Advertisement

ސިޓީގެ ޓްރާންސްފާތައް: ކޭން ޕްރެކްޓިހަށް ހާޒިރެއްނުވި، ގްރީލިޝް ދިނީ މުއްދަތެއް

3 އޮގަސްޓު 2021 - 08:52 0

އިނގިރޭސި ގައުމީ ޓީމުން މި ފަހަރުގެ ޔޫރޯގައި ކުޅުނު މެޗަކަށް ފަހު ގްރީލިޝް (ކ) އާއި ކޭން.-- ފޮޓޯ: އޭއެފްޕީ


ސިޓީގެ ޓްރާންސްފާތައް: ކޭން ޕްރެކްޓިހަށް ހާޒިރެއްނުވި، ގްރީލިޝް ދިނީ މުއްދަތެއް

3 އޮގަސްޓު 2021 - 08:52 0

ލަންޑަން (އޮގަސްޓް 3) - މެންޗެސްޓާ ސިޓީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހޯދަން މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ހެރީ ކޭން އެ ޓީމުގެ ޕްރީ ސީޒަން ޕްރެކްޓިހަށް ނުކުންނަން ދެކޮޅު ހެދިއިރު، އެސްޓަން ވިލާގެ ޖެކް ގްރީލިޝްގެ ޓްރާންސްފާ ކަންތައްތައް ނިންމަން ދެ ކްލަބަށް މުއްދަތެއް ދީފި އެވެ.

މިދިޔަ ސީޒަންގެ ފަހުކޮޅުގައި ކޭން ވަނީ އެ ޓީމު ދޫކޮށްލަން ބޭނުންވާކަން ކްލަބްގެ ވެރިންނަށް ރަސްމީކޮށް އަންގައިފަ އެވެ. މި ދިޔަ މެއި މަހު ސިޓީން ވަނީ ކޭން ގަންނަން 100 މިލިއަން ޕައުންޑު (140 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފަ އެވެ. އެއީ ކުޅުންތެރިންތަކެއް ވެސް ހިމެނޭ ގޮތަށް ހުށަހެޅި ޑީލެކެވެ. ޓޮޓެންހަމުން ކޭން ވިއްކާލަން ކިޔާ އަގު އުޅެނީ 150 މިލިއަން ޕައުންޑް (200 މިލިއަން ޑޮލަރު)ގަ އެވެ.

ޔޫރޯ ފައިނަލްގައި އިންގްލެންޑް ކުޅުނު މެޗަށް ފަހު ކޮންމެ ކުޅުންތެރިއަކަށް ތިން ހަފްތާގެ ބްރޭކެއް ވަނީ ދީފަ އެވެ. އެ މުއްދަތު ހަމަކުރުމަށް ފަހު ކޭން އިއްޔެ ޓޮޓެންހަމް ޕްރެކްޓިހަށް ނުކުންނަން ޖެހޭނެ އެވެ. އެހެން ނަމަވެސް ކޭން އިއްޔެގެ ޕްރެކްޓިހަށް ހާޒިރެއްނުވި އެވެ.

ޓޮޓެންހަމާ އެކު 2024 އާ ހަމައަށް ކޮންޓްރެކްޓްގައި ހުރި ކޭން، 28، ބޭނުންވަނީ ޓޮޓެންހަމް ދޫކޮށްލަން ކަމަށްވާތީ އޭނާ ޕްރެކްޓިހުގައި ބައިވެރިވާން ބޭނުންނުވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ކޭން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސިޓީން ކަމަށް ވިޔަސް އެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑް ވެސް ބައިވެރިވާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ސިޓީން 100 މިލިއަން ޕައުންޑް (140 މިލިއަން ޑޮލަރު)ގެ ބިޑެއް ކޮށްފައިވާ ގްރީލިޝް ވަނީ އިއްޔެ އެސްޓަން ވިލާގެ ޕްރެކްޓިހަށް ނުކުމެފަ އެވެ. ގްރީލިޝް ޓީމު ދޫކޮށްލާނެ ކަމަށް ބަލައި އެސްޓަން ވިލާ އިން ވަނީ ބަޔާ ލެވަކޫސަންގެ ލެއޯން ބެއިލީ ގަންނަން ނިންމައިފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 25 އަހަރުގެ ގްރީލިޝް ވަނީ އޭނާގެ ޓްރާންސްފާ ކަންތައްތައް ނިންމަން އަންނަ ހަފްތާގެ ނިޔަލަށް މުއްދަތު ދީފަ އެވެ.

އޭގެ ކުރިން އެސްޓަން ވިލާ އާއި ސިޓީ އަށް ގްރީލިޝްގެ ޓްރާންސްފާ ކަންތައްތަކުގައި ގޮތެއް ނުނިމިއްޖެނަމަ އޭނާ ނިންމައިގެން ހުރީ އިތުރު އެއް ސީޒަނަށް އެސްޓަން ވިލާގައި މަޑުކުރާށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގްރީލިޝް ވަނީ އެސްޓަން ވިލާއާ އެކު ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރާ ހަމައަށް އާ ކޮށްފަ އެވެ.