Advertisement

ހާވަޑް ޔުނިވާސިޓީން ގްރެޖުއޭޓްވި ގެބީ އޮލިމްޕިކްސްގައި ވެސް ތަފާތު

4 އޮގަސްޓު 2021 - 15:58 0

އެމެރިކާގެ ދުވުންތެރިޔާ ގެބީ: އޭނާ ވަނީ 200 މީޓަރު ދުވުމުން ތަފާތު ދައްކައި ލޯ މެޑަލް ހޯދާފައި.


ހާވަޑް ޔުނިވާސިޓީން ގްރެޖުއޭޓްވި ގެބީ އޮލިމްޕިކްސްގައި ވެސް ތަފާތު

4 އޮގަސްޓު 2021 - 15:58 0

މަޝްހޫރު ހާވަޑް ޔުނިވާސިޓީން ގްރެޖުއޭޓްވި ގިނަ ބަޔަކު ދުނިޔޭގެ އެކި ދާއިރާތަކުގައި އާދަޔާހިލާފު ކަންކަން ވަނީ ހާސިލްކޮށްފަ އެވެ. އެއް ބަޔަކު ފިލްމީ ދުނިޔޭގައި ވިދާލައިފި އެވެ. އަނެއް ބަޔަކު ގައުމުތަކުގައި ގަވަރުނަރުގެ މަގާމާއި ރައީސްކަން ވެސް ކޮށްފި އެވެ. ހާވަޑް ގްރެޖުއޭޓުންގެ ތެރެއިން މި ފަހަރު ވާހަކަ ދައްކަން ޖެހެނީ އެމެރިކާގެ ކުޅަދާނަ ދުވުންތެރިޔާ ގެބީ ތޯމަސްގެ ވާހަކަ އެވެ. އޭނާ މި ވަނީ ހާވަޑް ގްރެޖުއޭޓަކަށްވެ، ހުރެ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސް އިން މެޑަލް ހޯދައިފަ އެވެ.

މީގެ ދެ އަހަރު ކުރިން ހާވަޑް ޔުނިވާސިޓީން ނިއުރޯބަޔޮލޮޖީ ކިޔަވައި ގްރެޖުއޭޓްވި ގެބީ، 24، ވަނީ މި ފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގެ 200 މީޓަރު ރޭހުން ލޯ މެޑަލް ހޯދައިފަ އެވެ.

ހާވަޑް ޔުނިވާސިޓީގައި ކިޔަވަމުން އޮލިމްޕިކްސްގައި ވާދަކޮށް 1896 ވަނަ އަހަރު ޖޭމްސް ކޮނޮލީ ޓްރިޕްލް ޖަމްޕުން ރަން މެޑަލް ހޯދި އެވެ. އެކަމަކު އޭނާ ޔުނިވާސިޓީން ގްރެޖުއޭޓް ނުވެ އެވެ. އެހެންކަމުން ގްރެޖުއޭޓްވުމަށް ފަހު އޮލިމްޕިކްސްގައި މެޑަލެއް ހޯދުމުގެ ޝަރަފް ގެބީ އަށް ލިބުމުން އޭނާގެ ކާމިޔާބީ މާ ހާއްސަވާނެ އެވެ.

ގެބީ މި ފަހަރުގެ އޮލިމްޕިކްސް ރޭހުގައި ދުވަނީ.-- ފޮޓޯ: އޭއެފްޕީ


މިދިޔަ ޖޫން މަހު ބޭއްވި އެމެރިކާ އެތުލީޓުންގެ ޓްރަޔަލްގެ 200 މީޓަރު ބައިގައި ގެބީ ރޭސް ނިންމީ 21.61 ސިކުންތުންނެވެ. މިއީ އެތުލެޓިކްސްގެ ތާރީހުގައި ވެސް 200 މީޓަރުގެ ރޭހުގެ ތިން ވަނަ އަށް އެންމެ އަވަސް ޓައިމިން އެވެ. މިއާ އެކު ގެބީ ވެފައިވަނީ އެތުލެޓިކްސްގެ ތާރީހުގައި ވެސް އެ އިވެންޓްގެ ދެ ވަނަ އަށް އެންމެ އަވަސް އަންހެން ދުވުންތެރިޔާ އަށެވެ.

ގެބީ އަށް ވުރެ އަވަހަށް 200 މީޓަރު އިވެންޓް ފުރިހަމަ ކުރި ހަމައެކަނި އަންހެން އެތުލީޓަކީ ކުރީގެ ދުވުންތެރިޔާ ފްލޮރެންސް ގްރިފިތު އެވެ. އެމެރިކާގެ ކުރީގެ އެތުލީޓު ފްލޮރެންސް 1988 ވަނަ އަހަރުގެ ރެކޯޑް ހެދިއިރު ޓައިމިން އަކީ 21.34 އެވެ.

"އަހަރެން ކުޑައިރު ގޭގެ ސިޓިން ރޫމުގައި ހުރިއިރު ވެސް އަދި ފަހުން ހާވަޑްގައި ކިޔަވަމުން އައިއިރު ވެސް ދެކުނު އެއް ހުވަފެނަކީ އޮލިމްޕިކްސްގެ މެޑަލެއް. އެކަން މި ހާސިލްވީ،" އިއްޔެ 200 މީޓަރު ރޭހުން ލޯ މެޑަލް ހޯދުމަށް ފަހު ގެބީ ބުންޏެވެ.

އޮލިމްޕިކްސްގެ 200 މީޓަރު ރޭހުން ރަން މެޑަލް ހޯދީ ޖެމެއިކާގެ އެލައިން ތޮމްސަން-ހެރާ އެވެ. ބްރެޒިލްގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް އިން ރަން މެޑަލް ހޯދައި މި ފަހަރުގެ 100 މީޓަރުގެ ރޭހުން ވެސް ރަން މެޑަލް ހޯދި ތޮމްސަން، 200 މީޓަރު ރޭސް ނިންމީ 21.53 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ނެމީބިއާގެ ކްރިސްޓީން އެމްބޮމާ ރޭސް ނިންމީ 21.81 ސިކުންތުންނެވެ. އަދި ގެބީ އަށް ރޭސް ނިންމުނީ 21.87 ސިކުންތުންނެވެ.

ގެބީ އޮލިމްޕިކްސްގެ އިން ލޯ މެޑަލް ހޯދުމަށް ފަހު.


ގެބީ ބުނީ އޮލިމްޕިކްސް އަށް ކޮލިފައިވުމުން ވެސް މި ފަހަރަށް ކަނޑައެޅި އެއް ޓާގެޓް ހާސިލްވީ ކަމަށާއި އަދި މެޑަލެއް ހިފައިގެން އެނބުރި ގައުމަށް ދެވުމަކީ އެހެން މުބާރާތްތަކަށް ތައްޔާރުވާން ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

ގެބީގެ މަންމަ އަކީ އެމެރިކާގެ ރަށްވެއްސެކެވެ. އެކަމަކު އޭނާގެ ބައްޕަ ނިސްބަތްވަނީ ޖެމެއިކާ އަށެވެ. އޭނާ ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާ ތަމްސީލްކުރަން ނިންމީ އަމިއްލަ ކެރިއަރަށް ވިސްނުމަށް ފަހު އެވެ. ހާވަޑުން ގްރެޖުއޭޓްވުމަށް ފަހު ގެބީ އަދިވެސް އަންނަނީ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރަމުންނެވެ. އެ ގޮތުން އޭނާ މިހާރު ޕްރޮފެޝަނަލް އެތުލީޓަކަށްވެ ހުރެ، އަންނަނީ ޔުނިވާސިޓީ އޮފް ޓެކްސަސް އިން އެޕިޑީމިއޯލޮޖީ އެންޑް ހެލްތު ކެއާ މެނޭޖްމަންޓް ކޯހެއް ފުރިހަމަކުރަމުންނެވެ.