Advertisement

އޮލިމްޕިކްސް: 20 އަހަރަށް ފަހު އެމެރިކާ ބަލިކޮށް ކެނެޑާ ފައިނަލަށް

2 އޮގަސްޓު 2021 - 23:39 0

ކެނެޑާގެ ފްލެމިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


އޮލިމްޕިކްސް: 20 އަހަރަށް ފަހު އެމެރިކާ ބަލިކޮށް ކެނެޑާ ފައިނަލަށް

2 އޮގަސްޓު 2021 - 23:39 0

ޓޯކިޔޯ (އޮގަސްޓް 2) - އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގެ ފޭވަރިޓެއްގެ ގޮތުގައި އޮތް އެމެރިކާ 1-0 އިން ބަލިކޮށް ކެނެޑާ އިން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ކެނަޑާ އިން 2001 ވަނަ އަހަރަށް ފަހު 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އެމެރިކާ ބަލިކޮށް ފައިނަލުން ފުރުސަތު ހޯދިއިރު، ފައިނަލުގައި ކުޅޭނީ ސްވިޑެންއާ ދެކޮޅަށެވެ.

އެންމެ ފަހުން 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ފައިނަލުން ބަލިވި ސްވިޑެން މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި އޮސްޓްރޭލިއާ 1-0 އިން ބަލިކޮށްފަ އެވެ.

ޖަޕާންގެ މަޝްހޫރު ކަޝިމާ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި އެމެރިކާ ކޮޅަށް ކެނެޑާގެ ހަމައެކަނި ގޯލު މެޗުގެ 74 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ ޖެސީ އަލެކްސަންޑްރާ ފްލެމިން އެވެ. މިއީ ކެނެޑާގެ ޑިއަނީ ރޯސް އަށް އޭރިއާތެރެއިން އެމެރިކާގެ ޓިއާނާ ޑޭވިޑްސަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެެކެވެ.

އޮލިމްޕިކްސްގައި 1996 ވަނަ އަހަރު އަންހެން ފުޓްބޯޅަ ހިމެނި ފަހުން އެންމެ ފުރަތަމަ ބޭއްވި ފަސް މުބާރާތުގައި ވެސް އެމެރިކާ އިން ފައިނަލުގައި ކުޅުނެވެ.

ސިޑްނީގައި 2000 ވަނަ އަހަރު ބޭއްވި ގޭމްސް ފިޔަވައި ދެން އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގެ ފައިނަލުގައި އެމެރިކާ ކުޅުނު ހަތަރު ފަހަރު ވެސް ރަން މެޑަލް ހޯދި އެވެ. މީގެ ފަސް އަހަރު ކުރިން 2016 ވަަނަ އަހަރު ބްރެޒިލްގެ ރިއޯ އޮލިމްޕިކްސްގެ ކުއާޓާ ފައިނަލުން ކެޓި އެމެރިކާ މި ފަހަރު ލޯ މެޑަލް މެޗުގައި ކުޅޭނީ އޮސްޓްރޭލިއާއާ އެވެ.

ޖަރުމަނު އަތުން 2016 ވަނަ އަހަރުގެ އޮލިމްޕިކްސް ފައިނަލުގައި ބަލިވި ސްވިޑެން މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދައިދިން ގޯލު އޮސްޓްރޭލިއާ ކޮޅަށް ޖަހައިދިނީ ފްރިޑޮލީނާ ރޯލްފޯ އެވެ.

ސްވިޑެން އިން އަންނަނީ މި ފަަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ގްރޫޕް ސްޓޭޖުގައި އެމެރިކާ އާއި އޮސްޓްރޭލިއާ އަދި ނިއު ޒީލެންޑް ބަލިކުރުމަށް ފަހު ކުއާޓާ ފައިނަލުގައި ޖަޕާންގެ މައްޗަށް ކުރިހޯދި އެވެ.

ކެނެޑާ އާއި ސްވިޑެން ކުޅޭ ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އަދި އެމެރިކާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ ލޯ މެޑަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހު އެވެ.