Advertisement

މުއިއްޒުގެ ޝަރީއަތް މާދަމާ ފަށަނީ

2 އޮގަސްޓު 2021 - 14:25 3

ނާޒިމް ހަސަން

ނާޒިމް ހަސަން

މުއިއްޒު: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މުއިއްޒުގެ ޝަރީއަތް މާދަމާ ފަށަނީ

2 އޮގަސްޓު 2021 - 14:25 3

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ އެވެ. އެ ދައުވާއާ ގުޅޭ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނަށެވެ.

މުއިއްޒުގެ މައްޗަށް ދައުވާކޮށްފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައިި އެ ކުންފުނިން ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި ކުންފުނީގެ ހެއްކަކަށްވެ ދޮގު ބަޔާން ދިން ކަމަށް ބުނެ އެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނޫމަޑި މައްސަލަ މިހާރު ސަރުކާރުން ވަނީ ކޯޓުން ބޭރުން ހައްލުކޮށްފަ އެވެ. އަދި، އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދީފައިވެ އެވެ.

މުއިއްޒުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައިވާއިރު އިއްޔެ ވަނީ ރައީސް ޔާމީން ވެސް މަނީ ލޯންޑިންގެ މައްސަލާގައި ކުރިމިނަލް ކޯޓުގެ ޝަރީއަތަށް ހާޒިރުކޮށްފަ އެވެ. އަދި މިއަދު އާރަށު މައްސަލާގެ ތަހުގީގަށް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ނޫސްވެރިޔާ ރިލްވާން މައްސަލައިގައި މާދަމާ މަރު ކޮމިޝަނަށް ވެސް ހާޒިރުވާން ވަނީ އަންގާފަ އެވެ.

އިދިކޮޅު، ޕީޕީއެމްއިން މިކަން ސިފަކުރަނީ ސިޔާސީ ގޮތުން އެ ޕާޓީއަށް އަނިޔާދީ، ނިކަމެތިކޮށްލުމަށް ކޯޓުތައް މެދުވެރިކޮށް ކުރަމުންދާ ކަމެއްގެ ގޮތުގަ އެވެ.