނިސެފް) ގެ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ މާ ބޮޑަށް ހިކިކޮށް ތިބޭ ކުދިންނެވެ. ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ސްޓަންޓުވެފައި ނުވަތަ އެކަށީގެންވާ ކާނާ ނުލިބިގެން އިސްކޮޅުން ބޮޑުނުވެފަ ތިބި ކުދިންނެވެ.

ހިކިކޮށް ތިބުމުގެ އިތުރުން ރާއްޖޭގެ 10 ޕަސެންޓު ކުދިންނަކީ ވޭސްޓްވެފައި ނުވަތަ މަސްކޮޅާއި ހަމުގެ ސަރުބީ މަދުވެ، ކަށިގަނޑުގައި ތަތްލާފައި ހުންނަ ކުދިންނެވެ. މިއީ ހަށިގަނޑަށް ލިބޭ ކާނާ އިންތިހާއަށް މަދުވުމުން މެދުވެރިވާ ކަމެކެވެ.

ހިކިވުމުގެ މައްސަލަތައް ދިމާވުމުގެ އިތުރުން ކުޑަކުދިން ފަލަވުމުގެ މައްސަލަ ވެސް ރާއްޖޭގައި އެހާ ބޮޑެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 22 ޕަސެންޓު ކުދިންނަކީ މާ ބޮޑަށް ބަރުދަން އިތުރު ކުދިންނެވެ.

"ފަލަވުން އަދި ހިކިވުމަކީ ވެސް މެލްނިއުޓްރިޝަން. ކޮންމެ ބާވަތެއް ނަމަވެސް މެލްނިއުޓްރިޝަންއަކީ ކުއްޖާ ހެދިބޮޑުވުމަށް ހުރަސް އަޅާ އާދައިގެ ދިރިއުޅުމެއް އުޅުމަށް ގޮންޖެހުންތަކެއް މެދުވެރިކުރުވާ ސަބަބެއް،" ޔުނިސެފުން ބުނެފައިވެ އެވެ.

މި ދިރާސާތަކުގެ ނަތީޖާވީ ތަޖުރިބާކާރުންނަށް މައްސަލައާ މެދު ވިސްނަން މަޖުބޫރުވި ކަމަކަށެވެ. ރާއްޖެއަކީ ފަގީރު ގައުމެއް ނޫނެވެ. މެދު އާމްދަނީ ލިބޭ ގައުމުތަކުން މި މަންޒަރު ފެންނަ މިންވަރަށް ވުރެ ބޮޑަށް ރާއްޖޭގައި މެލްނިއުޓްރިޝަންގެ މައްސަލަ އެބަ އޮތެވެ.

ސަބަބަކީ ކޮބާ؟

ދިވެހިރާއްޖޭގެ ކުދިންގެ މެދުގައި މެލްނިއުޓްރިޝަންގެ މައްސަލަ ބޮޑުވާ ސަބަބު ދަނެގަތުމަށް ބައެއް މަސައްކަތްތައް ވަނީ ކުރެވިފަ އެވެ. އެގޮތުން މިކަން ދިރާސާކުރުމަށް ރާއްޖޭގެ މަރިޔަމް އަސްރާ އިސްވެ ހުންނަވާ ޗައިނާގެ ނަންޖިންގް މެޑިކަލް ޔުނިވާސިޓީގެ އިތުރު އަށް ސައިންޓިސްޓުން ވަނީ ޅަވިޔަނި އަތޮޅަށް، 2017 ވަނަ އަހަރު ވަޑައިގެން ބޮޑު ދިރާސާއެއް ކުރައްވައިފަ އެވެ.

ދަ ޖާނަލް އޮފް ބަޔޮމެޑިކަލް ރިސާޗްގައި މިދިޔަ އަހަރު ޝާއިއުކުރި ދިރާސާގައި ޅަވިޔަނި އަތޮޅުގެ 800 ކުޑަކުދިން ބައިވެރިކުރި އެވެ. އެކަމުން އެނގުނު ގޮތުގައި އެ ކުދިންގެ ތެރެއިން 23 ޕަސެންޓު ކުދިންނަކީ އެކަށީގެންވާ މިންވަރަށްވުރެ ބަރުދަން މާ ބޮޑަށް ލުއި ކުދިންނެވެ.

އެގޮތުން 10 ޕަސެންޓު ކުދިންނަކީ ބަރުދަން މާ ބޮޑަށް ލުއި ކުދިންނެވެ. އަދި 13 ޕަސެންޓު ކުދިންނަކީ އެކަށީގެންވާ މިންވަރަށް ކާނާ ނުލިބިގެން އިސްކޮޅުން ބޮޑުނުވެފައި ތިބި ކުދިންނަށްވާއިރު ނުވަ ޕަސެންޓް ކުދިންނަކީ އާދަޔާ ހިލާފަށް ހިކިވެ ވޭސްޓުވެފައިވާ ކުދިންނެވެ.

ދިރާސާއިން އެނގުނު ގޮތުގައި މެލްނިއުޓްރިޝަންގެ މައްސަލަ ގުޅިފައި އޮތީ މައިމީހާގެ ކިޔެވުމާއި ސިއްހީ ހިދުމަތާއި ރަނގަޅު ކާނާ ކެއުމަށް ފުރުސަތު އޮތް މިންވަރާ އެވެ. އަދި މައިމީހާގެ ގާތުން ނުދިނުމަކީ ވެސް މީގެ ތެރެއިން ސަބަބެއް ކަމަށް ދިރާސާއިން ބުނެފައިވެ އެވެ.

ޑރ. ނިޔާފްގެ ދެ ތިން ނަސޭހަތް

ތިމާގެ ދަރިފުޅު ހިކިކޮށް ނުވަތަ ފަލަކޮށް ހުރުމަކަށް ވެސް އެކަކު ވެސް ނޭދޭނެ އެވެ. ކޮންމެ މީހަކު ވެސް އެންމެ ބޭނުންވާ ކަމަކީ ހެޔޮ ސިއްހަތެއްގައި ދަރިފުޅު ބޮޑު ކުރުމެވެ. ތިރީގައި މި ވަނީ ކުޑަކުދިންނަށް ގާތުން ދިނުން އަދި ކެއުމުގެ ތަރުބިއްޔަތު ބައްޓަން ކުރުމަށް ރާއްޖޭގައި މަގްބޫލް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ދެއްވި ދެ ތިން ލަފަ އެވެ.

މައިމީހާގެ ކިރުގެ އަޖައިބުކަން އަދި މުހިންމުކަން

ފޯމިއުލާއާ އަޅާބަލާއިރު މައިމީހާގެ ކިރަކީ އެތައް ހާސް ގުނަައަކުން މޮޅު އެއްޗެކެވެ. އެއާމެދު ޑރ. ނިޔާފް އެއްޗެއް ވިދާޅުވި އެވެ.

"އިންސާނަކު ވިހާއިރު ދުވަސްފުރާފަ ވިހެއި ނަމަވެސް ދުވަސް ނުފުރާ ވިހެއި ނަމަވެސް އެ މީހެއްގެ ގައިން އުފައްދާ ކިރަކީ އޭނަގެ ދަރިފުޅަށް ހާއްސަކޮށް ލެއްވި އެއްޗެއް. ދުވަސް ނުފުރާ މީހަކު ވިހައިފިއްޔާ އެމީހާ އުފައްދާ ކިރު އެއީ ދުވަސް ނުފުރާ ކުދިންނަށް ދެވޭ ކަހަލަ ކިރެއް. އެހެރީ ތޮބީއީގޮތުން އޮންނަ ގޮތް. އޭގެން ވެސް އެނގޭ މިކަން ދަރިފުޅަށް އެންމެ މޮޅުވާނީ،" ޑޮކްޓަރު ކިޔައިދެއްވި އެވެ.

ފޯމިއުލާއާ ހިލާފަށް ތިބާ އުފައްދާ ކިރަކީ ދަރިފުޅަށް ހާއްސަކޮށް އުފެދޭ އެއްޗެކެވެ. އަދި މައިމީހާގެ ކިރުގައި ފޯމިއުލާގައި ނުހިމެނޭ މުހިންމު އެތައް މާއްދާތަކެއް ހިމެނެ އެވެ.

"އަދި ދަރިފުޅު ބޮޑުވެގެން އަންނަ އިރު މައިމީހާ އުފައްދާ ކިރު އެބަ ބަދަލުވޭ ދަރިފުޅު ބޭނުންވާ ތަކެތި ލިބޭ ގޮތަށް. އެގޮތަށް ނުވާނެއެއް ނޫންތޯ ފޯމިއުލާގައެއް. އަދި އަލަށް ދަރިފުޅު ވިހައިގެން ފުރަތަމަކޮޅު އަންނަ ކިރުގައި ހުންނާނެ މަންމައަށް އޭނާގެ އުމުރު ދުވަހު ޖެހިފައި ހުރި ހުރިހާ ބައްޔަކާ ދެކޮޅަށް އޭނާގެ ހަށިގަނޑުގައި ދިފާއީ ބާރެއް އުފައްދާފަ ހުރި ނަމަ އެ އުފެއްދި ބާރެއްގެ މިންވަރެއް. އެބައި ބުއްކޮޅު ތެރެއިން ބޭބީއަށް ލިބޭނެ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ފުރަތަމަ ހަ މަހު ހަމައެކަނި ގާތުން ދިނުން ވަރަށް މުހިންމު

ނުވަ މަހަށް ފަހު އަންހެނަކު ދަރިފުޅު ވިހެއި ނަމަވެސް ކުއްޖާގެ ގުނަވަންތައް ހުންނަނީ އެންމެ ފުރިހަމަވެފައެއް ނޫނެވެ. ހަޖަމް ކުރުމުގެ ނިޒާމަކީ ވެސް ވިހާއިރު މެޗުއާވެފައި ހުންނަ ގުނަވަނެއް ނޫނެވެ.

"އިންސާނެއް އުފަންކުރާ ދަރިފުޅު ތޮބީއީ ގޮތުން މި ހުންނަނީ އިންސާނެއްގެ ކައިރިން އުފެދޭ އެ ދަރިފުޅަށްޓަކައި ލައްވާފައި ހުރި ކިރު ފުރިހަމައަށް ހަޖަމްކުރެވޭ ނިޒާމަކާއެކު. އެ ދަރިފުޅަށް ގެރި ކިރުން އުފައްދާފައިވާ ހުރި ކިރެއް ދެވުނީމަ އޭތި ފުރިހަމައަށް ހަޖަމް ކުރެވޭ ނިޒާމެއް ނޫން ހުންނަނީ. އެއީ ގެރީގެ ދަރިއެއްގަ ހުންނާނެ ނިޒާމް،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ކުއްޖާގެ އުމުރުން ފުރަތަމަ ހަ މަސް ދުވަހު ވަރަށް ބަލައިގެން ފުރިހަމަ ނިއުޓްރިޝަން ހަށިގަނޑަށް ދިނުން މުހިންމު ކަމަށް ޑރ. ނިޔާފް ދެކިވަޑައިގަންނަވަ އެވެ.

"މެލްނިއުޓްރިޝަންއަށް ބަލާ ކަމަށްވާ ނަމަ، ހާއްސަކޮށް އަންޑާ ނިއުޓްރިޝަންއަށް ބަލާކަމަށްވާ ނަމަ އޭގެ ފެށުން މި އަންނަނީ ކުއްޖާ ވަރަށް ތުއްތުއިރު. އެ ކުއްޖަ ކުޑަވަނީ ކުއްލިއަކަށް ތިން އަހަރު ފުރޭ ހިސާބަކު ނޫން. އެ ކުއްޖާ ފެށިގެން އަންނަނީ ވެސް ވަރަށް ކުޑަކޮށް،" އޭނާ ވިދާޅުވި އެވެ.

ކުއްޖާ ބަރުވާންޖެހޭ މިންވަރަށް ފުރަތަމަ އަހަރު ބަރުނުވެއްޖަ ނަމަ ދެން ކުރިއަށްދާން އުނދަގޫވެ އެވެ.

"މިސާލަކަށް ފުރަތަމަ ހަ މަސް ތެރޭގައި ބަރުދަނުގެ ދެ ގުނަ ޖެހެން އޮންނަ ތަނުގައި އެވަރު ނުވާ ނަމަ އެ އޮތީ ދަށްކޮށް ފެށިފައި. ފުރަތަމަ އަހަރު އެބަ އިތުރެވޭ ގާތްގަނޑަކަށް ހަ ކިލޯ، ހަތް ކިލޯ. ދެ ވަނަ އަހަރު ތެރޭގައި އިތުރުވާނީ ދެ ކިލޯ. އެހެންވީމަ އެންމެ ބޮޑަށް އިތުރުވާން ލިބުނު ދުވަސްވަރު މާ ކުޑަކޮށް އިތުރުވީމަ ފަހުން ވާން ވީ ވަރަށް ވިޔަސް ހަމަ ކުރީގެ ބައި އުނިކޮށް ހުރިއްޔާ ދަށްވާނެ ދޯ،" އޭނާ ވިދާޅުވި އެވެ.

ކާން ދޭން ފެށުމުގައި ސަމާލުވާންވީ ބައެއް ކަންކަން

ތުއްތު ކުއްޖާއަށް ހަ މަސް ވަންދެން ހަމައެކަނި ބުއް ދިނުމަށްފަހު ކާނާ ދޭން ފަށާއިރު މައިންބަފައިން ވިސްނަންޖެހޭ ކަންތައްތަކެއް ހުރެ އެވެ. އެގޮތުން މުހިންމު އެއް ކަމަކީ ހަ މަސް ފުރުމުން ކާން ދިނުމެވެ.

"އިއްޔެ ބެލެނިވެރިއަކު ފޮނުވާފައި އިން ސުވާލެއް. ޑޮކްޓަރު ދެކެނީ ކިހިނެއްހޭ ހަތަރު މަހުގަ ދަރިފުޅަށް ކާންދޭން. ބައެއް ޑޮކްޓަރުންނާއި ނަރުހުންނާއި އާއިލާގެ ވަރަށް ބައިވަރު މީހުން އެބަ ކިޔައޭ. އަހަރެން ބުނީ އޮންނަ ގޮތޭ އަހަރެން ބުނާނީ، އޮންނަނީ ހަ މަހުގައި ކާންދޭށޭ. އެ ނޫން ގޮތަކަށް ބުނާ މީހަކު އެ ބުނަނީ އޮންނަ ގޮތާ ހިލާފަށޭ،" ނިޔާފް ވިދާޅުވި އެވެ.

ހަ މަސް ފުރުމުގެ ކުރިން ކާން ދިނުމުގެ އެއްވެސް ފައިދާއެއް ނެތް ކަމަށް ނިޔާފް ދެކިވަޑައިގަންނަވަ އެވެ.

"އެ ކުދިންނަށް ކިރު ނޫން އެއްޗެހި ހަޖަމް ކުރުމުގެ ގާބިލްކަން ނާންނައިރު ކާނާ ދިނީމަ އޭތި ގޮހޮރަށް އެޅޭނެ، ގޮހޮރު ފުރޭނެ. އެކަމަކު ހަޖަމްނުވަންޏާ ހަށިގަނޑަށް ފައިދާއެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

ކާން ދޭން ފެށުމުން ވެސް ޔޯގަޓް ފަދަ ކިރު ހިމެނޭ ތަކެތި މާ ބޮޑަށް ކާން ދިނުމުގައި ނުހިމެނުން މުހިންމު ކަމަށް ނިޔާފް ވިދާޅުވި އެވެ.

"އިތުރު ކާނާއޭ ބުނާ ބަހުގެ މާނަ ގެއްލެނީ. އިތުރު ކާނާއޭ މި ބުނަނީ ކިރު ނޫން އިތުރު އެއްޗެއްސަށް އިޝާރާތްކޮށް. އެކަމަކު ވެސް ހަ މަސް ފުރުނީމަ ދޭ ކާ އެއްޗެހީގަ އަދިވެސް މައިގަނޑު ގޮތެއްގައި ކިރު ހިމަނަނީ،" ނިޔާފް ވިދާޅުވި އެވެ.

އޭގެ އިތުރުން ބަތް، ޕާސްތާ ފަދަ ތަކެތި މަދުކޮށް ތަރުކާރީގެ ބައިތައް މާ ބޮޑަށް އިތުރުކުރުމަކީ ވެސް މައްސަލައެއް ކަމަށް ނިޔާފް ވިދާޅުވި އެވެ.

"މިސާލަކަށް ބަރުވާތީ ހިކެން ބޭނުންވެގެން ކަސްރަތު ކުރަން ވަގުތު ނުވާތީ ޑައެޓް ކުރަނީ. ޑައެޓް ކުރާއިރު އަހަރުމެން ކީއްތަ ކުރަނީ؟ ބަތް މަދު ކުރަނީ، ތަރުކާރީ އާއި މޭވާ ބައި ގިނަ ކުރަނީ. އެއީ ހިކޭ، ބަރުދަން އިތުރުވުން ހުއްޓުވާ ޕްރިންސިޕަލްއަކީ،" ނިޔާފް ކިޔައިދެއްވި އެވެ.

ކުޑަ ކުއްޖާ ރަނގަޅަށް ހެލިފެލިވެ އުޅުމަށް ހޯދާ ހަކަތަ، ރޮށި އަދި ބަތް ފަދަ ކާބޯހައިޑްރޭޓްސް އިން ހޯދައި މަހާއި ތަރުކާރީ އަދި މޭވާއިން ލިބޭ ފައިދާ ހެދިބޮޑުވުމަށް ބޭނުން ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުންވާ ހަކަތަކޮޅު ހޯދާށޭ ކާ އެއްޗެއްގަ ހުރި ކާބޯހައިޑްރޭޓްސްކޮޅުން. އޭގެ ބޭނުމަކީ އެ ކެވުނު އެއްޗެއްގެ ކުޑަކުޑަ ޕްރޮޓީންކޮޅު އަންދަން ނުޖެހި، ޕްރޮޓީންކޮޅު ސޭވް ކުރެވުން ގްރޯތަށްޓަކައި. އަދި އިތުރުން ފްރުޓުން، ވެޖެޓަބަލުން ލިބޭ މިނަރެލް، ވިޓަމިންކޮޅު ބޭނުންކޮށްގެން ހަށިގަނޑުގެ ނިޒާމް ހެޔޮކޮށް ހިންގަން ފުރުސަތު ހޯދައިދިނުން،" އޭނާ ކިޔައިދެއްވި އެވެ.

ކާން ދިނުމުގެ އަދަބުތައް އަދި ހަކުރުން ދުރުވުން

ޑރ. ނިޔާފް ގަބޫލު ކުރައްވާ ގޮތުގައި ކޮންމެ ކުއްޖަކީ ވެސް ކާން ބޭނުންވާނެ ކުއްޖެކެވެ. ކެއުމާ ދުރު ކުއްޖަކަށް އޭނާ ވަނީ ފަހަރުގައި މައިންބަފައިންނަށް ގެންގުޅެވޭ އާދަތަކެއްގެ ސަބަބުންކަންވުން އެކަށީގެންވާ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

"ކޮންމެ ކުއްޖަކީ ވެސް އުފަންވުމުގައި ކެވޭނެ ކުދިން. އެ ކުއްޖަކު ކެއުމަށް ރުހޭ ކުއްޖަކަށް، ކެއުމަށް ނުރުހޭ ކުއްޖަކަށް ފަހަރުގައި ހެދެނީ ބެލެނިވެރިންނަށޭ،" އޭނާ ވިދާޅުވި އެވެ.

ތުއްތު ކުއްޖާއަށް ކާންދޭ ގަޑިއަކީ އުފާވެރި ވަގުތުކޮޅަކަށް ހެދުން މުހިންމު ކަމަށް ނިޔާފް ދެކިވަޑައިގަންނަވަ އެވެ.

"މިސާލަކަށް ކާން ދޭން ފަށާ އުމުރުގައި، އަހަރުމެންނަށް ހެދުނު އެތިކޮޅު، ތަށި ހުސްކުރަން ދަރިފުޅުގެ ނުރުހުމުގައި ގަދަކަމުން އެބަދެވޭ. މިއީ ކާން ދޭން ފަށާއިރު. މުޅި ދުވަހު މަންމައާއެކު ލޯބިން އުޅެފަ ކާން ދޭ ވަގުތަށް އެބަ ދެ މީހުން ތޮޅޭ. ދަރިފުޅު އެ ގަޑިއަކަށް ލުކް ފޯވަޑެއް ނުކުރާނެދޯ. ކިހާ ހިތްދަތިވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

"ދަރިފުޅު ރުހިގެން ދާ ގޮތަކަށް ކެއުން ގެންދާށޭ. އެކަމަކު އެ ބުނަނީ ޓީވީ ހުޅުވާފަ ޓީވީއަށް ގެއްލިފަ އިންނަ އިރު އަނގަ ހުޅުވިލާއިރަށް ސަމްސަލެއްގެ އެއްޗެހި އަނގަޔަށް ލާށެކޭ ނޫން."

ހަށިގަނޑަށް ކާ އެއްޗެއް ނުލައި ހުސް ހަކުރު ހިމެނޭ ކިރު ފަދަ ތަކެތިން ކުއްޖާއަށް ހަކަތަ ލިބުމަކީ ވެސް މައްސަލައެކެވެ.

"ބައެއް ކުދިން ރޭގަނޑު ތިން ޕެކެޓު އިންޑޯ މިލްކު ބޯލާ. މައިލޯ ބޯލާ. ދެން އޭނަ ކާކަށް ތަނެއް ނުހުންނާނެއެއްނު. އޭނަގެ ނިއުޓްރިޝަންއަށް ހަށިގަނޑަށް މުޅި ދުވަހު ލިބެންޖެހޭ ކާނާގެ ބާވަތްތަކެއް ހަމައެއް ނުވޭ. ހަކުރުން އޭނަ ހުންނަނީ ހަށިގަނޑަށް ހަކަތަ ހަމަކޮށްފަ،" ޑރ ނިޔާފް ވިދާޅުވި އެވެ.

ހަކުރުގެ އިތުރުން ސޮސެޖު ފަދަ ނުރަނގަޅު ކާނާއަށް ސަމާލުވުމަށް ވެސް ޑރ. ނިޔާފް ގޮވާލެއްވި އެވެ.

"އެއް ކިލޯ ސޮސެޖްގަ އެއް ކިލޯ ކުކުޅެއް ނުހުންނާނެ. އެހެންވީމަ އެއް ކިލޯ ސޮސެޖް ދިނީމަ ދަރިފުޅަށް އެ ދެވެނީ މިސާލަކަށް ކުކުޅު ސޮސެޖް ކަމަށްވާ ނަމަ ދަރިފުޅަށް އެ ދެވެނީ ކުކުޅު ކަމަށް ނުދެކޭށޭ. އެއަށް އެ ހުންނަނީ އެހެން ބައިވަރު ބައިތަކެއް އަޅާފަ ވަރަށް ކުޑަ ކުކުޅު ކޮޅެއް އޮތަސް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

ފަހު ބަސް

ޑރ. ނިޔާފްގެ ނަސޭހަތަކީ ވެކްސިން ފޮތުގައި ބުނެފައި އިންނަ ގޮތަށް އެ ކުއްޖެއްގެ އުމުރާއި ޖިންސާ ގުޅޭ ގޮތަށް ބަރުދަން ބެހެއްޓުމަށެވެ.

"މިސާލަކަށް ހަށިގަނޑު ހެދިބޮޑުވުމުގައި ހަށިގަނޑުގެ ސްޓްރަކްޗާ، ކަށިތައް، މަސްތައް ރީތިކޮށް ބޮޑުވާ ނަމަ ހަށިގަނޑު ހުންނާނީ ލީންކޮށް، ބޮޑުކޮށް. ކުއްޖަކު ހުންނަންވާ ބަރުދަނުގަ ހުންނަ ނަމަ ހިކިކޮށް ހުއްޓަސް އެއީ ހެލްދީ ކުއްޖެއް. ކުއްޖަކު ހުންނަންވާ ބަރުދަނުގެ ރޭންޖަށްވުރެ މަތިވުމަކީ ހެލްދީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.