Advertisement

ޑެލްޓާ ވޭރިއެންޓް ނުހުއްޓުވައިފި ނަމަ އެއަށްވުރެ ނުރައްކާތެރި މިއުޓޭޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު!

1 އޮގަސްޓު 2021 - 06:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓު ކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޑެލްޓާ ވޭރިއެންޓް ނުހުއްޓުވައިފި ނަމަ އެއަށްވުރެ ނުރައްކާތެރި މިއުޓޭޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު!

1 އޮގަސްޓު 2021 - 06:37 0

ބެއިޖިން، ޗައިނާ (ޖުލައި 31) - ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކުއްލިއަކަށް ޗައިނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާން ފަށާފައިވަނިކޮށް އެއަށްވުރެ ނުރައްކާތެރި މިއުޓޭޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ.

މިއީ ގިނަ މަސްތަކަކަށް ފަހު ޗައިނާގައި އެންމެ ބާރަށް ކޮވިޑް ފެތުރެމުންދާ ދުވަސްވަރެވެ. އެއާއެކު ހޮނިހިރު ދުވަހު ވަނީ އިތުރު ދެ ސަރަހައްދަކުން މި ވޭރިއެންޓް ފެނިފަ އެވެ. އެއީ ފުޖިއާން ޕްރޮވިންސާ ކައިރީގައި އޮންނަ މެހަސިޓީ ޗޮންގިންގް އެވެ.

ޗައިނާގައި ޑެލްޓާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ ނަންޖިންގް ސިޓީންނެވެ. އެ ތަނުގެ އިންޓަނޭޝަނަލް އެއާޕޯޓެއްގައި މަސައްކަތްކުރާ ނުވަ މީހަކު ޕޮޒިޓިވްވި ފަހުން އެ ކްލަސްޓާއާ ގުޅޭ 200 އަށް ވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައިވެ އެވެ. އެގޮތުން ބެއިޖިން، ޗޮންގިންގް އަދި ފަސް ޕްރޮވިންސަކަށް ވަނީ މި ވެރިއެންޓް ފެތުރިފަ އެވެ.

ކޮވިޑް ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ވަނީ ޑެލްޓާ ވޭރިއެންޓު ފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އެއްފަހަރާ ގިނަ އަދަދެއްގެ މީހުން ބައްޔަށް ޓެސްޓު ކުރުމުގެ ކެމްޕެއިން އަލުން ފަށާފައި ވާއިރު އެއް މިލިއަނަށް ވުރެ ގިނަ މީހުން ތިބީ ލޮކްޑައުންކޮށްފަ އެވެ.

މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް ކޭސްތައް އަނެއްކާވެސް ވަނީ އިތުރުވާން ފަށާފަ އެވެ. ޑަބްލިއުއެޗްއޯއިން ބުނީ ފާއިތުވި ހަތަރު ހަފްތާގެ ތެރޭގައި 80 ޕަސެންޓުގެ އިތުރުވުމެއް ފެނިފައިވާ ކަމަށެވެ. އެކަން ގުޅިފައި ވަނީ ޑެލްޓާ ވޭރިއެންޓާ އެވެ.

އެންމެ ފުރަތަމަ އިންޑިއާއިން ފެނުނު މި ވޭރިއެންޓު މިހާރު ވަނީ 132 ގައުމަކާއި ސަރަހައްދަށް ފެތުރިފަ އެވެ.

"ޑެލްޓާއަކީ އިންޒާރެއް. އެއީ ވައިރަސް ބަދަލުވަމުންދާ ކަމުގެ އިންޒާރެއް. އަދި އެއަށްވުރެ ނުރައްކާތެރި ވޭރިއެންޓުތައް އުފެދުމުގެ ކުރިން އަވަހަށް ފިޔަވަޅު އަޅަން ލިބުނު އިންޒާރެއް،" ޑަބްލިއުއެޗްއޯގެ އެމެޖެންސީޒް ޑިރެކްޓަރު މައިކަލް ރަޔަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ބަލިމަޑުކަން ފެށުނުއިރު އަމަލު ކުރަމުން އައި ހާއްސަ ފިޔަވަޅުތަކާއެކު އަދިވެސް ބަލި ކޮންޓްރޯލް ކުރެވިދާނެ އެވެ. އެ ކަންކަމުގެ ގޮތުގައި ފާހަގަކުރީ ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމާއި، އަތް ދޮވުން އަދި ވެކްސިން ޖެހުމެވެ.

ހަނގުރާމަ ބަދަލުވެއްޖެ

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ވެސް ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ބަލިވާ ކަމަށް އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލްގެ ސިއްރު ލިޔުންތަކުގައި ވަނީ ބުނެފަ އެވެ. އަދި ވެކްސިން ޖަހާފައިވާ މީހުންނާއި ނުޖަހައި ތިބި މީހުން ވެސް މި ވޭރިއެންޓު ފަތުރަނީ އެއް ވަރަކަށެވެ.

އެ ލިޔުމުގައިވާ ގޮތުގައި އެންމެ ބޮޑު ކަމަކަށް ފާހަގަވެފައި ވަނީ ވެކްސިން ޖަހާފައިވާ މީހުންނާއި ނުޖަހައި ތިބި މީހުންނަށް ޑެލްޓާ ވޭރިއެންޓު ޖެހުމުން ބަލީގެ އަސަރު ކުރުމުގައި މާ ބޮޑު ތަފާތެއް ނެތެވެ. މި ގިންތީގެ މީހުން ވެސް ވައިރަލް ލޯޑް މަތި ކަމަށް ނުވަތަ ގިނަ އަދަދަކަށް ވައިރަސް ހަށިގަނޑުގައި ހުންނަ ކަމަށް ދައްކާފައި ވެ އެވެ.

ވެކްސިން ޖަހާފައިވާ މީހުންނަށް ޑެލްޓާ ވޭރިއެންޓު ޖެހުމުގެ ފުރުސަތު ކުރިން ހީކުރި ވަރަށް ވުރެ ބޮޑު ކަމަށް ލީކުވި ލިޔުމުގައިވެ އެވެ. އެގޮތުން އެމެރިކާގެ ވެކްސިން ޖަހާފައިވާ 162 މިލިއަން މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކު 35،000 މީހުންނަށް މި ވޭރިއެންޓު ޖެހި ބަލިވެގެން ރިޕޯޓު ކުރަމުންދެ އެވެ.

އެހެން ގައުމުތަކުގެ ހޯދުންތައް މުރާޖައާ ކުރުމަށް ފަހު ސީޑީސީ ލިޔުމުގައި ބުނެފައި ވަނީ ކޮވިޑްގެ އޮރިޖިނަލް ވައިރަހަކީ އާދައިގެ ރޯގާއެއް ގޮތަށް ހަލުވިކަމާއެކު ފެތުރޭ ވައިރަހެއް ކަމަށެވެ. އެ ވައިރަސް ބަދަލުވަމުން ގޮސް އުފެދުނު ޑެލްޓާ ވޭރިއެންޓް ޖެހޭ ކޮންމެ އެކެއްގެ ގައިން އިތުރު އަށް މީހުންނަށް ބަލި އަރާކަމަށްވެ އެވެ. އެހެންކަމުން މިއީ ފާނަބަސަންދުހާ ފަސޭހައިން ގައިން ގަޔަށް އަރާ ވޭރިއެންޓެކެވެ.

ނަމަވެސް ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ހާލު ދެރަވެ މަރުވުމުގެ ފުރުސަތު ވެކްސިން ނުޖަހާ މީހުންނަށް ވުރެ، ވެކްސިން ޖަހާފައިވާ މީހުން 10 ގުނަ ކުޑަ ކަމަށް ސީޑީސީގެ ލިޔުމުގައި ވެ އެވެ. އެހެންކަމުން ވެކްސިންގެ 90 ޕަސެންޓު އިފެކްޓިވް ކަމަށް ކަނޑައަޅާފައި ވެ އެވެ.