Advertisement

ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވެއްޖެ

4 އޮގަސްޓު 2021 - 16:27 0

ެނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވި ލުއީ ވެން ހާލް.-- ފޮޓޯ: އޭއެފްޕީ


ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވެއްޖެ

4 އޮގަސްޓު 2021 - 16:27 0

އަމްސްޓެޑަމް (އޮގަސްޓް 4) - ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަމާ ތަޖުރިބާކާރު ކޯޗު ލުއީ ވެން ހާލް އަލުން ހަވާލުވެއްޖެ އެވެ.

ނެދަލެންޑްސްގެ ކޯޗުގެ މަގާމު ހުސްވީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ނެދަލެންޑްސްގެ ކޯޗުކަން ފްރޭންކް ޑި ބޮއާ ދޫކޮށްލަން ނިންމުމުންނެވެ.

އުމުރުން 69 އަހަރުގެ ވެން ހާލް ނެދަލެންޑްސްގެ ކޯޗަކަށް ގެނައީ އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ވެން ހާލް ރަސްމީކޮށް ޓީމެއްގެ ކޯޗުކަމާ ހަވާލުމި ވީ ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން 2016 ވަނަ އަހަރު ވަކިކުރި ފަހުން ވެން ހާލް ވަނީ ޓީމަކާ ހަވާލުނުވެ، ހޭދަވި މިި މުއްދަތުގައި ފްރީލާންސްކޮށް ކޯޗިންގެ އެކި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފަ އެވެ.

ވެން ހާލް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނެދަލެންޑްސްގެ ކޯޗުުގެ ޒިންމާ އުފުލައިފަ އެވެ. އެއީ 2000 އިން 2002 އާއި 2012 އިން 2014 އަށެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ތިން ވަނަ ފަހަރަށް ހަވާލުވުމަށް ފަހު ވެން ހާލް ބުނީ ނެދަލެންޑްސް ގައުމީ ޓީމުގެ ފުޓްބޯޅަ އަށް އަބަދުވެސް އޭނާގެ ހިތުގައި ހާއްސަ ޖާގައެއް އޮންނާނެ ކަމަށެވެ. ގައުމީ ޓީމަށް އަލުން ހިދުމަތް ކޮށްދޭން މި ލިބުނު ފުރުސަތުގެ ދޫކޮށްނުލީ ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ.

"ކޮލިފައިން މެޗުތައް ވަރަށް އަވަހަށް އެބައޮތް. އަހަރެމެން ބޭނުންވާ ޓާގެޓަށް ވާސިލްވާން ހުރިހާ ކުޅުންތެރިން 100 ޕަސެންޓް ދީގެން މަސައްކަތް ކުރަންޖެހޭ. އަހަރެން ވާނީ ބައެއް ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާ ވެސް ވާހަކަ ދައްކާފައި. އެންމެން ތިބީ ވަރަށް ރަނގަޅު ރޫހެއްގައި،" ވެން ހާލް ބުންޏެވެ.

ވެން ހާލް އެންމެ ފުރަތަމަ ނެދަލެންޑްސްގެ ކޯޗުކަމުގައި ހުރެފައި މަގާމުން އިސްތިއުފާ ދޭން ނިންމީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުންނެވެ. އެ ފަހަރު ނެދަލެންޑްސް އަށް ވޯލްޑް ކަޕްގެ ޖާގައެއް ގެއްލުނުއިރު، އެއީ 1986 ވަނަ އަހަރަށް ފަހު ނެދަލެންޑްސް ނުލައި ވޯލްޑް ކަޕެއް ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ.

ދެ ވަނަ ފަހަރަށް ނެދަލެންޑްސްއާ ހަވާލުވެ، ވެން ހާލް ވަނީ އެ ޓީމު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ.

ސެމީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ކޮސްޓަ ރިކާ އަތުން ކުއާޓާ ފައިނަލުގައި ނެދަލެންޑްސް ޕެނަލްޓީ ޖަހައިގެން މޮޅުވުމުގައި ވެން ހާލް ފަހު ވަގުތު ކުރި ބަދަލެއް އިސް ދައުރެއް އަދާކުރި އެވެ. ފަހު ވަގުތު ޕެނަލްޓީއާ ދިމާކޮށް ވެން ހާލް ވަނީ ގޯލްކީޕަރު ޓިމް ކްރުލް ކުޅެން އަރުވައިފަ އެވެ. ކޮސްޓަ ރިިކާ އިން ފޮނުވާލި ޕެނަލްޓީއެއް ހުއްޓުވައި ކްރުލް ވަނީ ނެދަލެންޑްސް މޮޅުކޮށްދޭން އެހީތެރިވެފަ އެވެ. އެކަމަކު، ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ވީ ބައްޔެވެ.

އަންނަ މަހު ނެދަލެންޑްސް އިން ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗެއްގައި ވާދަކުރާނެ އެވެ. އެއީ ރަށުންބޭރުގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި މޮންޓަނެގްރޯ އާއި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.