1 އޮގަސްޓު 2021 - 14:07 0
މުހައްމަދު ވިޝާމް
އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް ވަނީ އެ މަގާމުން ވަކިކޮށްފައި. --
1 އޮގަސްޓު 2021 - 14:07 0
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވަޒީފާއިން ވަކި ކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާއިރު، އެކަމުގައި ވަކި ގޮތެއް ނިންމަންދެން އިޔާޒްގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިޔުނަލުން އެމްއެންޔޫއަށް އަންގައިފި އެވެ.
އިޔާޒް ވަޒީފާ އިން ވަކިކުރީ، އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު އެވެ. މި މައްސަލައިގެ ކުރިން ވެސް އިޔާޒަށް ނަސޭހަތްދީފައިވެ އެވެ.
ސޯޝަލްމީޑިއާގައި އިޔާޒު ލިއުނު ޕޯސްޓްތަކަކާ ގުޅިގެން އެމްއެންޔޫއިން މިދިޔަ މާޗް މަހުގެ ތެރޭގައި އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެ ފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދިނުމަށް ފަހު އެވެ.
ނަމަވެސް، އިޔާޒް ވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް ހުރި ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު، އިޔާޒް ވަނީ އޭނާގެ މަގާމަށް އެހެން މުވައްޒަފަކު އައްޔަނުކޮށްފި ނަމަ، އިއާދަނުކުރެވޭ ފަދަ ގެއްލުން ލިބޭނެކަމަށް ވިދާޅުވެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފަ އެވެ.
އިޔާޒްގެ އެދިވަޑައިގަތުމަށް ތާއީދުކޮށް، ޓްރައިބިޔުނަލުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމުގެ ކުރިން އެ މަގާމަށް އެހެން މުވައްޒަފަކު އައްޔަނުކުރުމަކީ މައްސަލަ ހުށަހަޅާފައިވާ ފަރާތަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ.
އެގޮތުން، ހައި ކޯޓުގެ އިތުރުން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް ވެސް ރިއާއަތްކޮށް، ޓްރައިބިޔުނަލުން ބުނީ އިޔާޒް މަގާމުން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ފެނިއްޖެ ހިނދެއްގައި، ޓްރައިބިޔުނަލުން ބަލާނީ އޭނާ ވަކިކުރިއިރު ހުރި މަގާމުގައި ބެހެއްޓުމަށް ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އިޔާޒް އަދާކުރަމުންދިޔަ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ކުރުމަށާއި، ޓްރައިބިޔުނަލުން ނިންމާ ނިންމުމަކުން އޭނާގެ ވަޒީފާ އިއާދަކުރުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް އެ ވަގުތީ އަމުރުގައި އެމްއެންޔޫއަށް އަންގާފައި ވެ އެވެ.
ނަމަވެސް، އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން، އިޔާޒް އަދާކުރައްވަމުން ގެންދެވި މަގާމަށް ވަގުތީ މުވައްޒަފަކު އައްޔަނުކުރުމަށް ހުރަހެއް ނެތް ކަމަށް ޓްރައިބިޔުނަލުން އިތުރަށް ބުންޏެވެ.
މަގާމުން ވަކިކުރި މައްސަލާގައި އިޔާޒްގެ ދިފާއުގައި ގިނަ ދީނީ އިލްމުވެރިންގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ ނުކުމެފަ އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ އެމްއެންޔޫގެ ނިންމުމަކީ ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
އެހެންކަމުން، އެ ނިންމުން ބާތިލުކޮށް، އިޔާޒް ހުންނެވި މަގާމަށް އަލުން އިއާދަކޮށްދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
އޭގެ އިތުރުން، އެ ބަޔާނުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އިޔާޒަށް ފިޔަވަޅު އެޅުމުގެ ފަހަތުގައި ވަނީ ވަކި މައްސަލައަކާމެދު އޭނާ ފާޅުކުރެއްވި ޝުއޫރެއް ނޫން ކަމަށެވެ.
"...އިޔާޒާ މެދު ގައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި ހިންގޭ އުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެކެވެ،" އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން ތުހުމަތުކޮށްފައިވެ އެވެ.
އަދި އެކަމުން އެމްއެންޔޫއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެފައިވާއިރު، ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ އިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އެހެންކަމުން، މީގެ ކުރިންވެސް އެމްއެންޔޫ އޮތްގޮތަށް، ހަގީގީ އިލްމީ މުއައްސަސާއެއްގެ ގޮތުގައި އިލްމީ ދަންމަރު އުފުލުމުގެ ގާބިލުކަންހުރި ތަނަކަށް ހެދުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
އިޔާޒު ވަޒީފާ އިން ވަކިކުރިއިރު، އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.
Comment