Advertisement

އޮލިމްޕިކްސް: ރަން މެޑަލް ހޯދުމަށް ފަހު ދެއްކީ "ކޮފީ"ގެ ވާހަކަ

3 އޮގަސްޓު 2021 - 00:08 1

ިއިތިއޯޕިއާ އަށް އުފަން ނެދަލެންޑްސްގެ ދުވުންތެރިޔާ ސިފާން.-- ފޮޓޯ: އޭއެފްޕީ


އޮލިމްޕިކްސް: ރަން މެޑަލް ހޯދުމަށް ފަހު ދެއްކީ "ކޮފީ"ގެ ވާހަކަ

3 އޮގަސްޓު 2021 - 00:08 1

ޓޯކިޔޯ (އޮގަސްޓް 2) - ނެދަލެންޑްސްގެ މަޝްހޫރު ދިގު ދުވުންތަކަށް ހާއްސަ އެތުލީޓް ސިފާން ހަސަން މި ފަހަރުގެ އޮލިމްޕިކްސްގެ 5000 މީޓަރުގެ ދުވުމުން ރަން މެޑަލް ހޯދުމަށް ފަހު ދިން އިންޓަވިއުގައި ކޮފީ އަށް ހާއްސަ ޝުކުރެއް އަދާކޮށްފި އެވެ.

އިތިއޯޕިއާ އަށް އުފަން އުމުރުން 28 އަހަރުގެ ސިފާން ވަނީ މި ފަހަރުގެ އޮލިމްޕިކްސްގެ 5000 މީޓަރު އިވެންޓް 14 މިނިޓާއި 36.79 ސިކުންތުން ނިންމައިފަ އެވެ. ރޭހުގެ ފަހު ބައިގައި އޭނާގެ ފަރާތުން އާދަޔާހިލާފު ހިތްވަރެއް ފެނިގެން ދިޔަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަށް ސިފާން އައީ ވަރަށް ބޮޑު ޓާގެޓަކާ އެކީ އެވެ. އޭނާ އަމާޒުހިފާފައިވަނީ 5000 މީޓަރުގެ އިތުރުން 1500 މީޓަރާއި 10،000 މީޓަރުގެ ބައިން ވެސް ރަން މެޑަލަށެވެ. މި ހުރިހާ ރޭހެއް ވެސް ފުރިހަމަ ކުރަން ޖެހެނީ އަށް ވަރަކަށް ދުވަސް ތެރޭގަ އެވެ.

ފުރަތަމަ ޓާގެޓް ކަމަށްވާ 5000 މީޓަރުގެ ރޭސް ކާމިޔާބު ކުރެވުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"ކޮފީއާ ނުލައި އަހަރެން އޮލިމްޕިކް ޗެމްޕިއަނަކަށް ނުވާނެ. އެހެންވީމަ ކޮފީ އަށް ހާއްސަ ޝުކުރެއް، ކުރިއަށް އަދި ބުރަ މަސައްކަތް ކުރަން އެބައޮތް،" ސިފާން ބުންޏެވެ.

ސިފާން ރޭހުގެ އެންމެ ކުރީގައި: ރޭހުގެ އެންމެ ފަހު ބައިގައި އޭނާގެ ފަރާތުން އާދަޔާހިލާފު ހިތްވަރެއް ފެނިގެންދިޔަ.-- ފޮޓޯ: އޭއެފްޕީ


މިއަދު ކުރިއަށްދިޔަ 1500 މީޓަރުގެ ހީޓުގައި ސިފާން ވާދަކުރިއިރު، ރޭހުގެ ކުރީކޮޅުގައި އޭނާ ވެއްޓުނެވެ. އެކަމަކު، ވަގުތު ސަލާމަތްކޮށް އަވަހަށް ތެދުވެގެން ހީޓުގެ އެއް ވަނައިގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދި އެވެ.

ސިފާން ބުނީ ވެއްޓުމަށް ފަހު ތެދުވެގެން އަލުން ދުއްވައިގަންނަން ފުރަތަމަ ވަރަށް އުނދަގޫވި ކަމަށާއި އެކަމަކު ހިތްވަރު ކޮށްގެން އަލުން ހީޓްގެ އެއް ވަނަ މަގާމު ހޯދީ ކަމަށެވެ.

"މި ހުރިހާ ކަމެއް ކުރިއަށް ގެންދަން އަހަންނަށް ކެފެއިން ވަރަށް މުހިއްމު. އަހަރެންގެ ދުވުމުގެ މުހިއްމު ހިއްސާ އަކީ ކޮފީ،" ސިފާން ބުންޏެވެ.

ސިފާން ވާދަކުރާ 1500 މީޓަރުގެ ސެމީ ފައިނަލް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.

އިތިއޯޕިއާ ދޫކޮށް ރެފިއުޖީއެއްގެ ގޮތުގައި އާއިލާއާ އެކު ސިފާން ނެދަލެންޑްސް އަށް ދިޔައީ 2008 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރެވެ.

ނަރުހަކަށް ވާން ހުވަފެން ދެކެމުން އައި ސިފާން ދުވުމުގެ ތެރެއަށް ނުކުތީ 2011 ވަނަ އަހަރު އެވެ. މެރަތަންތަކުގައި ދުވެ، ސިފާން ހޯދަމުން އައި ކާމިޔާބީގެ ސަބަބުން 2013 ވަނަ އަހަރު އޭނާ އަށް ނެދަލެންޑްސްގެ ރަށްވެހިކަން ދީ ރަސްމީ ޓްރެއިނިންތައް ދޭން ފެށި އެވެ.

ސިފާންގެ ކެރިއަރުގެ ކާމިޔާބީތަކަށް ބަލާއިރު 2015 ވަނަ އަހަރު ބެއިޖިންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ 1500 މީޓަރު ބައިން ލޯ މެޑަލް ހޯދި އެވެ. އޭގެ ފަހުން މީގެ ދެ އަހަރު ކުރިން ދޯހާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ 1500 މީޓަރާއި 10،000 މީޓަރުގެ ބައިން ރަން މެޑަލް ހޯދި އެވެ.

އޮލިމްޕިކްސްގައި 2016 ވަނަ އަހަރު އަލަށް ވާދަކުރިއިރު، މެޑަލަކާ ހަމައަށް ދެވޭ ގޮތެއް ނުވި ނަމަވެސް މި ފަހަރު ސިފާން މި ވަނީ ވާދަކުރި ފުރަތަމަ އިވެންޓުން ވެސް ރަން މެޑަލެއް ހޯދައިފަ އެވެ.